Friday, August 21, 2020

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީގެ އަސްކަރީ އަގުހުރި ޚިދުމަތް



ޢަބްދުﷲ ސަޢީދު

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ހަލަވެލި ޢަބްދުލްޣަނީީ ޢުމަރަށް ސިފައިންގެ އެންމެން ވެސް ކިޔަނީ "ޣަނީބެ" އެވެ. ހުރިހާ ރޭންކެއްގެ ހުރިހާ ސިފައިން ވެސް ޣަނީބެއަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ފަހުން ވެސް ދައުވަތު ފޮނުއްވައިގެން ކޯސްޓްގާޑާއި ސިފައިންގެ އެކިއެކި ޚާއްޞަ ރަސްމިއްޔާތު ތަކުގައި ބައިވެރިވެ ވަޑައިގެން އުޅުއްވިއެވެ. ކޯސްޓްގާޑުގެ 38 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހުގައި ބައިންދަވައި އިޙްތިރާމް އަދާކުރެއްވިއެވެ.

 

ހެންވޭރު ހޭންބޭން ލެޓިނަންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލް ޣަނީ ޢުމަރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1960 ވަނައަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ އައްޑޫގަޑުބަޑުގެ ދުވަސްވަރެވެ. އެ ގަޑުބަޑުގެ ތެރޭގައި ވަރަށް ނުރައްކާތެރި ބައެއް ޑިއުޓީތައް އަދާކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ސިފައިންގެ ސާރވިސް ނަންބަރަކީ 105 އެވެ.

 


ލެޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލް ޣަނީ ޢުމަރުގެ އަސްކަރީ ޚިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ކަނޑުމަތީގައެވެ. މިހާރުގެ ގޮތަށް ސިފައިންގެ ތެރޭގައި ކޯސްޓްގާޑުގެ ޚިދުމަތް ނުފެށޭ އިރުވެސް ޣަނީބެ ކަނޑުމަތީގެ ޚިދުމަތުގައި އުޅުއްވިއެވެ. ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށާއި މަސްކަނޑުތައް ހިމާޔަތް ކުރުމަށް މަސްބޯޓުފަހަރުގައި ކުރެވުނު ބައެއް ޕެޓްރޯލް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްވީ މުލެޓް ބޯޓުގައި މަސްވެރިކަމުގެ ދިރާސާ ދަތުރުތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އޮޑިދޯނިފަހަރު ފަރަށްއެރުން ފަދަ ހާދިސާތަކުގައި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށް ހިންގި ވަރަށް ގިނަ އޮޕަރޭޝަން ތަކެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައި ގެންނެވިއެވެ. ކުރީގައި ވަރަށް ބުރަކޮށް ކުރާ މަސައްކަތެއް ކަމުގައިވާ ރާއްޖޭގެ އެކިއެކި ފަރުފަރަށް އުރޭ ބޯޓުފަހަރު ފުންކުރުމުގައި ވެސް ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. ޣަނީބެ ހަރަކާތްތެރިވެ ވަޑައިގެންނެވި ޚާއްޞަ އޮޕަރޭޝަން ތަކުގެ ތެރޭގައި މާލޭގެ މަގުހެދުމުގެ މަސައްކަތަށް ވެއްޔާއި އަކިރި ހަދިޔާކުރުމާއި ބޮޑުރާޅު އެރި ހާދިސާއާއި ކޮލެރާއާއި ޝިގެއްލާ ރޯގާއާއި ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަންތައް ހިމެނެއެވެ.

 

1981 ވަނަ އަހަރު ކޯސްޓްގާޑް އުފެދުމާއެކު ކޯސްޓްގާޑުގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އެއީ އެ ބޭފުޅެއްގެ ތަޖުރިބާއަށް ކޯސްޓްގާޑުގެ މާލިމީންނާއި ކަލާސީނުން ބަރޯސާވި، އަދި އެ ބޭފުޅުންގެ އިޙުތިރާމާއި ލޯބި ހޯއްދެވި ބޭފުޅެކެވެ. ކޯސްޓްގާޑުގައި އެންމެ ޝައުޤުވެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅަކީ ލޯންޗުފަހަރާއި އުޅަނދުތައް ބެލެހެއްޓެވުމާއި ފްލީޓްގެ ރެޑިނަސް ދެމެހެއްޓުމުގެ މަސައްކަތެވެ.

 

ކަނޑުމަތީގެ ޚިދުމަތްތަކުގެ އިތުރުން ސިފައިންގެ ޑިއުޓީ ސެކްޝަނުގައި ވެސް ޣަނީބެ މަސައްކަތް ކުރެއްވިއެވެ. ފޯރިމެރުމުގެ އާދައިގެ ސިފައިންގެ މީހެއްގެ ޑިއުޓީން ފެށިގެން ސިފައިންގެ މައިގޭޓުގެ އިސް ސަރުދާރު ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

އައްޑޫގަޑުބަޑުގެ ތެރޭގައި ގދ.ތިނަދޫގައި 13 މަސް ދުވަހަށްވުރެ ގިނަ ދުވަހު ޑިއުޓީ އަދާކުރެއްވިއެވެ.

 

އޭގެފަހުން ވިލިނގިލި ޖަލު ބެލެހެއްޓުމުގެ ޑިއުޓީގައި ވެސް އުޅުއްވިއެވެ. އެހެން ނަމަވެސް އެ ޖަލުގައި ހިނގި ލާއިންސާނީ ކަންކަމާގުޅިގެން ފިޔަވަޅު އެޅުއްވި ފަރާތްތަކުގެ ތެރެއަކު ޣަނީބެ ހިމެނިވަޑައެއް ނުގަންނަވައެވެ. ޣަނީބެއަކީ އަބަދުވެސް މީހުންނާގުޅޭ ވަރަށް އާދައިގެ ދިރިއުޅުއްވުމަކަށް ލޯބިކުރެއްވި ހިތްތިރި ސާދާ ބޭފުޅެކެވެ. މީހުންނާ ވަރަށް އެކުވެރި ހިތްހެޔޮ މިޖާޒެއްގެ ބޭފުޅެކެވެ.

 

ލެޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލް ޣަނީގެ އަސްކަރީ ޚިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ މައި މަރުކަޒު ދިފާޢުކުރެއްވުމަށް ޓަކައި ކުރެއްވި މަތިވެރި ޖިހާދެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު ސިފައިންގެ އެތެރޭގައި ތިއްބަވައިގެން ދީނާއި ޤައުމުގެ ދިފާޢުގައި ހިތްވަރާއެކު ޖިހާދުކުރެއްވި ބޭފުޅުންގެ ތެރޭގައި ޣަނީބެ ހިމެނިވަޑައި ގެންނެވިއެވެ.

 

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޝަރަފުވެރި ކަމާއެކު ޣަނީބެ ރިޓަޔަރ ކުރެއްވީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވާފައެވެ. އެއީ އެއްވެސް ޝަކުވާއެއް، ފޫހިކަމެއް އަދި ހިތްހަމަ ނުޖެހުމެއްނެތި ނުހަނު ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރެއްވި ޚިދުމަތްތެރިއެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި ސިފައިންގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި ސްޓާފް ސަރޖަންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ މަޤާމް ފުރުއްވިއެވެ. އަދި ލެފްޓިނެންޓް، ފަސްޓްލެފްޓިނެންޓް، ކެޕްޓަން ކަމުގެ ގެމަޤާމުގެ އިތުރުން މޭޖަރ ގެމަޤާމާއި ލެފްޓިނެންޓް ކާނަލްގެ މަޤާމުގައި އަގުހުރި، ވަފާތެރި ޚިދުމަތްތަކެއް ކުރެއްވިއެވެ.

 

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ ޢުމަރު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި ހަތް މެޑެއްޔާއި ނުވަ ކުލަ (ރިބަން) ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލި ތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، ސައްތައިގެ މެޑެލި، އަދި 3 ނޮވެންބަރުގެ މެޑެލި ހިމެނެއެވެ.

 

ހާސިލުކުރެއްވި ޚާއްޞަ ކުލަތަކުގެ ތެރޭގައި ހިތްވަރު ގަދަކަމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ގިނަގިނަ ލިޔުއްތައް ލިބިވަޑައި ގެންފައިވެއެވެ.

 

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީއަކީ ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރެއްވި ލާމަސީލު ބޭފުޅެކެވެ. ޣަނީބެގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނަށާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާން ދަރިންނަށް ވެސް ދައްކުއިދެއްވި ރީތި މިސާލެކެވެ.

 

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 01 އޯގަސްޓް 2009 ގައެވެ. ޤައުމީ އެ އަގުހުރި ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ.

 

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ ޢުމަރު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ އުމުރުފުޅުން 82 އަހަރުފުޅުގައި، ކޮވިޑް-19 ގެ އާލާސްކަންފުޅަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދަވަނިކޮށް 2020 އޮގަސްޓު 21 ވީ ހުކުރު ދުވަހުއެވެ. އަވަހާރަވީއިރު އަނބިކަނބަލަކާއި ތިން ދަރިންނާއި ނުވަ ކާފަ ދަރިން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފަސްދާނުލެވުނީ ހުޅުމާލެ ސަހަރާގައެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކޮށް ދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

 

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

No comments: