Sunday, August 9, 2020

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

 


ޢަބްދުﷲ ސަޢީދު

 

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ.

 

ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައްވާފައިވާ ކަންތައްތަކުންނާއި ޢަމަލު ކުރައްވާފައިވާ ގޮތްތަކުން އަދި ވިދާޅުވެފައިވާ ވާހަކަފުޅުތަކުން މަތީގައިމިވާ އަސާސްތައް ބޮޑުތަކުރުފާނު ގެންގުޅުއްވިކަން ސާބިތުވެއެވެ.

 

 

1. ޝަޢުޤުވެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ހަދާށެވެ.

• ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ކުދީންނޭވޭ އެކުން ބާރަށް ފަލިޖަހާނެ ކަމެއްނެތޭ. އިރުއޮއްސޭއިރަށް ބާރަށަށް ދެވެނިކޮށް ވަރިހަމަޔޭ. އުތީމަށް އަންނާނީ މިރޭ ބާރަށު ފުށޮޅުގައި މާކެޔޮކަމު އަޅާފައި އިރާދަ ކުރެއްވިޔާ މާދަމާ ހެނދުނާއެވެ. (ސ. 74)

 

2. ލިބިފައިވާ ޢިލްމާއި ޙިލުމާއި ހުނަރުގެ ބޭނުން އަބަދުވެސް ހިފާށެވެ.

• ސިއްތިމާވާ ރަނިކިލެގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމަށް ބޭސް ފަންޑިތައެއް ހައްދަވައިދެއްވާތޯ ވިޔަޒޯރު އަތޮޅުވެރިން ބޮޑުތަކުރުފާނުގެ އަރިހުގައި ދެންނެވިއެވެ. ބޮޑު ތަކުރުފާނު ވިދާޅުވިއެވެ. "އަތޮޅުވެރިން ހިތްހެޔޮ ކަމާއެކު އެދި ބުނުއްވައިފި ކޮންމެކަމެއް އަޅުގަނޑުމެން ތިބޭނީ ކިރިޔާވެސް ވެވޭވަރުގެ ކަމެއްވިއްޔާ އުފާވެރިކަމާއެކުގައި ކުރާށެވެ." (ސ.128)

 

3. އަނިޔާވެރިނުވެ ސުލުހަށް ފުރުސަތު ދޭށެވެ.

• ވިޔަޒޯރު އަތޮޅުވެރިން ޕޯޗްގީޒުންގެ ސިފައިންގެ މީހަކު ހައްޖަރު ހަރައި މަރާލުމާގުޅިގެން ދެކެވުނު ވާހަކަ ތަކުގައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ "އިސްލާމުންގެ ގޮތަކީ ސުލުހަ މަސްލަހަތަށް އިސްނަގައިގެން ތިބުމެވެ. ހުކުރުކުރާން މިންބަރަށް އަރައި އެތިބޭ ވެރީންގެވެސް ކަނޑި އޮންނަނީ ވާތުގައި ނޫންހޭ، ކަނާތުގައި އޮންނަނީ ފޮތެވެ. އެކަންތަކުން އަހުރެން ނެރޭ މާނައަކީ އެބުނަނީޔޭ އަހުރެމެންގައި ބާރު އެބަހުއްޓެވެ. އެކަމަކު އަހުރެމެން މިތިބީ ހެޔޮ ނަސޭހަތްދީ ތެދުމަގު ދައްކައިގެން މީސްތަކުން ގަންނަވައި ދީނަށް އުޅުއްވާށެވެ. އަހަރެމެނާ ދެކޮޅުވެ ގަދަ ދައްކަނީވިއްޔާ ސީދާ ކުރާނީ ކަޑީންނެވެ" (ސ: 162)

 

4. ހަވާލު ކުރެވޭ މަސައްކަތް ކުރާގޮތްބަލައި އެހީތެރިވެދޭށެވެ.

• ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ދަންޑެހެލާ ކޮއިފުޅާޔޭ. އެކަނި ހާލުގައި އުޅޭއިރު ތިން މީހުންވެގެން އޮޑިއެއް ދުއްވާނަމަ އެކަކު ހުންނާނީ ހުންގާނުގައެވެ. އަނެކަކު ހުންނާނީ އެނގަމަތީގައެވެ. ދެންހުރި މީހާ ހުންނާންވާނީ ދިރުބާކޮޅު އާލާތްކުރާށެވެ. (ސ. 96)

 

5. މީހުން ދަސްކޮށްގެން އެމީހުން ލައްވާ މަސައްކަތް ކުރުވާށެވެ.

• އޮޅުދޫ ކަރަޔަށް ދިއުމަށް އޮޑި ތައްޔާރުކުރަން ބާރަށަށް ޙަސަން ތަކުރުފާނާއި ދަންޑެހެލާ ދެމީހުން ފޮނުވަމުން ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާއި ދަންޑެހެލާ ދެބެއިން ބާރަށުގައި އުޅޭއިރު ޙަސަނު ކައިބޮއި އުޅެންވާނީ ކަތީބުބޭބެ ގެއިންނެވެ. ދަންޑެހެލު ކާންވާނީ ވަރުގޭ ބަދިގެއިންނެވެ. ނިދާންވާނީ ވާރުގޭ ބޮޑުއަށީގައެވެ. ދަންޑެހެލާޔޭ ވާރުގޭ ބަދިގެއިން އެންމެ ފުރަތަމަ އެޅޭ ކޮއްތެއް އެހެން މީހަކަށް ލިބުނަ ދީގެން ނުވާނެއެވެ. ވާރުގޭ ބޮޑުއަށީގައި އެންމެ ކުރީން އޮށޯންނަ މީހަކު ކަމުގައްޔާއި އެންމެކުރީން ފަތިހު ތެދުވާ މީހަކު ކަމުގައި ދަންޑެހެލުވާނީ ވާށެވެ. ވާރުގޭ ބޮޑުއަށީގައި ނިދާންވާނީ އެއްލޮލާއި އެއް ކަންފަތުންނެވެ." (ސ. 102)

 

6. ޓީމެއްގެ ގޮތުގައި ތަމްރީނު ވަމުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.

• ކަޅުއޮށްފުންމީގައި ދަތުރުކުރި ފަރަންޖީންތައް މަރާ ކަނޑަށް އަޅާލުމަށްފަހު އުތީމު ތިން ތަކުރުންނާއި ދަންޑެހެލު ވަޑައިގަތީ އުތީމަށެވެ. އިޝާނަމާދު ކުރައްވައި، އިސްތިހާރާ ނަމާދު ކުރައްވައި ހެއްދެވުމަށްފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކުޅައުމަށް ނިޔަތްގަނެ ބޮޑުތަކުރުފާނަކީ ޖިހާދުގެ ލީޑަރު ކަމުގައި ހަމަޖެއްސެވިއެވެ. އެރޭ އެބޭފުޅުން ކުރެއްވި ދުޢާގައި ވިދާޅުވިއެވެ. އިސްވެ ދުޢާ ވިދާޅުވީ ޢަލީ ތަކުރުފާނެވެ. "ޔާރައްބި ކަލާކޯއެވެ. މިތިބީ އިބަ ސުވާމީންގެ ދީނަށް ނަޞްރު ދިނުމަށް ނިޔަތްގަތް ވެރިއަކާއި ތިންމީހުންނެވެ. ފަހެ އަޅަމެންނަށް ނަޞްރު ދެއްވައި ދީން ޢިއްޒަތްތެރި ކުރައްވައި މިތިބަ ތިންމީހުންގެ ޢުމުރު ދަންމަވައި އަޅަމެންގެ ބައި ގިނަކުރައްވައި، މި ދިވެހިރާއްޖެ އިހުވެސް ސަލާމަތް ކުރެއްވި ފަދައިން ކުފުރުކަމުން ސަލާމަތް ކުރައްވައި މި ނިކަމެތި އަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާ ދޭންވެއެވެ." (ސ. 160/159)

 

7. އެހީއަށް އެދެންޖެހޭ ތަނުގައި ފަސްނުޖެހި މަސްއޫލިއްޔަތާއި ޒިންމާ އުފުލާށެވެ.

• ކަޅުއޮށްފުންމީގެ ރިޔާ ހެދުމާބެހޭ ގޮތުން މަރޮށީ ރައިވެރިބެއާ ދެއްކެވި ވާހަކައިގައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "އަހުރެމެންނަން މިވަގުތަށް އެންމެ ބޭނުން ބޮޑުވެފައިވަނީ، އަހުރެމެންގެ އޮޑީގެ ރިޔަލުގެ ކަންތަކެވެ. ދިހަބާރަ ދުވަހު ކަނޑުމަތީގައި ޖެހޭ ވައިގައި ކުރާ ވިއްސާރައިގައި އޮޑިޔައިގެން ހިފަހައްޓައި ރޭގަނޑު ރާއްޖެވަދެ އިރުނާރަނީސް ބޭރުވެ މިހެން އުޅެލީމާ ރިޔާ އޮންނަނީ ވަރަށް ބާވެފައެވެ. ދެން އަނެއްކާ މިވަނީ މަލިކަންދާށެވެ. މިކަމާމެދު ބޭބޭގެ ކިބައިގައި އެހީތެރިކަމެއް ހުރިތޯ ހުރިނަމަ ވެވޭނެތޯ އަހައިލާން އައީމުއެވެ." (ސ:188)

 

8. ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ.

• ކަޅުއޮށްފުންމީގެ ފަހުލަވާނުންނަށް އެކަނި ޕޯޗްގީޒުން ބަލި ކުރައްވައި މާލެ ނުހިއްޕެވޭނެކަން އެނގިވަޑައިގެންފިއެވެ. އެހެންކަމާއެކު ކަންނަންނޫރަށް ވަޑައިގަންނަވައި ޢަލީ ރާޖާއާ ބައްދަލުކުރައްވައި ދިވެހިންނަށް ހަނގުރާމަމަތީ ގުރާބަކާއި ލަޝްކަރެއް ދެއްވަން ޢަލީ ރާޖާ އެއްބަސްވެވަޑައި ގެންނެވިއެވެ. މި މީހުން ގޮވައިގެން އެބޭފުޅުން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރާލާނޭ ކަމަށް ޕޯޗްގީޒުން އަންގާފައިއޮތް ދުވަހެވެ. "ދެކޮމަންޑޫ ދޭތެރެއިން ކަޅުއޮށްފުންމީގައި ދުރުވި ދުވަހާއި މުލީ ފަރުގައި ދެ ނެރެއް ހެދުނު ދުވަހާއި މި ކަހަލަ އެތައް ދުވަހެއް އައެވެ. މިއިން ކޮންމެ ދުވަހަކު އެބޭކަލުން ސަލާމަތް ކުރެއްވުމުގެ ކަރާމާތުގެ އެންމެ ބޮޑު ސަބަބެއް ކަމުގައިވަނީ އެހެން މީހުންނަށްވުރެ މާބޮޑަށް އެބޭކަލުންނަށް ރާއްޖޭގެ ގިރިފަރު ހުންނަ ތަންތަނާއި އެތަންތަނުގެ ފުންތިލަމިން ތަކާއި ވަދެ ނުކުމެވޭ ދަތިހައި ތަންތަން އޮންނަ ގޮތްތަކާއި ކަނޑުފަޅުގެ އާޖުފާޖު އެނގި ދަސްވެފައިވާކަމެވެ. (ސ 193). ކަޅުއޮށްފުންމީގެ ފަހު ދަތުރުގައި ކޮޅުފުށީގައި އެދޯނީގެ ލަކުޑިތަކުން މިސްކިތެއް ބިނާކޮށްދެއްވި ކޮށްދެއްވުމަކީވެސް ލިބިފައިހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ ފުރިހަމަ މިސާލެކެވެ.

 

9. ސާފުކޮށް ވާނުވާ އޮޅުންފިލުވައި ދޭށެވެ.

• މާލެ ފަތަޙަ ކުރެއްވިރޭ އަދިރިއަދިރިންގެ ގަޔަށް ބޮޑުތަކުރުފާނު ބަޑިޖެއްސެވުން ލަސްވާތީ ޙަސަން ތަކުރުފާނު އެތަކުރުފާނު ބަޑިޖަހަންވީތޯ ދެންނެވުމުން ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާއޭ ހަޅޭއްނުލަވާށޭ. ނިކަން ކެތްކުރާށޭ. ތިޔަ ސޮރަކީ އުންޑަ އައިތަނަށް އުންޑަ ފޮނުވާ ސޮރެކެވެ. މި ހޯދަނީ އެހެންވެ ނިވާވެލާނެ އެއްޗެކެވެ." (ސ:202)

 

10. އެހެން މީހުންނަށް މިސާލަކަށްވާށެވެ.

• ދިވެހިރާއްޖެއަށް އަބުރާ މިނިވަންކަން ހޯއްދަވައި ދެއްވާފައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "މީސްތަކުންނޭވޭ. ތިޔަބައި މީހުންނަށް އިސްލާމްދީނުގެ ކަންކަމަށް އަމުރުކޮށް ކައިވެނިކޮށްދީ ހަދާނޭ އަމުރުވެރިޔަކީ އިހުވެސް ހުންނެވި ފަދައިން މިހުންނެވި އަބޫބަކުރެވެ. މިނާގެ އަމުރަކާއި އަހުރެމެން ދެކޮޅުވެރި ނުވާހުށީމެވެ. ތިޔަބައި މީހުންވެސް ދެކޮޅުވެރި ނުވާށެވެ. (ސ. 205). ބޮޑުތަކުރުފާނު ޢަމަލު ކުރެއްވީ އެގޮތަށެވެ.

 

 

(ނިމުނީ)

ކަވަ ފޮޓޯ ކްރެޑިޓްސް: ވަން ސައިޓް

ރިފަރެންސް: ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ

No comments: