Wednesday, January 26, 2011

"ތިންރަށުގެ ރައްޔިތުންނާ އެކުލާމެހެން އެދެނިއްޔޭ"

"ތިންރަށުގެ ރައްޔިތުންނާ އެކުލާމެހެން އެދެނިއްޔޭ"

ނޮޅިވަރަންފަރުން: ޢަބްދުﷲ ސަޢީދު-

މީހުން ބަދަލުކުރުމުގައި އަހަރެން ކުރި ފުރަތަމަ ތަޖުރިބާއަކީ ނ. އަތޮޅު ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލުކުރި ބަދަލުކުރުމެވެ. އޭރު އަހަރެން މަސައްކަތް ކުރަމުން ގެންދިޔައީ ނ. އަތޮޅު އޮފީހުގައެވެ. ކެނދިކުޅުދޫގައި ސަރުކާރުން އަޅައިދެއްވި ގެތަކަށް ރައްޔިތުން ބަދަލުވެގެން ދިޔައީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެން އޭރު ހުރީ ކެނދިކުޅުދޫގައެވެ. ހދ. އަތޮޅުގެ މާވައިދޫ އާއި ފަރިދޫ އާއި ކުނބުރުދޫ މީހުން ހދ. ނޮޅިވަރަންފަރަށް ބަދަލުވުމުގެ ކަންތައްތައް މިހާރު މިހިގަނީވެސް އަހަރެންގެ ކުރިމަތީގައެވެ. އުޅެ ބޮޑުވި ރަށް ދޫކޮށް ރައްޔިތުން އެހެން ރަށަކަށް މިތިބި ހިޖުރަ ކުރަނީއެވެ. އުންމީދުން ފުރިގެންވާ ހިނިތުންވުމަކާއެކުގައެވެ. ނޮޅިވަރަންފަރުގެ ރައްޔިތުން އެމީހުންނަށް މަރުޙަބާ ކިޔަނީއެވެ. "ތިންރަށުގެ ރައްޔިތުންނާ އެކުލާމެހެން އެދެނީއޭ" ބުލެ ލަވަހަދާ ލަވަކިޔާ ލަވަޖަހަމުންދަނީއެވެ.

މިރަށަކީ ތާރީޚީ ރަށެކެވެ. މިރަށުގައި "އެދުރުކަލޭފާނު މިސްކިތް" އެބަހުއްޓެވެ. ޒުވާން ކުދިންނަށް ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ ކޮންބޭކަލެއް ކަމެއް ނޭނގެއެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ ދިވެހިރާއްޖޭގެ ޤައުމީ އަބްޠާލުންގެ ލިސްޓުން އެއްވަނަ ހޯއްދަވާފައިވާ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ބޮޑުބޭބޭ ފުޅެކެވެ. އެއީ ބޮޑުތަކުރުފާނަށް ޢިލުމް އުނގަންނަވައިދެއްވި އެދުރުބޭކަލެކެވެ. ތާރީޚު ބުނާގޮތުން ބޮޑުތަކުރުފާނުގެ ކާފާފުޅު ކަޅު ޢަލީ ޚަތީބު ތަކުރުފާނަކީވެސް ނޮޅިވަރަންފަރު ބޭފުޅެކެވެ.

މީލާދީން 1752 ގައި ކަންނަންނޫރު އަލީ ރާޖާގެ މަލަބާރު ލަޝްކަރު މާލެ ހިފިއެވެ. ސުލްޠާން މުޙައްމަދު އިމާދުއްދީން ތިނެއް ރަހީނެއްގެ ގޮތުގައި މަލިކަށް ގެންދެވިއެވެ. ނޮޅިވަރަންފަރު ޙުސައިން ގަދަހަމައިދި މަނިކުފާނު މުލީގޭ ދޮން ހަސަންމަނިކުފާނާ ގުޅިވަޑައިގެން ދުޝްމިނުންނާ ދެކޮޅަށް ނިކުމެވަޑައިގެންނެވިއެވެ. މީލާދީން 1753 އޭޕްރީލް 7 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވިއެވެ. ތާރީޚީ މިފަދަ ވާހަކަތަކުން ހދ. ނޮޅިވަރަންފަރަކީ ޚާއްޞަ ރަށެއްކަން ފާހަގަކުރެވެއެވެ.

ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނުގެ ނަންފުޅުވެސް ދިވެހި ތާރީޚުން ފެނެއެވެ. ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނަކީ ދިޔަމިގިލީ ބަންޑާރައިންނާ އެއްބައްޕާފުޅު ބޭފުޅެކެވެ. ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނާއި އަތިރީ ފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނާ ދެކަނބަލުންގެ އަތިރީ ކަމަނާޔާ ފަސްމަންދޫ ބޮޑު ހަކުރާ ތަކުރުފާނު ކައިވެނި ބައްލަވައިގެންނެވިއެވެ. މީހުންގެ ނަންނަމާއެކު "ދީދީ" ކިޔަން ފުރަތަމަ ފެށުނީ ކީހި އިބްރާހީމް ދީދީގެ ބައްޕަފަރާތުގެ ޢާއިލާއިން ކަމަށް ބުނެވެއެވެ. އެއީ އިންޑިޔާގެ މަލާބާރު ކަރަޔަށް ނިސްބަތްވާ، ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަޚާ ނަމަކަށް ކިޔުނު މީހަކާ ހަމައިންނެވެ. މީނާ ރާއްޖެއައިސް ދިރިއުޅުނީ ރ.އަތޮޅު ފަސްމަންދޫގައި ކަމަށް ވެއެވެ. މީނާ އަށް ލިބުނު ދަރިއަކީ، ފަސްމަންދޫ ޙަސަން ބޮޑުހަކުރާ ތަކުރުފާނެވެ. މިތަކުރުފާނު ކައިވެނިކުރީ، އަތިރީކަމަނާއޭ ކިޔޭ ބޭކަނބަލަކާއެވެ. މިއީ، ނޮޅިވަރަންފަރު ބޮޑުހަނދޭގިރި ތަކުރުފާނާއި، އަތިރީފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނާ ދެކަނބަލުންގެ ދަރިއެކެވެ.

ނޮޅިވަރަންފަރަކީ ކުރިން ހދ. އަތޮޅުގައި ވެރިކަންކުރި ރަށެވެ. ތާރީޚަށް ބަލާއިރު ތިލަދުންމަތީގައި ފުރަތަމަ ވާރުކުރީ ބާރަށުގައިކަން ސާބިތުވެއެވެ. ބޮޑު ތަކުރުފާނު ވާހަކައިންވެސް މިކަމަށް ހެކި ލިބެއެވެ. 1958 މެއި 21 ގައި ތިލަދުންމަތި ދެބައި ކުރިއެވެ. އެއީ ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރިއެވެ. އެއީ ނޮޅިވަރަންފަރުގައި ހދ. އަތޮޅުވެރިކަން ކުރަންފެށި ތާރީޚެވެ. ސަރުކާރުން ހދ. އަތޮޅު އޮފީސް ކުޅުދުއްފުށްޓަށް ބަދަލުކުރެއްވީ 1992 މެއި 6 ގައެވެ.

ނޮޅިވަރަންފަރަށް ތިންރަށުގެ މީހުން ބަދަލުކުރާއިރު މިވަގުތު މިރަށުގެ އާބާދީގައި 592 މީހުން އެބަތިއްބެވެ. އެއީ 301 އަންހެނުންނާއި 291 ފިރިހެނުންނެވެ. ތިންރަށުގެ މީހުން ބަދަލުކުރުމުން މިރަށުގެ އާބާދީ 1737 އަށް އަރާނެއެވެ. މިރަށުގެ ދިގުމިނަކީ 3800 މީޓަރެވެ. ފުޅާމިނުގައި 900 މީޓަރ ހުރެއެވެ. މާލެއާ ދެމެދުގެ ދުރުމިނަކީ 281.59 ކިލޯ މީޓަރެވެ. ހދ. އަތޮޅުގައި 35 ރަށް އެބައޮތެވެ. އޭގެ ތެރެއިން ބަދަލު ކުރެވޭ ތިންރަށް ނުހިމަނާ މީހުން އުޅޭ ރަށްތަކުގެ އަދަދު 13 އަށް އަރައެވެ. ނޮޅިވަރަންފަރުގައި މިހާރުގެ ތަޢުލީމީ ބިންގަލަކީ 1979 މާޗް 6 ގައި ހުޅުވުނު ޕްރައިމަރީ ސްކޫލެވެ. އެއީ މިހާރު ނޮޅިވަރަންފަރު ސްކޫލެވެ.

ނޮޅިވަރަންފަރަށް ބަދަލުވި ތިން ރަށުގެ މީހުންނަށް ސަރުކާރުން އަޅުއްވައިދެއްވާފައިވަނީ ޖުމުލަ 181 ގެއެވެ. އެއީ ޗައިނާ މީހުން އެޅި 47 ގެއާއި އެލިއާއިން އެޅި 134 ގެއެވެ. ޗައިނާ މީހުން އެޅި ގެތައް ހުންނަ ސަރަޙައްދަށް މިރަށުގެ މީހުން ކިޔަނީ "ޗައިނާ ޓައުން" އެވެ. އެލިއާ އިން އެޅިގެތައް ހުންނަ ސަރަޙައްދަށް ކިޔަނީ "އެލިއާ ޓައުން"އެވެ. ދެ ސަރަޙައްދުގައިވެސް ގެތައް އަޅާފައިވަނީ އެއް ޑިޒައިނަކަށެވެ. އެހެންނަމަވެސް ބައެއް ތަފާތުތައް އެބަހުއްޓެވެ. ޗައިނާ ޓައުންގެ ގެތަކުގެ ދޮރުތައް ޕްލާސްޓިކުން ހުރިއިރު އެލިއާ ޓައުންގެ ގެތަކުގެ ދޮރުތައް ހުރީ ލަކުޑިންނެވެ. ޗައިނާ ޓައުންގެ ގެތަކުގެ ކުޑަދޮރުތަކުގައި މަދިރިދާވަނީ ޖަހާފައެވެ. ވަށާފާރުރާނާ ލައިޓްވެސްވަނީ ހަރުކޮށްފައެވެ. ދެ ސަރަޙައްދަށް ބަލާއިރު ހިތްފަސޭހަކަމަށް ގިނަ މީހުން ބުނަނީ އެލިއާ ޓައުންނެވެ. ސަބަބަކީ ޗައިނާ ޓައުން ކައިރި ޗަކަ ބިމެއް އޮވެފައި މަދިރި ގިނަވެފައި ފާޚާނާގެ ވަސް ގަދަވުމެވެ.

މިގެތަކަކީ ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން ހިންގެވި މަޝްރޫޢެކެވެ. ތިން ރަށުގެ ރައްޔިތުންގެ ހައެއްކަ އަހަރުގެ އުންމީދުތައް ހާސިލުވާއިރު ބައެއް ފަރާތްތަކުން ތިބީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ތަނަވަސް ބޮޑެތި ގެތަކުގައި ބޮޑެތި އާއިލާތަކުގެ ގޮތުގައި އުޅެމުންދިޔަ ފަރާތްތައް ތިންކޮޓަރިއަށް މެނޭޖް ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް ބުނެއެވެ. މާވައިދޫގެ އާބާދީއަކީ 554 އެކެވެ. ގޭގެ އަދަދަކީ 101 އެވެ. އޭގެ ތެރެއިން މިބުރުގައި ގެ ލިބިފައިވަނީ 78 ގެއަށެވެ. ގެ ނުލިބި 23 ގެ އެބަހުއްޓެވެ. ކުނބުރުދޫގެ އާބާދީއަކީ 354 އެވެ. ގޭގެ އަދަދަކީ 87 އެވެ. މި ބުރުގައި ގެ ލިބިފައިވަނީ 67 ގެއަށެވެ. ގެ ނުލިބި 20 ގެ އެބަހުއްޓެވެ. ފަރިދޫގެ އާބާދީއަކީ 237 އެވެ. ގޭގެ އަދަދަކީ 46 އެވެ. މިބުރުގައި ގެ ލިބިފައިވަނީ 35 ގެއަށެވެ. ގެ ނުލިބޭ 11 ގެ އެބަހުއްޓެވެ.

ރައްޔިތުންނާއި މުދާ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ ދިވެހި ސިފައިންނެވެ. ބަދަލުވަމުންދާ ތިންރަށުގެ ރައްޔިތުންނާއި ނޮޅިވަރަންފަރުގެ ރައްޔިތުންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ނޮޅިވަރަންފަރުގައި ބެނާތައް ދަމާ ދިދަފަތިދަމާ ހަދާފައިވެއެވެ. އަދި ތިންރަށުގެ ރައްޔިތުން އަންނަ ކޮންމެ ވަގުތަކު ނޮޅިވަރަންފަރުގެ ރައްޔިތުން އަތިރިމައްޗަށް ނިކުމެ އެރަށަށް ހިޖުރަކުރާ މެހްމާނުންނަށް އަންނަނީ މަރުޙަބާ ކިޔަމުންނެވެ. ކޮންމެ ބަޔަކު ފޭބުމާއެކު އަތިރިމަތީގައި ހުންނަ ސްޓޭޖުން ޚާއްޞަ ލަވައެއް ޖަހަން ފަށައެވެ. އެލަވައިގައި ބުނަނީ ތިންރަށުގެ ރައްޔިތުންނަށް މަރުޙަބާ ކިޔާ ކަމަށާއި ތިންރަށުގެ ރައްޔިތުންނާ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަޚްވަންތަކަން ޤާއިމުކޮށް އެކުލާމެހެން ބޭނުންވާ ކަމަށެވެ.

Tuesday, January 11, 2011

އަޅުގަނޑު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މަންމަ އާއި ބައްޕައާއެކު



ހދ. ކުޅުދުއްފުށިން: ޢަބްދުﷲ ސަޢީދު-

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހިތްގަދަ އެއް ފަހުލަވާނަކީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. ސިފައިންގެ މައިގޭޓްގެ ހުޅަނގު ފަރާތު ޑިއުޓީގައި ހުރެގެން ރާއްޖޭގެ ޤައުމީ ދިފާޢީ މައިމަރުކަޒު ދިފާޢުކުރުމުގައި ޤުރުބާންވެގެން އޭނާ ދިޔައީ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގެ ފާރު އޭނާގެ ޒުވާން ލެއިން ތެންމާލާފައެވެ. ދިވެހި ބިމުގައި އޭނާގެ ލޭގެ ކޯރު ދެމެމުންދިޔައެވެ. ސިފައިންނަށް ޤައުމުގެ ދިފާޢުގައި ހަތިޔާރާއެކު ކުރީ ސަފަށް ނިކުމެވެންދެން ސިފައިންގެ ހިމާޔަތް ކުރުމުގައި ޙުސައިން އާދަމު ވެފައިވާ ގުރުބާނީގެ އަގު ދުވަހަކުވެސް ދިވެހިންނަކަށް އަދައެއް ނުކުރެވޭނެއެވެ.

 

ޖެނުއަރީ 2011، 11 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ މާވާގެއަށް އަޅުގަނޑު ދިޔައީމެވެ. އެއީ ޙުސައިން އާދަމުގެ އުފަން ގެއެވެ. އެދުވަހު ޙުސައިން އާދަމުގެ ލޮބުވެތި މަންމަ އާއި ބައްޕަ އާ ބަދަލުކުރީމެވެ. ޤައުމީ އަބުޠާލެއްގެ ޒިކުރާ އާކޮށް އެފަދަ ބަޠަލެއް ދުނިޔެއަށް އައުމަށް މެދުވެރިކުރެއްވި ދެމަފިރިންނަށް ތަޢުރީފުކޮށް ހިތްވަރުދިނީމެވެ. އެއީ ހިތްހެޔޮ ، ހިތްވަރުގަދަ ދެމަފިރިންނެވެ. ސިފައިން ދެކެ އިންތިހާއަށް ލޯބިވާ ގަދަރުކުރާ ދެމަފިރިންނެވެ. ސިފައިންގެ ޔުނީފޯމުގައި ކޮންމެ މީހަކު ފެނުނަސް އެދެމަފިރިން ޤަބޫލުކުރަނީ އެއީ އެމީހުންގެ ދަރިން ކަމަށެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ބައްޕަ އަކީ ވަރަށް ސަމާސާ މިޒާޖެއްގެ ބޭކަލެކެވެ. ހާޒިރު ޖަވާބަށް ކުޅަދާނަ ބޭކަލެކެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވީ ނަމަވެސް އެއީ ހުރިހާ އުމުރެއްގެ މީހުންގެ މިތުރެކެވެ. ޙުސައިން އާދަމުގެ މަންމަގެ ފޮޓޯއާއި ވީޑިއޯ ތަކުރާރުކޮށް ވަނީ ފެނިފައެވެ. އެހުރިހާ ފޮޓޯތަކެއްގައި އަދި ވީޑިއޯ ތަކެއްގައި ޙުސައިން އާދަމުގެ މަންމަ ހުންނަނީ ސަގާފީ ލިބާހުގައެވެ. އޭރު އަޅުގަނޑު ހީކުރީ މުނާސަބަތާ ގުޅޭ ގޮތުން އެފަދަ ހެދުން ބޭނުންކުރައްވަނީ ކަމަށެވެ. އެކަމަކު އަޅުގަނޑު ކުއްލިއަކަށް އެގެއަށް ދިޔައިރުވެސް ޙުސައިން އާދަމުގެ މަންމަ ހުރީ އެ ގޮތަށެވެ. ޙުސައިން އާދަމުގެ މަންމައާއި ބައްޕަގެ މޫނުމަތިންވެސް ފެންނަނީ ސާފުކަމެވެ. އެހެންނަމަވެސް ސިފައިންގެ ކެމަފްލާޖް ޔުނީފޯމް ފެންނައިރަށް އެދެމަފިރިންނަށް ބުނަން ނޭނގޭ އަސަރުތަކެއް ކުރެއެވެ. އެކަމަށް އެދެބޭކަލުންގެ ލޯ ހެކިދެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ވާހަކަ ދައްކާއިރަށް އެދެމަފިރިންގެ ލޮލަށް ކަރުނަ ޖަމާވާންފަށައެވެ. އެއީ މިއަދު ހަމައެކަނި ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ ޤައުމު ފަޚުރުވެރިވާފަދަ ދަރިއެއްގެ ޤައުމީ ޖިހާދުގެ ޒިކުރާތަކުގެ ސަބަބުން މައިންބަފައިންނަށް ލިބޭ ތަސައްލީގެ އަސަރުވެސްމެއެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ގޭގެ ތެރެއަށް ވަދެ ބަލާލީމެވެ. ރީތިކޮށް ހަދާފައިވާ ބޮޑު ގެއެކެވެ. އެގޭގެ ތެރެއިން ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ އެއްވެސް ހަނދާނެއް ފެންނަގޮތަށް ބަހައްޓާފައެއް ނެތެވެ. ޙުސައިން އާދަމުގެ ބައްޕަ ބުނުއްވި ގޮތުގައި އެގެއަކީ ސިފައިން ކުރި ހަދިޔާއެކެވެ. ގޭތެރެއަށް ވަދެގެން ދިޔައީ އާދަންބެ އާއެކުގައެވެ. ބަދިގެ ތެރޭގައި ޙުސައިން އާދަމުގެ މަންމަ ކެއްކުމުގައި އަވަދިނެތި އުޅެއެވެ. އީޓުޖަހާފައިވާ ދުވަސްވީ މުސްކުޅި ބަދިގެ ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެދެމަފިރިންނަށް މިއަދު ސިފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެބަދިގެ ކޮޅަށްޖަހައިދިނުމެވެ.

 

މާލޭގެ މޫނުމަތީގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހަނދާންތައް އާވާނެ ބޮޑު ޢިމާރާތެއް އެބަހުއްޓެވެ. އެއީ ސިފައިންގެ ކުރިމަތީގައި އެހެރަ ޕޮލިސް ބިލްޑިންގ އެވެ. ކުޅުދުއްފުށްޓަކީ ޝަހީދު ޙުސައިން އާދަމްގެ އުފަންރަށަށްވިޔަސް އެ ބަޠަލުގެ ޒިކުރާ އާވެ އާލާވާނެ އެއްވެސް ބިނާއެއް އަދި ތަނެއްވެސް ކުޅުދުއްފުށީ މާވާގެ ފިޔަވާ ފެންނާކަށް ނެތެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. ބައްޕަ އަކީ ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދު އެވެ. މަންމައަކީ ޢާއިޝަތު ޙަސަން އެވެ. ޝަހީދު ޙުސައިން އާދަމް ގެ އާއިލާއަށް ބަލާއިރު އޭނާގެ މައިފުށުގެ މާމައަކީ ކުޅުދުއްފުށީގައި ކުރީގެ މަޝްހޫރު ފޫޅުމައެކެވެ. " ފޫޅު ހައްވަދައިތަ" އަކީ ފޫޅުމާކަން އެތައް ޒަމާނެއްގައި ކުރެއްވި ގިނަ ބަޔަކު އިތުބާރުކުރި ފޫޅުމައެކެވެ. ޝަހީދު ޙުސައިން އާދަމް ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީނު ފުރިހަމަ ކުރިއެވެ. ޑިއުޓީ ސެކްޝަން ގައާއި ޓާސްކްފޯސް ގައި ފޯރިމަރާ މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. ސިފައިންގެ ޚިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރިއެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ. ޝަހީދު ޙުސައިން ޢާދަމްގެ މަތިވެރި ޚިދުމަތް ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީންނާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އޭނާގެ މައިންބަފައިންނާއި މެދު ޚާއްޞަ ގޮތަކަށް ބައްލަވައި އެހީތެރިވެ ދެއްވައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ލޮބުވެތި މަންމަ އާއި ބައްޕައާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށްފަހު ވަކިވުމަށް ސަލާމްކޮށްލުމަށް އަތްދިއްކޮށްލީމެވެ. ކޮންމެ ސިފައިންގެ މީހެއްގެ ކައިރީގައިވެސް އެދެމަފިރިން ބުނާ ވާހަކަ އަޅުގަނޑުގެ ކައިރީގައިވެސް ތަކުރާރުކުރިއެވެ. "އަދި އަންނަން ވާނެ" އެވެ. އިރާދަ ކުރެއްވިއްޔާ އަދި އަޅުގަނޑު ދާނަމެވެ. ސިފައިންގެ ގިނަ މީހުން ކުޅުދުއްފުށްޓަށް ގޮސްފިނަމަ އެދެމަފިރިންނަށް ޒިއާރަތް ކުރުމަކީ އާދައެކެވެ.