Monday, January 16, 2012

ކީރިތި ރަސޫލާގެ ލީޑަރޝިޕް

 
ޢަބްދުﷲ ސަޢީދު   
 
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި އިތުރު އެކަލޭގެފާނު ކޮމާންޑަރެއްގެ ގޮތުން ނެންގެވި ޑިސިޝަންތަކާއި ޢަމަލުކުރެއްވި ގޮތްތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އަސްކަރީ އެކިއެކި ހާދިސާތަކާގުޅިގެން ކީރިތި ރަސޫލާ އެޅުއްވި ފިޔަވަޅުތަކާއި ނެންގެވި ޑިސިޝަންތައް ތަފާތު ފަންތީގެ އިސްލާމީ އަސްކަރީ ކޮމާންޑަރުންނަށް އެނގުމަކީވެސް މުހިންމު ކަމެކެވެ. ކީރިތި ރަސޫލާގެ ލީޑަރޝިޕް ކޮމާންޑް ފިލޯސަފީގެ މައިގަނޑަކީ އިތުރު އެކަލޭގެފާނާ ﷲ ޞުބުހާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ މަތިވެރި ވާޖިބު އަދާކުރެއްވުމަށް އިސްކަން ދެއްވުމެވެ. އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވާ ނަމޫނާ މިސާލުން މަގުދައްކަވާ އިސްލާމީ އުންމަތް ބިނާކުރެއްވުމެވެ. ނަތީޖާއަކީ އެކަލޭގެފާނުގެ ލީޑަރޝިޕަށް ގޮންޖަހާލެވޭފަދަ ލީޑަރެއް ދުނިޔޭގެ ތާރީޚު ދެކެފައިނުވުމެވެ.  
 
 
ކީރިތި ޤުރުއާންގެ އާލް އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގެ މާނައިގައިވެއެވެ. " އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤް ފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖެއީހެވެ. ފަހެ އެކުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފޭނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." މި އާޔަތުން ކީރިތި ރަސޫލާ ޕްރެކްޓިސް ކުރެއްވި ލީޑަރޝިޕް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ކީރިތި ރަސޫލާއަކީ އޯގާތެރި ބޭކަލެކެވެ. މީހުންގެ މައްޗަށް އެކަލޭގެފާނުންގެ ހިތްޕުޅުގައިވާ އޯގާތެރިކަމަކީ މާތްﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެކެވެ. އެ ރަޙްމަތުގެ އަސަރު މުޅި އިސްލާމީ އުންމަތަށްވަނީ ފެތުރިފައެވެ. އެކަލޭގެފާނަކީ ހިތްޕުޅު ކަރުކަށި ބޭފުޅެއްނޫނެވެ. އެކަމަކު އެއީ މަޑުމައިތިރި ، އޯގާތެރި، އެންމެ ޚުލުޤް ހެޔޮ އިންސާނާއެވެ. އިތުރު އެކަލޭގެފާނުގެ ކިބައިގައި މިމާތް ސިފަތައް ނެތްނަމަ އެކަލޭގެފާނަކީ މަޤްބޫލު ޝަހުސިއްޔަތަކަށް ނުވީހެވެ. ކާމިޔާބު ލީޑަރަކަށް ނުވީހެވެ. ކާމިޔާބު އަސްކަރީ ކޮމާންޑަރަކަށްވެސް ނުވީހެވެ. ކީރިތި ރަސޫލާގެ އެންމެ ފާހަގަކޮށްލެއްވޭ އެއް ސިފަފުޅަކީ މަޢާފުކުރެއްވުމެވެ. އަދި އެހެން މީހުންގެ ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ދެންނެވުމެވެ. ކީރިތި ރަސޫލާއަކީ މަޝްވަރާގެ މަތިވެރި އުސޫލު ވަރަށް މަތީ ދަރަޖައަކަށް ޕްރެކްޓިސް ކުރެއްވި ބޭކަލެކެވެ. އެކިކަންކަމުގައި އެކަލޭގެފާނަށް އެކިއެކި ބޭފުޅުން ދެއްވާ މަޝްވަރާއަށްފަހު އެކަލޭގެފާނު ކަންތައްތައް ކުރައްވާނެ ގޮތެއް ކަނޑައަޅުއްވައެވެ. އަދި ﷲ އަށް ވަކީލު ކުރައްވާ އެގޮތުގައި ސާބިތުވެ ހުންނަވައެވެ.

ކީރިތި ރަސޫލާގެ ލީޑަރޝިޕްގެ ޕްރިންސިޕަލްތައް
ކީރިތި ރަސޫލާގެ ސީރަތު ދިރާސާކޮށްފައިވާ ފަރާތްތައް އިތުރު އެކަލޭގެފާނުންގެ ލީޑަރޝިޕްގެ ޕްރިންސިޕަލްތަކުގެ ގޮތުގައި ކަންތައްތަކެއްވަނީ ފާހަގަކޮށްފައެވެ. އެކި ހޯދުންތެރިންގެ މެދުގައި ކުދިކުދި ތަފާތުތަކެއް ހުއްޓަސް މައިގަނޑު ނުކުތާކަކަށް ގިނަ ޢިލުމުވެރިން އެއްބަސްވެއެވެ. އެގޮތުން ފާހަގަކުރެވޭ 10 ޕްރިންސިޕަލެއްވެއެވެ. އެއީ:
1.      ހާސިލުކުރެވިދާނެ ލަނޑުދަނޑިތަކަކަށް މަސައްކަތްކުރާށެވެ.  
2.      ކޮންމެ ކަމެއްގައިވެސް ހުރި ފައިދާ އާއި ގެއްލުންތައް ދެނެގަންނާށެވެ.
3.      ހާލަތަށް އެކަށޭނަ ބަދަލަށް ފަސްނުޖެހޭށެވެ.  
4.      އަދާވާތްތެރިން ރަޙުމަތްތެރިންނަށް ބަދަލުކުރާށެވެ.
5.      ގެއްލުންހުރި ކަންތައްތައް ފައިދާހުރި ކަންތައްތަކަށް އަބުރާލާށެވެ.  
6.      ހަމަނުޖެހުމަށް އޮންނަ ބާރަށްވުރެ ސުލުހައިގެ ބާރު މާވަރުގަދަވާނެއެވެ.
7.      ދެފަހަރު ދެގޮތަށް ވިސްނާ މީހަކަށް ނުވާށެވެ.  
8.      ތިމާއަށް ފަސޭހަ މައިދާނަކަށް ހަނގުރާމަ ގެންދާށެވެ.
9.      ކުއްލި އަކަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ލަސްލަހުން ބަދަލުގެންނާށެވެ.
10.  ޚިޔާލު ތަފާތުވިޔަސް ޢަމަލީ ނަތީޖާއަކަށް ވާސިލުވާށެވެ.  

ކީރިތި ރަސޫލާގެ އަސްކަރީ ބައެއް ޑިސިޝަންތައް
މީލާދީން 624 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަދުވަހު ( ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވަނަދުވަހު) ހިނގި ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ސަފުތައް ތަރުތީބު ކުރައްވަމުން ވަޑައިގެންނެވިއެވެ. އެވަގުތު ސަވާދު ކިޔާ ސަހާބީއެއްގެ ބަނޑުފުޅުގައި ކީރިތި ރަސޫލާ ކަދުރު ރުކުގެ އޮށިކޮޅަކުން ބީއްސަވާލައްވާ ސަފަށް ވެންނެވުމަށް ދެންނެވިއެވެ. އެހިނދު ސަވާދު ވިދާޅުވިއެވެ. ކަލޭގެފާނުގެ ތިޔަ ޢަމަލުފުޅުގެ ބަދަލު ހިފަން ބޭނުމެވެ. އެހިނދު ސަވާދު ހުންނެވީ ހުސް ހަށިކޮޅާ ކަމަށްވީތީ ކީރިތި ރަސޫލާ ހެނދުންކޮޅު ކަޝްފުކޮށްދެއްވިއެވެ. ހަނގުރާމައިގެ އިސް ކޮމާންޑަރަކު މިއަދު މިގޮތަށް ޢަމަލުކުރައްވާނެ ހެއްޔެވެ؟ 

އިސްލާމީ ތާރީޚަށް ބަލާއިރު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި ހިނގި އެންމެ ނުރައްކާތެރި އެއްހަނގުރާމައަކީ އުހުދު ހަނގުރާމައެވެ. މީލާދީން 625 ވަނަ އަހަރުގެ މާޗްމަހުގެ 19 ވަނަ ދުވަހު ( ހިޖުރައިން 3 ވަނަ އަހަރުގެ ސައްވާލުމަހުގެ 3 ވަނަ ދުވަހު) ހިނގި އުހުދު ހަނގުރާމައިގައި އިސްލާމުންނަށް ނުހަނުބޮޑެތި ގެއްލުންތައް ލިބި އެތައް ސަހާބީންނެއް ޝަހީދުވެ، ޚުދު ކީރިތި ރަސޫލާގެ ހަށިކޮޅުވެސް ޒަޚަމުވެވަޑައިގެންނެވި މައިގަނޑު ސަބަބަކީ ކީރިތި ރަސޫލާ އުހުދު ފަރުބަދަ މަތީގައި ބައިތިއްބެވި ދުނި ޖަހާމީހުންގެ ތެރެއިން ބަޔަކު އިތުރު ރަސޫލާގެ ޢަމުރުފުޅަކާނުލައި މަޤާމު ދޫކޮށްލެއްވުމެވެ. އެބޭފުޅުންނާމެދު ކީރިތި ރަސޫލާ ޢަމަލުފުޅުކުރެއްވި ގޮތަކީ ކޮބައިތޯއެވެ؟
އެހެން ހާދިސާއެކެވެ. މީލާދީން 630 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަދުވަހެވެ. އެއީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހެވެ. މައްކާ ފަތަޙަ ކުރެއްވުމަށް ކީރިތި ރަސޫލާ މަދީނާއިން ލަޝްކަރައިގެން ނިކުމެވަޑައިގެންނެވީ ސިއްރިޔާތުގައެވެ. އަބޫބަކުރުގެފާނުފަދަ އެކަލޭގެފާނާ އެންމެ އަރިސް ބޭފުޅުންގެ އަރިހުގައިވެސް އެވާހަކަފުޅު ވިދާޅެއްނުވެއެވެ. ސަހާބީ ބޭކަލެއްކަމަށްވާ ހާޠިބު އަށް މިކަން އެނގިވަޑައިގެން ސިޓީއެއް ލިޔުއްވާ މައްކާގައި ތިބި އެކަލޭގެފާނުންގެ އާއިލާގެ ބޭފުޅުންނަށް އެންގެވުމަށް ހަވާލުކުރެއްވިއެވެ. ކީރިތި ރަސޫލާ ވަންހަނާ ކުރައްވާފައިވާ އިސްލާމީ ލަޝްކަރުގެ ބޮޑު ސިއްރެއް ހާމަކުރެއްވުމަށް މަސައްކަތް ކުރެއްވުމުން ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތަކީ ކޮބައިތޯއެވެ؟
އެހެން ހާދިސާއެކެވެ. ތަބޫކު ހަނގުރާމައިގައި ބައިވުމަށް މުނާފިޤުންނާއި ބައެއް މުސްލިމުންވެސް އުޒުރަކާ ނުލައި ފަސްޖެހިވަޑައިގަތެވެ. ހަނގުރާމައަށްފަހު މުނާފިޤުން ދޮގު ހަދައިގެން ތަފާތު އުޒުރުތައް ދަންނަވާ ހެއްދެވިއެވެ. އެބައި މީހުންނަށް އެއްވެސް އަދަބެއް ނުދެއްވައެވެ. އެކަމަކު ކަންހިނގާދިޔަގޮތް އިސްލާމުންގެ ތެރެއިން ހަނގުރާމައިގައި ބައިވެރިވެވަޑައި ނުގެންނެވުނު ކައުބު ބުނު މާލިކު ވިދާޅުވިއެވެ. އެ ހިނދު ކައުއިތުރު ރަސޫލާ، ކައުބު އެވިދާޅުވީ ތެދަށްކަމަށް ހަދީސްފުޅު ކުރެއްވިއެވެ. އެކަމަކު މުސްލިމުންގެ ތެރެއިން އުޒުރަކާނުލައި ހަނގުރާމައަށް ދިއުމަށް ފަސްޖެހިވަޑައިގެންނެވި ތިން ބޭފުޅުންނަށް އަދަބު ދެއްވިއެވެ. އެބޭފުޅުންނާ ގުޅުންކެޑުމަށް މުސްލިމުންނަށް އެންގެވިއެވެ. އެބޭފުޅުންގެ ތަޢުބާ ﷲ ޤަބޫލުކުރައްވަންދެން އެގޮތުގައި ދެމިހުންނެވިއެވެ. މުނާފިޤުން ހެދީ ކަނޑައެޅިގެން ދޮގުކަން އެނގިވަޑައިގެން ހުންނަވާ އެމީހުންނަށް އަދަބު ނުދެއްވާ މުސްލިމުންގެ ތެރެއިން ހަނގުރާމައިގައި ބައިވެރި ނުވި ބޭކަލުންނަށް އަދަބު ދެއްވީ ކީއްވެގެންހެއްޔެވެ؟
އިސްވެ ދެންނެވުނު ހަތަރު ހާދިސާއަކީ ހަނގުރާމައާ ގުޅުންހުރި ހަތަރު ހާދިސާއެވެ. ބަދުރު ހަނގުރާމައިގެ ދުވަހު އިތުރު އެކަލޭގެފާނުންގެ ސަހަބީއެއް ކަމަށްވާ ސަވާދުގެ ބަނޑުފުޅުގައި ކަދުރު ކުރުގެ އޮށިކޮޅަކުން ބީއްސަވާ ލެއްވުމުން ސަވާދު އިތުރު އެކަލޭގެފާނުންގެ އަރިހުން ބަދަލު ހިތްޕެވުމަށް އެދި ދެންނެވީ އެއް ގޮތަކަށްވެސް މާތް ސާހިބާއާމެދު ހިތުގައި ނަފުރަތެއް ނުވަތަ ނުރުހުމެއް އޮވެގެންނެއްނޫނެވެ. އެކަމަކު ޝަހީދުވެގެން ﷲ ގެ ޙަޟްރަތަށް ދާއިރު އެންމެފަހުން ބޮސްދެއްވި ހަށިކޮޅެއް ކަމުގައި އިތުރު ނަބިއްޔާގެ މާތް ހަށިކޮޅު ހެއްދެވުމުގެ ނިޔަތުގައެވެ. ކީރިތި ރަސޫލާގެ ބަނޑުފުޅު ކަޝްފުކޮށްދެއްވުމުން ސަވާދު ބޮސްދެއްވާ އުފާފާޅުކުރެއްވިއެވެ. ބަދުރު ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންނެވިއެވެ.
އުހުދު ހަނގުރާމައިގެ ދުވަހު "ތިމަންނަމެންގެ މަސްތައް ދޫނިތައް އައިސް ކާތަންފެނުނަސް ފަރުބަދަމަތިން ނުފޭބުމަށް" ކީރިތި ރަސޫލާ އަންގަވާ ޢަމުރުކުރެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހަނގުރާމަ ނިމުނީ ކަމަށް ބައްލަވާ ފަރުބަދަ ދޫކުރައްވާ ޣަނީމާ މުދާ އެއްކުރައްވަން ފައިބާ ވަޑައިގެންނެވިއެވެ. އެބޭފުޅުންނާމެދު ހަރުކަށި ފިޔަވަޅެއް ކީރިތި ރަސޫލާ އެޅުއްވި ކަމަކަށް އިތުރު އެކަލޭގެފާނުގެ ސީރަތުން ފެންނާކަށްނެތެވެ. އެކަން ހިނގާދިޔައީ އޮޅުމެއްގެ ތެރޭގައިކަމަށް ގިނަ ޢިލުމުވެރިން ވިދާޅުވެއެވެ. ފަރުބަދަ މަތިން ފޭބި ބޭފުޅުން ޤަބޫލު ކުރެއްވީ ހަނގުރާމަ ނިމުނީ ކަމަށާއި ހަނގުރާމަ ނިމުމަށްފަހު ކީރިތި ރަސޫލާ ހަނގުރާމައަށް ޤާއިމުކުރެއްވި މަޤާމެއްގެ ބޭނުންފުޅެއް ނޯންނާނެ ކަމަށެވެ. ފަރުބަދަ މަތީގައި ނުފައިބާ ތިއްބެވި ބޭފުޅުން އެގޮތުގައި ތިއްބެވީ ކީރިތި ރަސޫލާ ވަރަށް ބޮޑަށް އެބޭފުޅުންނަށް ފަރުބަދަމަތިން ނުފޭބުމަށް އަންގަވާ ޢަމުރުކުރައްވާފައިވާތީއެވެ.
މައްކާ ފަތަޙަ ކުރެއްވުމަށް އިސްލާމީ ލަޝްކަރު ނިކުން ޚަބަރު ހާޠިބު މައްކާއަށް ފޮނުއްވި މައްސަލަ ރަސޫލާ ބެއްލެވިއެވެ. އެކަމާމެދު ސުވާލުކުރެއްވުމުން ހާޠިބު ދެންނެވިއެވެ. އެސިޓީ ފޮނުއްވީ އެހެން މީހުންގެ އާއިލާތަކަށް އެހީވާނެ ފަރާތްތައް މައްކާގައި ތިބި ނަމަވެސް ހާޠިބުގެ އާއިލާއަށް އަޅާލާނެ ބަޔަކު ނެތުމުން އެބައިމީހުންގެ މައްޗަށް އުފެދިފައިވާ ރަޙުމެއްގެ ބޮޑުކަމުންނެވެ. އެއްގޮތަކަށްވެސް ﷲ އާއި އެކަލާނގެ ރަސޫލާ ޤަބޫލު ނުކުރައްވާތީއެއް ނޫނެވެ. އެހިނދުވެސް އެކަލޭގެފާނަކީ މުސްލިމެއް ކަމަށާއި ﷲ އާއި ރަސޫލާ ތެދުކޮށް ޤަބޫލުކުރާ ކަމަށް ވިދާޅުވިއެވެ. އެވަގުތު ޢުމަރުގެފާނު ، ހާޠިބުގެ އިސްތަށިފުޅު ކަނޑައިގަތުމަށް އިޒުނައަށް އެދިވަޑައިގެންނެވިއެވެ. އެހެންނަމަވެސް ހާޠިބުއަކީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި މުޖާހިދެއްކަމާއި އެހަނގުރާމައިގައި ބައިވެރިވި މުސްލިމުތަކުންގެ ފާފަތައް ﷲ ފުއްސަވާފައިވާ ކަމަށް ހަދީސްފުޅު ކުރައްވާ ހާޠިބު ދޫކޮށްލެއްވިއެވެ.
ތަބޫކު ހަނގުރާމައިގައި ބައިވެރިވުމަށް އުޒުރަކާނުލައި ނުދިޔަ މުނާފިޤުންނާއި މުސްލިމުންނާ ދެމެދު ދެގޮތަކަށް ކީރިތި ރަސޫލާ ޢަމަލު ކުރެއްވީ އިސްލާމީ ޝަރުޢީ ނިޒާމުގެ ދަށުންނެވެ. އިސްލާމީ ޝަރީޢަތަކީ ބޭރުފުށަށް ހިނގާ އެއްޗެކެވެ. ކުށަށް އިޢުތިރާފުވި ބޭފުޅުންނަށް އަދަބު ދެއްވެވީއެވެ. ޙަޤީޤަތަކީ އެ އަދަބުގެ ސަބަބުން އެބޭފުޅުންގެ ތަޢުބާ ﷲ ޤަބޫލުކުރައްވާ އިސްލާމީ ލަޝްކަރު ބަދަހި ކުރެއްވުމެވެ. މުނާފިޤުންނަށް އަދަބު ދެއްވިނަމަވެސް އެކަމަކުން ނިކުންނާނެ ހެޔޮ ނަތީޖާއެއް ނެތެވެ. އިތުރަށް މުސްލިމުންގެ ތެރޭގައި ފިތުނަ އުފެއްދުމާއި ކާފަރުކަން އާންމުކޮށްގެން އުޅުން ފިޔަވައެވެ.


ރިފަރެންސް:
ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ (2008) / ރައީސް އޮފީސް
މިނަރެޓް ސެޕްޓެމްބަރގެ އިޝޫ، "ޕްރޮފެޓިކް ޕްރިންސިޕަލްސް އޮފް ސަކްސަސް" މުޙައްމަދު ވ. ޚާން (1998)
އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން

No comments: