Tuesday, July 11, 2023

ދިވެހިރާއްޖޭގައި ފަރަންސޭސި ސިފައިން

 


ޢަބްދުﷲ ސަޢީދު

 

ހަތިޔާރާއެކު ފަރަންސޭސި ސިފައިން ދިވެހިރާއްޖޭގައި ތިއްބެވެ. އެއީ ޖުމުލަ 28 ސިފައިންނެވެ. އާދައިގެ 25 ސިފައިންނާއި، ދެ ސަރުދާރާއި އިސް ކޮމާންޑަރެކެވެ. ދައުލަތުން ކެއުމާއި މުސާރަ ވެސް ދެއްވިއެވެ. އެ މީހުން ތިބުމަށް ހަމަޖެއްސެވީ ނާނޭ ބުރުޒެވެ. އެތަނުގައި ފަރަންސޭސި ވިލާތުގެ ދިދަ ނެގުމުގެ ހުއްދަ ވެސް ދެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގެ އަސްކަރީ ބާރެއް ރާއްޖޭގައި ބޭތިއްބި ފުރަތަމަ ފަހަރެވެ. މިކަން ކުރެއްވީ މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލް، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކަންތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނެވެ.

 

ދޮންބަންޑާރައިންނަކީ އެ ރަދުންގެ އިޚްލާޞްތެރިކަމާމެދު ދިވެހި އެއްވެސް ދަރިއަކަށް، ކުރިން ވެސް މިހާރު ވެސް އަދި ފަހުން ވެސް ސުވާލު އުފެއްދުމުގެ ފުރުސަތު ދެއްވާފައިވާ ބޭފުޅެއް ނޫނެވެ. މި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ދޮންބަންޑާރައިން ކުރެއްވި ވަރަށް ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރެއްވި ލީޑަރަކު މަދެވެ. އެއީ މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި ކެރޭ، ހުޝިޔާރު އަދި ކުޅަދާނަ ފަހުލަވާނެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމަށް އެދި ދިވެހި ރައްޔިތުން ވިހިހާސް ލާރީގެ ފައިސާގެ ހަދިޔާއަކާއެކު އައުމުން ވެސް އިންކާރު ކުރެއްވި ޤައުމީ ބަޠަލެކެވެ. މަލާބާރީން ރާއްޖެ ހިފުމަށްފަހު ކަންނަންނޫރަށް ގެންދިޔަ ރަދުންނާއި ވަލީއަހުދުގެ ޚަބަރެއް ވަންދެން ރަސްމަތިފުށުގެ ދެ އަންހެން ބޭފުޅެއްގެ ނަންފުޅުގައި ރަސްކަން ކޮށްދެއްވި ޚިދުމަތްތެރިޔާއެވެ. ފުރަތަމަ އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ނަންފުޅުގައެވެ. އެކަމަނާ އެގޮތާ ހިތްޕުޅާނުވެ ރަސްކަން ދޫކޮށްލެއްވުމުން މަލާބާރީން ގެންދިޔަ ރަދުން، މުކައްރަމް މުޙައްމަދު އިމާދުއްދީނުގެ އުމުރުފުޅުން އެންމެ ނުވަ އަހަރު ފުޅުގެ ދަރިކަނބަލުން އާމިނާ ރަނިކިލެފާނުގެ ނަންފުޅުގައެވެ.

 

ދޮންބަންޑާރައިންނަކީ ރަސްކަމުގެ ކޮއިލުތެރެ އަނދައިހުލިވެ ދައުލަތުގެ ޚަޒާނާގައި އެއްވެސް އެއްޗެއް ނެތް ހާލުގައި ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވައި ދެއްވި އިޚްލާޞްތެރިޔާއެވެ. ދުޝްމަނުން ތަކުރާރުކޮށް ދެމުންގެންދިޔަ ވަރުގަދަ ހަމަލާތަކުން ޤައުމު ދިފާޢުކޮށްދެއްވި ކުޅަދާނަ މުޖާހިދެވެ. ރަސްކަމަށް އިސްވެވަޑައިގަންނަވާފައި އަނދާ ދިޔަ ރަސްކަމުގެ ކޮއިލުތެރެއާއި މާލޭގެ މިސްކިތްތައް އަލުން ބިނާކުރެއްވި މޭސްތިރިޔާއެވެ. ރައްޔިތުންނަށް ރައްކާތެރި އަމާން ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވި ޙިކުމަތްތެރިޔާއެވެ. އަވަހާރަވުމުގެ ކުރިން ކުރީގެ ރަސްކަމުގެ ވަލީއަހުދާ ރަސްކަން ހަވާލުކުރެއްވި ވަފާތެރިޔާއެވެ. އެ މަނިކުފާނުގެ ބޭފުޅުންނަށް ރަސްކަން ވާރުތަ ނުވާނެގޮތަށް ބޮޑުން ލައްވައި ވަލީއަހުދު މުޙައްމަދު މަނިކުފާނަށް (ފަހުން ޣިޔާސުއްދީން ރަދުންނަށް) ބައިޢަތު ހިއްޕުވި އަމާނާތްތެރިޔާވެސް މެއެވެ.

 

މިފަދަ ބޭފުޅަކު ދިވެހި ޤައުމަށް ބޭރުގެ ސިފައިންގެ ފައުޖެއް ގެންނެވައި އެ ބައި މީހުންގެ ދިދަ މި ރާއްޖޭގައި ނަގަން ހުއްދަ ދެއްވީ ކީއްވެގެން ބާވައެވެ؟ އެ ނިންމެވުން ދޮންބަންޑާރައިން ނިންމެވީ ކިހިނެތް ކޮން ގޮތަކަށް ބައްލަވާފައި ބާވައެވެ؟ އޭގެފަހުން ކަންތައްތައް ހިނގާދިޔައީ ކިހިނެތް ބާވައެވެ؟ ފަރަންސޭސި ސިފައިން ރާއްޖެއިން ފޮނުއްވާލެއްވީ ކިހިނެއް ބާވައެވެ؟ ޖަވާބުތައް މިއޮތީއެވެ.

 

މަލާބާރީން ރާއްޖެ އަޅުވެތިކުރީ 13 ޞަފަރު 1166 (19 ޑިސެންބަރު 1752) ގައެވެ. އެ މީހުން ބަލިކުރައްވައި ދޮންބަންޑާރައިން އިސްވެ ހުންނަވައި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވީ 03 ޖުމާދިލްއާޚިރު 1166 (08 އެޕްރީލް 1753) ގައެވެ. ދުވަސްވަރަކީ ފަރަންސޭސީންނާއި އިނގިރޭސީންގެ ބާރު ވެސް އިންޑިއާ ކަނޑުގައި އޮތް ދުވަސްވަރެވެ. ރާއްޖެއަށް ނުރައްކާތެރިކަން އޮތީ މަލާބާރީންގެ ފަރާތުންނެވެ. ދޮންބަންޑާރައިން މަލާބާރީން ބަލިކުރެއްވުމުން ކަންނަންނޫރުގެ އަރައްކަލް ޚާންދާނުގެ ރަސްގެފާނު އަލީރާޖާ އެތައް ފަހަރަކު ރާއްޖެ ހިފުމަށް ލަޝްކަރު ފޮނުއްވިއެވެ. ރާއްޖެ ދޫކޮށްލެއްވުމުގެ ފިކުރެއް އަލީރާޖާގެ ނެތެވެ. އެހެންކަމުން މިނިވަންކަން ދިފާޢު ކުރުމަށް ޓަކައި ބޭރުގެ އެހެން ބާރެއްގެ އެހީ ހޯއްދަވަން މަޖުބޫރުވެ ވަޑައިގަތީއެވެ.


 

އަލީރާޖާ ފުރަތަމަ ފޮނުވި ލަޝްކަރުގައި ވެރިޔަކަށް ފޮނުއްވީ ދޮންބަންޑަރައިންގެ އެއްބަޑު އެއްބަފާ ބޭބޭފުޅު ޙުސައިން މަނިކުފާނެވެ. އެއީ އަލްވަޒީރު ހުރާ ޙުސައިން ދަހަރާ ކަލޭފާނުގެ ފުތް އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުގެ ފުތް ޙުސައިން މަނިކުފާނެވެ. ދޮންބަންޑާރައިންނަކީ ޙަސަން މަނިކުފާނެވެ. ޙުސައިން މަނިކުފާނަކީ މަލާބާރީން ރާއްޖެ އަޅުވެތިކުރުމަށްފަހު އޭރު ތަޚުތުގައި އިންނެވި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި ވަލީއަހުދު މުޙައްމަދު މަނިކުފާނު (ފަހުން ޣިޔާސުއްދީން ރަދުން) އާއި ރަސްކަމުގެ ބޮޑުން ގެންދެވިއިރު ގެންދެވި ބޭފުޅެކެވެ. ދޮންބަންޑާރައިން ބޭބޭފުޅުގެ ލަޝްކަރު ޙިކުމަތްތެރި ގޮތެއްގައި ބަލިކުރައްވައި ބޭބޭފުޅު ހައްޔަރުކުރެއްވިއެވެ. މަރަންވީ މީހުން މަރައި ހައްޔަރުކުރަންވީ މީހުން ހައްޔަރުކުރައްވައި ނިންމެވީއެވެ. އެއީ މަލާބާރީންނަށް އޮޅުވާލެއްވުމަށް މާލޭގެ ކޯއްޓޭތަކުގައި އެބައި މީހުންގެ ދިދަ ނަގައި އެ މީހުންގެ ޔުނިފޯމު އަޅުވައި ސިފައިން ބައިތިއްބެވި ފަހަރެވެ.

 

މަލާބާރީން ދެވަނަ ފަހަރަށް ދިމާކުރީ ހިޖުރައިން 1167 (މީލާދީން 1754) ގައެވެ. އެފަހަރު އެ ލަޝްކަރު ތިލަދުންމަތީ ދޮނަކުޅީގައި ސްޓޭޝަންވެ އެ ސަރަޙައްދުގެ ރަށްރަށަށް އަރައި ތަންތަނުގައި ހުޅުޖަހައި މުދާ ފޭރި ބިރުދައްކައި ހެދިއެވެ. "ރަންނަބަޑޭރި މަނިކުފާނު"ގެ ލަޤަބުފުޅާއެކު ހުރާގޭ ދޮން ޙަސަން މަނިކުފާނު ވަޑައިގެން އެ ހަނގުރާމައިން ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ. ސަތޭކައަށްވުރެ ގިނަ ދުޝްމަނުން މެރުއްވިއެވެ. ޣާޒީގެ ލަޤަބު ލިބިވަޑައިގެންނެވީ އެ ހަނގުރާމައަށް ފަހުގައެވެ. މިހާރު އެއީ އަލްޣާޒީ ޙަސަން ރަންނަބަޑޭރި ކިލެގެފާނެވެ. އެ ދުވަސްވަރު މަލާބާރީން ގެންދިޔަ ރަދުންނާއި ބޭފުޅުން ހޯއްދެވުމަށް ދެ ފަހަރެއްގެ މަތިން އޮޑި ފަހަރުގައި މީހުން އިންޑިއާއަށް ފޮނުއްވިއެވެ. ކާމިޔާބެއް ނުވިއެވެ.

 

އަލީރާޖާ ދިވެހިރާއްޖޭގެ މައްޗަށް އޮތް ދަހިވެތިކަން ކުޑަނުވާތީ ދޮންބަންޑާރައިން މާލޭގައި ތިއްބެވި ބޮޑުންނާ މަޝްވަރާ ކުރެއްވިއެވެ. އެ ބޭފުޅުންގެ މަޝްވަރާގެ މަތިން ފަރަންސޭސި ސިފައިން ދިވެހިރާއްޖެ ގެންނަވަން ނިންމެވިއެވެ. އޭރު ރާއްޖެއާ އެންމެ ކައިރީގައި ހުރި ފަރަންސޭސީންގެ މަރުކަޒަކީ އިންޑިއާގެ ޕޮންޑިޗެރީގެ މަރުކަޒެވެ. އެތަނުގައި ހުންނެވީ ޖެނެރަލަކީ ޖޯޒަފް ފްޣާންސްވާ ޑްޕްލޭ އެވެ. އޭނާ އަރިހަށް ސިޓީފުޅަކާއެކު ކުޑަ ވަޒީރަކު ފޮނުއްވައި ފަރަންސޭސި ސިފައިން ފޮނުއްވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަކު ރާއްޖޭގެ ސިޔާދަތީ ބާރާއި އިސްތިޤްލާލު ގެއްލިގެން ނުދާގޮތަށް އެކަށޭނަ މުއާހަދާއެއްގެ ދަށުންނެވެ.


 

ފަރަންސޭސި ސިފައިންނަށް ރާއްޖެ ނާދެވެނީސް ހިޖުރައިން 1168 (މީލާދީން 1755) ވަނަ އަހަރު އަލީރާޖާ ފޮނުވި ހަނގުރާމައިގެ ލަޝްކަރެއް އަނެއްކާ ވެސް މާލެއާ ދިމާކޮށްލިއެވެ. ދިވެހި ލަޝްކަރުން އެފަހަރު ވެސް ތިބީ ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. މާލެއަށް ނޭރި ދޫނިދޫ ކައިރީގައި ތިއްބައި ފަރަންސޭސި ސިފައިންއައިސް އެ މީހުން ބަލިކުރީއެވެ. ސަލާމަތްވި ބަޔަކާއެކު ގޮސް އެ ދުޝްމަނުން އެރީ ތިލަދުންމަތީ ދޮނަކުޅިއަށެވެ. ފަރަންސޭސީންނާއި ދިވެހި ލަޝްކަރު ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަންގައި ދޮނަކުޅިއަށް ގޮސް އެ މީހުން ބަލިކޮށް އެ މީހުން އެރަށުގައި ހަދާފައިހުރި ކޯއްޓޭ (ފޯޓް) ވެސް މުގުރާލީއެވެ. މި ޖޮއިންޓް އޮޕަރޭޝަންގެ ކޮމާންޑަރަކީ ސީދާ ދޮންބަންޑާރައިންނެވެ.

 

ފަރަންސޭސި ސިފައިން ރާއްޖޭގައި ބޭތިއްބީ ވަރަށް ހަރުދަނާ މުއާހަދާއެއް (އެގްރީމެންޓެއް) ކުރެވިގެންނެވެ. އެ މުއާހަދާގެ ދަށުން ރާއްޖޭގައި ސިފައިން ބައިތިއްބަން ކަނޑައެޅުއްވީ ހަތަރު އަހަރުގެ މުއްދަތަށެވެ. އެމީހުންގެ ކެއުމާއި މުސާރަ ދެއްވުން އޮތީ ދިވެހި ސަރުކާރަށެވެ. އެ އެއްބަސްވުމުގައި ވާ އެންމެ މުހިންމު ނުކުތާއަކީ ފަރަންސޭސި ސިފައިންގެ ފަރާތުން ނުވަތަ އެ މީހުންގެ ވެރިންގެ ފަރާތުން އެއްވެސް ކަހަލަ ނޭދެވޭ ޢަމަލެއް ހިނގައިފިނަމަ ހިފައި ހައްޔަރުކުރުމުގެ ޙައްޤު ދިވެހީންނަށް އޮތް އޮތުމެވެ. މި މުއާހަދާގެ ދަށުން ފަރަންސޭސި ސިފައިން ރާއްޖެ ފައިބާ ނާނޭ ބުރުޒުގައި ޤާއިމުވީ 19 ޝަޢުބާން 1168 (31 މޭ 1755) ގައެވެ.

 

ފަރަންސޭސި ސިފައިން ރާއްޖޭގައި މާގިނަ ދުވަހަކު ނުތިބެއެވެ. އެ މީހުން މުއާހަދާއާ ޚިލާފުވުމުން ޑިޕްލޮމެޓިކް ރީތި އުސޫލުތަކާއި ޑިޕްލޮމަސީގެ އާދަކާދަތަކާ އެއްގޮތަށް އެކުވެރި ރަޙުމަތްތެރިކަމުގައި ރާއްޖެއިން ފޮނުވާލެއްވީއެވެ. އެކަން ކުރެއްވީ ވެސް ދޮންބަންޑާރައިންނެވެ.

 

ފަރަންސޭސި ސިފައިން ރާއްޖޭގައި ބައިތިއްބީ ރާއްޖެ އަންނަ ބޭރުގެ ފަރާތްތަކާ މުއާމަލާތް ނުކުރޭ ގޮތަށެވެ. އެގޮތަށް ތިއްބައި ވިޔަފާރިކަމުގައި އައި ފަރަންސޭސިވިލާތުގެ ނަވެއްގެ ބަޔަކާ އެ މީހުން ގުޅުން އުފެއްދީއެވެ. ދިވެހީންގެ ބަޔަކާއި ފަރަންސޭސި ސިފައިންނާއި ވިޔަފާރިވެރިންނާ ދެމެދު އުފެދުނު އަރާރުމެއް ބޮޑުކަންތައްގަނޑަށް ވީއެވެ. އެ މައްސަލަ ހައްލުކުރެއްވުމަށް ވަޑައިގެންނެވީ ސީދާ ދޮންބަންޑާރައިންނެވެ. އެ ޒިންމާ އެމަނިކުފާނު ނެންގެވިއެވެ. އެތަނަށް ދޮންބަންޑާރައިން ވަޑައިގެންނެވުމުން ފަރަންސޭސި ސިފައިންގެ މީހެއްގެ އަތުގައި އޮތް ފިސްތޯލައަކުން ދޮންބަންޑާރައިންނަށް ހަމަލާ ދިނީއެވެ. އެ ހިސާބުން ފަރަންސޭސި ސިފައިން މުއާހަދާއާ ޚިލާފުވީކަމަށް ކަނޑައަޅުއްވައި ވަގުތުން އެންމެން ހިފާ ހައްޔަރު ކުރެއްވީއެވެ. އެ މީހުންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް، ކަނޑިތަކާއި ބަޑިތަކާއި ސިލޭހަތައް އަތުލައްވައި ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވީއެވެ. އޭގެ ފަނަރަ ވަރަކަށް ދުވަސްފަހުން އައި ފަރަންސޭސި ސަރުކާރުގެ ނަވެއްގައި އެ މީހުން ފޮނުވާލެއްވީއެވެ.

 

މި ކަންތައް ހަމަޖައްސަވަން ބެއްލެވިއިރު ދިވެހި ދައުލަތުގެ ފަރާތުން ބޮޑު އެއްޗެއް ފަރަންސޭސީންނަށް ދައްކަވަން ޖެހުނެވެ. އެއީ ފަރަންސޭސި ސިފައިންގެ މަސައްކަތުގެ އުޖޫރައިގެ ގޮތުގައެވެ. ދައުލަތުގެ ޚަޒާނައިގައި އެއްވެސް އެއްޗެއް ނެތްއިރު ކުއްލިއަކަށް އެ ފައިސާ ދެއްކެވުން ފަސޭހަފުޅު ކަމަކަށް ނުވިއެވެ. ރާއްޖެއިން ފަރަންސޭސި ދައުލަތަށް ދައްކަންޖެހޭ މިންވަރަށް ދެ ފަރާތުން ފުރަތަމަ އެއްބަސްވީއެވެ. އެއަށްފަހު ދެން އޮތީ އެ އަދަދު ދިވެހި ދައުލަތުން ދެއްކެވުމެވެ. ދައުލަތުގައި އޮތީ ދޮންބަންޑާރައިން ރާއްޖެ މިނިވަން ކުރެއްވި ފަހުން ބ. އަތޮޅު މާޅޮހަށް ލައްވި 15 ތުޅުގެ (ގާތްގަނޑަކަށް 434 ރާތާގެ) މާވަހަރެކެވެ. ދައުލަތުގައި އޮތް ހަމައެކަނި އާމުދަނީއަކީ އެއީއެވެ. ފަރަންސޭސި ސިފައިން ރާއްޖެއިން ބޭލުއްވުމަށް ދޮންބަންޑާރައިން ނިންމެވީ އެވެސް ދޫކޮށްލައްވާށެވެ. ފަރަންސޭސީން އެއްބަސްވީ ގޮތަށް 10 ރުފިޔާއަށް ތޯލާއެއްގެ މަގުން އަގުކުރައްވައި ފަރަންސޭސި ދައުލަތަށް ދިވެހި ދައުލަތުން ދައްކަންޖެހޭ އެއްޗެއް ދައްކަވައި 22000 ރ (ބާވީސް ހާސް ފުރިޔާ) އިތުރުވެއެވެ. އެއީ ދިވެހި ދައުލަތަށް ފަރަންސޭސި ދައުލަތުން ދައްކަން ޖެހިވަޑައިގަންނަވާ ފައިސާއެއް ކަމުގައި ދަފުތަރު ކުރައްވައި ފަރަންސޭސި ސިފައިން ރާއްޖެއިން ބާލުއްވައި އެ މައްސަލަ ނިންމެވީއެވެ. ފަރަންސޭސި ދައުލަތުން ދިވެހި ދައުލަތަށް ދައްކަން އޮތް ބައި އަދިއަދަށް ދާންދެން ވެސް ނުދައްކަވައެވެ. (ނިމުނީ)

 

ހަވާލާ:

 

ހަސަން އަޙްމަދު މަނިކު (1982) ދިވެހީންނާ ފަރަންސޭސީން. ފަތްތޫރަ 38

 

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

 

ނަސީމާ މުޙައްމަދު (2010) ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން.

 

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

 

ދަ ނިޔު އެންސަކްލޮޕީީޑިއާ ބްރިޓެނިކް ވޮލިޔުމް 21 (1989) ޗިކާގޯ

No comments: