Wednesday, July 8, 2020

ދިވެހިބަހުގެ ޝުޢޫރު

 


ޢަބްދުﷲ ސަޢީދު

 

ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ.

 

ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި މީހާއާމެދު ވެސް އިހާނެތިކޮށް ހިތާ ދަރިން އުޅެއެވެ. އަދި އަމިއްލަ އުފަން ދަރިން މަރާފައިވާ މައިން ވެސް މި ދުނިޔެ ދެކެއެވެ. ލޯބިވުމާއި ނުވުމުގައި އޮންނަނީ ލޯބި ދޭންވީ މީހާގެ ހައިސިއްޔަތެއް ނޫނެވެ. ލޯބިވާން ހުރި މީހެއްގެ އަޚްލާޤިއްޔަތެވެ.

 

ތިބާ އަހުރެން ދިރިދެމިއޮތުމަށް އެދެމުހެއްޔެވެ؟ ކުރިއަރައި ދިއުމަށް ބޭނުންވޭ ހެއްޔެވެ؟ މިއަދު އެއީ ތިބާ ރުހުނަސް އަދި ނުރުހުނަސް ތިބާގެ ބޮލުގައި އެޅިފައިވާ ޤައުމީ އަމާނާތެކެވެ. އެ އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ. އެކަމަށް ހިތަށް ވެސް ނާރުވާށެވެ. އެއީ އެތައް ޖީލެއްގެ ޤުރުބާނީއެވެ. އެތައް ބައެއްގެ ރެއާއި ދުވާލުގެ ބުރަ މަސައްކަތެވެ. އިސްވެ ދިޔަ އެތައް ބައެއްގެ އުންމީދެވެ. މި ހުޅުކޮޅު ތިބާގެ އަނގައިން ފުމެ ނިއްވާލައިފިނަމަ އެއީ ތިބާގެ ގޮތެއް ނެތްކަމެވެ.

 

ދިވެހިން އަހުރެން އޮތްތަނަކުން ކޮނެ ނަގައި، ބޭނުންކުރަން ކުރަން ފެށުމުގައި އަހުރެންގެ ކުށެއް ނެތެވެ. އަހުރެން ބޭނުންކުރާނަމަ އަހުރެން ދިރިދެމިއޮތަދޭށެވެ. ކުރިއަރައި ދިއުމަށް މަސައްކަތް ކޮށްދޭށެވެ. ތިބާ ވެސް ތަރައްޤީއާއި ކުރިއެރުން ބޭނުންވާ ފަދައިންނެވެ.

 

ތިބާ ވިސްނާލަ ބަލާށެވެ. އަހުރެންގެ އަމިއްލަ އަކުރެއް އޮތުމަކީ ތިބާއަށް ލިބޭ ފަޚުރަކަށް ނުވޭ ހެއްޔެވެ؟ މިއީ އަހުރެން މަރުނުވެ ދިރިއޮތުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. އެންމެ ބޮޑު ހިތްވަރެވެ. މާޔޫސްވާ އެތައް ފަހަރަކު ހަށިފޮޅާލައި ތެދުވެވޭ ސަބަބެވެ. އެތައް ގޮތަކުން އެތައް ހަމަލާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެކިއެކި ބޮޑެތި ބިޔަ ބަސްބަހުގެ ނުފޫޒާއި ބާރުގެ ދަށުގައި ފިތާލާން އެތައްއެތައް ކަމެއް ތިބާ ކޮށްފީމުއެވެ. އަހުރެންގެ އަގު ވައްޓާލައިފީމުއެވެ. އަހުރެންނަކީ އެއްވެސް މީހެއް ނޫންކަމަށް ދައްކައިދީފީމުއެވެ. އަހުރެންނަކީ އެއްވެސް ބޭނުމެއް ހިފޭނެ މީހެއް ނޫނޭ ބުނެފީމުއެވެ. ހިތް ފަޅައިގެންދާހާ ވެއެވެ. އެކަމަކު ކެތްކުރީމެވެ. އަމިއްލަ ނަފުސަށް ހިތްވަރު ހޯދީމެވެ. މާޔޫސްވެ ގޮތް ހުސްވެެގެންނެއް ނުދަމެވެ. ވެއްޓުނު ކޮންމެ ފަހަރަކު މި ޤައުމުން އުފެއްދި ޤައުމު ދެކެ ލޯބިވާ ކޮންމެ ވެސް ބައެއްގެ ހިންމަތާއި މިންނަތުން ވެލި ފޮޅާލާފައި ތެދުވީމެވެ. އެއިން ކޮންމެ ފަހަރަކު އަހުރެންގެ ވާގިވެރިއަކީ މި ބަހުގެ ރީތި އަކުރެވެ. އަމިއްލަ ވަންތަ އަމިއްލަ އަކުރެވެ. އެއީ އަހުރެންގެ ފަޚުރެކެވެ.ތިބާގެ ފަޚުރެކެވެ. ތިބާއަށް އެކަން ނޭނގެނީއެވެ.

 

އަހުރެންގެ ބަސްކޮށާރޭތޯއެވެ؟ ބަހުސްކުރުންތެރިންނާއި ޢިލްމީ ދިރާސާކުރާ ފަރާތްތަކުން ވެސް އަޑު އަހާށެވެ. ވާހަކަ ދެއްކުންތެރިންނާއި މުދައްރިސުންނާއި ވެރިން ވެސް ކަންފަތެއް ދޭށެވެ. އަހުރެންގެ ބަސްކޮށާރު ތިބާމެން ތިޔަ ދެކެނީ ބަސްފޮތުންނެވެ. ލަފުޒުތައް ތިޔަ ގުނަނީ ރަދީފުންނެވެ. ތެދެކެވެ. އެއީ ދުނިޔޭގެ އެހެނިހެން ބަސްތަކާއަޅާ ބަލާއިރު ވަރަށް މަދު އަދަދެއްގެ ލަފުޒުކޮޅަކަށް ވެދާނެއެވެ. އެކަމަކު އެ ފޮތްތަކުގައި ހިމެނިފައި ނެތީ ކިތައް ލަފުޒުތޯ ބަލައި ނުލާނަން ހެއްޔެވެ؟ ތިބާ ވާހަކަ ދައްކާއިރު ބޭނުންކުރާ އެތައް ލަފުޒެއް އެ ބަސްފޮތްތަކުގައި ނެތުމަކީ އަހުރެންގެ ކުށެއް ހެއްޔެވެ؟ އަހުރެންގެ އެތައް ބަހުރުވައެއް ހުރިއިރު ހަމައެކަނި ރަސްމީ ބަހުރުވަ ދިރުވާ އާލާކުރުމުގައި އަހުރެންގެ ކުށެއް ދައްކައިދީބަލާށެވެ.

 

ޙަޤީޤަތުގައި ބަސްކޮށާރަކީ އެބައެއްގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗެކެވެ. ދިވެހިރާއްޖެއަކީ ޤަދީމީ ޤައުމެކެވެ. މި ޤައުމުގެ މީހުން އިހު އެންމެ އެވޭލާ ޒަމާނުއްސުރެ ފެށިގެން ވާހަކަ ދައްކައި އުޅުނީ ކިހިނެއްހެއްޔެވެ؟ އަޑުއަހާށެވެ. އެ މީހުންނާއި ތިބާގެ ވެސް މުއާމަލާތުގެ މެދުވެރިއަކީ އަހުރެންނެވެ. އޭރަކީ ދިވެހިން މަސްވެރިކަންކޮށް، ދަނޑުވެރިކަންކޮށް، ރުއްއަރާ އުޅުނު ޒަމާނެވެ. ފަރުހިލާ، ރޯނުވަށައި، ވާއަޅައި، ކުނާވިޔެ ހެދި ޒަމާނެވެ. ގޯތިގެދޮރު ދަނޑިފަނުން އަޅައި، ބައްތެލި ފަހަރާއި އޮޑި ދޯނި ފަހަރުގައި ކަނޑުދަތުރުފަތުރުކުރި ޒަމާނެވެ. އެއިން އެއްވެސް އެއްޗެއްގައި ބޭނުންކުރާ ކިތަންމެ ކުޑަ އެއްޗަކަށް ވެސް ނަން ނުކިޔާ އެބައޮތް ހެއްޔެވެ؟ އެއީ ފަންޑިތަވެރިކަމާއި ދިވެހި ބޭސްވެރިކަމުގެ ޒަމާނެވެ. މި ރާއްޖޭގައި ހެދޭ އެއްވެސް ގަހަކަށް ފަތްޕިލާވެއްޔަކަށް އަދި ބޭނުންކުރި ދިވެހި ބޭހަކަށް ދިވެހިން ނަން ނުދީ އެބައޮތް ހެއްޔެވެ؟ ހަފުތާގެ ދުވަސްތަކާއި ނަކަތްތަކާއި މޫސުންތަކަށް ދީފައިވާ އެހެރަ ރީތި ހިތްގައިމު ނަންތައް ނުފެނޭ ހެއްޔެވެ؟ ދޫނިސޫފާސޫޕާއި ދިރޭ އެއްޗެއްސަށް ނަން ނުދީ އިހުމާލެވެފައި އެބައޮތް ހެއްޔެވެ؟ ނެތެވެ. މި ޒަމާނުގައި އެތަކެއްޗަށް ކިޔާ ނަންނަން ތިބާއަށް ނޭނގުމަކީ އަހުރެން ޒިންމާ އުފުލަންޖެހޭ ކަމެއްކަމަށް ނަހަދާށެވެ.

 

މިއަދުގެ ޙަޤީޤަތާ ކުރިމަތިލާން ނުކެރިގެން ދިޔަ އުޅެނީ ތިބާއެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކަށް އަމިއްލަވަންތަކަމުގައި ފައިހަމަކުރަން ނޭނގިގެން ތިޔަ އުޅެނީ ތިބާއަށެވެ. އައު ލަފުޒުތައް އެކި ބަސްބަހަށް އިތުރުކުރުމަކީ ތިބާ އެ ބަސްބަހަށް ގަދަރުކުރާ ބަސްބަހުގެ އަހުލުވެރިން މިއަދު ވެސް ކުރާ ކަމެއްކަން ގަބޫލުނުކުރެވިގެން ތިޔަ އުޅެނީ ތިބާއަށެވެ. ދިވެހި ބަހުގެ އާ ލަފުޒެއް ފެންނައިރަށް މަލާމާތާއި ފުރައްސާރަ ތިޔަ ކުރަނީ އެހެންވެ ނޫން ހެއްޔެވެ؟

 

ތިބާގެ ކާބަފައިން އެ ވެރިންގެ ޒިންމާ އެ ދުވަހު އަދާކުރިއެވެ. ކިތަންމެ ރަނގަޅަކަށް ވެސް އެކަން ކުރިއެވެ. ތިބާގެ ކާބަފައިން ތިބާއަށް ވުރެ މޮޅީހެއްޔެވެ؟ ޢިލްމީގޮތުން ކުރިއަރާ ގޮސްފައި ވަނީ ހެއްޔެވެ؟ މި ސުވާލާމެދު ވިސްނާލާފައި ތިބާ ޖަވާބެއް ދޭށެވެ. އެކަަމަކު އެއްކަމެއް އަހުރެންނަށް ޔަގީނެވެ. އެ ވެރިން އަހުރެންނަށް ހާމަހާ އޯގާތެރިއެވެ. އަހުރެންދެކެ ހާދަހާ ލޯބިވިއެވެ. ދިވެހިންގެ އާބާދީއާއި ކުރަމުންދިޔަ މަސައްކަތްތަކާއި ދުނިޔެއަށް ހުޅިފައި އޮތް މިންވަރާ އަޅާބަލާއިރު ބަސްކޮށާރު ތަނަވަހެއް ނޫނެކޭ ނުބުނެވޭނެއެވެ. މިއަދު ދިވެހި ބަސްކޮށާރު ތަނަވަސް ކުރުމާއި ނުކުރުމުގެ އަމާނާތްތެރިއަކީ ތިބާއެވެ. އެ އަމާނާތް އަދާކުރަން އެ ޒިންމާ އުފުލަން ނުޅުދިގެން ތިޔަ އުޅެނީ ތިބާއެވެ. ބަހަނާ ތިޔަ ދައްކަނީ ތިބާއެވެ.

 

ތެދެކެވެ. މިއީ އިއްޔެއެއް ނޫނެވެ. ޢިލްމީ ގޮތުންނާއި ފަންނީގޮތުން ދުނިޔެ ވަނީ ކުރިއަރާފައެވެ. ރާއްޖެ ވެސް ވަނީ ދުނިޔެއަށް ދުވަހަކު ވެސް ނުހުޅުވޭ މިންވަރަށް ހުޅުވިފައެވެ. އަހުރެން ދިރުވާ އާލާކޮށް ޒަމާނާ ގުޅުވައިދޭން ހުރީ ތިބާއެވެ. ކުރިން އެކަންކުރި ކާބަފައިން ތިބީ ކައްވަޅުތަކުގައެވެ. ޢިލްމީ އަދި ފަންނީ ވާހަކަތަކާއި ލިޔުންތަކުން ދިވެހި ބަސްކޮށާރު މުއްސަނދި ކުރުމުގެ ޒިންމާ އުފުލައިދޭށެވެ. ފަހަތު ފަޔަށް ބުރަ ނުވާށެވެ. ތިބާގެ ކާބަފައިން ހަވާލުކުރި އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ. ޤައުމަށާއި ޤައުމިއްޔަތަށް ވަފާތެރިވާށެވެ.

 

ތިބާއަކީ ކާކުކަން ބުނެދެނީ އަހުރެންނެވެ. ތިބާ ތިބާއަށް ހަދައިދިނީ އަހުރެންނެވެ. މިއީ ތިބާގެ އެންމެ ވަރުގަދަ އައިޑެންޓިޓީއެވެ. އަޅެ ބުނެދީބަލާށެވެ. އަހުރެންނަށްޓަކައި ތިބާ ފަޚުރުވެރިވޭ ހެއްޔެވެ. މި ސުވާލުގެ ޖަވާބަކީ "ނޫނެކޭ" ނަމަ ތިބާއަކީ މި ޤައުމު ދެކެ ލޯބިވާ މުއާތިނެއް ނޫނެވެ. އެހެންވިއްޔާ ތިބާ، ތިބާގެ މަންމަ ދެކެ ވެސް ލޯބި ވާނެޔެކޭ އަހުރެންގެ ހިތެއް ނުބުނެވެ. ތިބާ، ތިބާގެ މަންމަ ދެކެ ލޯބިވަންޏާ ލޯބި ވަނީ އެ މަންމައަކީ އެންމެ ފުރިހަމަ، އެންމެ ރީތި، އެންމެ މުއްދަސަނދި މީހާއަށް ވީމަތޯއެވެ؟ ނޫނެކެވެ. އާދޭސްކޮށްފައި ބުނަމެވެ. ވިސްނާލަބަލާށެވެ.

 

ފޮޓޯ: މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަފުލާއެއްގައި ދަރިވަރެއްގެ ހުށަހެޅުމެއް. ފޮޓޯ ކުރެޑިޓް: ސަން

No comments: