Tuesday, June 23, 2020

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

 


ޢަބްދުﷲ ސަޢީދު

 

"މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ." މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ ލިޔުއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޢިބާރާތެކެވެ. 1940ގައި ލިޔުއްވާފައިވާ "ބޮޑުތަކުރުފާނުގެ ވާހަކަ" އަކީ ސިޔާސީ ރޭވުންތެރިކަމާއި އިސްތިރާޖީ ހަމަތައް ފެނިގެންދާ ޙިކުމަތްތެރި ވާހަކައެކެވެ. ދީނީ އަޤީދާއާއި އިންސާނީ ދިރިއުޅުމާ ގުޅިލާމެހިފައިވާ މިންވަރާއި ދިވެހިރާއްޖޭގެ އެ ޒަމާނުގެ އާދަކާދައާއި ސަޤާފަތް އެނގިގެންދާ ވާހަކައެކެވެ. މިއީ އިޝްޤީ ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ ކުލަތައް ފެންނަ، ލޯބީގެ އެންމެ ހިމަ ނާރުތަކާ ކުޅެލާ އަސަރުގަދަ ވާހަކައެއްވެސް މެއެވެ. ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑުގެ ޢުމުރުގެ އެކި ހިސާބުތަކުގައި އެތައް ފޮތަކުން ފޫހިވުމެއްނެތި އެތައް ފަހަރަކު ކިޔައިފީމެވެ. އެ ވާހަކައިން އަޅުގަނޑު އެންމެ ޝަޢުޤުވެރި ބަޔަކަށްދިމާވީ އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ޝަޚްސިއްޔަތެވެ. ބޮޑުތަކުރުފާނުގެ ހަރުދަނާ ލީޑަރޝިޕެވެ.

 

15 އަހަރާއި 6 މަސްދުވަހުގެ ދިގު މުއްދަތަކަށް ރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުން ނުވަތަ ފުށެތިކާލުންގެ މައްޗަށް ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގައި ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ. އެއީ ރާއްޖޭގެ އާދައިގެ ރަށަކަށް އުފަންވެވަޑައިގެންނެވި ޤައުމީ ބަތޮލެކެވެ. ވަރުގަދަ ލީޑަރެކެވެ. އެއީ ޕޯޗްގީޒުންނާ ދެކޮޅަށް ވަރުގަދަ ގެރިއްލާ ހަނގުރާމައެއް މެދުނުކެޑި 5 އަހަރު ދުވަހު ކަނޑުމަތީގައި ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދެވި ޤާއިދެކެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި މީލާދީން 1573 ން 1585 ށް ރެދަލި ކުރެއްވި، ރައްޔިތުންގެ ލޯބި ހޯއްދަވައި ޤައުމު ބިނާކުރެއްވި ރަސްކަލެކެވެ. ބޮޑުތަކުރުފާނުގެ އަގުބޮޑު ޤައުމީ ޖިހާދުގެ އިތުރުން ރަސްކަމުގެ ދުވަސްވަރު މުހިންމު ޤައުމީ ޚިދުމަތަކެއްވަނީ ކުރައްވާފައެވެ.

 

ދިވެހިރާއްޖޭގައި ޤައުމީ ސަލާމަތަށްޓަކައި ދިވެހި ލަޝްކަރެއް ދައުލަތުން މުސާރަ ދެއްވާގޮތަށް އުފެއްދެވީ ބޮޑު ތަކުރުފާނެވެ. އެއީ ހަނޑުލުން މުސާރަ ދެއްވި ހަނގުބޭކަލުންނެވެ. މިނިވަން އިސްލާމީ ދަޢުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ހަމަޖައްސަވައި "އައްދައުލްތުލް މަހަލްދީބިއްޔާ"ގެ ނަން ދެއްވިއެވެ. ރަސްމީ ފަތްކޮޅު (ސިޓީފުޅު) ތަކުގައި ޢަރަބިބަހުން "ހުވަލް ޣަނީ" ދައުލަތުގެ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރައްވަން ފެއްޓެވިއެވެ. މާނައަކީ ﷲއީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވި އެވެ. ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވިއެވެ. އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވާނެ ހަރުދަނާ ނިޒާމެއް އެކަށައެޅުއްވިއެވެ. މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝްކަރަށް ހެވިކަމުގެ ތަމްރީނުދެއްވަން ފެއްޓެވިއެވެ. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަބަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒެއް ޤާއިމު ކުރެއްވިއެވެ. ރާއްޖޭގެ ދީނީ ޙަލާތު ރަނގަޅު ކުރެއްވުމަށް ރާއްޖެތެރެއަށް ހުއްދަފަތް (ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވިއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޓަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ދިގުލާރި ޖެއްސަވައި  ތާނައަކުރު ލިޔުއްވަން ފެއްޓިއެވެ. މިއީ 12 އަހަރުގެ ރަސްކަމުގެ ބައެއް ޚިދުމަތްތަކެވެ.

 

މި އަގުހުރި ޚިދުމަތްތައް މި ޤައުމަށް ކޮށްދެއްވީ މި ޤައުމު ދުށް އެންމެ ވަރުގަދަ ލީޑަރެވެ. އެއީ މި ޤައުމުގެ ޤައުމީ ބަޠަލެވެ. ޣާޒީ މަހާރަދުންގެ ހަޔާތްޕުޅުގެ ފަތްފުށްތަކުން އެމަނިކުފާނު ލީޑްކުރައްވާގޮތާއި ކަންތައްތަކުގައި މަގު ދައްކަވާގޮތާއި ޕްލޭންތައް ތަންފީޒުކުރައްވާގޮތް އަދި ޓީމް މޯޓިވޭޓް ކުރައްވާގޮތްތައް ފެންނަން އެބަހުއްޓެވެ. ލީޑަރެއްގެ ގޮތުގައި އެމަނިކުފާނުގެ ލީޑަރޝިޕް ސްޓައިލްތައް ތަންފީޒު ކުރައްވާފައިވާގޮތް ވަރަށް ފުރިހަމައެވެ.

 

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

 

ބޮޑު ތަކުރުފާނަކީ އެއިރެއްގެ ހާލަތާއި ވަގުތަށް ބައްލަވާ ތަފާތު ލީޑަރޝިޕް ސްޓައިލްތައް ބޭނުން ކުރެއްވި ލީޑަރެކެވެ. ޑިސިޝަން މޭކިންގައި އެތިކަލް ފަލްސަފާތަކަށް ދޫ ނުދެއްވި ލީޑަރެކެވެ. އެހެންކަމުން ކޮންމެ ޑިސިޝަނަކީވެސް ހަރުދަނާ ވެލިއުޒްތަކެއްގެ މަތީގައި ނިންމަވާފައިވާ ނިންމެވުން ތަކެކެވެ. އެކުގައި ޖިހާދު ކުރައްވަން ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށްވުރެ ޢިލްމާއި ތަޖުރިބާ މަދު ބަޔަކަށްވާތީ ބައެއްފަހަރު އެމަނިކުފާނަށް އޮތޯރިޓޭރިއަން ނުވަތަ އޮޓޮކްރެޓިކް ސްޓައިލް ބޭނުން ކުރައްވަން ޖެހިވަޑައި ގެންނެވިއެވެ. އެހެންނަމަވެސް އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައް ނިންވެމުގެ ސިފަ އެމަނިކުފާނުގެ ހަޔާތްޕުޅުން ފެންނަން ހުރީ ވަރަށް މަދުންނެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ ދުވާފަރު ޢަލީ ދަންޑެހެލަށް ދަންޑެހެލުކަން ދެއްވުމެވެ. ނުވަތަ ބޮޑުތަކުރުފާނުގެ ޖިހާދުގެ ޓީމަށް ދަންޑެހެލު ނެންގެވި ގެންނެވުމެވެ. އެއީ ދުވާފަރު މާމަގުމަތީގައި ކަސްއަޅައި ވަރަށް ހަޑިވެފައި އިން ސާދަ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ގައިކަހަމުން މެހިފޮޅަމުން ކާށިގަނޑަކާއި މަސްގަޑެއް ކަމުން، އެއްފަހަރާ ތިން ހަތަރު ކަންތައް ކުރަމުންގެންދިޔަ ކުއްޖެކެވެ. މި ކުއްޖާ ދަންޑެހެލެއްގެ މަޤާމަށް ގެންނެވީ ސީދާ ބޮޑު ތަކުރުފާނެވެ.

 

    "މީހުން މީހުނަށް ވަނީ މީހުން މީހުނަށް ހެދީމައެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވިއްޔާ ތިޔަ ކުއްޖާ މީހަކަށް ހެދިދާނެއެވެ." (ސ.95)

 

ބޮޑުތަކުރުފާނު ވިދާޅުވިއެވެ.

 

އެދުވަހު ދަންޑެލު ޓީމަށް ގެންނަވަން އުޅުއްވުމުން ޙަސަން ތަކުރުފާނު އެކަމާ ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

 

ބޮޑު ތަކުރުފާނުގެ ހަޔާތްޕުޅުގެ ގިނަ ކަންތައްތަކުގައި ގެންގުޅުއްވާފައިވާ ލީޑަރޝިޕްގެ ސްޓައިލަކީ ޕާރޓިސިޕޭޓީވް ނުވަތަ ޑިމޮކްރެޓިކް ގޮތެވެ. ވަގުތާ ޙާލަތު ތަންދޭނަމަ މަޝްވަރާގެ އުސޫލުން ކަންތައްތައް ނިންމެވުމުގެ ގޮތެވެ. މާލެ ފަތަޙަ ކުރެއްވުމުގެ އޮޕަރޭޝަން ފެށުމަށް ގަސްދު ކުރައްވައި ބޮޑުތަކުރުފާނު އެތަކުރުފާނާއެކު ޖިހާދުގައި ބައިވެރިވެވަޑައި ގަންނަވާ ހުރިހާ ބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ. ޕޯޗްގީޒުން އޭރު ތިބީ ރާއްޖެއިން މުޅީން އިސްލާމްދީން ފުހެ ނެއްތައިލައި، ކްރިސްޓިއަން ދީނަށް ނުވަދެއްޖެ މީހަކުނަމަ ޤަތުލުކޮށް ނިންމާލަން ގަސްދުކޮށްގެންނެވެ. "އެކަމަށް ކުއްލިއަކަށް ފަށައި ނުގެން އެމީހުން އެތިބެނީވެސް އަހުރެމެންނާހުރެ މީހުން ސިހޭސިހުމަކާއި އެކަން ކުޅައުމަށް މާގަދަ އަމުރެއް އެމީހުންގެ ސަރުކާރުގެ ފަރާތުން ނުލިބޭތީއެވެ. މިހެންވީއިރު އަހުރެމެން އެމީހުންނަށް ބޮޑުކޮށް ތަންވަޅުނުދީ މާލެއާއި ދިމާކޮށްގެން އުޅުމާމެދުގައި ތިޔަބައި މީހުންގެ ބަހަކީ ކޮބާހެއްޔެވެ." (ސ. 197) ބޮޑުތަކުރުފާނު މާލެ ފަތަޙަ ކުރައްވަން މަސައްކަތްޕުޅު ފެއްޓެވީ މިކުރެވުނު މަޝްވަރާއަށްފަހު ޙަސަން ތަކުރުފާނާއި ދަންޑެހެލާއި ދެޙާޖީން ދެއްވި ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.

 

ލީޑަރޝިޕްގައި ޑެލިގޭޓިވް ނުވަތަ ފްރީ ރެއިން އަކީ ދަށުގައި ތިބޭ މީހުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ކަންތައްތައް ތަންފީޒު ކުރުމުގެ އިޚްތިޔާރުދީ އިތުބާރުކޮށް އެކަމަކު އެކަމެއްގެ ޒިންމާ އުފުލުމެވެ. ބޮޑު ތަކުރުފާނުގެ ޖިހާދުގައި ހިނގާފައިވާ ބައެއް ހާދިސާތަކަކުން އެމަނިކުފާނުގެ މި ލީޑަރޝިޕް ސްޓައިލްވެސް ފެނިގެން ދެއެވެ. ޙަސަން ތަކުރުފާނާއި ދެ ހާޖީންނާއި ދަންޑަހެލަށް އިތުބާރު ކުރައްވައި، ގިނަ ޓާސްކްތަކެއް އެބޭފުޅުންގެ އަތްޕުޅު މައްޗަށް ދޫކޮށްލެއްވިއެވެ. އޭގެތެރެއިން އެއް ހާދިސާއަކީ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނާއި ޙަސަން ތަކުރުފާނުގެ އަނބިކަނބަލުން ބާރަށު ކަތީބުގޭ ކަމަނާ ބަލައި ބާރަށަށް ފޮނުއްވި ދަތުރެވެ. ކަޅުއޮށްފުންމި ބާރަށު ފުށްޓަރު ފަރާތާ ކައިރިކޮށް ދެ ޙާޖީންގެ ކުޅަދާނަކަމާއެކު ރާޅުގަނޑުގެ ތެރޭގައި ރިއްދަނޑިން ހިފަހައްޓާލެއްވި ދަތުރެވެ. އެރޭ ދެޙާޖީން ދެންނެވިއެވެ. " ކުރާ ކަންތައް ކަމުދަނީ ވިއްޔަކާ މުރާލިކުދިންނަކަށް ތުރާލެއް ނުވާނެއެވެ."(ސ:179)

 

(ނުނިމޭ)

 

ކަވަ ފޮޓޯ ކްރެޑިޓްސް: ވަން ސައިޓް

 

ރިފަރެންސް:

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ

 

No comments: