Wednesday, August 5, 2020

މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟




ޢަބްދުﷲ ސަޢީދު 


އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ.




އެ އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. 1960 ގެ އެއްބަސްވުމަށް ތާރީޚުގައި ނަން ދެވިފައި ވަނީ "އޯލްޕޯޓް އެގްރިމެންޓް"ގެ ނަމުންނެވެ. އެއީ އިނގިރޭސިވިލާތުގެ ކޮމަންވެލްތު ރިލޭޝަންސް އޮފީހުގެ މިނިސްޓަރ ލޯޑް ކަތުބާރޓް ޖޭމްސް މެކްކޯލް އޯލްޕޯޓް ރާއްޖެ ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުމެކެވެ. އޭގެކުރިން އޮތީ 1948 އެޕްރީލް 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައި ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (2) ކުޑަ ބަންޑާރައިންނަށް އިނގިރޭސިން ބިރުދައްކައިގެން ސޮއިކުރެއްވި ސިޓީ އަކުންނެވެ.

މީލާދީން 1965 ޖުލައި 26 ވަނަ ދުވަހު އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު މިނިވަންކަމުގެ އެއްބަސްވުމަށް މަތިމަތިން ބަލާލުމުން ފެނުނީ ކުރު ތަޢާރަފަކަށްފަހު ލިޔެފައިވާ 6 މާއްދާއެކެވެ. އެއަށްފަހު އޮތީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް ނުވަތަ ބޮޑުވަޒީރު ސާހިބުއްދައުލާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްރީލަންކާގައި ހުންނެވި އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކަރ އެވެ. އެހެންނަމަވެސް އެއްބަސްވުމުގައި އެއްވެސް ބޭފުޅެއްގެ މަޤާމެއް، ހައިސިއްޔަތެއް ލިޔުއްވާފައެއް ނެތެވެ.

އެއްބަސްވުމަށް އަވަސް ކަޅިއެއް ހިންގާލިއިރު ދެތިން ތަނެއްގައި އަޅައިގަތެވެ. ފުރަތަމަ ތަނަކީ މިނިވަން ކަމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގައި ތިބި އިނގިރޭސިން ފޭބުމަށް މުއްދަތެއް ދީފައިއޮތް އޮތުމެވެ. ނުވަތަ އެކަމަށް އެއްބަސްވެފައި އޮތް އޮތުމެވެ. އެއީ މި އެއްބަސްވުމުގެ ޙަޤީޤީ މުއްދަތެވެ. އެ ތާރީޚަކީ 15 ޑިސެންބަރު 1986 އެވެ. މި ދުވަސް އައުމުގެ މާކުރިން އިނގިރޭސިން ވަނީ ރާއްޖެއިން ކުއްލިއަކަށް ފައިބާފައެވެ. އެއްބަސްވުމުގައި ސޮއިކުރި ދުވަހުގެ ބަދަލުގައި ރައީސް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ މިނިވަން ދުވަހެއްގެ ގޮތުގައި ފަހުން ފާހަގަ ކުރެއްވީ އިނގިރޭސިން ރާއްޖެއިން ފޭބި ދުވަހެވެ. އިނގިރޭސީން އައްޑު އަތޮޅުން ފޭބީ 29 މާރިޗު 1976ގައެވެ. ޖުލައި 26 މިނިވަން ދުވަހެއްގެ ގޮތުގައި އަލުން ފާހަގަކުރައްވަން ކަނޑައެޅުއްވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައެވެ.

ދެން އަޅައިގަތީ "އެގްރީޑް އޭރިއާސް" ކިޔާ ލަފުޒެކެވެ. އެއީ އައްޑު އަތޮޅުގަމާއި އައްޑު އަތޮޅު ހިތަދޫގެ މާމެންދޫގައި އިނގިރޭސިންގެ ބޭނުމަށް ނަގާފައި އޮތް 110 އޭކަރުގެ ސަރަޙައްދަށް އެ އެއްބަސްވުމުގައި ދީފައިވާ ނަމެވެ. އާދެ! "އެއްބަސްވެފައިވާ ސަރަޙައްދު" އެވެ.
އަނެއް ކަމަކީ އެއްބަސްވުމާއެކު ހީރަސްކޮށްފައިވާ އެނެކްސްތައް ނޫނީ ޖަދުވަލުތަކުގެ ވާހަކަ އޮތް މާއްދާއެވެ. 15 އަކުރުގެ މައްޗަށް ލިޔެފައިވާ ޖަދުވަލަކީ އެއްބަސްވުމުގެ ބައެއް ކަމަށް ލިޔެފައިވުމުން އެ ޖަދުވަލުތައް ބަލާލާހިތްވާނެއެވެ.

ދެން، އެއްބަސްވުން ކިޔާލަމާ ހިނގާށެވެ. ފަށާފައި އޮތީ "އުތުރު އަޔަރލެންޑް އަދި ގްރީޓް ބްރިޓުންގެ މައްޗަށް އެކުލެވިފައިވާ ރަސްކަމުގެ ހަރ މެޖިސްޓްރީގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައިވާ ދެ ޤައުމުގެ ރަޙުމަތްތެރިކަމާއި ގާތް އެކުވެރިކަން ބަދަހި ކުޅައުމަށް ޓަކައި 14 ފެބުރުވަރީ 1960 ގައި ކުރެވިފައިވާ އެއްބަސްވުން ބަދަލުކުރުމަށް އެއްބަސްވެ ތިރީގައިވާ ގޮތުގެމަތިން މި ދެ ސަރުކާރުން އެއްބަސްވަމެވެ." މިގޮތަށެވެ. މި ތަޢާރަފުގައި މި އެއްބަސްވުމަކީ ދިވެހިންނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ވެވޭ އެއްބަސްވުމެއްކަމަކަށް ފާހަގައެއް ނުކުރެއެވެ. އެކަމަކު މިއީ ރަޙުމަތްތެރިކަމާއި ގާތް އެކުވެރިކަން ބަދަހިކުރުމަށް 1960ގައި ހަދާފައިވާ އެއްބަސްވުމަކަށް ބަދަލު ގެންނަ އެއްބަސްވުމެއް ކަމަށް އެބައޮތެވެ. ޑިޕްލޮމެޓިކް ބަސްމަގު ހުންނާނީ މިގޮތަށް އޮމާންކޮށް ރީތިކޮށެވެ. ކުރިއަށް ދަމާހިނގާށެވެ.

ފުރަތަމަ މާއްދާގައި ވަނީ ކުރިން އޮތް އެއްބަސްވުން ބާތިލުކުރި ވާހަކައެވެ. އެ އެއްބަސްވުމަކީ "އޯލްޕޯޓް އެގްރީމެންޓް" އެވެ.

"އެއްވަނަ މާއްދާ: މަތީގައި ބަޔާންކުރި 1960 ވަނަ އަހަރުގެ އެއްބަސްވުމުގެ މާއްދާތަކުގެ ބާރު ހިނގުން ހުއްޓާލައި މި އެއްބަސްވުމުގައިވާ މާއްދާތައް އޭގެ ބަދަލުގައި ހިނގާން ފަށާނެއެވެ." ދެވަނަ މާއްދާއަކީ ދިވެހިންގެ މިނިވަންކަމަށް އިނގިރޭސިން އިޢުތިރާފުވެފައިވާ މާއްދާއެވެ. އެ މާއްދާއެއް ލިޔަން އިނގިރޭސިން އެންމެ ބޮޑާހޭކި މާއްދާއެވެ.

"ދެވަނަ މާއްދާ: ދިވެހިރާއްޖެއަކީ ވަކި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ މިނިވަން އަދި ފުރިހަމަ މާނައިގައި މުސްތަޤިއްލު ދައުލަތެއްކަން ޤަބޫލުކޮށް އިނގިރޭސި ސަރުކާރު ތަޞްދީޤު ކުރެއެވެ. އަދި ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރިހާ ޤައުމަކާއި ބައިނަލް އަޤުވާމީ ޖަމާޢަތްތަކާ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހުރިހާ ޙައްޤެއް ދިވެހިރާއްޖެއަށް ފުރިހަމައަށް ލިބިގެންވެއެވެ." ތިންވަނަ މާއްދާއަކީ އެންމެ ދިގު މާއްދާއެވެ. އެކަމަކު އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ހޫނު މައްސަލައެވެ. އެންމެ ގިނަ ބަހުސްތައް ހިނގި މައްސަލައެވެ. އިނގިރޭސި ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލައެވެ.

"ތިންވަނަ މާއްދާ: 14 ފެބުރުވަރީ 1960 ގެ އެއްބަސްވުމުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ދިން އައްޑު އަތޮޅު ގަމުގެ މުޅި ސަރަޙައްދާއި ހިތަދޫ (މާމެންދޫ) ޖަޒީރާއިން ފާހަގަ ކުރެވިފައިވާ 110 އޭކަރުގެ ބިމުގެ ބޭނުން މަނާކަމެއް ނެތި އިނގިރޭސި ސަރުކާރަށް ފީއަކާނުލައި 15 ޑިސެންބަރު 1986 އާ ހަމައަށް ދޭކަން ދިވެހި ސަރުކާރުން ޔަޤީންކަން ދެއެވެ. މީގެ ފަހުން މި ބުނެވުނު ސަރަޙައްދަށް ކިޔާނީ "އެގްރީޑް އޭރިޔާސް" އެވެ. 15 ޑިސެންބަރު 1986 އާ ހަމައަށް މި އޮތް މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި ސަރަޙައްދީ ކަނޑާއި ރާއްޖޭގެ ބޭރުގެ ކަނޑާއި ރާއްޖޭގެ ވައިގެ ސަރަޙައްދުގައި އެހެން އެއްވެސް ދައުލަތެއްގެ އަސްކަރީ ނުވަތަ އެފަދަ އެއްވެސް ބޭނުމެއް ކުރުމުގެ ހުއްދައެއް ދިވެހި ސަރުކާރުން ދޭން ވާނީ އިނގިރޭސި ސަރުކާރު އެ ގޮތަށް އެއްބަސްވާނަމަ އެވެ. އަދި ހަމަ މި ގޮތުގެމަތިން މިއިން ސަރަޙައްދެއްގައި އެހެން ދައުލަތެއްގެ ހަތިޔާރު އެޅި ސިފައިންގެ އެއްވެސް ބަޔަކު ތިބުމުގެ ހުއްދައެއް ދެވޭނީ އިނގިރޭސި ސަރުކާރު އެއްގޮތަށް އެއްބަސްވާ ނަމައެވެ. މިގޮތަށް މި ވެވުނު ވައުދުގެ ތެރޭގައި ބައިނަލްއަޤްވާމީ ބޭނުމަކު ޒިޔާރަތްކުރާ ހަނގުރާމަމަތީ ކަނޑު އުޅަނދުފަހަރާއި މަތިންދާ ބޯޓުގެ ދަތުރުތައް ނުހިމެނެއެވެ.

ހިތަދޫ ޖަޒީރާގައި ރޭޑިއޯ ސްޓޭޝަންތަކާއި ގަންކިޔާ ޖަޒީރާގައި ވައިގެ މަރުކަޒެއް ހަދައި ހިންގައި ބެލެހެއްޓުމަކީ އިނގިރޭސި ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ހުއްދަ ލިބިފައިވާ ކަމެކެވެ. އަދި އެއްބަސް ވެވުނު ސަރަޙައްދަށް ހުރަހެއްނެތި ވައިގެ މަގުންނާއި ކަނޑުގެ މަގުން އައިސްގޮސްވުމުގެ ހުއްދަ ވެސް ލިބިގެންވެއެވެ. އަދި ބޭނުންވި ފަދައިން ހަރ އެކްސެލެންސީގެ މަނަވަރު ފަހަރު އައްޑު އަތޮޅުގެ އެތެރެވަރިއާއި ގުޅިފައިވާ އެތެރޭ ކަނޑަށް މަނާކަމެއްނެތި އައިސްގޮސްވުމުގެ ހުއްދަ ވެސް ލިބިގެންވެއެވެ. މި އެއްބަސްވުމުގެ ޖަދުވަލުގައި ކަނޑައެޅި އެއްބަސް ވެފައިވާ އެހީތައް އިނގިރޭސި ލަޝްކަރަށް ލިބިދިނުމަށާއި ދެމެހެއްޓުމަށް އައްޑު އަތޮޅުގެ އެތެރެވަރިއާއި އެގްރީޑް އޭރިއާސް އާ ގުޅިގެންވާ އެތެރޭ ކަނޑު އިނގިރޭސި ލަޝްކަރުގެ ކުޅިވަރުގެ އެކިއެކި ކަންކަމަށް ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރަށް ލިބިގެންވެއެވެ.

މި އެއްބަސްވުމުގެ ދަށުން 15 ޑިސެންބަރު 1986 އާ ހަމައަށް ލިބޭ ޙައްޤުތަކާއި އެހީތަކުގެ ބޭނުންކުރުމަށް އެކަށީގެންވާ ކަމުގައި އިނގިރޭސި ސަރުކާރަށް ފެންނަ އަސްކަރީ ލަޝްކަރުތައް އެގްރީޑް އޭރިއާސްގެ ތެރޭގައި ބައިތިއްބިދާނެއެވެ. މި އެއްބަސްވުމުގެ މާއްދާއެއްގައި ބުނެވުނު އެއްޗަކުން އަދި މީގެފަހުން ބުނެވޭ އެއްޗަކުން ވެސް އެގްރީޑް އޭރިއާސް އަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގާ ގޮތުގައި އޮންނަ ދިވެހިރާއްޖޭގެ އަމިއްލަ ސަރަޙައްދެއްގެ ގޮތުގައި އޮތުމަށް އެއްވެސް އުނިކަމެއް ނުލިބޭނޭ ސަރަޙައްދެކެވެ." ހަތަރުވަނަ މާއްދާއަކީ އިނގިރޭސި ސަރުކާރުން ވެފައިވާ ވައުދެކެވެ.

"ހަތަރުވަނަ މާއްދާ: ދިވެހި ސަރުކާރު އެގްރީޑް އޭރިއާސްގެ ތެރެއިން އިނގިރޭސި ސަރުކާރަށް ދިން ހުއްދަތަކުގެ ބޭނުން އިނގިރޭސި ސަރުކާރު ކުރާނީ ހަމައެކަނި ކޮމަންވެލްތުގެ ދިފާޢުއަށް ޓަކައި ކަމުގައި ވަޢުދުވެއެވެ." ފަސްވަނަ މާއްދާއަކީ ޖަދުވަލުތަކާ ބެހޭ މާއްދާއެވެ.

"ފަސްވަނަ މާއްދާ: މި އެއްބަސްވުމުގެ ތަރުޖަމާއާއި މި އެއްބަސްވުމުގެ މައްޗަށް ޢަމަލުކުރުމާއި ގުޅިގެންވާ ޖަދުވަލުގައިވާ މާއްދާތަކަކީ މި އެއްބަސްވުމުގެ ބައެއްކަމަށް ހިމެނެއެވެ." ހަވަނަ މާއްދާއަކީ އެއްބަސްވުމުގެ އެންމެ ފަހު މާއްދާއެވެ. މި މާއްދާއަކީ މީގެ ކުރީގައި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވާ މާއްދާއެވެ.

"ހަވަނަ މާއްދާ: މި އެއްބަސްވުމުގެ ބާރު ހިގަން ފަށާނީ 26 ޖުލައި 1965 އިން ފެށިގެންނެވެ. އަދި އޭގެފަހުން ކުރީގެ ހުރިހާ އެއްބަސްވުންތަކެއް ބާތިލުވީއެވެ. މިކަމާބެހޭ ދެ ސަރުކާރުގެ ފަރާތުން ހުއްދަ ދެވިގެންވާ މީހުން މި އެއްބަސްވުމުގައި ސޮއި ކުރީއެވެ. ކޮޅުނބުގައި ޖުލައި މަހުގެ މި 26 ވަނަ ދުވަހު 1965ގައި އިނގިރޭސިބަހުން ލިޔެ ދެ ކޮޕީގައި ސޮއިކުރެވުނެވެ."

ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި އިނގިރޭސިން އިޢުތިރާފުވި އެއްބަސްވުން ނިމުނީއެވެ. މަތީގައި އޮތީ އިނގިރޭސި ހައިކޮމިޝަނަރުގެ ސޮއެވެ. ދިވެހިރާއްޖޭގެ އޭރުގެ ވަޒީރުލްއަޢުޡަމުގެ ސޮއި އޮތީ އެއްބަސްވުމުގެ ތިރީގައެވެ.












No comments: