Sunday, July 26, 2020

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

 


ޢަބްދުﷲ ސަޢީދު

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅެ ފުރާނަ ސަލާމަތްކުރެވޭކަށް ނެތެވެ. ދުނިޔޭގެ ތަޖުރިބާއަކީ ގޭގައި މަޑުކުރި މިންވަރަކުން ގެއްލޭ ފުރާނަ ސަލާމަތްކުރެވޭކަމެވެ. އިޖުތިމާޢީ ގައިދުރުކަން އިތުރުކުރި މިންވަރަކުން ބަލި ފެތުރޭ މިންވަރު މަދުވާކަމެވެ. އެހެންވީމާ މި ބަންދުތަކުގައި އުޅެމުން ދިރިއުޅެންޔާ ދާން މިޖެހެނީ ދިރިއުޅުމުގެ މުޅިން އާ ވައްޓަފާޅިއަކަށް ދާށެވެ.

 

ގޭގެ ކުޑަ ތަންކޮޅުގައި ކަސްރަތުކޮށް ހެލިފެލިވެ އުޅެން ދަސްކުރަން ޖެހެއެވެ. އޮންލައިން ކްލާސްތަކުގައި ބައިވެރިވެ ދުޅަހެޔޮކަން ދަމަހައްޓަންޖެހެއެވެ. ބަލިވީމާ ހޮސްޕިޓަލަށް ދުއްވައި ގަތުމުގެ ބަދަލުގައި ހޮސްޕިޓަލަށް ގުޅައިގެން ކަންކުރަންވީ ގޮތެއް ފުރަތަމަ ސާފުކޮށްލަން އެބަޖެހެއެވެ. ކުޑަކުދިންނާއި ދަރިންނަށް ގޭތެރެއަކީ ރައްކާތެރި އަމާން ތަނެއްކަން ކަށަވަރުކޮށްދޭން ޖެހެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ ސަމާލުކަން އިތުރުކުރާން ޖެހެއެވެ.

 

ގޭތެރޭގައި ގިނަ ވަގުތު އުޅުނަސް ގިނަގިނައިން އަތްދޮވެ ގެއާއި ގޯތިތެރެ ސާފުކޮށް އެ ސާފުކަން ދަމަހައްޓާންޖެހެއެވެ. ގޭތެރޭގައި އަބަދު ފޯނަށް ގެއްލިފައި ތިބުމުގެ ބަދަލުގައި އާއިލީ ގުޅުންތައް ދެމެހެއްޓޭނެ ކުޅިވަރުތަކާއި ގޭމުތައް ކުޅެލާން ޖެހެއެވެ. އެ ގޭމުތަކުގައި ދުވަސްވީ މާމަމެންނާއި ކާފަމެން ބައިވެރިކުރާން ޖެހެއެވެ. މިގޮތުން ވާހަކަ ކިޔުމާއި ލަވަކިޔުމާއި ރައިވަރު ކިޔުމުގެ އަދަބީ މުބާރާތްތައް ބޭއްވިދާނެއެވެ. ޤުރުއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތްތައް އާއިލާގެ މެދުގައި ބޭއްވި ދާނެއެވެ. ވަނަހޮވައި އިނާމު ދެވިދާނެއެވެ.

 

މިސްކިތްތަކާއި ސައިހޮޓާތަކާއި ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތައް ވަނީ ބަންދުކޮށްފައެވެ. މިހާރު ބޭރަށް ނުކުމެ އުޅެންވާނީ ކޮންމެހެން ނިކުންނާން ޖެހޭ މީހަކު އެކަންޏެވެ. މިއީ ބައިހަދާފައި ބާޒާރުކޮށް ހެދޭން އޮތް ދުވަސްވަރެއް ނޫނެވެ. އެއްޗެއް ގަންނަން ޖެހޭ ކޮންމެ ފަހަރަކު ގޭ އެންމެން އެ ފިހާރައަކަށް ދާންޖެހޭ ދުވަސްވަރެއް ނޫނެވެ. މިއީ އަތުގައި ލާރިއެއް އޮވެއްޖެނަމަ އެ ލާރިއެއް ހެޔޮގޮތުގައި ނޫނީ ބޭނުންނުކުރާންވީ ވަގުތެވެ. އިސްރާފުތަކުން ދުރުވެ އިޤްތިޞާދު ކުރާންވީ ދަނޑިވަޅެވެ. ގިނަގިނައިން ނަމާދުކޮށް ޤުރުއާން ކިޔަވައި އަޅުކަމުގައި އުޅޭންވީ ވަގުތެވެ.

 

އަޅުގަނޑުމެންގެ ކުރިމަތީގައި ދުނިޔޭގެ ބޮޑެތި ޤައުމުތައް އަނގައިންނާއި ނޯށުން ރޮމުން ދަނީއެވެ. ހޭއަރާ ހޭލަކަށް އަޅެ ފަހެ ނުވޭހެއްޔެވެ. ހޮސްޕިޓަލުތައް ފުރި ފަރުވާ ދެވޭނެ ފަދައެއްނެތި ގިނަ އަދަދެއްގެ ބަޔަކު މަރުވާ މަންޒަރު މި ރާއްޖޭގައި ފެންނަން ނޭދޭނަމަ އެކަމަށް އެދި ކުރެވޭނެ ކަމަކީ ހެޔޮ ދުޢާކުރުމާއެކު ގޭގައި މަޑުކުރުމެވެ.

 

ދިރިއުޅުން އާ ވައްޓަފާޅިއަކަށް ބަދަލުކުރުން މަޖުބޫރުއެވެ. އެހެން ނޫނީ އެތައް ސަތޭކަ ބަޔަކު ކުއްލިއަކަށް ބަލިވެ ޞިއްޙީ ނިޒާމަށް ނުކަތާވަރު ވެދާނެއެވެ. އެހެން ހިތަށް އެރިޔަސް ދެންވާނެގޮތް އެބަ ފެނެއެވެ. ބަލިމީހުންނަށް ނޭވާލާން އުނދަގޫވެ ތެޅިފޮޅޭ އިރުވެސް އެ އެންމެ ލާނެ އައިސޫއެއް، ވެންޓިލޭޓަރެއް ނުލިބޭނެއެވެ. ކައިރީގައި މަރުމަތި ބަލާލާނެ އެއްވެސް މީހަކު ނެތި މީހުންތައް މަރުވެ ފުނިޖެހެން ފަށާނެއެވެ. ވަޅުލާ އޮތްބެއް ނޯނާނެއެވެ. ދަރިންނާއި މައިންބަފައިން މަރުވެދާއިރު މޫނުވެސް ފެންނާނެކަމެއް ނޭނގެއެވެ. ބޮޑު ބިރުވެރިކަމެއް އުފެދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ ދުވެނަގާނެވެ. ހީވާނީ ގިޔާމަތް ވެގެން އުޅޭހެންނެވެ.

No comments: