ޢަބްދުﷲ ސަޢީދު
· 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވައިގެމަގުން ހުޅުލެއަށް ދަތުރުކުރަން ފެށުމާ ގުޅިގެން ދަތުރު އޮންނަ ދުވަސްތަކުގައި ސިފައިން ހުޅުލެއަށް ގޮސް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަމުން ގެންދިޔައެވެ.
· 12 އެޕްރީލް 1966: ދިވެހީން ހުޅުލޭގައި ބިނާކުރި އެއަރޕޯޓް ހުޅުވުމާއެކު އެއަރޕޯޓަށް ބޯޓް ޖައްސާ ދުވަސް ދުވަހު ސިފައިން ހުޅުލޭގައި ފޯރިމަރަންފެށިއެވެ.
· 25 ޖުލައި 1966: ސްރީލަންކާއަށް ފަޔަރ ބްރިގޭޑުންގެ ތަމްރީނު ހޯދުމަށް ސިފައިންގެ 10 ފޮނުއްވިއެވެ. މި ބޭކަލުން ތަމްރީނުވެގެން ރާއްޖެއައުމާ އެކު ހުޅުލޭގައި ފުރަތަމަ ފަހަރަށް ސިފައިން ޤާއިމުވެ ތިބެ އަލިފާން ނިއްވުމުގެ ޚިދުމަތް ދޭންފެށިއެވެ. އަދި ބޯޓް ޖައްސާ ދުވަސްދުވަހު ހުޅުލެއަށް ޑިއުޓީއަށްދާ ސިފައިންގެ ކަންތައްތައް ހުޅުލޭގައި ބެލެހެއްޓުމުގެ ކަންތައްތައް ކުރީ ސިފައިންގެ ފަޔަރ ބްރިގޭޑުންނެވެ.
· 20 ނޮވެންބަރު 1978: ހުޅުލެއަށް ބޯޓު ޖައްސާ ކޮންމެ ދުވަހެއްގެ ހެނދުނު 0645 އަށް ސިފައިންގެ ޑިއުޓީ މޭޒުން ސިފައިންގެ 2 ބޭކަލުން ހުޅުލޭ ސެކިއުރިޓީއަށް ފޮނުވަން ފެށްޓިއެވެ.
· 11 ނޮވެންބަރު 1981: ހުޅުލޭ އެއަރޕޯޓް ތަރައްޤީކޮށް "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް" ގެ ނަމުގައި ހުޅުލޭ އެއަރޕޯޓް އަލުން ހުޅުވުމާއެކު ހުޅުލޭގައި އަބަދުވެސް ސިފައިން ޤާއިމުވެ ތިބޭގޮތަށް ހަމަޖެހިގެންދިޔައެވެ. މި ދުވަހު ހުޅުލޭ ސެކިއުރިޓީންގެ އަދަދަކީ 12 ކަމުގައި ހަމަޖައްސައި، ސިފައިން ތިބޭ ތަނެއްކަމުގައި އެންއެސްއެސް އެއަރކްރާފުޓް ހެނގަރު ހަމަޖެއްސިއެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު ހުޅުލޭ ސެކިއުރިޓީގެ ކަންތައްތައް ސިފައިން ބަލަހައްޓަމުން އައީ މިގޮތަށެވެ.
· 4 ޖުލައި 1989: ހުޅުލޭގައި "އިމަޖެންސީ ފޯސް" ޤާއިމުކުރެވުނެވެ. މިއީ 12 ވަނަ އަސާސީ ތަމްރީނު ކޯސް ސިފައިންގެ ތެރެއިން 30 މީހުންގެ ޕްލެޓޫނެއް ހުޅުލޭގައި ތިބި އިންޑިއާ ސިފައިންނަށް އެހީތެރިވުމަށް ފޮނުވުނު ދުވަހެވެ.
· 11 މާރިޗު 1990: ކްއިކް ރިއެކްޝަން ފޯސް 1 (ކިޔުއާރުއެފް ޔުނިޓް 1) އުފެއްދިއެވެ. މިއީ، "ހުޅުލޭ އިމަޖެންސީ ފޯސް"ގެ ނަން ކިޔުއާރުއެފް ޔުނިޓް 1ގެ ނަމަށް ބަދަލުކުރި ދުވަހެވެ. މި ބަދަލު ގެނައީ އިނގިރޭސި އިންސްޓްރެކްޓަރުންގެ ޓީމަކުން ހިންގި ފުރަތަމަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ އަށްފަހުގައެވެ.
· 1 ނޮވެންބަރު 1992: އެއަރޕޯޓް ސެކިއުރިޓީ ޔުނިޓް (އޭއެސްޔޫ) އުފެއްދެވިއެވެ. މިއީ ކުރިން "ހުޅުލޭ ސެކިއުރިޓީ"ގެ ނަމުގައި އެއަރޕޯޓް ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ސިފައިންގެ ބޭކަލުންނާއެކު ސެކިއުރިޓީގެ ކަންތައްތައް ހަރުދަނާކުރުމަށް އުފެއްދެވި ޔުނިޓެކެވެ.
· 21 އެޕްރީލް 1994: ރީޖަނަލް ހެޑްކްއޯޓަރޒެއްގެ ގޮތުގައި "ރީޖަނަލް ހެޑްކްއޯޓަރޒް-ހުޅުލެ" ހަމަޖެއްސެވިއެވެ.
· 7 ޑިސެންބަރު 2000: އާރުއެޗްކިޔު ހުޅުލެއާއި ކިޔުއާރުއެފް 1 އަކީ އެއް އެޑްމިނިސްޓްރޭޝަނެއްގެ ދަށުން ހިނގާ ދެ ޔުނިޓްކަމުގައި ހަމަޖެއްސެވިއެވެ.
· 1 މާރިޗު 2003: ހުޅުލޭގައި އޮތް ކިޔުއާރުއެފް 1 އާއި އެއަރފޯޓް ސެކިއުރިޓީ ޔުނިޓް "ރީޖަނަލް ހެޑްކްއޯޓަރޒް – ހުޅުލެ" ގެ ދަށުން މަސައްކަތްކުރާ ދެ ޔުނިޓްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
· 21 އެޕްރީލް 2003: އާރުއެޗްކިޔު ހުޅުލޭގެ ދަށުން ހިނގަމުންއައި ޕޯޓް ސެކިއުރިޓީގެ މަސައްކަތްތައް ކޯސްޓްގާޑަށާއި ރީޖަނަލް ހެޑްކްއޯޓަރޒްތަކަށް ބަދަލުކުރެއްވިއެވެ.
· 1 މޭ 2003: އެމްއެންޑީއެފްގެ މަރުކަޒުތައް ރީޖަނަލް ހެޑްކްއޯޓާރޒުގެ ދަށަށް ބަދަލު ކުރެއްވި ކުރެއްވުމުގައި އެންއެސްއެސް ކ. ތުލުސްދޫ، އެންއެސްއެސް އއ. ރަސްދޫ، އެންއެސްއެސް އދ. މަހިބަދޫ "ރީޖަނަލް ހެޑްކްއޯޓަރޒް – ހުޅުލެ" ގެ ދަށަށް ބަދަލު ކުރެއްވިއެވެ.
· 21 އެޕްރީލް 2008: ރެޕިޑް ރިއެކްޝަން ފޯސް (އާރުއާރުއެފް) އުފެއްދިއެވެ. އަދި ހުޅުލޭގައި އޮތް ކްއިކް ރިއެކްޝަން ފޯސް 1 (ކިޔުއާރުއެފް 1) ނަން ރެޕިޑް ރިއެކްޝަން ގްރޫޕް 1 (އާރުއާރުޖީ 1) އަށް ބަދަލުކުރިއެވެ.
· 24 ޑިސެންބަރު 2008: ރެޕިޑް ރިއެކްޝަން ގްރޫޕް 1 (އާރުއާރުޖީ 1) އުވާލައި އެ ޔުނިޓްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލެއާ ހަވާލުކުރިއެވެ.
· 15 މާރިޗު 2009: މެރިން ކޯރ އުފެއްދިއެވެ. މި ދުވަހަކީ "ރެޕިޑް ރިއެކްޝަން ފޯސް"ގެ ނަން "މެރިން ކޯރއަށް" ބަދަލުކުރި ދުވަހެވެ.
· 25 ޖުލައި 2009: "އެމްއެންޑީއެފް ސެންޓްރަލް އޭރިއާ" އުފެއްދިއެވެ. ސެންޓްރަލް އޭރިއާ އުފެއްދުމަށްފަހު ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒް ހުޅުލޭގައި ޤާއިމުކުރިއެވެ. އަދި އެމްޑީޔޫ 4 ހުޅުލޭގައި ޤާއިމުކޮށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދަށުން މަސައްކަތްކުރާ ޔުނިޓެއްގެ ގޮތުގައި އެމްޑީޔޫ 4 ހަމަޖެއްސިއެވެ.
· 30 ޑިސެންބަރު 2009: "އެމްއެންޑީއެފް މާލެ އޭރިއާ" އިފްތިތާޙުކުރެއްވިއެވެ. އޭރު ހުޅުލެ އޮތީ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒުގެ ގޮތުގައެވެ.
· 22 ސެޕްޓެންބަރު 2011: "އެމްއެންޑީއެފް ސެންޓްރަލް އޭރިއާ" ހެޑްކްއޯޓަރޒް ހުޅުލެއިން ލ. ކައްދޫއަށް ބަދަލުކުރިއެވެ.
· 11 ޖަނަވަރީ 2012: އެމްޑީޔޫ 4 "އެމްއެންޑީއެފް މާލޭ އޭރިއާ" (މިހާރުގެ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް) ގެ ދަށަށް ބަދަލުކުރެވުނެވެ.

No comments:
Post a Comment