Wednesday, August 5, 2020

އިސްލާމީ މަރުކަޒު ބުނެއެވެ.




ޢަބްދުﷲ ސަޢީދު 

ފެނުމާއެކު ހިތް މަޑުމޮޅިވެ ހިމޭންވާނެއެވެ. ބުނެދެން ނޭނގޭ ޝުޢޫރުތަކަކުން ވަށާލާނެއެވެ. ފެންނަ ފެނުމަށް ހުދު ސާފު ބޯކިރުފޮދެއް ފަދައެވެ. އެއްވެސް ކުލައެއް މިލައެއްނެތް ރީތިކަމާއި ސާފުކަމެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ ރަންކުލައިގެ ބޮޑު ގުއްބެވެ. ހިތް ބުނާނެއެވެ. އެއީ ހާލިސް ރަނެވެ. އެހާވެސް ރަނާ އެއްކުލައެވެ. އޮމާންކަމުގެ ސަބަބުން އަރާފައި ހުންނަ އޮފާއި ދަޅައިން ތިބާގެ ދެ ލޯ އަޖައިބުވާނެއެވެ.




އެ އަޖައިބުކަމުގައި ހުއްޓާ ދެން ފެންނާނީ އޮލަނބަށް ހިމޭން ކަމާއެކު ތެދަށް ހުންނަ އުސް މުންނާރެވެ. ހީވާނީ ގުއްބަށް ބަލަހައްޓައިގެން ހުންނަ ވަފާތެރި ފާރަވެރިއެއް ހެންނެވެ. އެ މުންނާރުގެ ތިރީގައި ވާތީ ފެންނާނީ އިރުއިރުކޮޅާ އެކިއެކި ކުލަތަކުން ދިއްލޭ ފެންއާރެކެވެ. ނޫކުލައާއި ވިލުކުލައެވެ. ފެހިކުލައާއި ދަނބު ކުލައެވެ. ފިޔާތޮށިކުލައާއި ލޭގެ ރީތި ރަތްކުލައެވެ. ގޮތްގަނޑު ބޮޑެއް ނުވާނެއެވެ. ދަނޑިއަކަށް މައްޗަށް އަރާފައި ލުއިލުއި މިއުޒިކަކާއެކު ތިރިއަށް އޮހެމުންދާނެއެވެ. ފެން އޮހެމުންދާގޮތާއި އަރަމުންދާ ކުލަތަކާއެކު ހިތަށް އަރާފައިބާ ޝުޢޫރުތައް ވެސް ލުއިލުއި ހީލުމަކުން ހީލާނެއެވެ.

ކައިރިވި ވަރަކަށް ހިތަށް ވައްދައިދޭނީ ދީނުގެ ހައިބަތާއި ޤަދަރާއި އިހުތިރާމެވެ. ނުބައި ޚިޔާލުތަކާއި ވަސްވާސްތަކުން ހީވާނީ ދުރުކޮށްދޭ ހެންނެވެ. އީމާންތެރިކަން އިތުރުވާ ހެންނެވެ. ނަސީބާއި ފަލާޙާ ކައިރިއަށް ދެވޭ ހެންނެވެ.

ސަންގުމަރުމަރު ހިލައިގެ ސިޑީގެ މައްޗަށް އަރާތަނުން ބަލާލެވޭނީ މަތިން ފެންނަ ނަމަށެވެ. މަސްޖިދިލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމެވެ. އެއީ އިސްލާމީ މަރުކަޒުގައި ހުންނަ ރީތި ހިތްގައިމު މިސްކިތުގެ ނަމެވެ. އެ ނަން ލިޔުއްވާފައި ވަނީ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެ މަނިކުފާނުގެ ފަންނުވެރިކަމުގެ އިތުރުން އެ މަނިކުފާނުގެ ޝަޚްޞިއްޔަތު ވެސް އެ ނަންބޯޑާއެކު އެ ބިނާ ކިޔައިދެއެވެ.

ނަންބޯޑުގެ ތިރިން ފެންނަ މައި ދޮރުގެ ފަރުމާއިން ދައްކައި ދޭނީ އިރުގެ ދޯދިތަކެކެވެ. މިސްކިތުގެ ދޮރުން އަރައިގެން އެ ދާ ދޯދިތަކާއި މިސްކިތުގެ ނަމާ މައުނަވީ ގޮތުން ގުޅިފައިވާ ގުޅުމަކީ އިއްތިފާޤެއް ނޫނެވެ. ހިތްގައިމު އަދި އެހާ ފުރިހަމަ އެ މިސްކިތަށް ޣާޒީ ރަދުންގެ ނަންފުޅުން ނަން ދެއްވީ ކީއްވެގެންކަން ދިވެއްސެއްގެ ހިތަކު ސުވާލެއް ނޫފެދޭނެއެވެ. އެ ރަދުންނަކީ ދިވެހިންގެ ޤައުމީ ބަޠަލަށް ވީތީއެވެ. ޕޯޗްގީޗުންގެ އަނިޔާވެރި އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށް ދެއްވި ޒަޢީމަށް ވީތީއެވެ. މި ލޮބުވެތި ވަޠަނުގެ އިސްލާމީ ވަހުދަތުގެ ދިދަ ވެއްޓިފައި ވަނިކޮށް ކޮޅަށް ނަންގަވައި މިނިވަން ވައިގެ ތެރޭގައި ވިހުރުވާލަ ދެއްވި ޒަޢީމަށް ވީތީއެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ވަށައިގެން ހައްދާފައިވާ ފެހިކަން ގަދަ ބޮޑެތި ގަސްތަކަކީ ވެސް މާނައެއްނެތި ހެދޭނެ ގޮތަކަށް ހެދިފައިވާ ގަސްތަކެއް ނޫންކަން މިހާރު ގަބޫލުކުރެވޭނެއެވެ. އެކަން ބޮޑަށް އެނގޭނީ ޢިމާރާތުގެ ދެ ފަރާތުން ޢިމާރާތުގެ ތެރެއިން ވެސް ފެހިކަން ގަދަ ދެ ގަސް ހައްދާފައިވާތީއެވެ. އިސްލާމީ ކުލައެއްގެ ގޮތުގައި ބެލެވޭ ފެހިކުލަ އިސްލާމީ މަރުކަޒުގައި ޖައްސައިދީ ހިޔާ އަޅަނީ އެ ގަސްތަކެވެ. ބަލާ މީހުންގެ ލޯތަކަށް ފިނިކަން ގެނެސްދީ، އިމާރާތަށް ހިމާޔަތް ދޭ ދިފާޢީ އައްޑަނަ ތަކަކީ އެއީއެވެ.
ތިބާގެ ކުރިމަތިން ތިޔަ ފެންނަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތެވެ. އަޅުގަނޑަށް، އަދިވެސް ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ބިނާއެވެ. ދިވެހިރާއްޖޭގެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަން ބަޔާންކޮށްދޭތީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ވެރިރަށުގެ މަލަމަތިން އިސްލާމީ ވަރުގަދަ ޝަޚްޞިއްޔަތު ދައްކައިދޭތީއެއް ވެސް ނޫނެވެ. ދީނާއި ދިވެހި ޤައުމިއްޔަތާއޮތް ގުޅުން ކިޔައިދޭތީއެއް ވެސް ނުމެނޫންމެއެވެ. އެކަމަކު، އެ ހުރިހާ ކަމެއް ލާމެހޭހެން ބުނެދޭ ވަރުގަދަ މާނަފުން ވާހަކަތަކާއި، ފެންނަންހުރި ފުރިހަމަ އަދި އެހާމެ ސާދާ ފަރުމާގެ ސަބަބުންނެވެ. އެތައް އަހަރެއް ފާއިތުވީ އިރު ވެސް އެ ކުލަތަކާއި އެ އަސަރުތައް ފަނޑުނުވާތީއެވެ. އެތައް ބައެއްގެ ހިތުގައި ލޯތްބާއި އިހުތިރާމު ބިންވަޅު ނަގާފައި އޮތީތީއެވެ. އެތައްއެތައް ތަސްވީރެއްގައި އެ ސޫރަ ކުރެހިފައިވާތީއެވެ. އަދި މިއަދު ވެސް މި ހަގީގަތް ބަދަލު ނުވާތީއެވެ.

ސިޑިން މައްޗަށް އެރިވަރަކަށް މިސްކިތުގެ އެތެރެ ދާނީ ފެންނަމުންނެވެ. މިސްކިތުގެ މިހުރާބުގެއާއެކު ޚަތީބު އަރުއްވާ މިންބަރާއި މިސްކިތުގެ އެތެރެ ފެނުމުން އިސްލާމު ދީނުގެ މައްޗަށް އޮންނަ ލޯތްބާއި ހައިބަތު ދާނީ އުތުރިއަރަމުންނެވެ. ހިތުގެ އެންމެ ހިމަ ނާރު ވެސް އެކަމަށް އިޢުތިރާފު ވާނެއެވެ. މަޑުމަޑު ކާޕެޓްގައި ފައިތިލަ ބީހިލުމާއެކު މުޅި ހަށިގަނޑުގައި ރޫޙީ އުފަލެއް ދައުރުވާނެއެވެ. މިސްކިތުގެ އެތެރޭގައި ލަކުޑީގައި ކަނޑާ ނަގާފައިވާ އިސްލާމީ ކުރެހުންތަކާއި ލިޔެފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ނަޒަރު ހުއްޓޭނެއެވެ. ކޮންމެ ލިޔުމެއް ވަކިވަކިން ހިމޭނުން އޮވެގެން ހިތް ކިޔާނެއެވެ. ލޮލަށް ފެންނަ މަންޒަރާއި ހިތަށް އަރާފައިބާ ޝުޢޫރުތަކުން އިތުރަށް ހިތް ހިމޭންވާނެއެވެ. ކަނޑުގެ ސަތަހައިގައި ބޮސްމުން އަންނަ ސާފު ވައިރޯޅި ތިބާގެ ގައިގައި ވެސް ބީހިލާނެއެވެ. އެއް ފަރާތުން ވަދެގެން އަނެއް ފަރާތުން ނިކުމެގެންދާނެވެ. އިސްލާމީ ފަރުމާ ދައްކައިދޭގޮތަށް ހައިވަކަރުން ހަދާފައިވާ ޖާލި ދޮރުތައް އެ ވައިރޯޅިއަށް ހުރަހެއް ނާޅާނެއެވެ. މިސްކިތުގެ އެތެރޭގައި އެލުވާފައިވާ ޗާންދަލިޔާ ތަކުގައި އެ ވައިރޯޅި ބީހިލުމުން އޭގެ ކުދިކުދި ބިއްލޫރިކޮޅުތައް އެކިއެކި ކުލަކުލައަށް ބަދަލުވާންފަށާނެއެވެ. ވަޔާ ހެލިލާހިރު ހީވާނީ މިއުޒިކަކަށް ތިބެ ނަށާލާ ހެންނެވެ.

މިސްކިތުން ތިބާއަށް ފެންނާނީ ދީނީ ލޯތްބާއި ދީނީ ރޫޙެވެ. ﷲ އަށް ރުކޫޢުކޮށް ސަޖިދަކުރާ އިޚްލާޞްތެރި ހިތްތަކެވެ. ކީރިތި ޤުރުއާން ތިލާވަތުކުރާ ވަފާތެރި ދޫތަކެވެ. އެ ކަލާނގެއަށް ދުޢާ ދެންނެވުމަށް އުފުލާލެވިފައިވާ ކިޔަމަންތެރިކަމުގެ އަތްތަކެވެ. އެ ކަލާނގެއަށް ކުއްތަންވެފައިވާ އަޅުވެތި ނިތްތަކެވެ. އެ ކަލާނގެ ކުޅަދުންވަންތަކަމަށް އިޢުތިރާފުވެ ކަރުނަ އޮހޮރަމުންދާ ތެދުވެރި ލޯތަކެވެ.

ނަމާދަށް އަރާފައިބާ މީހުން ތިބާއަށް ފެންނާނެއެވެ. އެއީ ފަލާޙާ ކާމިޔާބަށް އެދިގެން އަންނަ މީހުންނެވެ. އެކި ފެންވަރުގެ އެކި ގިންތީގެ މީހުންނެވެ. އެ އެންމެންގެ މޫނުތައް މަތިން ވެސް ފެންނާނީ އުފާވެރިކަމާ ހިތްހަމަ ޖެހުމެވެ. އުޖާލާކަމާއި ތާޒާކަމެވެ. ބުނާހެން ހީވާނެއެވެ. އަހުރެމެންނަށް އަހުރެމެންގެ ވެރި ރައްބު ފުދެއެވެ. އެހެން ފަރާތަކަށް ސަޖިދައެއް ނުޖަހާނަމެވެ. އަދި އެހެން ފަރާތަކަށް ދަންނަވާނެ، އުފުލާނެ ޝަކުވާއެއް ޝިކާޔަތެއް ނެތެވެ. އަހުރެމެން ބޭނުމީ މިގޮތުގައި މި ރާއްޖެ ތާ އަބަދު އޮންނާށެވެ. މި ބިނާ ވެސް ބުނާހެން ހީވާނީ އެހެންނެވެ. (ނިމުނީ)





No comments: