Wednesday, August 5, 2020

ދިވެހީންގެ މިނިވަންކަމުގެ ތާރީޚު



ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖެއަކީ 2500 އަހަރަށްވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ.



މިނިވަންކަމަށް ޓަކައި ދިވެހިން ކޮށްފައިވާ ހަނގުރާމަތައް ފެށުނީ ދިވެހިރާއްޖެ އިސްލާމްވި ފަހަކުން ނޫނެވެ. ހުރިހާ އިރެއްގައި ވެސް ދިވެހިންގެ ލޭގައި މިނިވަންކަމުގެ ވިންދު ޖެހިއެވެ. މަހާބަރަނަ މަހާރަދުންނަކީ މީލާދީން 12 ވަނަ ގަރުނުގައި ދިވެހީން ދުށް ވަރުގަދަ ޒައީމެކެވެ. އިންޑިއާގެ ޗޯޅާއިންގެ ބާރުގެ ދަށުގައި ރާއްޖޭގެ މަލިކު އަތޮޅާއި ތިލަދުންމަތި ވަނިކޮށް މިނިވަން ކޮށްދެއްވީ އެ ރަދުންނެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1121 އިން 1142އަށެވެ.

އިސްލާމް ދީނަށް އެނބުރުމަށްފަހު ދިވެހީން ހަނގުރާމަކުރަން ޖެހުނީ ހަމައެކަނި ޤައުމާއި މިނިވަންކަމުގެ ދިފާޢުގައެއް ނޫނެވެ. ދިވެހީންގެ ދީނުގެ ދިފާޢުގައި ވެސް ހަނގުރާމަކުރަން ޖެހުނެވެ. ސަބަބަކަށްވީ ދިވެހި ފަސްގަނޑުގައި އޮތް އިސްލާމީ ހިދާޔަތުގެ ނޫރު ނިވާލަން ބޭނުންވެގެން އެކަމަށް މަސައްކަތް ކުރި ބާރުތައް އޭރު ވެސް އޮތުމެވެ. އޭގެ އެއް ހަނގުރާމައަކީ ޢަލީ ރަސްގެފާނު ޝަހީދުކޮށްލި ސޮލީބީ ހަނގުރާމައެވެ. ޕޯޗްގީޒުން މީލާދީން 14 ވަނަ ޤަރުނުގައި ހިންދުކަނޑަށް އައި ހަމައެކަނި މަގުސަދަކީ މި ސަރަޙައްދުން ހަވާދާއި ރަނާއި ޖަވާހިރާއި އެހެނިހެން އުފެއްދުންތައް ހޯދުމެއް ނޫނެވެ. ކުރިސްޓިއަން ދީނަށް ގޮވާލުމާއި އެ ދީން ފެތުރުމަކީ ވެސް އެ މީހުންގެ މަގުސަދެކެވެ.

ދިވެހިންނަށް އެ ދައުވަތު ފޮނުވިއެވެ. އެ ދީނަށް ގޮވާލިއެވެ. އެ މަސައްކަތުގައި އެ މީހުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ރާއްޖޭގެ ތަޚުތުގައި އިންނެވި ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމް ދީން ދޫކޮށްލައްވައި ކުރިސްޓިއަން ދީނަށް ވަދެވަޑައިގަތުމުންނެވެ. އަދި ސީދާ ޕޯޗްގީޒުންގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންނެވުމުންއެވެ. މި ބޮޑު ފިތުނަގަނޑުގައި އެ މީހުންގެ ކުރިމަތީގައި އިސް ޖައްސަވައި ނުލެއްވި ލީޑަރަކީ ހަވަނަ ޢަލީ ރަސްގެފާނެވެ. އެކަމުގައި އެ ރަދުން މިސާލު ދެއްކެވީ ޝަހީދީ ލޭފޮދުންނެވެ. އެއީ 01 ޝައުބާން 965 އެވެ. 19 މޭ 1558 އެވެ.

އެ ދުވަހު ފެށުނު ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެރިކަން ދިވެހިންގެ ކަރަށް ރާ އަޅާ ހިސާބަށް ގެންދިޔައެވެ. އިސްލާމްދީން ދޫކޮށް ކުރިސްޓިއަން ދީނަށް އެނބުރުމަށް މަޖުބޫރުކުރިއެވެ. އެކަމާ ނުރުހޭ މީހަކަށް އޮތީ މަރުކަން ވެސް އެންގިއެވެ. އެގޮތަށް އިޢުލާންކޮށް ނިންމާފައިވަނިކޮށް އުތީމު މަހާރަދުން، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އަތްޕުޅު މައްޗަށް ދިވެހިންނަށް މާތް ރަސްކަލާނގެ ނަޞްރު ދެއްވިއެވެ.

މީލާދީން 02 ޖުލައި 1573 (ހިޖުރައިން 01 ރަބީޢުލްއައްވަލް 981) މި ދުވަހަކީ ޕޯޗްގީޗުން ބަލިކުރައްވައި އުތީމު މަހާރަދުން ރާއްޖެ މިނިވަންކޮށް ދެއްވި ދުވަހެވެ. އޭގެފަހުން ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް އުތީމު ދަރިކޮޅުގެ ފާތިޙުން ކުރެއްވި ޖިހާދުތައް ހިތްމައްޗަށް ގެންނަވާށެވެ. ބޮޑުތަކުރުފާނާއި ބޮޑު ރަސްގެފާނާއި އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރުގައެވެ. އެތައް ޒަމާނެއް ވަންދެން ޕޯޗްގީޒުންނަށާއި މަލާބާރީންނަށް ދެމުންއައި ޖިޒީ އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލެއްވިގޮތެވެ. ދިވެހިންނަކީ އަމިއްލަވެރިކަމެއް ކުރާ ސިޔާދަތީ ބާރު ލިބިގެންވާ މިނިވަން ދައުލަތެއްކަން ދުނިޔެއަށް ހާމަކޮށް ދެއްވި ހިތްވަރުފުޅެވެ.

ޕޯޗްގީޒުންގެ ފަހުން ބޭރުގެ ބާރެއްގެ އަތްދަށަށް ދިވެހިރާއްޖެ ދިޔައީ 185 އަހަރު ފަހުންނެވެ. އެ ފަހަރު ރާއްޖޭގެ މައްޗަށް ވެރިވި ބާރަކީ ހޮޅިން ނުވަތަ މަލަބާރީންނެވެ. އެ ދުވަހަކީ މީލާދީން 20 ޑިސެންބަރު 1752 އެވެ. ހިޖުރައިން 13 ޞަފަރު 1166އެވެ. ރާއްޖޭގެ ފަނޑިޔާރު މަނިކުފާނާއި މާލޭގެ ޚަތީބު ޤައުމަށް ޣައްދާރުވީއެވެ. އެއީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަޙްމަދު މުހިޢިއްދީނެވެ. ހޮޅިން ބަލިކުރައްވައި ދިވެހިންނަށް މިނިވަންކަން އިޔާދަކޮށް ދެއްވީ ދޮންބަންޑާރައިންނެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނެވެ. އެ ދުވަހަކީ މީލާދީން 7 އެޕްރީލް 1753 އެވެ. ހިޖުރައިން އެއީ 03 ޖުމާދަލްއާޚިރާ 1166 އެވެ. އޭގެފަހުން ދޮންބަންޑާރައިން އެތައް ފަހަރަކު ދުޝްމިނުންނާ ހަނގުރާމަކުރައްވާ ނަޞްރު ހޯއްދެވިއެވެ.

ތާރީޚުގައި ހޮޅިންނަށްފަހު އަޅުވެތި ކަމުގެ ދަތީގައި ދިވެހިން ޖެއްސި ބާރަކީ އިނގިރޭސީންނެވެ. "ހިމާޔަތުގެ" ނަމުގައި މީލާދީން 1887 ޑިސެންބަރު 16 ވަނަ ދުވަހު އިނގިރޭސީން ޖެއްސި ދަތިން މި ޤައުމު ސަލާމަތް ކުރެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެއީ ދިވެހިންގެ މިނިވަން ދުވަސް ނިސްބަތްވާ ލީޑަރެވެ.

އިނގިރޭސީންގެ އަޅުވެތިކަމުގެ "ހިމާޔަތަށް" ދިވެހިން ވެއްޓުނު އަސްލަކީ ދިވެހިންގެ ތެރެއިން އަމިއްލަ މަސްލަހަތު އިސްކުރި މާލޭގެ ބޮޑުންނެވެ. ވެރިކަމާއި ވިޔަފާރީގެ ބާރުތައް މުށުތެރެއަށް ލުމަށް އެއް އާއިލާއިން އަނެއް އާއިލާގެ މައްޗަށް މިހާރުގެ ގޮތުންނަމަ ސިޔާސީ އެއް ޕާޓީން އަނެއް ޕާޓީގެ މައްޗަށް އޮތް ޒާތީ އަދި ސިޔާސީ ދެކޮޅުވެރިކަމާއި ހަސަދަވެރިކަމެވެ. އޭރު ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ކިލެގެފާނު ބޭނުންފުޅަކީ އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާ އަތިރީގޭ (ގަލޮޅުގޭ) ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ބަލިކޮށް ސިޔާސީ ގޮތުން ބާރުކަނޑުވާލެއްވުމެވެ.

ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ކަކާގޭގެ ބޭފުޅުންގެ ސަބަބުން ވިޔަފާރި ކުރައްވަން ދަތިފުޅުވެގެންނެވެ. ކަކާގޭގެ ބޭފުޅުންގެ ދައުވަތަށް 1857 ވަނަ އަހަރު ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެނައީއެވެ. ކަކާގޭ އާއިލާ އިސްކުރި އަމިއްލަ އެދުމުގެ ސަބަބުން އިގުތިސޯދީގޮތުން ރާއްޖެ އަޅުވެތިވެގެން ދިޔައީ އެވެ. އިގުތިސޯދީ އެ އަޅުވެތިކަމުގައި 105 އަހަރު ރާއްޖެ އޮތެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބާލައި 1962 ވަނަ އަހަރު ދިވެހީންގެ އިގުތިސޯދު މިނިވަން ކުރެއްވީ ވެސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ.

ކަކާގޭ ޕާޓީގެ ކިބައިން ބަދަލު ހިފުމަށް އަތިރީގޭ ޕާޓީން ޖަހަމުންދިޔަ ހުޅު ދިވެހި ތާރީޚުގައި ވީ ބޮޑުހުޅަށެވެ. އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން(2)، ކުޑަބަންޑާރައިންނެވެ. އަތިރީގޭ ޕާޓީގެ މަސްލަހަތު ކުރިއަރުވަން ހިންގި ސިޔާސީ އެ ކުޅިގަނޑު ނިމުނީ ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އިނގިރޭސީންނަށް ވަންނާނެ ދޮރުތައް ހުޅުވައިދީފައެވެ. ނަތީޖާއަކަށްވީ މަޖުބޫރުކޮށްގެން ހިމާޔަތުގެ ނަމުގައި އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމަށް ޤައުމު ވައްޓާލުމެވެ.

އިނގިރޭސިންގެ އަޅުވެތި ހިމާޔަތުގައި 78 އަހަރު ރާއްޖެ އޮތެވެ. 26 ޖުލައި 1965 ގައި އެ ކަސްތަޅުން ދިވެހިން ނެއްޓި މިނިވަންވީ އިލާހީ ހެޔޮ ރަޙުމަތްފުޅުންނެވެ. އޭރު ޤައުމުގެ ހުންގާނުގައި ތިއްބެވި ލީޑަރުންގެ އިޚްލާޞްތެރި ހިކުމަތުޢަމަލީ މަސައްކަތްޕުޅުންނެވެ. އިނގިރޭސިން އަޅުވެރިކުރި ގިނަ ޤައުމުތައް "ފޮތިފޮތިކޮށް ބައިބައިކުރާ ސިޔާސަތު" ރާއްޖޭގައި ވެސް ހިންގަން އުޅުނެވެ. އިނގިރޭސިން އަޑީގައި ތިބެގެން ރާއްޖޭގެ ސަރަހައްދުން އައު ދައުލަތެއް އުފަންކުރަން ކުރި މަސައްކަތުގެ ތެރޭގައި ދިވެހިންގެ ބަޔަކު މަރުވެ ގޮސްފައިވާކަން އެއީ ހަގީގަތެވެ. އޭގެތެރޭގައި އާންމު ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ވެސް ހިމެނެއެވެ. އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިޔާވީ ދިވެހި ދައުލަތުން ނެއްޓި ވަކި ދައުލަތެއް އުފެއްދުމާގުޅިގެން ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އެ ސަރަޙައްދު ގެންނަށް ދިވެހި ދައުލަތުން ކުރި މަސައްކަތުގައި ބަޑިޖެހުމުންނާއި އެ ނޫން ގޮތްގޮތުންނެވެ. ބަނޑަށްޖެހިގެން އެއްބަޔަކު މަރުވިއެވެ. އަނެއްބަޔަކު މަރުވީ ޖަލުގައެވެ. އަނެއް ބަޔަކު މަރުވީ ރައްކާތެރިކަމާއި ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތިގެންނެވެ. ސިފައިން ތެރެއިން ނިޔާވި މީހުންނަކީ އެ ހަމަނުޖެހުންގަނޑުގައި ހަވަރު ތިނަދޫގައި ތިއްބާ އާންމު ރައްޔިތުންގެ ބަޔަކު ދެވަނަ ފަހަރަށް ބަޣާވާތްކޮށް، ކުއްލިއަކަށް ނިކުމެ ދިން ބޮޑެތި އަނިޔާތަކަށްފަހު އިނގިރޭސީންނާ ހަވާލުކުރި ބައެއް ސިފައިންނެވެ.

ދިވެހިންގެ މިނިވަންކަމަކީ އަސަރުގަދަ ވާހަކައެކެވެ. ފަޚުރުވެރި ތާރީޚެއް ވެސް އޮތް އިލާހީ ނިޢުމަތެކެވެ. ކަރުނައާއި ވޭނާ އަސަރާ އެކުލެވޭ މާޒީއެކެވެ. އެތައްއެތައް ދިވެހިންނެއްގެ ތޯހިރު ލެއިން ލިޔެދީފައިވާ ރަނުގެ ސޮފުހާ ތަކެކެވެ. އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. (ނިމުނީ)



No comments: