Wednesday, August 5, 2020

ހާރޫނުބޭ: ތަފާތު ޝަޚްޞިއްޔަތެއް

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑާ މަންމަ ފަރާތުން ހާރޫނުބެއާ ތިމާގެއެވެ. ހާރޫނުބެއަކީ މަނަދޫ ކަތީބު މޫސަބޭގެ ހަތް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކަތީބު މޫސަބޭގެ ތިބީ ޙައްވަދައިތައާއި، ޔަހުޔާބެއާއި، ޒަކަރިއްޔާބެއާއި، ކަތްދަދައިތައާއި، ފާތުމަދައިތައާއި، ދޮން ދައިތައާއި، ހާރޫނުބެއެވެ. އަޅުގަނޑަކީ ކަތީބު މޫސަބޭގެ ފާތުމަދައިތަގެ ކަނބުލޮ (ޒުލޭޚާ)ގެ ޢަބްދުﷲއެވެ. އެހެން ވީމާކަން ނޭނގެއެވެ. ގޭދޮށުން ދަންޏާ އަޅުގަނޑުމެން ގެއަށް ވަދެނުލައެއް ނުދާނެއެވެ. ޔަގީނުން ވެސް ހާރޫނުބޭ ވަންނާނެ ރެއެއް އަޅުގަނޑަށް އެނގެއެވެ. އެއީ ރައްޔިތުންނަށް ގޮވާ ރެއެވެ.

 

ރަށުގެ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އަންގަން ބޭނުންވާ މުހިންމު ކަންކަން އޭރު އަންގަނީ ރައްޔިތުންނަށް ގޮވާ އޮފީސް ދޮށަށް އެއްކޮށްފައެވެ. ގޮވާނީ ދެ ނަމާދު ދޭތެރޭގައި ރަށުތެރެއަށް މީހަކު ފޮނުވައިގެންނެވެ. އަޅުގަނޑުމެންގެ ހަނދާނުގައި އެކަމަށް އެންމެ ކުޅަދާނައީ ސަންގުދޮންބެއެވެ. ރައްޔިތުން އެއްކުރަނީ ޢިޝާ ނަމާދުން ފައިބައިގެން ކައިހަދައިގެންނެވެ.

 

ރަށު އޮފީސް އޭރު ހުންނަނީ އަޅުގަނޑުމެން ގެއާ ޖެހިގެން ގޯޅިއެއް ދޫކޮށްފައި ހުޅަނގުގައެވެ. އެއީ އަލިމަސް ގޯޅިއެވެ. ރައްޔިތުންނަށް ގޮވާ ރޭރޭ ހާރޫނުބޭ އެތަނަށް އަންނާނެއެވެ. ރައްޔިތުން އޮފީސް ދޮށުގައި ސޯސަންމަގުމަތީގައި ތިބޭނީ ކޮޅަށެވެ. ބައެއް މީހުން ފާރުގައި ލެގިލައިގެން އުޑަފައިން ފާރު ބުޑުގައި ވެސް ތިބޭނެއެވެ. ވެރިކަމުގެ ފަރާތުން އެ އަންގަންވާ އެއްޗެއް އެންގުމުން އެވީ އެ މީހެއްގެ ގެއަށް އެ މީހަކު ދާށެވެ. ހިމޭންކަމާއި ކިޔަމަންތެރިކަން ފެންނަ އެ މާހައުލު ހަލަބޮލި ވާނީ އެ ހިސާބުންނެވެ. ޒުވާބާއި ހަޅޭކުގެ އަޑުފައްގަނޑުން ބައެއް ރޭރޭ ކައިރި ގޭގޭގައި ކުޑަކުއްޖަކަށް ނިދާފައި ވެސް ނޯވެވޭނެއެވެ. އެއީ ހާރޫނުބޭ އަޅުގަނޑުމެން ގެއަށް ވަންނަ ވަގުތެވެ. "ކޮއްކޮ ކޮއްކޮ" ކިޔަމުންނެވެ. ބައެއް ފަހަރު "މާތް ޅިޔަނު މާތް ޅިޔަނު" ވެސް ކިޔާނެއެވެ. ހަރަކާތާއި ހިނގުން ހަލުއިވާނެއެވެ. ވާހަކަ ދައްކާއިރު އުނދަގޫ ގޮތެއް ހުރެއެވެ.

 

އަޅުގަނޑުގެ ބައްޕަ ރަށުގައި ވަޑައިގެން ހުންނެވިއްޔާ ގިނައިން އިންނަވާނީ އުނދޯލީގައެވެ. ހާރޫނުބޭ ގެއަށް ވަދެގެން ދާއިރު ބައްޕަ ގޮވާ ލެއްވިޔަސް ހާރޫނުބޭ އެދޭ ޖަވާބެއް ދީފައި ގެއަކު މައިތިރިއެއް ނުވާނެއެވެ. ކޮއްކޮކޮއްކޮ ގޮވަމުން ދާގޮތަށް ދާނީ ބަދިގެ ފަރާތަށެވެ. އެއީ މަންމައާ ބައްދަލުކުރާށެވެ. ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ހާރޫނުބޭގެ ދަރިއަކު ނުހުންނާތީކަން ނޭނގެއެވެ. އެކަމަކު އަޅުގަނޑުގެ މަންމަމެން ވަރަށް ކުޑައިރު މީހަކާ އިނދެގެން ބޮޑުކާށިގޭގައި ހާރޫނުބޭގެ ދެމަފިރިން އުޅުން ހަނދާން ހުންނަ ވާހަކަ މަންމަ ބުނުއްވިއެވެ. ހާރޫނުބޭ ދިރިއުޅުނީ އެއްބަނޑު އެއްބަފާ ދޮންދައިތައާއެކުގައެވެ. ދޮންދައިތަގެ ތުއްތުކަނބުލޮ ދައްތައާއި އެ ދައްތަގެ ކުދިންނަކީ އުފަން ދަރިން ކަމަށް ދެކިގެންނެވެ. އެހާވެސް އެކުދިން ދެކެ ލޯބިވާނެއެވެ.

 

އަޅުގަނޑު މީހަކާ އިނދެގެން މާމުއިހަނދުގެ ދުވަސްވަރު ހާރޫނުބޭ އަޅުގަނޑުމެން ގެއަށް އައިސް އެކިޔާ އެއްޗެއް ނޭނގިގެން އަޅުގަނަޑުގެ އަންހެނުން ސުވާލުކުރި ހަނދާންއެވެ. ހާރޫނުބޭ ނިކަން އަވަސްއަވަސްކޮށް ކިޔާއިރު ހީވާނީ "ކޮއްކޮކޮއްކޮ މައިން ޅިޔަނު މައިން ޅިޔަނު" ކިޔާ ހެންނެވެ. މާތް ޅިޔަނަކީ އަޅުގަނޑުގެ ބައްޕައަށް ހާރޫނުބޭ މުޚާޠަބުކުރާ ގޮތެކެވެ. އެކަން އެނގޭނީ ވަރަށް މަދު މީހަކަށެވެ.

 

ގެއަށް އާދެވޭ ބައެއް ދުވަސްދުވަހު ހާރޫނުބޭ އަޅުގަނޑުމެން ގެއިން ސައިބޮޔެއެވެ. މުޅިން ވެސް ބޯނީ ކަޅުސަޔާ ހުސް ރޮށްޓާއެވެ. ދުވަހަކު ވެސް އެއްޗަކާ ރޮށި ޖައްސައިގެން ނުވަތަ ރިހައަޅާ މޮޑެގެންނެއް ނުކާނެއެވެ. ގޭގެއަށް ޞަލަވާތްފުޅު ކިޔަވައިދޭން ގޮސްފައި ވެސް ސައިބޯނީ އެހެންނެވެ.

 

ނ. މަނަދޫ ގުލްބަކާގޭ އަލްމަރުޙޫމް ހާރޫނު މޫސާގެ މަޝްހޫރު ނަމަކީ "ބޯކެޔޮ ހާރޫނު" އެވެ. އަޅުގަނޑަށް ހާރޫނުބޭ ފެންނަން ފެށިއިރު ގަޔަކަށް އެއްޗެއް ނުލާނެއެވެ. އަންނާނީ މުންޑެވެ. މުންޑު ގިނަ ފަހަރަށް ހުންނަނީ އަރުވާ ޖަހާފައެވެ. ބޮލުގައި ފޮށައެއް އޮޅާލާފައި އޮވެއެވެ. އާންމުކޮށް ފައިވާނަކަށް ނާރާނެއެވެ. އެކަމަކު ހުކުރަށް ޚާއްޞަ ހުދު ހެދުމެއް އަބަދު ވެސް ގެންގުޅެއެވެ. ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެއެވެ. ޚާއްޞަކޮށް ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަށެވެ.

 

ހާރޫނުބޭގެ އެންމެ ޚާއްޞަ ޚިދުމަތަކީ މަނަދޫ އިރުމަތީ އަވަށު ފިރިހެނުންގެ މިސްކިތް ބެލެހެއްޓުމެވެ. އެއީ އެއްވެސް އިނާޔަތެއްނެތި ހިލޭ ސާބަހަށް ކުރި އަގުހުރި ޚިދުމަތެކެވެ.

މަނަދޫ އިރުމަތީ އަވަށުގައި މިހާރު ފިރިހެނުންގެ ނިކަންރީތި ބޮޑު މިސްކިތެއް ހުއްޓެއް ކަމަކު ކުރިން އެ ގޯތިތެރޭގައި ހުރީ ވަރަށް ކުޑަކުޑަ މިސްކިތެކެވެ. އެ މިސްކިތް ހުންނަނީ ރާނާ އުވަޖަހާ މަތިން އީޓު ޖަހާފައެވެ. އެ މިސްކިތަށް އޭރު އަޅުގަނޑުމެން ކުޑަކުދިން ކިޔަނީ ހާރޫނުބޭގެ މިސްކިތެވެ. ހާރޫނުބެއަކީ މިސްކިތް ބެލެހެއްޓުމުގައި ނަމޫނާ ބޭކަލެކެވެ. އަބަދުވެސް މިސްކިތް ސާފުތާހިރުކޮށް ބޭއްވުމަށާއި މިސްކިތު ގޯތިތެރެ ސާފުކުރުމަށް އަދި މިސްކިތު ވަޅު ސާފުކޮށް ބެލެހެއްޓުމުގައި ހާރޫނުބޭ ހުންނަނީ އަރުވާ ޖަހާފައެވެ. މެންދުރު ނަމާދަށް އެގާރަ ނުޖަހަނީސް ދާނެއެވެ. މޫދަށްއެރި ކަސްރަތުކޮށް މިސްކިތު ވަޅުން ފެންވަރައި ނަމާދަށް އަރާނީ ނިކަން ރަނގަޅަށް ތައްޔާރުވެގެންނެވެ.

 

ހާރޫނުބެއަކީ ނިދިމަދު، މުރާލި ހީވާގި ބޭކަލެކެވެ. ކުރީގައި މަހަށްގޮސް ވަދާގޮސް އުޅުނެވެ. އެކަމަކު އެއީ އެތައް ދުވަހެއް ވަންދެން ރާއެރި ރައިވެރިއެކެވެ. ރާކައްކާ އަމިއްލއަތުން ހަކުރު ހިލި ހީވާގި ބޭކަލެކެވެ. އަމިއްލައަށް އުވަ ދަވައިގެންނާއި މީހުން އުވަދަވައިފައި ދޫކޮށްލާފައި ހުންނަ އުވަވަޅުތައް ކަހައިގެން އުވަ ނަގައިގެން ރޭނުމުގެ މަސައްކަތް ކުރިއެވެ. އެ ޒަމާނަކީ ފަރުތައް ވީދާ ތަޅާ މުގުރައިގެން ބޮޑެތި ގާފުނިތައް ޖަހައިގެން މީހުން ރާނާ އުޅުނު ޒަމާނެވެ. އެކަމަކު ހާރޫނުބޭ ތަފާތެވެ. ފަރުން ގާނަގައިގެން ގާތަޅައިގެން ރޭނުމުގެ ބަދަލުގައި ހާރޫނުބޭ ރޭނީ ގާ ހޮވައިގެންނެވެ. އާންމުކޮށް ބޭނުން ކުރާނީ ފޮތިގަލެވެ. މަނަދޫ ބޯހުރާގެ ފުއްޓަރަށް އެފަދަ ގާ އަރާނެއެވެ. އެ ގާ އެހެން މީހުން ބޭނުންކުރަނީ އުވަޖަހާއިރު އަކިރިއާއެކު އުވަވަޅަށް އަޅާށެވެ.

 

ހާރޫނުބެއަކީ ތިމާވެށި މި ލަފުޒު ދިވެހި ރަދީފަށް ނާންނަނީސް ވެސް ތިމާވެށީގެ ޗެމްޕިއަނެކެވެ. މި ރޮނގުން މަނަދޫގައި އެވޯޑެއް ދިނަސް ނުވަތަ ތަނަކަށް ނަމެއް ކިޔަސް މީހަކަށް ނިސްބަތް ކުރަންޏާ އެނަމެއް ނިސްބަތް ކުރަންޖެހޭނީ ހާރޫނުބެއަށެވެ. މި ޒަމާނުގައި ތިމާވެށީގެ ވާހަކަ ދައްކާ ގިނަ މީހުންނާ ޚިލާފަށް ހާރޫނުބެއަކީ ޢަމަލުން އެކަން ދައްކައިދިން ބޭކަލެކެވެ. މީހުން އުކާލާ ތަކެތި އަލުން އެހެން ގޮތަކަށް މޮޑިފައިކޮށްގެން ބޭނުންކުރުމުގައި އެއީ ނަމޫނާ ޝަޚުސިއްޔަތެކެވެ. ޚާއްޞަކޮށް ރީސައިކަލް ކުރުމާއި ރީޔޫޒުކުރުމުގެ ވާހަކަ ދައްކާ މީހުންނަށެވެ. ކުކިންއޮއިލް ހުސްކުރާ ފުޅިން ރާބަނދި ހަދައިގެން ބޭނުން ކުރަން ފެށުމުން ފުރަތަމަ މީހުން މަލާމާތް ކުރިއެވެ. އެކަމަކު ފަހުން ގިނަބަޔަކަށް އެގޮތް ކަމުދިޔައެވެ. އެކިތަންތަނުން ހޮވާ ޕްލާސްޓިކް ހަންބުރި ދާނި އުނބަށް ބޭނުންކުރީމާ ކަމުދާ ކަމަކަށް ނުވިއެވެ.

ބޮއިބުރިއެއް، ބާ ތަގަރިގަނޑެއް އުވަމަތިގަނޑަކަށް ފުދެއެވެ. އުވަގަށާކަށް އުވަދޯންޏެއް ބޭނުންމެއް ނުވެއެވެ. ފައިވާން ވަދު އަމިއްލައަށް ޖެހުމާއި އަތުން ފެހުމަކީ ވެސް ހާރޫނުބޭގެ ހުނަރެކެވެ. ލާ މުންޑުގައި އަމިއްލައަށް ފޮތިއަޅައި ފައިވާން މަރާމާތުކޮށް ހަދައެވެ. ކީރިތި ރަސޫލާގެ ސިޔަރަތު ބަރާބަރަށް އަޑުއަހާނެއެވެ. ބައެއް ފަހަރަށް ރޮމުންނެވެ. އަނެއްބައި ފަހަރަށް ހެމުންނެވެ.

 

ހާރޫނުބެއަކީ މީހަކު ދައްކާހާ ވާހަކައަކަށް ކިޔާހާ އެއްޗަކަށް ބަލާ މީހެއް ނޫނެވެ. ހާރޫނުބޭ އުޅޭނީ އޭނާގެ ގޮތުގައެވެ.

 

ހާރޫނުބެއާ ބޯކޭލާ ގުޅުވައިގެން ކިޔަނީ ބޯކޭލަށް އެންމެ ކުރިއްސުރެ ހުންނަ ވަރަކުންނެވެ. ބޯކޭލަކީ ކެހެންޏެއް ހުންނާތީ އާންމުކޮށް މީހުން ކައިއުޅޭ އެއްޗެއް ނޫނެވެ. އެކަމަކު ރީތިކޮށް ލިޔެލައިގެން ހާރޫނުބޭ ކައިއުޅެއެވެ. އަދި ކެހެނިފިލުވައިގެން ހަކުރުކައްކާފައި ހުންނަ ފަނިގަނޑަށް ފުށާއެކު އަޅާ ހިލާހަދައެވެ.

.

ހާރޫނުބޭ ރާވެރިކަންކޮށް ހަކުރު ކައްކާހެދީ އަމިއްލައަށެވެ. އެ މަސައްކަތާ ގުޅޭ ހުރިހާ އާލާތެއް އަމިއްލައަށް އުފައްދައިގެންނެވެ. އެ ކަންތައްތައް ހާރޫނުބޭ ކުރީ އަމިއްލަ ޝައުޤާއެކުގައި ކުރާހިތުންނެވެ.

 

ހާރޫނުބެއަކީ ހަށިގަނޑު ވަރަށް ނިކަމެތިކޮށް ހުންނަ ބޭކަލެކެވެ. ހިނގުން އަވަސްވާނެއެވެ. ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ހަކުރެވެ. ތިމާގެ މީހުންގެ ގޭގެއަށް ގަވާއިދުން ޒިޔާރަތްކުރެއެވެ. ގޭގޭގައި ޞަލަވާތްފުޅު ކިޔަވައިދެއެވެ. ދަތްތައް ވަރަށް ސާފުކޮށް ރީތިކޮށް ބަލަހައްޓާނެއެވެ. ދަތްތައް ނިކަން ވަރުގަދަ އެވެ. އިލޮށްޓާއި ހިމުންވެލިން ރީތިކޮށް ދަތްތައް ސާފުކޮށް ބަރާބަރަށް ކާށިތެޔޮ އުގުޅާނެއެވެ. ނިދަން އޮންނަނީ ބަނބުކެޔޮ ފިލައެއް މަތީގައެވެ. ދެ ކަނިގަނޑުމަތީގައި އޮންނަ އެ ފިލާމަތީގައި ނިދަން އޮންނަނީ އުޑުތިލަމަތިންނެވެ. ހާރޫނުބެއަކީ ނިދީގައި ފަރާތްފަރާތަށް އެނބުރި ހަދާ ބޭކަލެއް ނޫނެވެ.

 

ހާރޫނުބެއަކީ އެ ޒަމާނުގައި އުޅުނު އެ އުމުރުގެ މީހުންނަށް ބަލާއިރު ތަފާތު ބޭކަލެކެވެ. ދިރިއުޅުމުގެ ކަންތައްތައް ހުންނަނީ ވަކި ތަރުތީބަކުންނެވެ. ކޮންމެ ނަމާދު ވަގުތެއްގެ މާކުރިން ހާރޫނުބޭ މިސްކިތަށް ދެއެވެ. ގިނަ ނަމާދުތައް ކުރާނީ މޫދުއެރުމަށްފަހު މިސްކިތުވަޅުން ފެންވަރާލައިގެންނެވެ. ޚާއްޞަކޮށް އެއްވެސް މަސައްކަތެއްގައި އުޅެފިނަމަ ފެންނުވަރާ ނަމާދު ކުރުމަކީ ހާރޫނުބޭގެ އާދައެއްނޫނެވެ.

 

މިރޭ ކުއްލިއަކަށް ހާރޫނުބޭ މަތިން މި ހަނދާންވީ ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާއަށް ހެޔޮ ދުޢާކުރާކަށް އުފަން ދަރިންނެއް ނެތެވެ. ތިބީ އަޅުގަނޑުމެން ކަހަލަ ތިމާގެ މީހުންނާއި ހާރޫނުބޭގެ ދީންވެރި ރީތި އަބުރުވެރި ދިރިއުޅުމަށް އިޢުތިރާފުވާ ހާރޫނުބެއާ ދުނިޔެއިން ބައްދަލުވި އަޚުންނާއި އުޚުތުންނެވެ.

 

ހާރޫނުބޭގެ ފާފަ ފުއްސަވައި ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭ އަޅުތަކުންނާއެކު ޖަންނަތުލްފިރުދައުސުގައި ލައްވާށިއެވެ. އާމީން.

 

ފޮޓޯ: މުޙައްމަދު ނިޒާރު އާދަމް

No comments: