Thursday, June 11, 2020

އަޅުގަނޑާއި އަބްދުއްރަހިންބެ

 



ޢަބްދުﷲ ސަޢީދު

 

ފުރަތަމަ ފެނުނީ އަޅުގަނޑުގެ މުދައްރިސެއްގެ ގޮތުގައެވެ. އޭރުވެސް އެއީ ނ. އަތޮޅު އޮފީހުގެ އިސް ބޭފުޅެކެވެ. ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތްތެރިއެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ އިމާމެކެވެ. ހުކުރުކުރައްވާ ޚަތީބެކެވެ. ނ. މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރެވެ. އޭރަކު އަޅުގަނޑާއި އަބްދުއްރަހިންބެ އާ އޮންނަ ލޭގެ ގުޅުމެއް ނޭނގެއެވެ.

 

އަބުދުއްރަހިންބެގެ މަންމަ އަކީ ކުރޮޅި ޤާސިމް (ކާސިމް)ގެ ކުރޮޅި ސިއްތި ދައިތައެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ މަންމަ (މޫސާ މަނިކުބޭގެ މަރިޔަ) އާ އެއްބަނޑު މީހެކެވެ. އަޅުގަނޑުގެ މަރިޔަ މާމައާ ކަރަންކާވިލާ ހާރޫނުބެއާއި އިރަމާގޭ ކަނބުލޮދައިތައާއި ސިއްތި ދައިތައަކީ އެއްބަނޑު މީހުންނެވެ. ހާރޫނުބެއާއި ކަނބުލޮދައިތައާއި މަރިޔަމާމައަކީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ.

 

އަބުދުއްރަހިންބެ ބައްޕައަކީ ނެވިގޭ އަބޫބެއެވެ. ނެވިގޭ އަބޫބެއާއި އަޅުގަނޑުގެ ބައްޕަގެ މާމަ (ނެވިގޭ ކަމަނަ) އަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. ނެވިގޭ އަބޫބެއާއި އަޅުގަނޑުގެ ކަމަނަ މާމަގެ އިތުރުން ތިބެނީ ނެވިގޭ ކުޑަ ކަމަނަދައިތަ އާއި ނެވިގޭ އިބުރާހިމްކޮބޭ އެވެ. ނެވިގޭ ކުޑަކަމަނަ ދައިތަގެ ގެއަކީ މަނަދޫ އަލަމާގެއެވެ. ނެވިގޭ އިބްރާހީމްކޮބޭގެ ގެއަކީ މަނަދޫ ރަންކޮކާގެއެވެ.

 

އަބްދުއްރަހިންބެ ތަޢުލީމް ހާސިލުކުރެއްވީ މަޖީދިއްޔާއިންނެވެ. ދާރުލްއިޤާމާއަށް ގެންދެވުމަށް އަބްދުއްރަހިންބެ ހޮއްވެވީ ރައީސް މުޙައްމަދު އަމީން ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅެއްގައި ސީދާ އެމަނިކުފާނެވެ. އެ ދަތުރުފުޅުގައި މަނަދޫގައި އެމަނިކުފާނު މަޑުކޮށްލެއްވި ރޭ އަތޮޅުގެއަށް އަބްދުއްރަހިންބެ ގެންދެވިއެވެ. އޭރު ވެރިކަމުގެ ބާރު އޮތީ އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫން (ކާސިން ހާޖީ) ގެ އަތްޕުޅުގައެވެ. ކާފަ ފުރަތަމަ ހުންނެވީ ކުޑަކަތީބު ކަމުގައެވެ. ފަހުން މާމުދިމް ކަމުގައެވެ. އެއީ އޭރު ރަށްރަށުގައި ކަތީބުންގެ މަޤާމަށްވުރެ އިސް މަޤާމެކެވެ. އަޅުގަނޑުގެ މުނިކާފަ ހާރޫނު ހާޖީއަށް މުޙައްމަދު އަމީން އޮތީ ކަލޭފާނުކަން ދެއްވާފައެވެ. އުތުރުގަޑުބަޑުގައި ބައިވެރިވި މީހުންގެ ތެރެއިން ނ. އަތޮޅުން ހައްޔަރުކުރެވު މީހުން މާލެ ގެންގޮސް ދެއްވީ އަޅުގަނޑުގެ މުނިކާފަގެ ހަވާލުގައެވެ. އެއީ މަޖިލީހަށް އެރުއްވި ކަމުވޮށިވެގެންވާ ބޭފުޅެކެވެ. މުޙައްމަދު އަމީން ރާއްޖޭގެ އުތުރަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ކަހަލަ ގޮތަކަށް މަނަދޫއަށް ވަޑައިގަތުމަކީ އޭރުގައި އިއްތިފާޤެއް ނޫނެވެ. މަނަދޫގެ ވެރިންނާ ސަރުކާރާ އޮތް ގުޅުން ރަނގަޅީއެވެ.

 

އަތޮޅުގެއަށް އަބްދުއްރަހިންބެ ގެންދަވައި މުޙައްމަދު އަމީން ބައްދަލުކުރެއްވިއެވެ. އޭރުއެއީ ހިމަތޮޅިކޮށް ހުރި އުމުރުން ދިހަބާރަވަރަކަށް އަހަރުގެ ކުއްޖެކެވެ. އަބްދުއްރަހިންބެ އަމީން ދީދީގެ އަރިހަށް ގެންދަވާފައި ކުރެއްވީ އެންމެ ސުވާލެކެވެ. ނުވަތަ ހަވާލު ކުރެއްވީ އެންމެ މަސައްކަތެކެވެ. އެ ކަމުން ފާސްވުމާއެކު ދާރުލްއިޤާމާއަށް ކިޔަވަންދާން ހޮއްވެވީއެވެ. މުޙައްމަދު އަމީން ވިދާޅުވިއެވެ. "އަޅެ! ހީލަބަލާށެވެ. "

 

ދާރުލްއިޤާމާއަށް މަނަދޫން ފުރަތަމަ ހޮވުނީ އަޅުގަނޑުގެ ބައްޕަ ފަރާތު މާމައާއި އެއްބަނޑު އެއްބަފާ މަނަދޫ ކަރަންކާވިލާ ހާރޫނުބެއެވެ. އަބްދުއްރަހިންބެ މާލެ ވަޑައިގެންނެވިއިރު ހާރޫނުބޭ ދާރުލްއިގާމާ ނިންމަވައިފައި މަނަދޫއަށް ވަޑައިގެންފިއެވެ.

 

އަޅުގަނޑުގެ ބައްޕައާއި އަބްދުއްރަހިންބެއާ އޮންނަ އާއިލީ ގުޅުމަށްވުރެ އެއީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ބައްޕައަށްވުރެ އަބްދުއްރަހިންބެ ހަތަރު އަހަރު ދޮށްޓެވެ. އަބްދުއްރަހިންބެ އުފަންވެ ވަޑައިގެންނެވީ 1941 ވަނަ އަހަރުއެވެ.

 

އަޅުގަނޑުގެ ބައްޕަ 1956 ވަނަ އަހަރު ކިޔަވާ ވިދާޅުވާން މާލެ ވަޑައިގެންނެވިއިރު އަބްދުއްރަހިންބެ އުޅުއްވަނީ ދާރުއްއިގާމާގައެވެ. ބައްޕަ މަޖީދިއްޔާއަށް ބަދަލުވުމުގެ ކުރިން ކިޔަވާ ވިދާޅުވީ ފަރީދިއްޔާއިންނެވެ. ބައްޕަ ހުންނެވީ ގަލޮޅު ކަންޒުދޮށުގޭގައި ޙަސަންދީގެ އަރިހުގައެވެ.

 

އެ ދުވަސްވަރު ދާރުލްއިގާމާގައި ތިބޭކުދިންނަށް އޮންނަނީ ވަރަށް ހަރުކަށި ގަވާއިދެކެވެ. ނަމާދަށް ދިއުމާ ހުކުރަށް ދިއުމުގައި ވެސް އުސޫލުތަކެއް އޮވެއެވެ. ހުކުރަށް ދާނީ ހުރިހާކުދިން އެކުގައި ސަފު ހަދައިގެންނެވެ. އެ ކުދިންނަށް މާލެ ތެރެއަށް ނިކުމެ ގޭގެއަށް ދިއުން މަނައެވެ. ރައްޓެހި ތިމާގެ މީހުންނާ ބައްދަލުކޮށްލަން ދެވެނީ ހުކުރު ދުވަހު މެންދުރުފަހު އެކަމަށް އޮންނަ ޚާއްޞަ ގަޑީގައި އެތަނުގެ މީހަކާއެކުގައެވެ. ގަޑި ހަމަވުމުން އެ މީހާ އެ ދަރިވަރަކު ބަލައި އެ ގެއަކަށް ދާނެއެވެ. އޭރު އަބްދުއްރަހިންބެއަށް ލިބިވަޑައިގަންނަވާ އެ ވަގުތުކޮޅު ވަޑައިގެން އުޅުއްވަނީ ކަންޒުދޮށުގޭގައި އަޅުގަނޑުގެ ބައްޕައާ އެކުގައެވެ.

 

އަޅުގަނޑުގެ ބައްޕަ ކަންޒުދޮށުގޭގައި ހުންނެވިއިރު ޙަސަންދީ ރަށުން ބޭރަށް ވަޑައިގަންނަވަމުން ބައްޕަ ބެއްލެވުމަށް ހަވާލުކުރައްވަނީ އަހަންމައިދީއާއެވެ. އަހަންމައިދީގެ އަނބިކަނބަލަކީ ވަޙީދާއެވެ. ވަޙީދާ އާލާސްވެ އިންނަވާ ރައްކާވާންވީމާ ކޮންމެ ފަހަރަކު ވަޑައިގަންނަވަނީ ޗަނބޭލީގެއަށެވެ. މަންމާފުޅު އަވަހާރަވެފައިވާތީ ވަޙީދާގެ މަންމާފުޅެއްގެ ގޮތުގައި ބައްލަވަނީ ބޮޑުދައިތާފުޅެއް ކަމަށްވާ ތުއްތުގޮމާ އެވެ. އެ ގޮމާ އަރިހަށް ވަޙީދާ ޗަނބޭލީގެއަށް ވަޑައިގަންނަވަނީ އަޅުގަނޑުގެ ބައްޕަ ވެސް ގޮވައިގެންނެވެ. އެ ދުވަސްވަރު އަބްދުއްރަހިންބެ އެއްކަލަ ވަގުތުކޮޅުގައި ވަޑައިގަންނަވަނީ ބައްޕައާއެކު ހުންނެވުމަށް ޗަނބޭލީގެއަށެވެ.

 

އަޅުގަނޑުގެ ބައްޕަ މަޖީދިއްޔާއަށް ބަދަލުވިއިރު އަބްދުއްރަހިންބެ ރަށަށް ވަޑައިގެންފިއެވެ. އޭރު އެއީ ރަށު ފެންވަރުގައި ޢިލްމީ ގޮތުން ފުންނާބު އުސް، ރަށުގެ ރައްޔިތުން ބަލައިގެންފައިވާ ނޫކަށި ފުރައިގެ ޒުވާނެކެވެ. އެ ދުވަސްވަރު މަނަދޫ ރައްޔިތުންނާއި އޭރު ހުންނެވި އަތޮޅުވެރިންނާ ޖެހުނު މައްސަލަގަނޑުގެ ޝިކާރަކައަށް އަބްދުއްރަހިންބެ ވެވަޑައިގަތެވެ. ދާރުލްއިގާމާގެ ހަތަރު ފާރުގެ ތެރޭގައި އުޅުއްވުމުގެ ސަބަބުން ސިޔާސީ ވަކިތަކުގެ ތޫނުކަން އޭރު އަދި ތަޖުރިބާ ނުކުރެއްވި އޮތީ އެވެ. ނޫނީ ރަށާއި ވަޠަނީ ރޫޙުގެ ޖަޒުބާތު މާ ބާރުގަދައީއެވެ. ކުޑިގޭ މުޙައްމަދު ޢަބްދުއްލަތީފުގެ އަތޮޅުވެރިކަމުގައި ހިނގި "ކުނޑިބެ މައްސަލަ"އިގައި ރައްޔިތުން އެއްވިރޭ ރައްޔިތުން އެއްކުރަން ސަންގު ފުންމެވި ދެ ބޭފުޅުންގެ ތެރޭގައި އަބްދުއްރަހިންބެ ހިމެނިވަޑައިގަތެވެ. އަނެއް ބޭފުޅަކީ އަޅުގަނޑުގެ ބޮޑުބޭބެ ބޮޑުކާށި އަބޫބެއެވެ. މިސްކިތުގައި އޮއްވައި ސަންގު ނަންގަވައި ސަންގު ފުންމެވި މައްސަލައިގައި މާލެ ގެންގޮސް ބަނޑޭރިގޭ އަށިގެއަށްލެއްވުމުން ވަރަށް އަނިޔާ ލިބިވަޑައިގަތެވެ. އޭރު އަޅުގަނޑުގެ ބައްޕަ ހުންނަވަނީ ފީގޭގައެވެ. އެއީ މ. ގޯލްވިޗެވެ. މާލެ ދުރުވެ ނެވިގޭ އަބޫބެ ވެސް އޭރު ހުންނަވަނީ އެ ގޭގައެވެ.

 

އަބްދުއްރަހިންބެ ދެކެ އަބޫބެ އިންތިހާއަށް ލޯބިފުޅުވެއެވެ. މި ޖެހުނު މައްސަލަ ގަނޑުގައި އަބްދުއްރަހިންބެ މާލެ ގެންނެވުމުން ވާނުވާ ބެއްލެވުމަށް މާލެ ވަޑައިގެން ހުންނެވީއެވެ. ކޮންމެ ދުވަހަކު ހަވީރު އަބްދުއްރަހިންބެ ދެކިވަޑައިގަންނަވާ ހިތުން އަބޫބެއާއި އަޅުގަނޑުގެ ބައްޕައާ ބަނޑޭރިގެއާ ދިމާ ގޮޑުދޮށަށް ވަޑައިގަންނަވައެވެ. އެ ވަގުތަކީ އަށިގެއިން ކުށްވެރިން ފާޚާނާ ކޮށްލައިހަދަން އަތިރިއަށް ނެރޭ ވަގުތެކެވެ. ކުށްވެރިންނާ ބައްދަލުކޮށް ވާހަކައެއް ނުދެއްކޭނެއެވެ. އެކަމަކު ހިރުނދު ގަސްތައް ދޮށުން އަތިރިއަށް ފައިބާތަނާއި އަރައިގެންދާތަން ފެންނާނެއެވެ. އެ މަންޒަރު ބަލަން ތިބެފައި އޭގެ ދެ ބޭފުޅުން ކަރުނަ ފޮހެލައިފައި ކޮންމެ ދުވަހަކު ގެއަށް ވަޑައިގަންނަވަނީއެވެ.

 

މި މައްސަލައިގައި އަބްދުއްރަހިންބެ އަރުވާލީ ހައްދުންމަތީ މާމެންދޫ އަށެވެ. އެ ރަށު މީހުންނާއެކު މަހަށް ވަޑައިގެން، ބޮޑުފައިން ދިޔަ ހިއްކައި އުޅުއްވަން ޖެހިވަޑައިގަތުމަކީ އަބްދުއްރަހިންބެ ހަޔާތުގައި ލިބިވަޑައިގެންނެވި އަގުހުރި ފިލާވަޅެކެވެ. އެއީ މަނަދޫގެ ކަމުވޮށިވެގެންވާ ހަރުދަނާ އަދި ފޯރުންތެރި އާއިލާއަކުން ވަޑައިގެންނި އެ ބޭފުޅާއަށް މުޅި އާ ތަޖުރިބާއެކެވެ. އެ ދުވަސްވަރު އަރުވާލާ މީހުންނާމެދު މީހުން ދެކޭ ގޮތާއި ކުރަންޖެހޭ މަސައްކަތްތައް ބުރަވެފައި ބަރެވެ. އެއީ މަންމައާއި ބައްޕަގެ ލޯބި އިންތިހާއަށް ލިބިގެން ބޮޑުފުޅުވި ޒުވާނަށް ފަސޭހަ ކަމަކަށް ނުވާނެތާއެވެ. އެއީ ނެވިގޭ އަބޫބެއާއި ސިއްތިދައިތަގެ ދެމަފިރިންގެ ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން ހަގު ބޭފުޅާއެވެ. އެ ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ބޭފުޅާއެވެ. ދެން އެ ދެމަފިރިންގެ ހުރީ ކަނބުލޮދައިތަ (ޙަސީނާ އަބޫބަކުރު) އެވެ. އަތިރިމަތީގޭ ދޮންބެ (ޢަބްދުއްރަޙުމާން ޢަލީ) އާ ކައިވެނިކުރައްވައިގެން ކަނބުލޮ ދައިތައަށް ލިބިވައިގަތީ ޢަބްދުލްޣަފޫރު ޢަބްދުއްރަޙުމާނު (ތުއްތުކޮއި) އެވެ. ކަނބުލޮދައިތަ ނިޔާވީ އަޅުގަނޑުގެ ބޮޑުބޭބެ ބޮޑުކާށި އަބޫބެ، މަނަދޫ ވީނަސް އަބޫބަކުރު ޙަސަންމަނިކާ ކައިވެނި ބައްލަވައިގެން އުޅުއްވަނިކޮށެވެ. އެ ކައިވެންޏަށް ޒުބޭރާއި ޢަބްދުއްރަޙުމާން ކިޔާ ދެކުދިން ލިބިވަޑައިގަތެވެ. ކަނބުލޮދައިތަ ނިޔާވިތާ މާގިނަ ދުވަހެއް ނުވެ އެ ދެބެން ވެސް ކުޑައިރުގައި ނިޔާވީއެވެ.


މަނަދޫ ރަތްފުސްގޭ ކަތްދާކޮއި ދައިތަ އަކީ ނެވިގޭ އަބޫބެއަށް އެހެން ކައިވެނިފުޅަކުން ލިބިވަޑައިގެން ބޭކަނބަލެކެވެ. އެއީ މަނަދޫ ނޫރާނީގޭ ފާތުމާފުޅު ދައިތައާއި ދަލޭކާފުޅު ދައިތަމެންގެ މަންމައެވެ. އެއީ އައްޔަބޭގެ ކުޑަކަމަނަ ދައިތައެވެ. ކުޑަކަމަނަ ދައިތަގެ އިތުރުން އައްޔަބެއަށް އެ ބަނޑުން ބަނަފުސާގޭ އާދަންކޮއި (އައްޔަބޭގެ އާދަންކޮއި) ގަސްދޮށުގޭ ރުގީދައިތަ (އައްޔަބޭގެ ރުޤިއްޔާ) ލިބިލެއްވިއެވެ. ޗާނދަނީބެ ކައިވެނިކުރެއްވި ފާތުމަދައްތަ އަކީ އަލިބެއަށް އެހެން ބަޑަކަށް ލިބުނު ކުއްޖެކެވެ.

 

އަބްދުއްރަހިންބެ މާމެންދޫއަށް އަރުވާލެއްވި ދުވަސްވަރަކީ އައްޑޫ ހުވަދޫ ބަޣާވާތުގެ ދުވަސްވަރެވެ. އޭރު ހުވަދުއަތޮޅަށް ފާރަލައިގެން ސިފައިން ޑިއުޓީގައި ތިބޭ ރަށަކީ މާމެންދޫއެވެ. އެ ރަށުގައި އަބްދުއްރަހިންބެ ވަރަށް ދަތި ހާލުގައި އުޅުއްވަނިކޮށް ސިފައިންގެ ތެރޭގައި އޭރު އުޅުއްވި މަނަދޫ ބޭކަލެއް ކަމުގައިވާ ބޮޑު އަލިބެ އެ ރަށަށް ޑިއުޓީއަށް ދުރުވި ތަނުން ދިމާވެއްޖެއެވެ. ބޮޑު އަލިބެއަކީ ސިފައިންގެ ފަށް އަރާފައިހުރި ސަރުދާރެކެވެ. ބޮޑުއަލިބެއަށް އަބްދުއްރަހިންބެ ފެނިލައްވައިގެން ގެންދަވައި އެހީތެރިވެ ދެއްވާން ފެށްޓެވިއެވެ. ސިފައިންގެ ކޭމްޕުން ފަރިއްކުޅުއްވާ އުޅުއްވުމުގެ ފުރުސަތު ދެއްވިއެވެ. އެ ގާތްކަން އޭގެ ފަހަށް ދެމިގެން ދިޔައެވެ. ފަހުން އަބްދުއްރަހިންބެ މާލެ ވަޑައިގެން ހުންނަ ވަނީ ވެސް ބޮޑު އަލިބެގެ ގޭގައެވެ. އެއީ މާފަންނު ދިގުތިޔަރަމާގެއެވެ. އެގޭ ބޭފުޅުން މަނަދޫއަށް ވަޑައިގެން ތިއްބަވަނީ އަބްދުއްރަހިންބެ ގޭގައެވެ.

 

އަބްދުއްރަހިންބެ ރަށުގެ ކުޑަކަތީބުކަން ކުރެއްވިއެވެ. އިންތިޚާބީ އަތޮޅު ކޮމެޓީގެ ދުވަސްވަރު އަތޮޅު ކޮމެޓީގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވިއެވެ. އަތޮޅު ކޮމެޓީގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ދެވަނަ މަޤާމެއްގެ ގޮތުގައި މަނަދޫގެ މުދިންކަން ސަރުކާރުން ދެއްވިއެވެ. މާލެ ގެންދަވައި މުދިންކަން ދެއްވުމުން އަތޮޅު ކޮމެޓީގެ މެންބަރުން "މުދިންބެއަށް މަރުޙަބާ" ލިޔެ، ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެކަމަކު އެ ދުވަސްވަރު ކޮންމެ މީހަކަށް ވެސް ހުރެވޭނީ ސަރުކާރުގެ އެއް މަޤާމުގައި ކަމަށް ހަމަޖެއްސެވުމާ ގުޅިގެން މުދިންކަން ދޫކޮށްލައްވައި އަތޮޅު ކޮމެޓީގެ މެންބަރުކަމުގައި ދެމި ހުންނެވިއެވެ. ސަރުކާރުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވަން ދެންވެސް މަސައްކަތް ކުރެއްވީ އަތޮޅު އޮފީހުގައެވެ. 35 އަހަރަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތް ކުރައްވާފައި ރިޓަޔަރ ކުރެއްވިއިރު އަބްދުއްރަހިންބެ ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރ އޮފް މިނިސްޓްރީ އޮފް އެޓޮލްސް ގެ މަޤާމުގައެވެ.

 

އެކި ދުވަސްވަރު އެކިއެކި އަތޮޅުވެރިން ބަދަލުވަމުން ރާއްޖޭގެ ވެރިކަމާއި ސިޔާސަތުތައް ވެސް ބަދަލުވަމުން ދިޔައެވެ. އަތޮޅު އޮފީހާއި އަތޮޅުގޭތެރޭގައި ތަފާތު ފެކްޝަންތައް އުފެދި ވާދަވެރި އޮއިވަރުތައް ދެމެމުން ދިޔައެވެ. އަމިއްލަ ދިރިއުޅުއްވުން ވެސް އަޑިއަޑިގަނޑާއި އުސްގަނޑުގަނޑުތައް ދެކެމުންދިޔައެވެ. އެކަމަކު އަބްދުއްރަހިންބެ އަކީ ހިތްވަރުގަދަ ކެތްތެރި އިޚްލާޞްތެރި ބޭފުޅެއްކަން ސާބިތުކޮށް ދެއްވިއެވެ. އަބްދުއްރަހިންބެގެ ހަޔާތުގެ ގިނަ ދުވަސްތަކެއްގެ އިރުއަރައި އޮއްސިފައިވަނީ ނ. އަތޮޅު އޮފީހުގައި އަތޮޅާއި ރަށާއި ޤައުމަށް ޚިދުމަތް ކުރައްވަމުން ވަޑައިގަންނަވަނިކޮށެވެ. އެތައް ފަހަރަކު އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ވެސް ހުންނެވިއެވެ.

 

އަޅުގަނޑަށް އަބްދުއްރަހިންބެ ފެންނަން ފެށިއިރު ޥެސް އުޅުއްވަނީ އަތޮޅު އޮފީހުގައެވެ.

އަޅުގަނޑުގެ ޅައިރުގެ އެންމެ ދުރުގެ އެއް ހަނދާނަކީ މަނަދޫ ޕްރައިމަރީ ސްކޫލުގައި ކިޔެވި ހަނދާނެއެވެ. އޭރު އަރަބި ތާނަ ލިޔުމުގެ ގަޑި ނަންގައިދެއްވަނީ އަބްދުއްރަހިންބެއެވެ. އޭރު އަޅުގަނޑުމެން އެންމެ ޖެހިލުންވާ އެއް މުދައްރިސަކީ އެއީއެވެ. ގޭގައި ލިޔަން ފޮތުގައި އަޅުއްވައި ދެއްވާ ފޮޅުވަތް ވަރަށް ރީތި ވާނެއެވެ. އެ ޞަފުޙާ ނުލިޔެ އޮވެއްޖެނަމަ ވަރަށް ބޮޑަށް ކޯފާވާނެއެވެ. އެހެންވީމާ އެހެން ފިލާވަޅެއް ގޭގައި ނުނިމުނަސް އެ ފިލާވަޅު ހުރިހާ ކުދިން ވެސް ނިންމާނެއެވެ.

 

އަބްދުއްރަހިންބެ އަކީ އަރަބި ތާނަ ރީތިކޮށް ލިޔުމުގެ ހުނަރުވެރިއެކެވެ. ގިނަ ބަޔަކަށް އެނގިފައި އޮންނަނީ މި ވަރަށެވެ. އެކަމަކު އަބްދުއްރަހިންބެއަކީ ކުޅަދާނަ ފަންނުވެރިއެކެވެ. ފަންނީ ހުނަރުވެރިކަން ޤުދުރަތުން ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. ކޮންމެކޮންމެ ކަމެއް ކޮންމެކޮންމެ ގޮތަކަށް ކުރަވަން ބޭނުންވާ ބޭފުޅެއް ނޫނެވެ. އަދި އެހެން މީހަކު އެގޮތަށް ކަންތައްތައް ކުރަން ރުހިވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. ކުރައްވާ ކޮންމެ ކަމެއް އޮމާންވެފައި ސާފުވެފައި ރީތިވާނެއެވެ. އެއް އޮފީހެއްގައި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުމުން ކުރެވުނު އެއް ތަޖުރިބާއަކީ މިއީއެވެ.

 

އަޅުގަނޑުގެ ސްކޫލު ދައުރަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރީ ނ. އަތޮޅު އޮފީހުގައެވެ. އޭރު އަބްދުއްރަހިންބެ ހުންނެވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމުގައެވެ. އެ ދުވަސްވަރު އަބްދުއްރަހިންބެ ކުރައްވާ ޚާއްޞަ މަސައްކަތެއް އޮވެއެވެ. އެއީ އަތޮޅުތެރޭގެ އެކިއެކި ރަށްެރަށުގައި ހިނގާ ހަރަކާތްތަކާބެހޭ ޚަބަރު ނަންގަވައި މާލެއަށް ފޮނުއްވުމެވެ. މުހިންމު ބޮޑެތި ޚަބަރުތައް ފޮނުވަނީ ރަސްމީ ކޮށް ދިވެހިރާއްޖޭގެ އަޑަށެވެ. އެ ޚަބަރުތަކާއެކު އަތޮޅުގެ އެހެން ޚަބަރުތައް އަބްދުއްރަހިންބެ އާފަތިހަށް ފޮނުއްވައެވެ. އާފަތިހަށް ޚަބަރު ފޮނުއްވަނީ އޭރު ޅ. އަތޮޅުގައި ހުންނަވާ "ރިޕޯޓަރެއް" މެދުވެރިކުރައްވައެވެ. އެއީ އަބްދުއްރަހިންބެގެ ރަޙުމަތްތެރި އެކެވެ.

 

އަބްދުއްރަހިންބެ މި މަސައްކަތް އަޅުގަނޑާ ހަވާލު ކުރެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަޅުގަނޑު އެކަން ކުރަންފެށުމުން ފުރަތަމަކޮޅުގައި ބައްލަވައި އިރުޝާދު ދެއްވާ ހެއްދެވިއެވެ. ފަހުން އަޅުގަނޑުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލެއްވިއެވެ. އޭރު ރޭޑިޔޯއިން ފޮނުވާ "ނޫސްތަކުން" ކިޔާ ޕްރޮގްރާމުގައި ނ. އަތޮޅުގެ ޚަބަރުތައް ވަރަށް ގިނައިން ފޮނުވައެވެ. އެހެންވެ އަތޮޅުގެ ރަށްރަށުގެ ވެރިން ވެސް އެކަމުގައި ވަރަށް ފޯރިހުރެއެވެ. އެ ކަމާ އުފާފުޅުވެގެން އަބްދުއްރަހިންބެ އެ ވާހަކަ ދައްކަވާ ހިތްވަރު ދެއްވާ އުޅުއްވައެވެ.

 

އަބްދުއްރަހިންބެއަކީ ކަންތައްތައް ވަރަށް ތަރުތީބު ބޭފުޅެކެވެ. އުސޫލުތަކާ ހަމަތަކާ އެއްގޮތަށް ކަންތައްތައް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ރައްޔިތުން ކުރި ބޮޑެތި މަސައްކަތްތަކުގައި އެކަން ވަރަށް ބޮޑަށް ފާހަގަވިއެވެ. މަނަދޫ ރައްޔިތުން އަތޮޅުގެ ރޭނިއިރުގަޔާއި ފާލަމުގެ މަސައްކަތް ކުރިއިރު ގަޔާއި ވާޓަރުޖެހިއިރުގައި ބައެއް ކަންކަން ބައެއް މީހުން ކުރާގޮތާމެދު ހިތްހަމަޖެހި ވަޑައިނުގެން އެ ވާހަކަ ދައްކަވާ އުޅުއްވިތަން އަޅުގަނޑު ދުށީމެވެ. ރީއްޗަށް މަސައްކަތް ނުކުރަންޏާ ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދާނެއެވެ.

 

އަތޮޅުގެ ރޭނިއިރުގައި އަޅުގަނޑު އަށްޓަކަށް އަރާ ރާނަން ހުއްޓާ ގޮވާލައްފައި އެއް ދުވަހަކު ބޭލުއްވިއެވެ. ރާނާ މީހާ ސިނގިރޭޓެއް ބޯލަން ދިޔަ ވަގުތުގައި ހަނދި އަތުލައިގެން އަޅުގަނޑަށް ވެސް ރޭނޭތޯ ބަލާލީއެވެ. އަޅުގަނޑުގެ ނަސީބު ރަނގަޅީއެވެ. އަބްދުއްރަހިންބެއަށް ފެނިވަޑައިގެންނެވިއިރު ރާނާ މީހާ ހުރީ ނަސީބަކުން އަށްޓަށް އަރައެވެ. އޭރުވެސް ރާނަން ރަނގަޅަށް ނޭނގޭ މީހުން އެގޮތްމިގޮތަށް ރާނާތީ އަބްދުއްރަހިންބެ ހުންނަވަނީ ހިތްޕުޅާ ނުވެފައެވެ.

 

"ޢަބްދުﷲ އަކީ ރާނާ މީހެއް ކަމެއް އަބްދުއްރަހިންބެ ނުދެނެ ހުރިން. ބޭބެ އާއެކު މި ގޯނިގަނޑުގައި ހިފާލަން ހިނގާ."

ލައްބައޭ ބުނެ އަށިމަތިން ފުންމާލައިގެން ހިގައްޖެއީމެވެ.

އެ ދުވަހު އަޅުގަނޑަށް އެ ލިބުނު ލަނޑު ދެރައެއް ނޫނެވެ. އަތޮޅުގެ ރޭނި ދުވަސްވަރު އަޅުގަނޑާއެކު އަތޮޅު އޮފީހުގައި އުޅުނު ކުދިން އަބްދުއްރަހިންބެގެ ގޯނިގަނޑުން ސަލާމަތް ވޭތޯ ކޮންމެ ގޮތަކުން ވެސް ބަލާނެއެވެ. އެ ގޯނިގަނޑުގެ އެއްކޮޅުގައި ހިފަން ޖެހިއްޖެ ދުވަހަކު އެ ނިމުނީއެވެ. ކަޓެއް ޖެއްސިޔަކަ ނުދެއްވާނެއެވެ. ފެންބޯލަން ދުފާލަށް ގޮސްފައި ކިރިޔާ ލަސްވެލިޔަސް ހޯއްދަވާނެއެވެ. އެ ދުވަހުގެ މަސައްކަތް ނުނިމެނީހެއް ހިންދެމިލިޔަކަ ނުދެއްވާނެއެވެ.

 

ރައްޔިތުން ނުކުމެ ކުރާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވުމަކީ އަބްދުއްރަހިންބެގެ އުފަލެކެވެ. އެންމެ އާދައިގެ މީހެކޭ އެއްގޮތަށް މަސައްކަތް ކުރައްވާނެއެވެ. އަބްދުއްރަހިންބެއަކީ ހިތްތިރި ބޭފުޅެކޭ ދަންނަވަން މިފަދަ އެތައް މިސާލެއް ނެގިދާނެއެވެ.

 

އެއީ އަދާކުރެއްވި މަޤާމު ތަކުގެ ހައިސިއްޔަތަށް ނުބައްލަވައި ރަށާއި އަތޮޅަށް ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. މުދައްރިސެއްގެ ގޮތުގައި ރަށުގެ ތަޢުލީމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އޭގެތެރެއިން އަޅުގަނޑަށް އެންމެ ރަނގަޅަށް އެނގޭ އެއް ކަމަކީ ޖަޕާން ސަރުކާރުން އަޅައިދިން މަދަރުސާ މަނަދޫގައި އެޅުމަށްޓަކައި އަމިއްލަ ގޮތުން ކުރެއްވި މަސައްކަތެވެ. މާލެ ވަޑައިގެން އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި ކުރެއްވި އަގުހުރި ވަކާލާތެވެ.

 

އެ ޚިދުމަތްތެރިޔާ 2020 ޖޫން 5 ވަނައަށްވީ ހުކުރު ދުވަހު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންފިއެވެ. ތިން ކައިވެނިފުޅަކުން 10 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އަވަހާވީއިރު އިންނެވި އަނބިކަނބަލަކީ ނ. މާޅެންދޫ ބޭކަނބަލެއް ކަމަށްވާ ޝަހީމާދައްތައެވެ. ދުނިޔޭގެ ވަގުތީ ފާލަމުން އާޚިރަތުގެ ދާއިމީ ހިޔަލަށް އަބްދުއްރަހިންބެ ދަތުރު ކުރައްވައިފިއެވެ. ޚިދުމަތްތެރި ހަޔާތެއް ވޭތިކުރައްވާފައެވެ. ސާފު ރީތި ފަސްބަޔަކާއެކުގައެވެ. ތަޢުލީމީ މަސައްކަތްތެރި އަޚުލާޤު ރަނގަޅު ބޭފުޅުންތަކެއް ދޫކުރައްވާފައެވެ. އެތައް ބައެއްގެ ލޯތްބާއި ގަދަރާއި އިޙްތިރާމު ހާސިލު ކުރައްވާފައެވެ. އަބްދުއްރަހިންބެގެ ފުރާނައަށް ރަޙުމަތް ލައްވައި ފާފަ ފުއްސަވާށިއެވެ. ޖަންތުއްފިރުދައުސްގެ މަތިވެރި މަޤާމު މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

No comments: