Tuesday, October 8, 2019

އެލިޒަބަތު ބޯޔާގެ ފުވައްމުލަކު ދަތުރު


ލިޔުނީ: ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުކަމަށްވާ ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅު ގުޅިގެން "ޔުނައިޓެޑް ސުވަދީބު އައިލެންޑްސް"ގެ ނަމުގައި ވަކި ދައުލަތެއް 1959 މާރިޗު މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރިއެވެ. އެއީ އައްޑު އަތޮޅުގައި އޭރު ތިބި އިނގިރޭސީން އަޑީގައި ތިބެގެން 1958 ޑިސެންބަރު 31 ވަނަ ދުވަހުގެރޭ އައްޑު އަތޮޅު ހިތަދޫގައި ފެށި ހަރަކާތުގެ ނަތީޖާއެވެ. 1959 ޖަނަވަރީ 1 ވަނަ ދުވަހު އައްޑު އަތޮޅުގެ ރައްޔިތުން ދިވެހި ސަރުކާރުން ނެއްޓި ވަކި ދައުލަތެއް ޙަޤީޤަތުގައި އޮތީ އުފައްދާފައެވެ. އެހެންނަމަވެސް އެ ދައުލަތް ރަސްމީކޮށް އިޢުލާންކުރުން ލަސްވެގެން ދިޔައީ އެ ސަރުކާރުގެ އިސްވެރިއަކަށް އިނގިރޭސިން ބޭނުންވެގެން ހަމަޖެއްސި އައްޑު އަތޮޅު ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފް  ބޭނުންފުޅުވި ގޮތަށް އިނގިރޭސި ސަރުކާރުން އޭނާ އާއި ޢާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޔަޤީންކަން ލިބުން ލަސްވެގެންނެވެ.

އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް އެވެ. ވަޒީރުލްއަޢުޒަމް ނުވަތަ ބޮޑުވަޒީރަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. ރަދުންގެ ފަތްކޮޅަކުން ސިފައިންގެ ވެރިކަން 1956 މާރިޗު 27 ވަނަ ދުވަހު އޮތީ އެ މަނިކުފާނަށް ދެއްވާފައެވެ. އެ ފަތްކޮޅު ދެއްވިއިރު އެ މަނިކުފާނު ހުންނެވީ ވަޒީރުއްމާލިއްޔާ ކަމުގެ މަޤާމުގަ އާއި ސިފައިންގެ އޮފިސަރުގެ މަޤާމުގައެވެ. އެހެންކަމުން އެ ދުވަސްވަރު ސިފައިންގެ ހުރިހާ ކަމެއް ބަލަހައްޓަވައި ކުރިއަށް ގެންދެވީ އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުންނެވެ. އެހެންނަމަވެސް ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައި ސިފައިންގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވީ ކޮމާންޑަރ ދައްޕަރު މޫސާ މަނިކެވެ. އިބްރާހީމް ނާޞިރަކީ ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޔުނިފޯމު ވެސް ތުރުކުރެއްވި އެވެ.

އައްޑޫ ގަޑުބަޑާ ގުޅިގެން ބޮޑުވަޒީރު އަދި ސިފައިންގެ ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ބަޔާނެއް 1959 މާރިޗު 21 ވަނަ ދުވަހު "ވިޔަފާރި މިއަދު"ގައި ޝާއިޢު ކުރެއްވިއެވެ.  އެ ބަޔާނުގައި ދިވެހި ދައުލަތުގެ ފަރާތުން އެ އަތޮޅުތަކުގެ އަމަން، ސަލާމަތް ކުރަން "އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ގެންދަނީ އަޅުއްވަމުން" ކަމަށް ވިދާޅުވިއެވެ. ބާޣީންގެ ނުބައިކަން ރާއްޖެއިން ނައްތާލުމަށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޯބިކުރާ ކޮންމެ ދަރިއަކު ހިތުގެ އަޑިން ތަރުހީބު ދިނުމަށާއި "ޢަމަލީގޮތުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބޭނެކަމަށް ޔަޤީން ކުރާކަމަށް" ވެސް ވިދާޅުވެފައިވެއެވެ. 

މި ބަޔާނަށްފަހު ބަޣާވާތުގެ ކަންތައްތައް ހަމަޖައްސައި ބަޣާވާތްތެރިން ހައްޔަރުކޮށްގެން މާލެ ގެނައުމަށް ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ޚާއްޞަ އަމުރުފުޅެއްގެ ދަށުން އެލިޒަބަތު ބޯޔާގައި ސިފައިންގެ 30 ބޭކަލުންނާއި އާންމު ރައްޔިތުންގެ ތެރެއިން 41 ބޭކަލަކު ހިމެނޭ ގޮތަށް މަޙުކަމަތުލް އަމަން އާންމުގެ ވަކީލު އަދި ސިފައިންގެ ވެރިޔާގެ ނާއިބު ދައްޕަރު މޫސާ މަނިކު ފޮނުއްވާ ގޮތަށް ހަމަޖެއްސެވިއެވެ. މި ތާރީޚީ ދަތުރަށް އެލިޒަބަތު ބޯޔާ މާލެއިން ފުރީ 1959 މާރިޗު 29 ވީ ހޮނިހިރު ދުވަހު ހެނދުނުއެވެ. މި ދަތުރުގައި މަދަނީ ލިއޭޒަން އޮފިސަރަކަށް ސަރުކާރުން ފޮނުއްވީ ޢަބްދުލްމަޖީދު މާހިރެވެ. މި ދަތުރުގައި އާދަމް ނަޞީރު މަނިކު ވެސް ވަޑައިގެންނެވިއެވެ.

ސިފައިންގެ ވެރިޔާގެ ނާއިބު ދައްޕަރު މޫސާ މަނިކުގެ އިތުރުން މި ދަތުރުގައި ބައިވެރިވި ސިފައިންގެ 30 ބޭކަލުންނަކީ ޓިނު ޢަލިފުޅު، މޮޓަ ޙަސަން މަނިކު، ލިޔާކޮއި ޅަހުއްތު (ލާންބެ)، މ.ފ.އިބްރާހީމް ފުޅު، އަޙްމަދު ނަސީމް، ރަންވިއްކާ ޢަލީ މަނިކު، ކ.އ.ޅަހުއްތު، ބީފާނު އިބްރާހީމް ނަސީމް، ޢަބްދުލް ޙަންނާން ޙަލީމް، ފިއްލަދޫ ތުއްތު، ފިއްލަދޫ ޙުސައިން މަނިކު، ކެހެރި މޫސާފުޅު، މޫސާ ރަހާ، އަނދިިރިބޭ އާދަމް ފުޅު، މުޙައްމަދު ޤާސިމް، ލޯކަށި ޙުސައިން، އިބްރާހީމް ވަޙީދު، ކުޅުދުއްފުށި ޙަސަންފުޅު، ކުޑައައިމިނަ މުޙައްމަދު ފުޅު، އާދަމް ޙުސައިން ކަޓާރީ، އިނގިރޭސި ޢުމަރު މަނިކު، ތިމަރަފުށީ ޢުމަރު މަނިކު، ކޮނޑޭ ޢަބްދުލްޣަފޫރު، ސައްޔިދު އަޙްމަދު، ޢަބްދުލް ޙަމީދު، ދޫނިބޭ އިބްރާހީމް މަނިކު، ޢަލީ މުޙައްމަދު ފުޅު، ކެހެރި އިސްމާޢީލް ފުޅު، ކުންނާރު މޫސަ، އަދި ހުޅުލޭ މޫސަ އެވެ.

ކުރީ ޒަމާނުގައި ސިފައިންގެ މީހުންގެ ނަންތައް ލިޔެފައި ހުންނަނީ އެއީ ކާކުކަން އަންގައިދިނުމަށް ނަމުގެ ކުރިއަށް އެ ބޭކަލަކު ނިސްބަތްވާ ރަށް ނުވަތަ ގެ ނުވަތަ އާއިލާގެ ފެށޭ އަކުރު ބޭނުންކޮށްގެންނެވެ. ރ. ޢަލި މަނިކު، ތ. އުމަރު މަނިކު މިގޮތަށެވެ. އަޅުގަނޑު މިހިރީ ހޯދުނު މަޢުލޫމާތުގެ އަލީގައި އެފަދަ ބައެއް އަކުރުތައް ފުރިހަމަ ކޮށްފައެވެ. 

މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރީ ރާއްޖޭގެ އިރުމަތިންނެވެ. ފޮއްތެޔޮ ބޭރުން މުލަކު އަތޮޅާއި ކޮޅުމަޑުލާއި ހައްދުންމަތީގެ އިރުމަތިން ދަތުރުކޮށް ހުވަދު އަތޮޅު ފަސްދީ 1959  މާރިޗު މަހުގެ 30 ވަނަ ދުވަހު ހެނދުނު އިރުއެރިއިރު އެލިޒަބަތު ބޯޔާ އޮތީ ފުވައްމުލަކު ބޭރުގައެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. އައްޑޫ ކާޑު ހިފައިގެން އައި ބޯޓެއް ކަމަށް ހީކޮށް ބައެއް ދޯނި ފަހަރު ބޯޓާ ކައިރިކުރިއެވެ. އަނެއް ބަޔަކު އަތުނުވަން ވެގެން ދުއްވާފައިގޮސް ފަޅަށް ވަނީއެވެ. ފުވައްމުލަކު ބޭރުގައި ބޯޓު މަޑުކޮށް، ބައްތެއްޔަށް މީހުން އަރައިގެން ރަށާ ކައިރިކުރިއެވެ. 

މި ބައްތެލި ފުވައްމުލަކާ ކައިރިކޮށް ބަޣާވާތްކޮށްގެން ތިބި ތިބުން ދޫކޮށްލުމަށްފަހު އަމާންދިނުމަށް ގޮވާ ނަސޭހަތްތެރިވިއެވެ. އަމާންދީ ކާބޯތަކެއްޗާ ހަވާލުވުމަށް ބޯޓު ދޮށަށް އައުމަށް ވެސް އެންގިއެވެ. ރަސްގެފަންނަށްވަދެ އުތުރަށް ދުއްވަމުން ދަނިކޮށް ރާޅަކާއެކު އާނުގަނޑެއް މައްޗަށް އަރައި، ރާޅުގެ ބަނޑަށް ދަމާލި ވަގުތު އާނުގަނޑު މައްޗަށް ބައްތެލި ބީހުނީއެވެ. އެ ވަގުތު ރަށު އަތިރިމަތީގައި ގާފުނި ޖަހައިގެން ތައްޔާރަށް ތިބި ރައްޔިތުން ބައްތެއްޔާ ދިމާލަށް ގާއުކާ ހީވީ ގަލުގެ ވާރޭ އޮއްސާލި ހެންނެވެ.    ބައްތެލީގައި ތިބި ބައެއް މީހުން ވަރަށް ބޮޑަށް ޒަޚަމުވެއްޖެއެވެ. އެ ވަގުތު ބައްތެލީގައި ބަޑިހިފައިގެން ތިބި ސިފައިން ޖެހީ ބަޑިއެވެ. ފުރަތަމަ މައްޗަށެވެ. ދެން ރަށުގެ ގަސްކަރައަށެވެ. އެ ވަގުތު ރުކެއްގައި އޮތް މީހަކު ވަޒަން އަރައިގެން ވެއްޓުނެވެ. އެެއަށްފަހުން ގާއުކަމުންދިޔަ މީހުންގެ ތެރެއަށެވެ. 

ސިފައިން ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ، ހަތަރު މީހުން ޒަޚަމްވިއެވެ. ބޮލަށް ވަޒަން އަރައިގެން ވަގުތުން ނިޔާވީ ޏ.ފުވައްމުލަކު މާލެގަން، ދޭލިގޭ ތުއްތު މަނިކެވެ. ޒަޚަމްވި ހަތަރު މީހުންނަކީ ވަޑި މުޙައްމަދު ޢަލީ ނުވަތަ ރެކިދީދީގެ މުޙައްމަދު ދީދީ (މިސްކިތްމަގު)، ބޮޑުވާޅި ޢަލީ (ދިގުވާޑު)، ދީދާރުގޭ ޙުސައިން ޞާލިމު ނުވަތަ ޙުސައިން ތައްޚާނު (މިސްކިތްމަގު)، ވަލިގެ ފީށެ ޙަސަން ފުތާ (މާދަނޑު / ފަހުން ގއ. ވިލިނގިލި / ވާރޭވިލާ)  އެވެ. އަތުގެ މުލައްދަނޑިއަށް ވަޒަން އަރައި ޒަޚަމުވި ރެކިދީދީގެ މުޙައްމަދު ދީދީ އާއި ކޯމައްޗަށް ވަޒަން އަރައިގެން ޒަޚަމުވި ޙަސަން ފުތާއަށް ބޭސް ފަރުވާ ކުރީ އިނގިރޭސިން ސްރީލަންކާއަށް ގެންގޮސްގެން ނިގަންބޯގައި ހުންނަ އެ މީހުންގެ ހޮސްޕިޓަލެއްގައެވެ. ވަޒަން އަރައި ނިއްކުރިމަތި ކަފައިގެންދިޔަ ބޮޑުވާޅި ޢަލީއަށާއި، އަތަށް ވަޒަން އަރައިގެން ޒަޚަމުވި ދީދާރުގޭ ޙުސައިން ސާލިމަށް ބޭސް ފަރުވާކުރީ ގަމުގައި ހުރި އިނގިރޭސީންގެ ހޮސްޕިޓަލުންނެވެ.

ބަޑިޖަހަން ފެށުމުން ކޮންމެވެސް ވަރަކަށް މަޝްރަޙު އަމާންވިއެވެ. އެހެން ނަމަވެސް ރައްޔިތުން އަމާނެއް ނުދިނެވެ. އެހެންކަމުން ކޮމާންޑަރ ދައްޕަރު މޫސާ މަނިކު ނިންމެވީ އިތުރަށް ބާރުގެ ބޭނުން ނުކޮށް، އަދި އެހެން އަތޮޅަކަށް ވެސް ވަޑައިނުގެން އެނބުރި މާލެ ވަޑައިގަތުމަށެވެ. އެ ދަތުރަށްފަހު އެލިޒަބަތު ބޯޔާ އެނބުރި މާލެއައީ 1959 އެޕްރީލް 1 ވަނަ ދުވަހުއެވެ.

އެ ދަތުރަކީ ސިފައިންގެ ވެރިޔާ އިބްރާހީމް ނާޞީރު ދެކެވަޑައިގެންނެވި ގޮތުގައި ދިވެހި ދައުލަތަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދަތުރުގެ ކޮމާންޑަރަކަށް ވަޑައިގެންނެވި މަޙްކަމަތުލް އަމަން އާންމުގެ ވަކީލު، އަދި ސިފައިންގެ ވެރިޔާގެ ނާއިބު ދައްޕަރު މޫސާ މަނިކު 1959 އެޕްރީލް 4 ވަނަ ދުވަހު އެ މަޤާމުތަކުން "އިސްތިޢުފާ" ދެއްވިއެވެ. ނުވަތަ އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވިއެވެ. އެލިޒަބަތު ބޯޔާގެ ފުވައްމުލަކު ދަތުރަށްފަހު ސިފައިންގެ ކަންތައްތަކަށް އިބްރާހީމް ނާޞިރު ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ސިފައިންގެ ސަރުދާރަކަށް ނާއިބުގޭ ޅަތުއްތު ހަމަޖައްސަވައި، ކުރިއަށްވުރެ ބޮޑަށް ސިފައިންގެ ކަންތައްތައް ސީދާ ވަޒީރުލް އަޢުޒަމުގެ ބެއްލެވުމުގެ ދަށުން ހިންގާގޮތަށް ބަދަލު ކުރެއްވިއެވެ.

No comments: