Tuesday, August 1, 2023

އިސްދޫ އިސްލާމްކުރެއްވި ހާދިސާ

 



ޢަބްދުﷲ ސަޢީދު 
 
ހައްދުންމަތީ އިސްދޫއަށް އެ ނަން ކިޔެނީ އެ ރަށް އެ ސަރަޙައްދުގެ އެހެން ރަށްރަށަށްވުރެ އިސް ވީމައެވެ. އެ ރަށަކީ އެ ރަށް އިސްލާމް ކުރުމުގެ ކުރިން، ބުދު ދީނުގައި އޮތް އިރު ވެސް އިސް ރަށެކެވެ. އަދި އިސްލާމްކުރުމަށް ފަހުގައި ވެސް އެ އިސްކަން ދިވެހި ދައުލަތުން ދެއްވާފައިވާ ރަށެކެވެ. ދިވެހިރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރުއެވެ. އިސްދޫ އިސްލާމް ކުރެއްވީ އޭގެ ގާތްގަނޑަކަށް 42 އަހަރު ފަހުން 1195 ވަނަ އަހަރުއެވެ. އިސްދޫ އިސްލާމް ކުރެއްވީ އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ ތިން ވަނަ އަހަރުއެވެ. މި ރަދުން ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވީ މީލާދީން 1192 ވަނަ އަހަރުން 1198 ވަނަ އަހަރަށެވެ. 
 
 
ހައްދުމަތި ނުވަތަ ލ. އަތޮޅަކީ ބުދު ދީނުގެ ބޮޑެތި ވޭރުތައް ހުރި އަތޮޅެކެވެ. އޭގެ ތެރެއިން އިސްދޫއަކީ ރާއްޖޭގައި ބުދުދީން އޮތް ދުވަސްވަރު އެ ދީނުގެ ފައްޅިތަކާއި ހާމުދުރުން ދިރިއުޅުނު ތަންތަނާއި ބުދު ދީނުގެ އެކުވެނިތައް ހުރި އެ ދީނުގެ އިސް މަރުކަޒެކެވެ. 
 
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ކަނޑައެޅުއްވީ އައްސުލްޠާން މުޙައްމަދު އިބުނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާދުން ނުވަތަ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނު (1142-1165) އެވެ. އެ ރަދުންނަށް ފަހު ރަސްކަން ކުރެއްވީ އައްސުލްޠާން މުތެއި ކަލަމިންޖާ (1165-1184) އެވެ. އެއަށްފަހު ރަސްކަން ކުރެއްވީ އައްސުލްޠާން ޢަލީ ކަލަމިންޖާ (1184-1192) އެވެ. ދެން ރަސްކަން ކުރެއްވީ އިސްދޫ އިސްލާމް ކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާ ނުވަތަ ގަޑަނާދީއްތަ ރަދުންނެވެ. މި ރަދުންގެ ރަސްކަމުގައި ހައްދުންމަތީގައި އިސްލާމު ނުވެ އޭރު ހުރި ބުޑިސްޓް ރަށްރަށް އިސްލާމް ކުރެއްވުމުގެ މަސައްކަތްޕުޅެއް ފެށްޓެވިއެވެ. އޭގެ ތެރޭގައި ގަމާއި އިސްދުވާއި ދަނބިދޫ އިސްލާމް ކުރެއްވުން ހިމެނެއެވެ. އައްސުލްޠާން ދިނެއި ކަލަމިންޖާ ނުވަތަ ގަޑަނާދީއްތަ މަހާރަދުން ހިންގެވި މި ޚާއްޞަ އޮޕަރޭޝަންގެ ވާހަކަތައް އެނގެނީ އެ ރަދުންގެ ރަސްކަމުގައި ލިޔެފައިވާ ގަމު ލޯމާފާނު (1194/95) އާއި، އިސްދޫ ލޯމާފާނު (1195/96) އާއި، ދަނބިދޫ ލޯމާފާނު (1196/97) އިންނެވެ. 
 
އިސްދޫ އިސްލާމް ކުރެއްވުމުގެ މަސައްކަތްޕުޅުގެ ތެރޭގައި ކުރީގެ ރަސްރަސްކަލުން އެ ރަށުގައި އިމާރާތް ކުރައްވާފައިވާ ވޭރުތައް ނައްތާލެއްވިއެވެ. އަދި އެ ތާނގައި ހުރި ބޮޑު ބުދު އުފުރާލައިގެން މާލެ ގެންނަވައި ބުދު މުގުރާލެއްވީއެވެ. އެ ބުދުކޯލުތަކުގައި ތިބި ހުރިހާ ހާމުދުރުން ވެސް ހައްޔަރުކޮށްގެން މާލެ ގެންނަވައި އެންމެން ގަތުލުކުރެއްވީއެވެ. 
 
ރަށުގެ ރައްޔިތުންނަށް ދީނަށް ގޮވާލެއްވިއެވެ. އެ ގޮވާލެއްވުމަށް އިޖާބަދީ އިސްލާމްދީން ގަބޫލުކުރި މީހުން މިނިވަން ކުރައްވައި އެ މީހުންގެ ބިންތައް އެ މީހުންނަށް ދެއްވިއެވެ. އަދި ދެކޮޅުވެރިވީ އެންމެން ގަތުލުކުރެއްވީއެވެ. ކާފަރަކު އެ ރަށުގައި އުޅުން މަނާކުރައްވައި، އިސްލާމްވީ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަކޮށްދެއްވިއެވެ. އިސްދޫ ހަތް އަވަށަށް ބައްސަވައި، އިސްދޫގައި އުޅުމަށް ހުއްދަ ދެއްވި އިސް އާއިލާ ތަކަކީ ވެލާލުގެ، ދެނިގެ، ވަތިގެ، ފަސްވައްތިގެ އަދި ފުނަވައްތިގެ އާއިލާއެވެ.
 
ގަޑަނާދީއްތަ މަހާރަދުން އިސްދޫ އިސްލާމް ކުރެއްވުމަށްފަހު އެ ރަށުގައި ހިރިގަލުންނާއި ވަކަރުންނާއި ލަކުޑިން ވަރަށް ފުރިހަމަ މިސްކިތެއް ބިނާކުރެއްވިއެވެ. މިސްކިތް ބިނާކުރެއްވީ ވޭރުތައް ހުރި ސަރަޙައްދުގެ ބިންތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު ބިމުގައެވެ. މިސްކިތުގެ އިތުރުން މިސްކިތުގެ ގޯތި ތެރޭގައި ފަގީރުންނަށް ޒަކާތް ބަހާނެ ގެއަކާއި ތަކެތި ރައްކާކުރާނެ ކޮަށާރެއް ބިނާކުރެއްވިއެވެ. މި މިސްކިތަށް "ޖުމާ މަސްޖިދު" ނުވަތަ ހުކުރު މިސްކިތުގެ ނަމުން ނަން ދެއްވިއެވެ. އަދި ކުރިން ބުޑިސްޓް ވޭރުތަކަށް ރައްޔިތުންގެ އަތުން ނަގަމުން އައި އާމުދަނީ ދިވެހި ދައުލަތަށް ލިބޭގޮތް ހަމަޖައްސަވައި، މިސްކިތު ބޯގައަށް ދެއްވާ ތަކެތި ވެސް ހަމަޖެއްސެވިއެވެ. 
 
ދަނބިދޫ ލޯމާފާނުން އެނގޭ ގޮތުގައި އައްސުލްޠާން ދިނެއި ކަލަމިންޖާގެ ރަސްކަމުގައި ދަނބިދޫ އިސްލާމް ކުރެއްވީ އިސްދޫ އިސްލާމް ކުރެއްވުމުގެ އެއް އަހަރު ފަހުންނެވެ. ހައްދުންމަތީގައި އިސްލާމް ނުވެހުރި ރަށްރަށް އިސްލާމް ކުރެއްވުމުގެ މި ވަރުގަދަ ޖިހާދު ކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާއަކީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއްކަން މި ރަށްތައް އިސްލާމް ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުން އެކަނިވެސް އެނގިގެންދެއެވެ.

No comments: