Monday, July 13, 2020

މަހާނަގާތަކުގެ ހިމޭން ވާހަކަ

 


ޢަބްދުﷲ ސަޢީދު

 

ނުބުނެ ބުނެވޭނެ ވާހަކަ ހުރެއެވެ. ލަފުޒުތަކަކާ ނުލައި ބަޔާންކުރެވޭ ކަންތައްތައް ވެސް ހުރެއެވެ. އިންސާނުންނަކީ ހިމޭން ނިޔާތަކެއްގެ މައްޗަށް މުޅި ދިރިއުޅުން ބިނާކޮށް ނިމިގެންދާ ބައެކެވެ. އާސާރީ ގަބުރުސްތާނުތަކާއި އެ ތަންތަނުގައިހުރި ހިރިގަލުގެ މަހާނަގާތައް ހިމޭން ވާހަކަތަކެއް އެބަ ކިޔައިދެއެވެ.

 

މަރިޔަމް އިޝާ ޢަޒީޒުގެ އަހާލަން ފަސޭހަ ހިމޭން އަޑާއެކު ދަރެސް ތެރެއަށް ދަމައިގަތީ މި ފަށުވި އޮމާ ރީތި ވާހަކަފުޅުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިރިގަލުގެ މިސްކިތްތަކާއި ގަބުރުސްތާނުތަކަށް ކުރައްވާފައިވާ ޒިޔާރަތްތަކުން އަޑުއެއްސެވި ވާހަކަތައް ތިލަކޮށްލެއްވިގޮތުންނެވެ. އެއީ މީގެކުރިން އާންމު ވާހަކަތަކެއް ނޫނެވެ.


 


އެއީ ހުނަރުވެރި އާކިޓެކްޗަރަލް ޑިޒައިނަރެކެވެ. ކުޅަދާނަ ފޮޓޯ ގްރާފަރެކެވެ. ވަރަށް މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ނާވިލު ލިޔުއްވުމުގައި ފާހަގަކޮށްލެވޭ ކުޅަދާނަ މޮޅު ބޭފުޅެކެވެ. ވަރަށް މޮޅު ޅެންވެރިއެއް ވެސް މެއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކުރެއްވި ސުމޭކު ދަރެހުގެ އެ މައުޟޫއަށް އެއަށްވުރެ ވަކިން ރަނގަޅު ބޭފުޅެއް އަޅުގަނޑަށް ވެސް ނެތެވެ. ރާއްޖޭގެ އާސާރީ ގަބުރުސްތާނުތަކުގައި ހުރި މަހާނަގާތަކުގައި އަޅާފައިވާ ކުރެހުންތަކާއި އާސާރީ މިސްކިތްތަކާ ދައްކާހިމޭން ވާހަކައެވެ. 2020 ޖުލައި 13 ވަނަ ދުވަހުގެރޭ ދަރެސް ބަލަން އިންއިރު އެހެންކަމެއް ވެސް ފާހަގަ ކުރެވުނެވެ. ހުށަހެޅުއްވުންތެރިކަމާއި ދިވެހިބަހުން ވާހަކަ ދެއްކެވި ލުއި ފަސޭހަކަމާއި އޮމާންކަމާއި ރީތިކަމެވެ.

 

ދިވެހިރާއްޖޭގެ އާސާރީ ގަބުރުސްތާނުތަކުގައި ހުރި ހިރިގަލުގެ މަހާނަތަކާއި އާސާރީ މިސްކިތްތަކާ ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ މާލޭ ޢީދު މިސްކިތްފަދަ މަދު މިސްކިތެއް ނޫނީ ދެންހުރި ހުރިހާ ހިރިގަލުގެ ތާރީޚީ މިސްކިތްތަކެއް ހުރީ ބޮޑެތި މަހާނަފާތަކާ އެކުގައެވެ. އެ މިސްކިތްތަކުގެ ހިރިގާތަކުގައި ކަނޑާނަގާފައިވާ ކުރެހުންތަކާއި ލަކުނޑީގައި ލިޔެލާ ޖަހާފައިވާ ފަރުމާތަކާ އެއްގޮތް ކުރެހުންތަކާއި ފަރުމާތައް ހިރިގަލުގެ މަހާނަގާތަކުގައި ވެސް ހުރެއެވެ. އިޝާ ވިދާޅުވި ގޮތުގައި އެތަކެތި ވާހަކަ ދައްކަނީ އެއް ބަހުރުވައަކުންނެވެ.


 

މާލޭ މެދުޒިޔާރަތުގައި ހުންނަ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީގެ މަގުބަރާ

 

ރާއްޖޭގެ އާސާރީ ގަބުރުސްތާނުތަކަކީ ތާރީޚީ ފޮތެއްގެ ވިއްސިވިހާލިވެފައިވާ ޞަފުޙާތަކެކެވެ. ހުރިހާ ގަނޑުތަކެއް އެއްކޮށް ހީރަސްޖަހާލަން ޖެހިފައިވާ އަގުހުރި މަޢުލޫމާތުތަކެކެވެ. އެތަންތަނުގައި ހުރި ހިރިގަލުގެ މަހާނަ ގާތަކުން ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވާހަކަތައް އިވެއެވެ. ބަދަލު ހިފުމާއި ނަފުރަތާއި ހަސަދައިގެ ވާހަކަތައް ވެސް އިވެއެވެ. އިޝާއަށް އިވިވަޑައިގެންނެވި އެ ވާހަކަތަކުން ދެއްކެވީ ވަރަށް ރީތި މިސާލެކެވެ. ދުނިޔޭގައި ވެސް ހުރި ހިރިގަލުގެ އެންމެ ބޮޑު މަހާނަގަލެވެ. ހަތްފޫޅަށްވުރެ އުސް އެގާހުރީ ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ. އެއީ އަންހެން މަހާނައެކެވެ. އެއީ ކަދީދާ ކަމަނާފާނުގެ މަހާނަގަލެވެ. ރާއްޖޭގައި ރަސްކަންކުރެއްވި ދެ ރަސްކަލެއްގެ މައިދާފުޅުގެ މަހާނަގަލެވެ. އެގާ އެތަނުގައި ހުރީ ލޯތްބާއި އިހުތިރާމުގެ ރަމުޒެއްގެ ގޮތުންނެވެ.


 

މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުންނަ ކަދީދާ ކަމަނާފާނުގެ މަހާނަގާ

 

އާސާރީ ގަބުރުސްތާނުތަކާއި ހިރިގަލުގެ މަހާނަގާތަކުން ފުރަތަމަ އިވޭ ވާހަކައެއް ކަމަށް އިޝާ ވިދާޅުވީ ދުނިޔޭގެ ހަޔާތަކީ ކިހާ ވަގުތީ ތަނެއްކަމަށް ބުނާ ވާހަކައެވެ. އެހެން ވިދާޅުވެފައި ވަޑައިގަތީ އެ ޒަމާނަށެވެ. ރަށުގެތެރެ އަނދިރިކޮށް އޮތް ޒަމާނަށެވެ. މިސްކިތުގައި ދިއްލާފައިހުރި ވޮށުގެ ފަނޑު އަލި ކޮންމެ ވެސް ވަރަށް ބޭރަށް އެޅިފައި ހުއްޓެވެ. އެ ފަނޑުއަލީގެ ތެރެއިން މިސްކިތަށް އަރާފައިބާ ކޮންމެ މީހެއްގެ ހިތަށް ވެސް ދުނިޔެއަކީ ކިހާ ވަގުތީ ތަނެއްކަން ބުނާ އަޑު އިވޭނެއެވެ. ހުޝޫއަތްތެރިކަމާއި މަޑުމޮޅިކަން ހިތަށް ވައްދައިދޭނެއެވެ.

 

އިޝާއަށް ދެން އިވިވަޑައިގަންނަވާ ވާހަކައަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައާ ގަބުރުސްތާނުތަކާ ހުރި ގުޅުމުގެ ވާހަކަތަކެވެ. ދަނާވަތި ފަދަ ބޯދާ ބަސްތަކާއި ކައްޑެވި ފަދަ ފޯކުލޯރުތަކުން އިވޭ ޝަޚްސިއްޔަތުތަކާ ގަބުރުސްތާނުތަކާ އޮތް ގުޅުމުގެ ވާހަކައެވެ. ދިވެހީންގެ ޒަމާންވީ އަޤީދާއާއި ގަބޫލުކުރުންތައް ހުރިގޮތެވެ. ޝައްކެއްނެތެވެ. އެއީ ދިވެހީންގެ ސަގާފަތުގެ މުހިންމު ބާބެކެވެ.

 

ގިނަ ބަޔަކު ހީކުރަނީ ގަބުރުސްތާނުތަކަކީ ދިރުމެއްނެތް ފަޅުތަނެއް ކަމަށެވެ. އެކަމަކު ދިވެހީންގެ ގަބުރުސްތާނުތަކުގައި ވަކި ޚާއްޞަ ގަސްތަކަކާއި ވަސްތަކެއް ހުރެއެވެ. ގަނދަކޯޅި ފަދަ މީރުވަސް ދުވާ ގަސްތަކެވެ. އެކި ކުލަކުލައިގެ މަލިކުރުވާ މާގަސްތަކާއި ބޮޑެތި ގުލްސަންފާ ތަކެވެ. ބައެއް މޫސުމަށް ފަތަށްވުރެ ގިނަވާނީ މަލެއެވެ. އެކިއެކި މޫސުމަށް މާ ދުރުން ޒިޔާރަތްކުރާ އިރުވައިހުދު ފަދަ މޫސުމީ ދޫނިތަކެވެ. ފެންނަ މަންޒަރު ކިތަންމެ ހިމޭނަސް އެހެން ބައެއް ދިރުންތަކަށް އެއީ ޚާއްޞަ ތަނެކެވެ.

 

އާސާރީ ގަބުރުސްތާނުތަކާއި ޒަމާންވީ ޒިޔާތްތަކާއި ރަށްރަށުގެ ވަލުތެރޭގައި ހުރި ބޮޑެތި ކައްފާތަކާއި މަހާނަފާތަކުގެ ވެސް އެންމެ ޚާއްޞަ އައިޑެންޓިޓީ އަކީ އެތަންތަނުގައި ހުރި މަހާނަގާތަކެވެ. އެގާތައް ހުރީ ހިރިގަލުންނެވެ. ވަރަށް ރީތި ކުރެހުންތަކާއެކުގައެވެ. އެ ގާތަކުން އިސްލާމީ އާޓުގެ އެންމެ މުހިންމު ތިންބައި ފެނެއެވެ. އެއްވައްތަރަކީ ސީދާ ރޮނގު ނުވަތަ ޖޯމެޓްރީ ޑިޒައިން ތަކެވެ. ސީދާ ރޮނގުތަކާއި ވައްބޮޅުތަކާއި ގޮޅިތައް އެއްރޮނގުމަތިން އަނެއް ރޮނގު އަޅައިގެން ތަރިއާއި އެހެނިހެން ފަރުމާތައް ދައްކައިދީފައި ހުންނަނީ މި ވައްތަރުގެ އިސްލާމިކް އާޓުގައެވެ. ދެން ފެންނަނީ ވެޔޮ ކުރެހުން ނުވަތަ ގޮށް ކުރެހުމެވެ.

 

ނިމުމެއްނުވާ ދާއިމަށް ދިރިދެމިވޮޑިގެންވާ އިލާހުގެ ކުޅަދުންވަންތަކަން އެ ކުރެހުންތައް މާނަކޮށް ދެއެވެ. ސުވަރުގޭގެ ކޮޅާކޮޅު ނުފެންނަ އަދި ފުރާފުރިހަމަ ނިޢުމަތްތައް ބަޔާންކޮށްދެއެވެ. ތިންވަނަ ވައްތަރަކީ ޢަރަބި ކެލިގުރަފީއެވެ. ހިތްގައިމު އަރަބި ލިޔުންތެރިކަމުގެ ފަންނެވެ. މިއިން ކޮންމެ ވައްތަރެއްގެ އާޓެއްގައި ވެސް ފުންމާނަތަކެއް ހުރެއެވެ. ބައެއް ގާގަލުގެ މައިގަނޑުގައި މާގަނޑުގަނޑާއި ވެޔޮގަނޑުގަނޑު ކުރަހާފައި ހުރެއެވެ. އަނެއްބައި ގާގަލުގެ މައިގަނޑުގައި ޖޯމެޓްރީ ފަރުމާތައް ހިމަނާފައިހުރެއެވެ. ކީއްވެގެންބާވައެވެ. ބައެއް ގާތަކުގެ އެކި ހިސާބުތަކުގައި އެކި ވައްތަރުގެ ކުރެހުންތައް އަޅާފައި ހުރެއެވެ. ކޮން ސަބަބަކާ ހުރެހެއްޔެވެ. އެކަމުގެ ސިއްރަކީ ކޮބައިބާވައެވެ. އެއިން ކޮންމެ ކުރެހެއްގެ ބިއްދޮށުގައި ވެސް ވަރަށް ފުން މާނައެއް ވަރަށް ބޮޑު ސިއްރެއް އޮންނާނެއެވެ. އެ ކުރެހުންތަކުން ބަޔާންކޮށް އެދެނީ އެ މަހާނައެއްގައި ވަޅުލެވިފައިވާ ފަރާތެއްގެ ޝަޚްސިއްޔަތާ މެދު ދިރިތިބީން ދެކޭގޮތެވެ. ދެކުނުގޮތެވެ. އޭގެ ތަރުޖަމާ ނޭންގެންޏާ އަޅުގަނޑުމެން ޖެހޭނީ ދިރާސާކޮށް ހޯދާށެވެ.

ފިރިހެން މަހާނަގާ

 

ދިވެހިރާއްޖޭގެ އާސާރީ ގަބުރުސްތާނުތަކުން އެތައް ވައްތަރެއްގެ ހިރިގަލުގެ މަހާނަގާފެނެއެވެ. މައްޗަށް ދިގު ބޮލެއް ލާފައި ހުންނަނީ ފިރިހެން މަހާނަގަލެވެ.


 

އަންހެން މަހާނަގާ

 

އަންހެން މަހާނަގާ ހުންނަނީ ބޮލެއްނެތި ވައްކޮށެވެ. ފިރިހެންގާ ތަކުގެ ތެރޭގައި ބައެއް ގަލުގައި ބޯ ފަރުމާކޮށްފައި ހުންނަގޮތް ތަފާތެއެވެ. ކުރިބޯއްޓެއްހެން ބޯ ހުންނަ ގާތަކަކީ ރަސްމަތިފުށު ބޭފުޅުންގެ މަހާނަގާތަކެވެ. އެގާތައް އެ ބުނަނީ ވެސް ކުޑަވާހަކައެއް ނޫނެވެ.


 

ފިރިހެން މަހާނަގަލުގެ ތަފާތު ފަރުމާއެްް. ކުރިބޯޓެއް ގޮތަށް ހުންނަނީ ޝާހީ ބޭބޭފުޅުގެ މަހާނަގާ

 

ކުޑަކުދިންގެ މަހާނަތައް ވަކިވަނީ ގަލުގެ ސައިޒުންނެވެ. ކުޑަކުދިންގެ މަހާނަތަކުގައި ޖަހާފައި ހުންނަ ގާތަކުގެ ސައިޒު ކުޑަޔަސް ކުރެހުންތަކާއި ފަރުމާތައް އެއްގޮތެވެ. ބައެއް ކުޑަކުދިންގެ މަހާނަގާ ބޮޑެތި މަހާނަތަކުގެ އެތެރޭގައި ޖަހާފައި ހުއްޓާ ފެންނާނެއެވެ. އެ ބުނަނީ އެ ކުދިން ވަޅުލެވިފައި ވަނީ އެ ކުދިންގެ މަންމަ ނުވަތަ ބައްޕަގެ މަހާނައިގައި ކަމަށެވެ.

ކުޑަކުދިންގެ މަހާނަގާ

 

މަހާނަގާތަކުގެ ތެރެއިން ފާހަގަކުރެވޭ ވަރަށް ޚާއްޞަ އެހެން ދެ ވައްތަރެއްގެ ގަލުގެ ވާހަކަތައް ވެސް އިޝާ ވިދާޅުވިއެވެ. އެއީ ޤުރުއާން ހިތުދަސް ހާފިޒުންގެ މަހާނަގަލާއި ހެވިންގެ ގަލެވެ.


 

ހާފިޒުންގެ މަހާނަގާ

 

ކަންފަތްތަކެއް މައްޗަށް ހުންނަހެން ތަންތަންކޮޅު ނެރެފައި ހުންނަނީ ހާފިޒުންގެ ގަލުގައެވެ. ގަލުގެ މަތީކޮޅުން ބައެއް ކުރެގުންގަނޑުތައް ހުންނަނީ ޖާލީގަނޑެއްހެން ކެނޑުންތައް ފޫދުއްވާލާފައެވެ. އެފަދަ ގަލުގައި ވަކިން ބޮލެއް ނުހުރެއެވެ. އެކަމަކު ހުންނަނީ މައްޗަށް އޫކޮށެވެ.


 

ހެވިންގެ މަހާނަގާ

 

ހެވިންގެ ގަލަކީ ހަނގުރާމައާއި ކަނޑިބަނޑިއާއި ލޮންސީގެ ހެވިކަމަށް އަރާތިބި ފަހުލަވާނުންގެ ގަލެވެ. އެ ގާތައް ހުންނަނީ ދެ ފަރާތުގައި ދެ ކޮނޑުލާފައެވެ. އެ ގާތަށް ބުނެދެނީ އެއީ އަސްކަރީ ހެވިކަމަށް ކުޅަދާނަ ވަރަށް ހިތްވަރުގަދަ ބޭފުޅުންކަމެވެ. އެ ބޭފުޅުންގެ ޤައުމީ ޚިދުމަތް އެ ގާތައް ކިޔައިދޭތާ އެތައްއެތައް ޒަމާނެކެވެ. އަޅުގަނޑުމެންނަށް ނީވެނީއެވެ.

 

 

މަންމަ ނުވަތަ ބައްޕަގެ މަހާނައިގައި ވަޅުލެވިފައިވާ ކުޑަކުދިންގެ މަހާނަގާ ހުންނަހަނީ ބޮޑު މަހާނައެއްގެ އެތެރޭގައި.

 

މަހާނަގާތަކުގެ ތެރެއިން އެންމެ އަސަރުކުރި ވާހަކައެއް ކިޔައިދެނީ ވިހެއުމުގެ ތެރޭގައި މަންމައާއި ދަރިފުޅާ އެކުގައި ނިޔާވެފައިވާކަން ބުނެދޭ ގާތަކެވެ. އެ ގާތައް ހުންނަނީ މަންމަގެ މަހާނަގަލުގެ އެތެރެ ފަރާތުގައި ތުއްތުތުއްތު މަހާނަގަލެއްގެ ފަރުމާ ކަނޑާ ނަގާފައެވެ. މަންމައާއެކު ނިޔާވީ ފިރިހެން ކުއްޖެއްނަމަ ފިރިހެން ތުއްތުއް ގަލެއްގެ ކުރެހުމެވެ. އަންހެން ކުއްޖެއްނަމަ ތުއްތުތުއްތު އަންހެން ގަލެެއްގެ ކުރެހުމެކެވެ. އެ ހާލަތާއި ޖަޒުބާތުން ދެލޯ ތެންމާލިއެވެ.


 


ވިހެއުމުގެ ތެރޭގައި މައިމީހާއާއެކު ދަރިފުޅު ނިޔާވެފައިވާ ދެމައިންގެ މަހާނަގާ

 

ދެން އެންމެ ތަފާތުކޮށް ފާހަގަ ކުރެވެނީ ބޮޑުންނާއި މުއްސަނދިންގެ މަހާނަގާތަކެވެ. ސައިޒުން ބޮޑެތި ބިޔަ އެ ގާތައް އެ ކިޔައިދެނީ އެ ބޭފުޅުންގެ ޖާހާއި ޝާނާއި ޝައުކަތެވެ. އެ ކިޔަދެނީ އެ ބޭފުޅުންގެ އާރާބާރާއި ނުފޫޒެވެ. ބައެއް ގާތަކުގައި ރިހިލާރި ގާނައިގެން ކުލަޖައްސައި އޮފުކޮށްފައި ހުރެއެވެ. އެކަން ކޮށްފައި އެވާ ހަމައެކަނި ސަބަބަކީ މަހާނައިގައިވާ ބޭފުޅެއްގެ ތަނަވަސްކަމާއި މުއްސަނދިކަން ބަޔާންކޮށް ދިނުމެއްނޫނެވެ. އެކަމަކު އެ ބޭފުޅަކަށް ޙައްޤުވެގެންވާ ލޯތްބާއި އިހުތިރާމު ވެސް ކިޔައި ދިނުމެވެ. ގިނަ ދުވަހަށް އެ ގާތައް ރައްކާތެރިކޮށް ދެމެހެއްޓުމެވެ.

ބޮޑުންނާއި ޢިއްޒަތްތެރިންގެ މަހާނަގާ. މި ކުލަ އަރާފައި މިވަނީ ގަލުގައި ހިރި އުގުޅާފައި ހުރުމުން

 

ކޮންމެ މަހާނަ ގަލަކުން ވެސް ބުނެދެނީ ނުވަތަ ހަނދާންއާކޮށްދެނީ ކޮންމެ ވެސް މީހެއްގެ ހަޔާތެވެ. ކޮންމެ ވެސް މީހަކު ދުނިޔެއަޅައި މަރުވެދިޔަ ކަމުގެ ހަނދާނެވެ. މަރުގެ ރަހަ ދެކޭ ހިނދު ކޮންމެ މީހަކު ވެސް ވަޅުލެވެއެވެ. އެއަށްފަހު ވެލިން ހަދާލެވޭ މަހާނަ ދުވަސްކޮޅަކުން ބިމާ ހަމަވެދެއެވެ. މަހާނައިގެ ދެކޮޅުގައި ޖަހާލެވޭ ކުޑަކުޑަ ހިޔަނި ފިލާކޮޅު ފީވެ ހަލާކުވެދެއެވެ. ސަހަރާތެރެއިން އެމީހެއް މިމީހެއް ވަތްކެއް ނުވެއެވެ. އަޅުގަނޑުމެންގެ ކާބަފައިންނަށް އެގޮތް ކަމުނުދިޔައީއެވެ. ފަންނުވެރި ބުރަ މަސައްކަތާއެކު ރީތި މަހާނަގަލެއް އެތައްއެތައް ފުން މާނަތަކެއް އެކުލެވޭ ކުރެހުންތަކާއި އެތައްއެތައް މަޢުލޫމާތެއްދޭ ލިޔުންތަކާއެކު ޖަހާފައި އެވަނީ އެހެންވެއެވެ.

 

އެ ވާހަކަތައް އެތައްއެތައް ގަރުނެއް ކަޑަތުކޮށް އަމާނާތްތެރިކަމާއެކު މި ޒަމާނަށް ގެނެސްދިނީ އެ ގާތަކެވެ. މިއަދު އަޅުގަނޑުމެންނަށް މިހައިކަތްވަރު އެނގުނަސް އެއީ ވަރަށް ބޮޑު ވަރެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއި އާ ޤަބޫލުކުރުންތަކާއެކު އެންމެ އަވަހަކަށް ފަނާކޮށް ނެތިކޮށްލެވެނީ އަޅުގަނޑުމެންގެ އަސްލުތަކާ ގުޅިގައިހުރި މިފަދަ ކަންތައްތައް ކަމަށްވާތީއެވެ. އިޝާގެ ހިމޭން ދަރެސް ނިންމަވާލެއްވީ ބާރު އަޑަކުންނެވެ. މަހާނަގަލެއްގެ ބައްޓަމަށް ކީހާލާފައި މަހާނައެއްގައި ޖަހާފައިހުރި ތަށިމުށިގަނޑެއްގެ ފޮޓޯ ދައްކަވާ ލައްވަމުންނެވެ. އެ ފޮޓޯ ފެނިފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. އިޝާއަށް އިވިވަޑައިގަތަސް އާސާރީ ގަބުރުސްތާނުތަކާއި ހިރިގަލުގެ މަހާނަގާތައް ބުނެދޭ މާނަފުން ހިމޭން ވާހަކަ ކޮންމެކޮންމެ މީހަކަށް ނީވެނީއެވެ. ނޭނގެނީއެވެ.

No comments: