Monday, August 3, 2020

ޕޯޗްގީޒުން ރާއްޖެއަށް



ޢަބްދުﷲ ސަޢީދު 


ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައީ މީލާދީން 1488 ވަނަ އަހަރު ދެކުނު އެފްރިކާ ވަށާލާފައި ކުރި ތާރީޚީ ދަތުރުގައެވެ. އެއީ ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިން ދަތުރެވެ. ބާތޮލޮމިޔު ޑަޔަސްގެ މާލިމީ ކަމުގެ ދަށުގައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނެވެ. އެއީ އެ ރަދުންގެ ދެވަނަ ރަސްކަމުގެ ދުވަސްވަރެވެ.




ޕޯޗްގީޒުން އިންޑިއާއަށް ފައިބާ މި ސަރަޙައްދުގެ އެކިއެކި ރަށްތަކާއި ޤައުމުތަކާބެހޭ މަޢުލޫމާތު ހޯދައި ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުވިއެވެ. އެ މީހުން ދިވެހިރާއްޖެއަށް ނަން ދިނީ "އިލްހާދީވް" ގެ ނަމުންނެވެ. މާނައަކީ ދީވް އޭ ކިޔުނު ޖަޒީރާތަކެވެ. ރާއްޖެއާ ބެހޭ ގޮތުން ޕޯޗްގީޒުން އެކުލަވާލި ރިޕޯޓުގައި ބުނެއެވެ. ދިވެހިރާއްޖޭގައި ބާރަހާސް ރަށް އޮވެއެވެ. އޭގެތެރެއިން އަށްހާސް ރަށުގައި މީހުން ދިރިއުޅެއެވެ. ދިވެހިންނަކީ އޮޑިވަޑާމަށާއި މަސްވެރިކަމަށް ކުޅަދާނަ ބައެކެވެ. ދިވެހިންނަކީ އަގުހުރި ގެވެހި ކަންވާރު ގެންގުޅޭ ބައެކެވެ. ރަނގަޅު މޫސުމުގައި މާލޭ ބަނދަރުގައި ވިޔަފާރި އޮވެއެވެ. ބޮއްޔާއި ރޯނާއި މާވަހަރާއި ކާށްޓާއި ކުފުރާއާއި ކިހިމަހާއި ތާވައްކާށި ރާއްޖެއިން ލިބެއެވެ. އެ ރިޕޯޓުގައި ދިވެހީންގެ ދީނާއި ދިވެހީންގެ ސިފަޔާއި އަޅާއުޅޭ ހެދުމާއި ކުރާ މަސައްކަތްތައް ވެސް ލިޔެފައިވެއެވެ.

މީލާދީން 1510ވަނަ އަހަރު އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން ޝަރީފް އަޙްމަދު، ކަންނަންނޫރުގެ އުނދަގޫ ބޮޑުވެގެން ޕޯޗްގީޒުންގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. ވިޔަފާރި ކުރުމުގައި އޭރު މި ސަރަޙައްދުގައި ނުފޫޒާއި ބާރު ހިންގަމުންދިޔަ މާމަލޭމަރައްކާރު ނުވަތަ މުޙައްމަދު ޢަލީގެ އުނދަގުލާއި ދުއްތުރާ ރާއްޖެއަށް ބޮޑީއެވެ.

މީލާދީން 1518ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24ވަނަ ދުވަހު ޕޯޗްގީޒުންގެ 4 ގުރާބެއް ރާއްޖެއައެވެ. އެ ގުރާބުތަކުގައި 120 މީހުން ތިއްބެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނެއެވެ. އޭރު ވެސް ރާއްޖެއަށް ހަނޑޫ ގެންނަނީ ބޭރުންނެވެ. ދިވެހިން ހަނޑޫ ގަންނަނީ ބޭރުގެ އޮޑިފަހަރަށް ރޯނު ވިއްކައިގެންނެވެ. ދިވެހި ރޯނަކީ އެ ޒަމާނުގައި އެވެރިންނަށް ވަރަށް ބޭނުންތެރި މުހިންމު އެއްޗެކެވެ.

ޕޯޗްގީޒުންނާއި މަލަބާރީން މާލޭ ބަނދަރުގައި މި ދުވަސްވަރު ހަނގުރާމައެއް ކުރިއެވެ. ދިވެހިން ތިބީ ޕޯޗްގީޒުންނާ އެއްކޮޅަށެވެ. މަލަބާރީން ޕޯޗްގީޒުންގެ އަތުން ބަލިވީއެވެ. މާލޭ ބަނދަރުގައި އެންމެން މެރީއެވެ. ސަލާމަތްވާން މާލެ އެރި މީހެއްގެ ވިއްޔާ ދުވަސް ދުއްވާލީ ދިވެހިންނެވެ.

ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ދިޔަ މައިގަނޑު ސަބަބެއް ކަމަށް ދިވެހިތާރީޚުގައި ވަނީ އައްސުލްޠާން ޙަސަން (9ވަނަ) ސިރީ ދިރިކުސަލޯކަ މަހާރަދުން ރާއްޖޭގެ ރަސްކަން ދޫކުރައްވައި އިންޑިއާގެ ކޮއްޗޭއަށް، އޭގެ ފަހުން ގޯވާއަށް ވަޑައިގެން ޕޯޗްގީޒުންގެ އެހީތެރިކަމާއެކު އަލުން ރަސްކަން ހޯއްދަވަން މަސައްކަތް ކުރެއްވުމެވެ. އެ ރަދުން އެ ތަނުން ޕޯޗްގީޒު ބޭފުޅަކާ ކައިވެނިކުރައްވައި ކްރިސްޓިއަން ދީނަށް ވަންނަވައި ޕޯޗްގީޒުންނަށް ޖިޒީ ދެއްވާގޮތަށް ދިވެހި ރަސްކަން އަނބުރާ ހޯއްދެވުމަށް އުޅުއްވުމެވެ.
ނުވަވަނަ ޙަސަން ރަސްގެފާނުގެ ރަސްކަމަށްފަހު ހަތަރު އަހަރެއްހާ ދުވަސް ދިވެހި ރަސްކަމުގެ ތަޚުތު ފަޅަށް ހުއްޓެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1550 އިން 1551 އަށެވެ. އެއީ 1 އަހަރާއި 10 މަސްދުވަހުއެވެ. މަޝްހޫރު ލިޔުންތެރިޔާ ޖޯޖް ޝޫރް ހާމަރގެ "ފްރެންސިސް ޒޭވިއަރ ހިޒް ލައިފް ހިޒް ޓައިމް" ގައި އިންޑިއާގައި ތިބި ޕޯޗްގީޒު ގަވަރުނަރުން ޕޯޗްގީޒުގެ ރަސްގެފާނަށް 1550ވަނަ އަހަރު ފޮނުވާފައިވާ ސިޓީފުޅުތަކުގައި ހުރި ވާހަކަތައް ބަޔާންކޮށްފައިވެއެވެ. އޭގެ އެއް ސިޓީފުޅެއްގައި ގަވަރުނަރު ލިޔުއްވާފައިވަނީ ޙަސަން ރަސްގެފާނުގެ އަނބިކަމަނާއާއި އެ ކަމަނާގެ ތިމާގެފުޅު ބޭފުޅަކު ގަވަރުނަރާ ބައްދަލުކުރެއްވި ކަމަށާއި ޙަސަން ރަސްގެފާނުގެ ޝަކުވާ އެ ބޭފުޅުން ކުރެއްވި ކަމަށެވެ. ޝަކުވާއަކީ އެކަމަނާގެ މުދާކޮޅު އަތުލައްވައި ގަނޑުވަރުން ނެރެލެއްވުމެވެ. މިކަމުގައި ގަވަރުނަރު ނިއްމެވީ އެކަމަނާގެ އަތްޕުޅުގައި ޙަސަން ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވުމަށެވެ. އެހެންނަމަވެސް އެ ސިޓީފުޅެއް ނުފޮނުއްވިގެން އުޅުއްވަނިކޮށް ގަވަރުނަރު އަރިހަށް ޙަސަން ރަސްގެފާނު ވެސް ވަޑައިގެންފިއެވެ. ޙަސަން ރަސްގެފާނު ވިދާޅުވިގޮތުގައި އަނބިކަމަނާއަކީ އެ ރަދުންނާ އެއްފަސްގަނޑެއްގައި ވެސް އުޅުއްވޭފަދަ ބޭފުޅެއް ނޫނެވެ. އެ ރަދުންގެ ބޭބޭފުޅާއި އެ ރަދުންގެ ކުރިން ރަސްކަން ކުރެއްވި މުޙައްމަދު ރަސްގެފާނާ ވެސް އެކަމަނާ ވަނީ ކައިވެނި ބައްލަވައިގަތްފައެވެ. އަދި ޙަސަން ރަސްގެފާނުގެ ކުރިން ރަސްކަމުގައި އިންނެވި މުޙައްމަދު ރަސްގެފާނުގެ ހަށިކޮޅަށް ހަންޖަރެއް ޖައްސަވައި އަވަހާރަކޮށްލެއްވީ ވެސް އެކަމަނާ ކަމުގައި ދެންނެވިއެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު އެ ވިދާޅުވާ ބޭބޭ ފުޅަކީ ރާއްޖޭގައި 59 އަށް ރަސްކަން ކުރެއްވި ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ސީރާޒީ އަށްވަނަ އެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1528 އިން 1548 އަށެވެ. އެއަށްފަހު ރަސްކަން ކުރެއްވީ އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންނެވެ. އެއީ މީލާދީން 1548 އިން 1550 އަށެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޙަސަން ނުވަވަނަ އެވެ. ދިވެހި ތާރީޚުގައިވަނީ ޙަސަން ރަސްގެފާނު ރަސްކަން އަތުލެއްވީ ކުރިން ހުންނެވި ރަދުން ގަތުލުކުރައްވާފައި ކަމަށެވެ.

ޙަސަން ރަސްގެފާނަށް ފަހު ރަސްކަމުގެ ތަޚުތު ފަޅަށް ހުރި ދުވަސްވަރަކީ ދާޚިލީ ވަރަށް ބޮޑު ފިތުނަގަނޑެއްގެ ތެރޭގައި ޤައުމު އޮތް ދުވަސްވަރެކެވެ. ރަސްކަމަށް އޭރު ވާދަކުރެއްވި ދެ ބޭފުޅުންނަކީ ފަހުން ރާއްޖޭގެ ރަސްކަން ކުރެއްވި އަބޫބަކުރު ފަސްގެފާނާއި ޢަލީ ރަސްގެފާނެވެ. އެ ދެ ބޭފުޅުންނަށް ވަފާތެރި ދެ ޕާޓީ އޮތްއިރު އެ ދެ ޕާޓީއާ އަދާވާތްތެރި ބަޔަކު ވެސް ތިއްބެވެ. އެ ދުވަސްވަރު ނުވަވަނަ ޙަސަން ރަސްގެފާނުގެ ސިޓީފުޅުތައް ކެނޑިނޭޅި މާލެއަށް ފޮނުވަމުން ގެންދެވިއެވެ. މައިގަނޑު މަގުސަދަކީ ދިވެހިން ޣައިރު ދީނަށް ވަނުމަށް ދައުވަތު ދެއްވުމާއި ރާއްޖޭގެ އާމުދަނީން ބައެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބާރު އެޅުއްވުމެވެ. މި ފިތުނަގަނޑުގެ ތެރޭގައި ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން އަބޫބަކުރު ދެވަނަ އެވެ. އެ ރަދުން ރަސްކަން ކުރެއްވީ 1554 އިން 1555 އަށެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަހުއެވެ. މާލެ ތެރޭގައި ހިނގަމުންދިޔަ ފިތުނަގަނޑުގައި އެ ރަދުން ޝަހީދުކޮށްލީއެވެ. އެއަށްފަހު އަނެއްކާ ވެސް ރަސްކަމުގެ ތަޚުތު ހުރީ ފަޅަށެވެ. ގާތްގަނޑަކަށް 2 އަހަރާއި 6 މަސް ދުވަސް އެގޮތުގައި ފާއިތުވިއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުންނެވެ. އާދެ! މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެއީ 1557 ވަނަ އަހަރުއެވެ. އެރަދުން 2 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ.

ފިތުނައިގެ އަލިފާނުން މާލެ އޮތީ އަނދައަނދައެވެ. ޕޯޗްގީޒުން ތިންވަނަ ފަހަރަށް ރާއްޖެއަށް އައިސް ހަމަލާ ދެނީއެވެ. އަނެއް ދެ ފަހަރު އެ މީހުން ދިޔައީ ބަލިވެގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމައިގެ ހާލަތުގައި މަސައްކަތް ކުރަންޖެހުމުން ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް އޮތީ ބައިބައިވުން އުފެދިފައެވެ. އޭގެތެރޭގައި އަމާން ދިނުމަށް އެދި ރަދުންގެ އަރިހަށް ހިނގި ބޮޑުންގެ ބަޔަކު ވެސް ތިއްބެވެ. ރަދުން ވިދާޅުވަމުން ގެންދެވީ އެއްނާޅި ބަތްކައިގެން ނުވަންޏާ ދެ ނާޅި ބަތް ކައިގެން ނަމަވެސް ދުޝްމަނުން މާލޭ ބަނދަރުގައި ތިބެގެން ގޮއްވާލާ ބަޑިއަކަށް ބަޑިއެއް ގޮއްވާލަ ދިނުމަށެވެ. އެހެންނަމަވެސް ރަދުންނަށް މަކަރު ހަދައި ދޮގު ދަންނަވައިގެން އަމާންދެއްވުމަށް މަޖުބޫރުކުރުވީއެވެ. އެ ދޮގު ފަހުން ފަޅާއެރުމުން ޢަލީ ރަސްގެފާނު ނިންމެވީ ހަނގުރާމައަށް ނިކުންނެވުމަށެވެ.

ލަޝްކަރައިގެން ނިކުންނަވައި އީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު އަރިހުގައި ތިއްބެވީ ބޮޑު ވަޒީރާއި ޚާދިމެކެވެ. އެހެން ނަމަވެސް ޢަލީ ރަސްގެފާނު ނިންމެވީ ދީނާއި ވަޠަނުގެ ދިފާޢުގައި ފަސްޖެހިވަޑައި ނުގެން ހަނގުރާމަ ކުރެއްވުމަށެވެ.

މާލޭ ހުޅަނގުކޮޅު އަތިރިމަތީގައި ކަންތައްގަނޑެއް ހިނގާ މަންޒަރު ވިލިނގިލީ ރައިވެރިބެއަށް ފެނުނީ އިރުއަރައިގެން އައިއިރު ރުކަށް ރާބާލަން އަރާއޮއްވައެވެ. ކާށިފައްޗެއްގެ އެހީގައި މާލެއަށް އައިއިރު ކަމަކު ދާކަށްނެތެވެ. ފެނުނީ ވަރުގަދަ ހަނގުރާމައެއް ހިނގާ މަންޒަރެވެ. ބޭރުގެ ދުޝްމަނުންނާ ދެކޮޅަށް ތިން ބޭފުޅަކު ހިތްވަރާއެކު ޖިހާދުކުރައްވަނީއެވެ. އެ ތަނުގައި އިސް ބޭފުޅަކަށް ހުންނެވީ ކީރިތި މަހާރަދުންނެވެ. އެމަނިކުފާނު ހުންނެވީ އިންތިހާއަށް ބޯފެންފޮދަކަށް ބޭނުންފުޅުވެފައެވެ. ރައިވެރިބޭ ކުރުނބައެއް އޭތިކޮށް ފެންފޮދު އެރުވިއެވެ. ފެންފޮދު ހިތްޕަވަން ހުންނަވަނިކޮށް ދުޝްމަނުން ދިން ހަމަލާއަކުން އެ ރަދުން ޝަހީދުކޮށްލައިފިއެވެ. މިއީ އެ ވާހަކަ ވާރިދުވެގެން އައިސްފައިވާގޮތެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ މީލާދީން 19 މޭ 1558 ގައެވެ. އެއީ ހިޖުރައިން 1 ޝައުބާން 965 އެވެ. ޕޯޗްގީޒުންގެ ބާރު ރާއްޖެއަށް ހިންގަން ފެށުނީއެވެ. ޕޯޗްގީޒު ގަވަރުނަރު ޕޯޗްގީޒު ރާނީއަށް ފޮނުވި ސިޓީފުޅެއްގައި ވިދާޅުވިއެވެ. ޙަސަން ރަސްގެފާނަކީ ފުށިގަނޑެއްގައި ވެސް ވެރިކަމެއް ކުރަން އެކަށޭނަ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ގަވަރުނަރަށް ރާނީ އެންގެވީ ޙަސަން ރަސްގެފާނަށް އޯގާތެރިކޮށް ކަންތައްތައް ކޮށްދެއްވުމަށެވެ. ކޮންމެ އަކަސް ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖެއެއް ވަޑައެއް ނުގަންނަވައެވެ. ޕޯޗްގީޒުން ރާއްޖެ ހިފައިފައިފިއެވެ. އެ އަނިޔާވެރި އަޅުވެތިކަމުގެ އަނދިރި ކަޅު ދުވަސްތައް 15 އަހަރާއި 6 މަސް ދުވަހަށް ދެމިގެންދިޔައެވެ. (ނިމުނީ)


No comments: