Monday, August 3, 2020

ބުރަކި ރަނިން: ކޮއްކޯފުޅު އަވަހާރަކޮށްލައްވައި ލޯބިވެރިޔާއަށް ރަސްކަން ހޯއްދަވައިދެއްވި



ޢަބްދުﷲ ސަޢީދު

ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު "ދޮންބުޅާ ފާށަނާ" ގެ ދައިތާފުޅެވެ. ބުރަކި ރަނިންނަކީ އެ ކަމަނާގެ އެ ކޮއްކޯފުޅު އަވަހާރަކޮށްލި ޙަޤީޤީ ޤާތިލެވެ. އެކަން އެކަމަނާ ކުރެއްވީ އެ ކަމަނާގެ ލޯބިވެރިޔާއަށް ދިވެހިރާއްޖޭގެ ރަސްކަން ހޯއްދަވައިދެއްވަން ވެގެންނެވެ.




ދޮން ބުޅާ ފާށަނާއަށް ދިވެހި ރަސްކަން ލިބިވަޑައިގެންނެވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސައުދިޢަރަބިއްޔާގެ މައްކާގެ ބޭފުޅެއް ކަމަށްވާ އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުން އަވަހާރަވުމުންނެވެ. އެ މަނިކުފާނު ރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދުން 1511 އިން 1512 އަށެވެ. އެ ރަސްގެފާނު އަވަހާރަވުމުން ރާއްޖޭގެ ތަޚުތަށް ދައުވާ ކުރެއްވި އެއް ބޭފުޅަކީ ބުރަކި ރަނިންނެވެ. އެ ކަމަނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ތަޚުތަށް އިސްކުރެވުނީ އެކަމަނާގެ ކޮއްކޯފުޅު ދޮން ބުޅާ ފާށަނާއެވެ. އެކަން ކާމިޔާބު ނުވުމުން އުފެދުނު ހަސަދަވެރިކަން އެކަމަނާގެ ހިތްޕުޅުގައި އޮތެވެ.

ބުރަކި ރަނިންއާއި ދޮންބުޅާ ފާށަނާގެ ބޮޑު ދައިތާފުޅަކީ އައްސުލްޠާން އަބޫބަކުރު އިބްރާހީމްގެ ކޮއްކޯފުޅެކެވެ. މިއީ ފަހުން ރާއްޖޭގެ ރަސްކަންކުރެއްވި ކަޅު މުޙައްމަދު ރަސްގެފާނުގެ މަންމާފުޅެވެ. ރަސްކަމަށް އިސްވެވަޑައިގަތުގެ ކުރިން ކަޅު މުޙައްމަދު ރަސްގެފާނަކީ ރަށްދެބައިމަގު ކަޅު މުޙައްމަދެވެ. އެއީ އައްސުލްޠާން ޢުމަރު (ދެވަނަ) ގެ ދަރިކަލެކެވެ. ރާއްޖޭގައި ތިން ފަހަރެއްގެ މަތިން ރަސްކަން ކުރެއްވިއެވެ. ފުރަތަމަ ރަސްކަން ކުރެއްވީ 1491 އިން 1492 އަށެވެ. ނުވަ މަސްދުވަހަށްފަހު ކޮއްކޯފުޅު އައްސުލްޠާން ޔޫސުފް (ތިންވަނަ) ރަސްކަމަށް ވެރިވެވަޑައިގެންނެވީއެވެ. ދެވަނަ ފަހަރަށް ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަން ކުރެއްވީ މީލާދީން 1495 އިން 1510 އަށެވެ. އެފަހަރު 15 އަހަރު ރަސްކަން ކުރެއްވިއެވެ. އެފަހަރު ރަސްކަން ނިމުމަކަށް އައީ ކަޅު މުޙައްމަދު ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު އައްސުލްޠާން ޙަސަން (ހަތްވަނަ) ރަސްކަމަށް ވެރިވެވަޑައިގެންނެވުމުންނެވެ. ކަޅު މުޙައްމަދު ރަސްގެފާނު ތިންވަނަ ފަހަރަށް ރަސްކަން ކުރެއްވީ މީލާދީން 1513 އިން 1529 އަށެވެ. އެފަހަރު 17 އަހަރު ރަސްކަން ކުރެއްވިއެވެ. ތިން ފަހަރުމަތިން ކަޅު މުޙައްމަދު ރަސްގެފާނު 32 އަހަރާއި 9 މަސް ދުވަހު ރަސްކަން ކުރެއްވިއިރު އެ ރަސްކަން ކުރެއްވީ ދަގަނޑު އަތްޕުޅަކުންނެވެ.

ބުރަކި ރަނިންނާއި ކަޅު މުޙައްމަދާ ދެ ބޭފުޅުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. މި ދެ ބޭފުޅުންގެ ލޯބީގެ ގުޅުން ކައިވެނިފުޅަކަށް ފައްކާކުރެއްވިއެވެ. އެހެންނަމަވެސް ކަޅު މުޙައްމަދުގެ މަންމާފުޅު މިކަމާ ދެކޮޅު ހެއްދެވިއެވެ. އެ ކަމަނާގެ ނުފޫޒާއެކު މި ދެ ބޭފުޅުންގެ ގުޅުން ދުރުކުރެއްވުމަށް ރަސްގެފާނު ދޮންބުޅާ ފާށަނާ އެޅުއްވި ފިޔަވަޅަކީ ކަޅު މުޙައްމަދު ރަސްގެފާނު ހުވަދު އަތޮޅު ވާދޫއަށް ފޮނުވާލެއްވުމެވެ.

މި ވަރަކުން މި ލޯބީގެ ގުޅުމަކަށް ހީނަރުކަމެއް ނައެވެ. އޭގެބަދަލުގައި އެކަންވީ ކޮއްކޯފުޅު، ދޮންބުޅާ ފާށަނާގެ މައްޗަށް ބުރަކި ރަނިންގެ ހިތްޕުޅުގައި އޮތް ހަސަދަވެރިކަމާއި ނަފުރަތު އިތުރަށް ބޮޑުވި ކަމަކަށެވެ. ބުރަކި ރަނިންނާ ކަޅު މުޙައްމަދު ރަސްގެފާނާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ލޯބި ވަރުގަދަވި ކަމަކަށެވެ.
ބުރަކި ރަނިން ވަރުގަދަ ހީލަތްތެރި ރޭވުމެއް ރާވާލެއްވިއެވެ. އެ ކަމަނާގެ ކޮއްކޯފުޅު އަދި ރަސްގެފާނު ދޮންބުޅާ ފާށަނާއަށް ދަންނަވައިފިއެވެ. ދައިތާފުޅަށް ނަދުރުފުޅެއް ވިދާޅުވެވިއްޖެއެވެ. އެ ނަދުރުފުޅު ފުއްދަވައި ދެއްވޭނެ ގޮތެއް ހައްދަވައި ދެއްވާށެވެ. އެ ނަދުރުފުޅަކީ ހުވަދު އަތޮޅު ވާދޫ މިސްކިތުގައި ތިން ދުވަހު ރޯދަފުޅު ހިއްޕެވުމެވެ.

ރަސްގެފާނަށް މި ޖެހިވަޑައިގަތީ ކިހާ ބޮޑުކަމެއްތޯއެވެ. ކަމަކީ ދީނީ ކަމެކެވެ. ދައިތާފުޅަށް މި ނަދުރުފުޅު ނުފުއްދެވުނީ ރަދުންގެ ސަބަބުންނޭ ވިދާޅުވާނެ ފުރުސަތެއް އޮންނާކަށް ބޭނުންފުޅެއް ނުވިއެވެ. އެކަމަކު ދައިތާފުޅު ވަޑައިގަންނަވަން މި އެދިވަޑައިގަންނަވަނީ ލޯބިވެރިޔާ ފޮނުވާލައްވާފައިވާ ރަށަށް ނޫންތޯއެވެ. ކޮންމެއަކަސް އެކަމުގެ ހުއްދަދެއްވައި، އެ ދެ ބޭފުޅުންގެ ޢާއިލާއަށް ވަރަށް ވަފާތެރި ޒަމާންވީ ނޯރިކީއެއް ކަމަށްވާ ގާފަރު ކަޅު އިބްރާހީމް (ގާފަރު ކަޅުއުނބުށޭމު) އާއެކު ބުރަކި ރަނިން ވާދޫއަށް ފޮނުއްވުމަށް ނިންމެވިއެވެ.

ވާދޫއަށް ވަޑައިގެންނެވުމުގެ ބަދަލުގައި ގާފަރު ކަޅު އުނބުށޭމު ހައްލާލައްވައިގެން ބުރަކި ރަނިން ވަޑައިގެންނެވީ އަސޭކަރައަށެވެ. އަސޭކަރައިން ވަޑައިގެންނެވީ ގޯވާއަށެވެ. އޭރު ގޯވާގައި އޮތީ ޕޯޗްގީޒުން ބާރެވެ. އެ ކަމަނާ ޕޯޗްގީޒުންނާ ބައްދަލުކުރައްވައި އެ މީހުންގެ ހަތިޔާރުއެޅި ނަވެއްގައި ރާއްޖެ ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ވަރުގަދަ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ ދިވެހި ރަސްކަމުގެ ބާރުތައް އެ ކަމަނާއަށް ލިބިވަޑައިގަތުމުން ރާއްޖެއިން ލިބޭ އާމުދަނީން ބައެއް ޕޯޗްގީޒުންގެ ވައިސްރޯއީއަށް ފޮނުއްވުމަށެވެ. އެއްބަސްވެވަޑައިގެން ގޮތުގެމަތިން ހަތިޔާރު ލާފައިވާ ނަވެއްގައި ބުރަކި ރަނިން ރާއްޖެ ފޮނުވިއެވެ. ބުރަކި ރަނިންނާއި ގާފަރު ކަޅުއުނބުށޭމާ ވަޑައިގެންނެވީ ކަޅު އުނބުށޭމުގެ ރަށް މާލެ އަތޮޅު ގާފަރަށެވެ.

ގާފަރަށް ވަޑައިގެން ބުރަކި ރަނިން ފެށްޓެވި މަސައްކަތްޕުޅަކީ ކޮއްކޯފުޅު އަވަހާރަކޮށްލުމުގެ ރޭވުންތައް ރޭއްވެވުމެވެ. އެކަމުގައި އެކަމަނާއަށް އެންމެ އިތުބާރުކުރެވޭ މީހަކަށް ފެނިވަޑައިގަތީ ގާފަރު ކަޅު އުނބުށޭމެވެ. ހުށަހެޅުއްވި އަގަކީ ކަޅު އުނބުށޭމު ބޭނުންވާ ގޮތުގެމަތިން ދައުލަތުގެ މަތީ މަގާމެއް ދެއްވުމެވެ. ބުރަކި ރަނިންގެ ވައުދުފުޅަކީ ފާށަނާކިލެގެކަން ދެއްވުމެވެ.

ކަޅުއުނބުށޭމު މިކަން ރާވާ އިންތިޒާމު ކުރިއެވެ. ރަސްގެފާނު އަވަހާރަކޮށްލެވޭނެ އެންމެ ފަސޭހަ ކުރު މަގެއް ހޯދިއެވެ. އެ ގޮތަކީ ރަސްގެފާނުގެ ކަނޑިކޮޅުން ރަސްގެފާނު އަވަހާރަކޮށްލުމެވެ. އޭރު ރަދުންގެ ކަނޑިކޮޅު ހިފާ މީހަކީ އޭނާގެ ދޮން ބައްޕަ ހުޅުދެލީ ޔޫސުފެވެ. ދޮންބުޅާ ފާށަނާ ހަށިކޮޅަށް ކަޑިކޮޅު އަމުނާލީ އޭނާއެވެ. އޭރު ފަހަތުގައި ގާފަރު ކަޅު އުނބުށޭމު ހުއްޓެވެ.
ރަދުން އަވަހާވީއެވެ. ރަސްކަމުގެ ތަޚުތުގެ ޙައްޤުވެރިއަކަށް ހުންނެވީ ބުރަކި ރަނިންއެވެ. އެކަމަނާ ތަޚުތަށް އިސްވެވަޑައިގެން ފުރަތަމަ ވެސް ސިއްކަޖައްސަވައި ނެރުއްވި އަމުރުފުޅަކީ ކޮއްކޯފުޅުގެ ރަސްކަމުގައި ހުވަދު އަތޮޅު ވާދޫއަށް ފޮނުވާލައްވާފައި ހުންނެވި އެ ކަމަނާގެ ލޯބިވެރިޔާ ކަޅު މުޙައްމަދު ރަސްގެފާނު މާލެގެންނެވުމުގެ އަމުރުފުޅެވެ. ކަޅު މުޙައްމަދު ރަސްގެފާނު މާލެ ގެންނަވައި ބުރަކި ރަނިން ކައިވެނި ބައްލަވައިގެންފިއެވެ. އަދި ލޯބިވާ ފިރިކަލުންނާ ރަސްކަން ހަވާލުކުރައްވައި ތަޚުތުން ފައިބާ ވަޑައިގެންފިއެވެ. މި ދެ ކަނބަލުންނަށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން ކަނބާ ޢައިޝާ ރަނިކިލެގެފާނެވެ. ބޮޑުތަކުރުފާނު ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ.

ކަޅު މުޙައްމަދު ރަސްގެފާނަށް ރަސްކަމުގެ ބާރުތައް ލިބިވަޑައިގެންނެވުމުން ބުރަކި ރަނިން ތިލަދުންމައްޗަށް ފޮނުވާލެއްވިއެވެ. އަދި ސީރާޒީ ފާތިމާ ކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މި ނޫނަސް ވެރިކަމާ ގުޅުންހުރި ކައިވެނިފުޅުތައް އެބަހުއްޓެވެ. (ނިމުނީ)

No comments: