Tuesday, August 18, 2020

ދިވެހިރާއްޖެ އިސްލާމްވުން - ރަންނަމާރިއަކީ ރަދުންތަ؟

 


ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖެ އިސްލާމްވީ ގޮތްކަމަށް ކިޔާ ވާހަކައިގައި އުޅޭ ރަންނަމާރިއަކީ އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ރަދުން ހެއްޔެވެ؟ މި ކަމުގައި ތާރީޚީ އެއްވެސް ޙަޤީޤަތެއް ފެންނަން އެބައޮތް ހެއްޔެވެ؟ މި ވާހަކަ ދައްކާ ބަޔަކު ދައްކަނީ ކީއްވެގެން ބާވައެވެ. ކޮން މަގުސަދަކު ބާވައެވެ. މިކަމުގެ ޙަޤީޤަތަކީ ކޮބައިބާވައެވެ.

 

ދިވެހިރާއްޖެ އިސްލާމްވީ ގޮތުގެ ވާހަކައާއެކު ދެކެވޭ ރަންނަމާރި ވާހަކައަކީ ތުންތުންމަތިން ވާރިދުވަމުން އައިސްފައިވާ ފޯކުލޯރެކެވެ. ފޯކުލޯރަކީ ތަނެއްގައި ހިމެނޭ އާދަކާދައާއި މީހުންނާއި ސަޤާފަތާއި ދިރިއުޅުމާއި ސުލޫކީ މިންގަނޑުތަކާއި މުޖުތަމަޢުގެ ފަންތިތަކާއި ގިންތިތަކާއި ޤަބޫލުކުރުންތައް އެނގޭ އެއްޗެކެވެ. ފޯކްލޯރަކީ ދޫދޫމަތިން އެއްޖީލުން އަނެއްޖީލަށް ވާރުތަވަމުން އަންނަ ވާހަކަތަކަކަށް ވާތީ މި ފަދަ ވާހަކަތަކުން އެ ޤައުމެއްގެ ތާރީޚާއި، ސަޤާފަތާއި، ދީނާއި، އާދަކާދަ އެނގިގެންދެއެވެ. މިތަނުގައި ވިސްނާލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ ފޯކުލޯރާއި ފޯކުޓޭލާ އެއީ ދޭއްޗެއް ކަމެވެ. ރާއްޖެ އިސްލާމްވި ވާހަކައާ ގުޅުވައިގެން ކިޔާ ފޯކުލޯރަކީ ދޫދޫމަތިން ވާރުތަވަމުން އައި ޚިޔާލީ ވާހަކައެއް (ފޯކުޓޭލެއް) ކަމަކަށް ނުބެލެވެއެވެ. މާނައަކީ މިއީ "ފޫޅުދިގުހަނޑި" އާއި "އަނގަ ގަދަ މިތުރު" ފަދަ ޚިޔާލީ ވާހަކައެއް ނޫނެވެ.

 

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދުދީނެވެ. ބުދު ދީނުގެ ކުރިން ހިންދޫ ދީނުގެ މަޒުހަބެއް ވެސް އޮތްކަމަށް ބުނެވެއެވެ. ދިވެހިރާއްޖެ އިސްލާމްވި ގޮތްކަމަށް ކިޔާއުޅޭ ފޯކުލޯރަށް ތާރީޚުން ޖާގައެއް ލިބިފައިވަނީ އެ ވާހަކަ މީލާދީން 1343 ވަނަ އަހަރުގެ ކުރީކޮޅުގައި ރާއްޖެއަށް ވަޑައިގެންނެވި މަޣުރިބު ކަރައިގެ ސައްޔާޙު އިބްނު ބަޠޫޠާ އޭނާގެ ދަތުރުނާމާގައި ލިޔުއްވުމުންނެވެ. އިބްނު ބަޠޫޠާ ރާއްޖެ ވަޑައިގެންނެވިއިރު ދިވެހިން އިސްލާމްވިތާވީ 190 އަހަރެވެ. އިބްނު ބަޠޫޠާ އެ ވާހަކަ ލިޔުއްވާފައި އެވަނީ އޭރު މީހުން އެ ވާހަކަ ކިޔާއުޅުނު ގޮތަށްކަމަށް ވިދާޅުވެފައިވެއެވެ.

 

އެ ވާހަކައިގައި ކިޔަނީ ކޮންމެ ފޮއި ވިލޭރެއެއް (ހަނދުމަހެއްގެ 14 ވިލާރޭ) ގައި މާލެއަށް ރަންނަމާރިއެއް އަރާ ކަމަށެވެ. އެ ކަނޑު ފުރޭތައިގެ ކިބައިން ސަލާމަތްވުމަށް ޓަކައި، ރަސްގެފާނުގެ އަމުރުފުޅަށް ރީތި ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައިގެން އަތިރިމަތީގައި ހުންނަ ބުދުކޯލަށް ގެންދާކަމަށެވެ. ބުދުކޯލަށް ދާންޖެހޭ ކުދިން ކަނޑައަޅަނީ ގުރުއަތުންނެވެ. ފަތިސްވުމުން މީސްތަކުން ގޮސް ބަލާއިރު އަންހެންކުއްޖާ އޮންނަނީ މަރާލައިފައެވެ.

 

މިކަމެއް މިހެން ހިނގަމުން ދިޔަ ދުވަސްވަރު އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީއޭ ކިޔުނު މަޣުރިބުކަރައިގެ މުސްލިމު ދަންނަބޭކަލަކު މާލެއަށް ޒިޔާރަތްކުރެއްވިއެވެ. އެ ބޭކަލަކު މާލޭގައި ހުންނަވަނިކޮށް އެ މަހުގެ ފޮއިވިލޭރޭ އަތުވެއްޖެއެވެ. ބުދުކޯލަށް ދިއުމަށް ކަނޑައެޅުނު އަންހެންކުއްޖާގެ ބަދަލުގައި ބުދުކޯލަށް ވަޑައިގަތީ އެ ބޭކަލެކެވެ. އެރޭ އެ ބޭކަލަކު އިންނެވީ ޤުރުއާން ކިޔަވާ ވިދާޅުވާށެވެ. ރަންނަމާރި އަރައިގެން އައިސް ޤުރުއާންގެ އަޑުއިވުމުން ކަނޑަށް ގެނބިގެން ދިޔައީއެވެ. ފަތިސްވުމުން މީސްތަކުން ދިޔައިރު އެ ބޭކަލަކު އިންނެވީ ޤުރުއާން ކިޔަވާށެވެ. މީސްތަކުން އެ ބޭކަލަކު ގޮވައިގެން ރަސްގެފާނު އަރިހަށް ހިގާއްޖެއެވެ. ކަން ހިނގައިދިޔަގޮތް ރަސްގެފާނަށް ދަންނަވައި އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަމުގެ ވާހަކަފުޅު ދައްކަވައި އެ ބޭކަލަކު ދީނަށް ދައުވަތު ދެއްވިއެވެ. ރަދުން ވިދާޅުވީ އަންނަމަހު ވެސް ފުރޭތަ ނާރައިފިނަމަ އިސްލާމްވެވަޑައި ގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އިސްލާމްދީނުގެ މަތިވެރިކަން ވިސްނިވަޑައިގެން އެ ރަދުން އިސްލާމްވެ ވަޑައިގެންނެވީއެވެ.

 

ރަންނަމާރި މި ލަފުޒު ދިވެހިބަހަށް އައިސްފައި ވަނީ ސާންސްކްރިތު ބަހުންކަމުގައި ބަސްވާރުން ވިދާޅުވެއެވެ. "ރަންނަ" މި ލަފްޒުގެ އަސްލަކީ "ރައްތްނަ“އެވެ. ރަންނަގެ މާނައިގައި ޖަވާހިރު، ބޮޑު، މަތިވެރި، ދޭވަތާ ފަދަ ލަފުޒުތައް ހިމެނެއެވެ. ވަރަށް ފަހަކާ ޖެހެން ދެން ވެސް ދިވެހިން "ރަންނަ" މި ލަފުޒު، ބޮޑު، ގަދަރު ލިބިގެން ވާ، އަދި މަތިވެރި މި މާނައިގައި ބޭނުން ކޮށްފައިވެއެވެ. "ރަންނަ ބަނޑޭރި" މިއީ މީގެ މިސާލެކެވެ. "މާރި" ގެ އަސްލަކީ "މާރް“ އެވެ. މާނައަކީ ބޮޑުފެންގަނޑު، ކޯރު ނުވަތަ ކަނޑެވެ. އެހެންވީމާ ރަންނަމާރި މި ލަފުޒުގެ މާނައަކީ ކަނޑުގެ ދޭވަތާ ނުވަތަ ކަނޑުގެ ކަލާނގެކަން އެނގެއެވެ.

 

މި ވާހަކަ މި ހިސާބަށް ބާއްވާފައި އިސްލާމީ ތާރީޚުގެ ޞަފުޙާއެއް އެއްލަމާ ހިނގާށެވެ. އިންޓަރނެޓުން ވަދެލާފައި ސާޗްކޮށްލިޔަސް ނީލަކޯރަށް މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ފޮނުއްވި ސިޓީފުޅުގެ ވާހަކަ ފެންނާނެއެވެ.

 

މުސްލިމުން މިޞްރު ފަތަޙަ ކުރީ ޢުމަރުގެފާނުގެ ޚަލީފާކަމުގައެވެ. މިޞްރުގެ ގަވަރުނަރަކީ އަމްރު ބުނުލް ޢާޞް އެވެ. މިޞްރު ފަތަޙަ ކުރެވުނު އަހަރު ނީލަކޯރުގެ ފެންގަނޑު ހިނދިއްޖެއެވެ. މިޞްރުގެ މީހުން ގަވަރުނަރަަށް ދެންނެވިއެވެ. އެހެން އަހަރުތަކުގައި ވެސް އެ ކޯރުގެ ފެންގަނޑު ހިނދުމުން ކަންކުރާގޮތަށް ކުރުމުގެ އިޒުނަފުޅު ދެއްވާށެވެ. އެގޮތަކީ ރީތި އަންހެން ކުދިންގެ ތެރެއިން ބިކުރުވެރި ކުއްޖަކު ގެނެސް ނަލަކޮށް، ރީތި ހެދުމާއި ޖަވާހިރުން ޖަރީކޮށް، ކުއްޖާ ނީލަކޯރަށް ހަދިޔާކުރުމެވެ. އެހެން ހެދީމާ ފެންގަނޑު އަނެއްކާ ވެސް އިހު ހުރިގޮތަށް ރުޖޫޢަވާނެއެވެ.

 

އަންހެން ކުއްޖެއް ކޯރަށް ހަދިޔާކޮށްގެން ނޫނީ ނީލަކޯރުގެ ފެންގަނޑު ބޮޑުނުވާނެކަމަށް މިޞްރުގެ މީހުން ދަންނަވަން ފެށުމުން ގަވަރުނަރު މި މައްސަލަ ޚަލީފާ ޢުމަރުގެފާނަށް ސިޓީފުޅަކުން ދެންނެވިއެވެ. ޖަވާބުގައި އަމީރުލް މުއުމިނީން ދެ ސިޓީފުޅެއް ފޮނުއްވިއެވެ. އެއް ސިޓީފުޅަކީ ނީލަކޯރަށް ފޮނުއްވި ސިޓީފުޅެކެވެ. އަނެއް ސިޓީފުޅަކީ އެ ސިޓީފުޅާމެދު ޢަމަލުކުރަންވީގޮތް ބަޔާންކުރައްވައި ގަވަރުނަރަށް ފޮނުއްވި ސިޓީފުޅެކެވެ. ނީލަކޯރަށް ފޮނުއްވި ސިޓީފުޅުގައި ލިޔުއްވިއެވެ. ތިބާއަކީ އަމިއްލައަށް ދައުރުވާ ކޯރެއް ކަމުގައިވަނީނަމަ ދެން އިތުރަށް ތިބާގެ އެހީތެރި ކަމެއް އަހުރެމެން ބޭނުމެއްނުވެއެވެ. ނަމަވެސް ތިޔަ ކޯރު ދައުރު ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުންނެވެ. އެކަލާނގެ ޙަޟުރަތުން އަހަރުމެން އެދެނީ ކޯރުގެ ފެންގަނޑު އަނެއްކާ ވެސް ދައުރުވާގޮތް މެދުވެރި ކޮށްދެއްވުމަށެވެ.

 

އުމަރުގެފާނުގެ ސިޓީފުޅުގައިވާ ގޮތަށް ނީލަކޯރަށް ފޮނުއްވި ސިޓީ ކޯރުގެ އެތެރެއަށް އެއްލާލިތާ މާގިނަ ދުވަހެއްނުވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ނީލަ ކޯރުގެ ފެންގަނޑު ބޮޑުވެ އަނެއްކާވެސް އިހު ހުރިގޮތަށް ބަރާބަރަށް ދައުރުވާން ފެށިއެވެ. މި ވާހަކައާއި ދިވެހިރާއްޖެ އިސްލާމްވީ ގޮތްކަމުގައި ކިޔާ ވާހަކައާ އެއްގޮތް ކަމެއް ނުފެނޭތޯއެވެ؟ މި ދެ ހާދިސާގައި ވެސް ފެންނަނީ ރީތި ބިކުރުވެރި އަންހެން ކުއްޖެއް ނަލަހައްދައި ޒީނަތްތެރިކޮށް ޤުރުބާން ކުރެވޭ މަންޒަރެވެ. ދެން ފެންނަނީ އެބައެއްގެ ތެރޭގައި އޮތް ބާޠިލު އަޤީދާއާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. ޖިންނި ޝައިޠާނުންނަށް ތަބާވެފައިވާ މިންވަރާއި ޚުރާފާތަށް ގެނބިފައިވާ މިންވަރެވެ. ރޫޙާނީ ބާރުތަކަށް އަޅުވެތިވެފައިވާ މިންވަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ކަލާނގެ އަޅުތަކުން އިމްތިޙާނު ކުރައްވަނީ އެކިގޮތްގޮތަށެވެ. މިޞްރުގެ ރައްޔިތުން ބާޠިލު އަޤީދާއިން ޙައްޤުގެ މަގަށް ދަތުރުކުރުމުގައި މި ހާދިސާ އަދާކުރާނެ މުހިންމު ދައުރު ހިތްޕުޅަށް ގެންނަވާށެވެ. މި ހާދިސާގެ ވާހަކަ މީސްތަކުގެ މެދުގައި ފެތުރިގެން ދިއުމާއެކު ރައްޔިތުންގެ ބާޠިލު އަޤީދާގައި ރެނދު އަޅާނެ މިންވަރާމެދު ވިސްނައިވަޑައިގަންނަވާށެވެ. މި ހާދިސާ ގެނެސްދިނުމުގެ ބޭނުމަކީ އެއްގޮތަކަށް ވެސް ރަންނަމާރި ވާހަކައަކީ މުޅިން ތެދު ޙަޤީޤީ ވާހަކައެެކޭ ދެންނެވުމެއް ނޫނެވެ. އެކަމަކު އެފަދަ ޤަބޫލުކުރުންތަކާއި އެފަދަ ވާހަކަތަކާއި ހާދިސާތައް ހުރީ ހަމައެކަނި ދިވެހީންގެ ތެރޭގައި ނޫނޭ ދަންނަވާލުމެވެ.

 

ދިވެހި ދައުލަތުން ބުދު ދީން ދޫކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާޚިރު މަހުގައެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރުގެ ޖޫން މަހެވެ. މި ތާރީޚު އެނގޭ މަސްދަރަކީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ހުކުރު މިސްކިތުގައި މީލާދީން 1338 ވަނަ އަހަރު ބެހެއްޓެވި ފިލައެވެ. އޭރުވާނީ ރާއްޖެ އިސްލާމްވިތާ 185 އަހަރެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި އެއީ 2 ރަބީއުލްއާޚިރު 548 އެވެ. އެހެންކަމަށް ވާނަމަ މީލާދީން އެއީ 26 ޖޫން 1153 އެވެ. ދިވެހިރާއްޖެ އިސްލާމް ކުރެއްވި ރަސްކަލަކީ ތްރިބުވަނަ މަހާރަދުންނެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އެއީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. ނުވަތަ ދަރުމަވަންތަ ރަސްގެފާނެވެ. އެ ރަދުން ރަސްކަން ކުރެއްވީ ހިޖުރައިން 535 އިން 561 އަށެވެ. އެއީ މީލާދީން 1142 އިން 1166 އަށެވެ.

 

ރަންނަމާރިއަކީ އޭރުގެ ރަދުންނޭ ކިޔައިގެން ދައްކާ ވާހަކައިގައި ތާރީޚީ އެއްވެސް އަސްލެއް ޙަޤީޤަތެއް ނެތެވެ. އަދި އެކަމަށް ދަލީލުކުރާ ކުޑަކުޑަ ހެއްކެއް ވެސް ނެތެވެ. އޮތްނަމަ އޮތީ ހީއާއި ވަހުމެވެ. މިފަދަ ވާހަކައެއް ހަދައިގެން ދެއްކުމުގެ އެއް މަގުސަދަކީ އެ ވާހަކައެއް ދައްކާ ބައެއްގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮތް ނަފުރަތުކަމުގައި ވެދާނެއެވެ. އެފަދަ ނަފުރަތުގެ އަލިފާން ރޯވެފައިވާ ހިތަކަށް ދިވެހިރާއްޖޭގެ ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމުގައި ކަނޑައަޅުއްވައި ގަރާރުކުރެއްވި ދަރުމަވަންތަ ރަސްގެފާނުގެ އަބުރުފުޅު ކަތިލުމަކީ ލިބިދާނެ ހިތްހަމަޖެހުމަކަށް ވެދާނެއެވެ. ދަރުމަވަންތަ ރަސްގެފާނަކީ އެހާ އައްޔާޝީ، ޖައްބާރު ރަސްކަލެއް ނަމަ ގިނިކަންޏާ އައިސްހުރި ފަރުދޭސީއެއްގެ ކުރިމަތީގައި ފުރަމެންދަމެއްގައި ކުޑަކަކޫމައްޗަށް ތިރިވެވަޑައިގަންނަވާނެ ބާވައެވެ؟ ބުދުކޯލެއްގެ ވާހަކަ ދައްކާއިރު ބުދުކޯލުގައި ތިބޭ ފާދިރީންނާ އެކަމާ ނުގުޅުވަނީ ކީއްވެގެންބާވައެވެ؟ ދުނިޔޭގެ ތާރީޚުން އެފަދަ ފާދިރީންގެ އާރާބާރާއި، އައްޔާޝީ ކަންތައްތައް ފެނިފައިވާވަރާއި ފެންނަމުންދާވަރު މަދީތޯއެވެ؟

 

އާދޭހެވެ. ރަންނަމާރި ވާހަކައަކީ ފޯކުލޯރެކެވެ. ފޯކުލޯރު ބަލައިގަންނަން ޖެހޭނީ ފޯކުލޯރުގެ ގޮތުގައެވެ. ތާރީޚީ އެއްވެސް ހެއްކެއްނެތި މިއަދު އަޅުގަނޑުމެންގެ ހިތަށް ފެންނަ ގޮތަކަށް ޒަމާންވީ ފޯކުލޯރުތަކާމެދު ވާހަކަ ދެއްކުމަކީ ދިވެހި ތާރީޚާއި ޤައުމިއްޔަތަށް ކުރެވޭ އިހާނާތެކެވެ. ދަރުމަވަންތަ ރަސްގެފާނަކީ ޙަޤީޤަތުގައި ދިވެހި ކޮންމެ ދަރިއަކު ޝުކުރުވެރިވާންޖެހޭ ޤައުމީ އެންމެ ބޮޑު އަދި އެންމެ މުހިންމު ނިންމުން ނިންމެވި ހިތްވަރުފުޅު އެންމެ ގަދަ ޤައުމީ ބަޠޮލެވެ.. މި ޤައުމަށް އެންމެ އަގުހުރި ނިންމެވުން ނިންމަވައިދެއްވި ލީޑަރެވެ. މިފަދަ ބޭފުޅެއްގެ އިސްތަށިފުުޅުގައި ދޮގު ބުހުތާން އަދި ހަޑިހުތުރު އިލްޒާމުތައް އެޅުވުމުން އަޅުގަނޑުމެން ބަރީޢަވާން ޖެހެއެވެ. (ނިމުނީ)

No comments: