Wednesday, August 5, 2020

ރަޙުމަތްތެރިންނަށް ނޭނގި ކުރެވޭ ގޯނާ



ޢަބްދުﷲ ސަޢިދު 

ޒަމީރު ބުންޏެވެ. ހުރިހާ ރަހުމަތްތެރިންނަށް މިކަން އަންގާލަދޭށެވެ. ރަޙުމަތްތެރިން އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ލޯބިވެއެވެ. އިޙުތިރާމު ވެސް ކުރެއެވެ. އެކަމަކު ރަޙުމަތްތެރިންގެ ފަރާތުން ގޯނާއެއް އެބަ ލިބެއެވެ. މި ވާހަކަ ވަރަށް ގިނަ މީހުން ދައްކައެވެ. އެކަމަކު މޫނު ކެނޑެން ބޭނުން ނުވާތީ ބުނަން ނުކެރެނީއެވެ. ފަހަރެއްގައި ވެސް ރަޙުމަތްތެރިންގެ ހިތަށް ކުޑަނަމަވެސް ތަދެއް ވެދާނެތީ ޖެހިލުންވަނީއެވެ.

ޒަމީރު އެ ދައްކަން އުޅޭ ވާހަކަ ފަހުމެއް ނުވެއެވެ. އެހެންވެ މި ޖެހެނީ މަޑުކޮށްލާށެވެ. ޒަމީރަށް ފުރުސަތު ދޭށެވެ.



ޒަމީރަށް މައްސަލައަކީ ކޮންމެ ދުވަހަކު ހެނދުނު އެކިއެކި ރަޙުމަތްތެރިންނާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ވެސް ފޮނުވާ ބާއްޖަވެރި ހެނދުނެކެވެ. އަނެއް ބަޔަކު ގުޑް މޯނިންގ އެވެ. މިހާރު ގިނައީ ޞަބާޙުލް ޚައިރެވެ. ހެނދުނުގެ ހެޔޮއެދުންތަކެވެ.

އާ! މިހާރު އެބަ ވިސްނެއެވެ. އޮޅުން ފިލަމުން އެބަދެއެވެ. ޒަމީރުގެ ޝަކުވާއަކީ ފޯނުގެ ޑޭޓާކޮޅު މާ އަވަހަށް ހުސްވާތީއެވެ. ގޮތްގޮތަށް ހަދާފައި ހުންނަ ފޮޓޯތަކުން ބޮޑެތި އަދަދުތަކުން ޖީބީތައް ބޯލާތީއެވެ. އެ ފޮޓޯތަކުން ފޯނު ފުރޭތީއެވެ. ފޮޓޯތައް ފޮނުވާ އެކުވެރިންނަށް ނުވިސްނޭތީއެވެ.

ހާދަ ބައިވަރު އެކުވެރިންނަކާއި ރަޙުމަތްތެރިންނެއް އުޅެއެވެ. މިއީ މާ ރަނގަޅު ކަމަކަށް ވެގެން އެންމެން މިކަން ކުރަންވެއްޖެނަމަ ވާނެގޮތް ވިސްނާލާށެވެ. މި ވަރަކުން އަދި ނުފުދެއެވެ. އެ ޕޯސްޓްތައް ހުރިހާ ވައިބަރު އޮޅިތަކަކަށާއި ދެންވެސް މީސް މީޑިއާގައި ހުރިއްޔާހުރި އޮޅިއަކަށް އަޅައެވެ. އެހެން މީހުން ތައްޔާރުކޮށް ނަންޖަހާފައި ހުންނަ ޕޯސްޓްތައް ވެސް ފޮނުވަނީއެވެ. އެކިއެކި ވެބްސައިޓް ތަކުން ޑައުންލޯޑް ކޮށްކޮށްގެން ވެސް ފޮނުވަނީއެވެ. އެ ޕޯސްޓަށް ރެސްޕޮންޑް ނުކުރިޔަސް ފޮނުވަނީއެވެ. އެއްޗެއް ފަސޭހައިން އަތުނުޖެހިއްޖެއްޔާ ކުރީ ދުވަހު ފޮނުވާފައި އޮތް ޕޯސްޓެއް ވިޔަސް ފޮނުވާލަނީއެވެ. މިކަމާމެދު ވިސްނާކަށް ނުވޭ ހެއްޔެވެ. ޒަމީރު ބުނަނީ މީ ރަޙުމަތްތެރިންނަށް ނޭނގި ކުރެވޭ ގޯނާއެއް ކަމަށެވެ.

މި ކަމުގައި އެހެން މީހުންގެ އިޙްސާސްތައް ދަނެގެން މިކަންކުރާ އެކުވެރިން ތިބިކަމަށް ޒަމީރު ގަބޫލު ނުކުރިޔަސް އަޅުގަނޑު ގަބޫލުކުރަނީ އެހެންނެތް ނޫނެވެ. އެކުވެރިން ފޮނުވާ ޕޯސްޓަކަށް އިޖާބަ ނުދީފިނަމަ ދެން އެކަން ތަކުރާރު ނުކުރާ އެކުވެރިން އުޅެއެވެ. އެކަމަކު އަޅުގަނޑުގެ ވެސް ކަން ބޮޑުވުމެއް އޮވެއެވެ. އެ އެކުވެރިން ފޮނުވާ ޕޯސްޓްތަކަށް އިޖާބަ ނުދިނުމުން އަނެއްކާ އެ އެކުވެރިން ހީކުރާނީ ކީކޭ ބާވައެވެ.

ޒަމީރުގެ އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ. ހެނދުނުގެ ހެޔޮ އެދުންތައް ފޮނުވާ ރަޙުމަތްތެރިން މެންދުރާއި ހަވީރާއި ރޭގަނޑު ވެސް މިކަންތައްގަނޑު ފަށައިގެންފާނެތީއެވެ. ޒަމީރުގެ ޝަކުވާ ބައެއް ފަހަރު ގިނަވާނެއެވެ. ބުނާކަންކަން ކުރަންޖެހޭނެއެވެ. އަޅުގަނޑަށް ވެސް ބައެއް ފަހަރު ޒަމީރުގެ މައްޗަށް ބާރުފޯރުވަން ފަސޭހައެއް ނޫނެވެ.

No comments: