Wednesday, August 5, 2020

ޕޯޗްގީޒުންގެ ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟



ޢަބްދުﷲ ސަޢީދު 

ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒް (ޕޯޗްގަލް) އާ ދެމެދު 09  ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަސް ވަންދެން އަޅުވެތިކޮށްގެން ތިބިކަމަށް ބުނާއިރު އެ މީހުންގެ ދަރިފަސްކޮޅެއް މި ޤައުމުގައި އެބައޮތް ހެއްޔެވެ؟ ދުނިޔޭގެ އޭރުގެ އެންމެ ވަރުގަދަ އެއް ބާރަކީ އެއީއެވެ. ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ޕޯޗްގީޒުން ޒަމާނީ ހަތިޔާރެއް ނެތް ދިވެހިން އަތުން ބަލިވީ ކިހިނެތް ހެއްޔެވެ؟ އަދި އެހާ ގިނަ ދުވަހު ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގެން ތިބިއިރު އެ މީހުންގެ ބަހުގެ އަސަރެއް ދިވެހިބަހުން ފެންނަން އެބައޮތް ހެއްޔެވެ؟



ދާންމިޖެހެނީ 13 ވަނަ ޤަރުނާއި 14 ވަނަ ޤަރުނުގެ ތެރެއަށެވެ. ދިރާސާކުރަން ކުރިޔާ ޚިލާފަށް އެ ޒަމާނުގެ ޕޯޗްގީޒުންގެ ލިޔުންތައް މިހާރު ހޯދިދާނެއެވެ. އަދި އެ ލިޔެކިޔުންތަކުގެ މައްޗަށް އޭގެފަހުން އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކާއި ލިޔުންތައް ވެސް އެބަހުއްޓެވެ. މިހާރު އަތް ފޯރާ ފަށުގައި ހުރީ ހަމައެކަނި ދޫދޫ މަތިން އައިސްފައިވާ ފޯކުލޯރުތަކާއި ތުންތުންމަތިން ކިޔެމުން އައި ވާހަކަތަކެއް ނޫނެވެ. އަދި ރާދަވަޅިތަކާއި ލޯމާފާނުތަކާއި ދިވެހިތާރީޚުގެ ލިޔެވިފައިވާ ފަތްފުށްތައް އެކަންޏެއްނޫނެވެ.

ދިވެހިރާއްޖެއާ ބެހޭ ގޮތުން ބޭރުގެ ލިޔުންތެރިން ލިޔެފައިވާ ލިޔުންތައް އެކިއެކި އަރުޝީފުތަކުން މިހާރު ފެންނަން އެބަހުއްޓެވެ. އޭގެ ތެރޭގައި ޕޯޗްގީޒުގެ އޭރުގެ ރަސްމީ ލިޔުންތަކާއި އެ ޤައުމުގެ އެކިއެކި މީސްމީހުން ލިޔެފައިވާ ލިޔުންތައް ވެސް ހިމެނެއެވެ.

ޕޯޗްގީޒުން އިންޑިއާ ކަނޑައަށް އައީ މީލާދީން 13 ވަނަ ޤަރުނު ނިމެމުން ދަނިކޮށެވެ. އެއީ އޭރު ޕޯޗްގީޒުންގެ ރަސްކަމުގައި ހުންނެވި ޖޯން (2) އަމުރުފުޅަށް ވަސްކޮޑަގާމާ ހަތަރު ނައުގައި ކުރި ދަތުރެވެ. އެއީ މީލާދީން 1498 ވަނަ އަހަރެވެ. އިންޑިއާއަށް ފުރަތަމަ ފައިބާ އަތްގަދަކުރި ޔޫރަޕުގެ ބާރަކީ އެއީއެވެ. ބޭނުމަކީ ޔޫރަޕުން އޭރު ލިބެންނެތް ހަވާދާއި، ފަށުވިއާއި، ރަނާއި، ޖަވާހިރު ހޯދުމެވެ. އިންޑިއާގައި އެ މީހުން އެ ދުވަސްވަރު ތިބި ތިބުމުގައި ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔެ އެކުލަވާލައިފައިވާ ވަރަށް ތަފްސީލު ރިޕޯޓެއް ފެންނަން އެބައޮތެވެ. އެއީ ދިވެހިރާއްޖެ ޕޯޗްގީޒުން އަޅުވެތިކުރި ތާރީޚުކަމަށްވާ 15 މޭ 1558 (01 ޝައުބާން 965) އަށްވުރެ 50 ވަރަކަށް އަހަރު ދޮށީ ރިޕޯޓެކެވެ. އެ ރިޕޯޓަކީ ޕޯޗްގީޒުންގެ ރަސްގެފާނަށް އިންޑިއާގައި ހުރި ޕޯޗްގީޒުންގެ ގަވަރުނަރު ފޮރުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓްގައި ދިވެހިންގެ ދީނާއި ސަޤާފަތާއި ދިވެހިރާއްޖޭގެ ޖޯގްރަފީ ވަނަވަރު ހިމަނާފައިވެއެވެ.

ޕޯޗްގީޒުންނާ ދިވެހިންގެ ބަޔަކާ ފުރަތަމަ ބައްދަލުވީ މީލާދީން 1503 ވަނަ އަހަރުގައި ކަމަށް ޕޯޗްގީޒުންގެ ލިޔެ ކިޔުންތަކުން ސާފުވެއެވެ. އެ ދުވަސްވަރު އިންޑިއާގައި ތިބި ޕޯޗްގީޒުންނާއި އިންޑިއާ ކަނޑަށް ނުފޫޒު ފޯރުވި ބައެއް ފަރާތްތަކާ އެއްބަސްވުންތައް ހަދާފައި ހުއްޓެވެ.

ޕޯޗްގީޒަކީ ޔޫރަޕްގެ ޤައުމެކެވެ. އެ މީހުން ހަނގުރާމައަށް ތައްޔާރުވެގެން އެ ޤައުމުން ދިވެހިރާއްޖެއައި ކަމަކަށް އެއްވެސް ލިޔުންތެރިއަކު ލިޔެފައެއް ނެތެވެ. އަދި ފޯކުލޯރެއްގައި ވެސް ނުކިޔައެވެ. ޕޯޗްގީޒުން ރާއްޖެއައީ އިންޑިއާއިންނެވެ.
މި މައުލޫގައި ޕޯޗްގީޒުންނާއި އިންޑިއާގެ ގުޅުން ދިރާސާކޮށްލަން ޖެހެއެވެ. އިންޑިއާގައި ޕޯޗްގީޒުން ގާއިމުވެ ތިބެ އެކިގޮތްގޮތަށް ބާރު ހިންގި މި ދިގު ތާރީޚު މީލާދީން 1505 ވަނަ އަހަރުން ފެށިގެން 1961 ވަނަ އަހަރަށް ދިގު ދެމިގެން ދެއެވެ. 1947 ގައި އިންޑިއާ މިނިވަންކަން އިޢުލާން ކުރުމުން ޕޯޗްގީޒުން އެކަމަށް އިޢުތިރާޒުކުރިއެވެ. އޭރު ވެސް އިންޑިއާގެ ގޯވާ އޮތީ ޕޯޗްގީޒުގެ ތަނެއްގެ ގޮތުގައި ކަމަށް ދަންނަވާފައި، ދިވެހިރާއްޖެއާއި ޕޯޗްގީޒުންގެ ގުޅުމަށް ދަމާ ހިނގާށެވެ.

އިންޑިއާގައި ޕޯޗްގީޒުން ގާއިމުވެ މި ސަރަޙައްދަށް ބާރު ފޯރުވަން ފެށުމާއެކުހެން އިންޑިއާގައި ތިބި ޕޯޗްގީޒުންގެ އެހީއާ މަދަދު ދިވެހިރާއްޖެ ރަސްރަސްކަލުން ހޯއްދަވަން ފެށްޓެވިއެވެ. ރަސްކަން ވަޑައިގަތުމަށާއި ރަސްކަން ދެމެހެއްޓުމަށެވެ. އަދި ބޭރުގެ އެހެނިހެން ބާރުތަކުގެ އުދަނގުލުން ސަލާމަތްވުމަށެވެ. މިފަދަ ކަންކަމުގައި ޕޯޗްގީޒުންގެ އެހީތެރިކަމާއި މަދަދު ދީފައި ވެސް އެބަހުއްޓެވެ. ކަޅު މުޙައްމަދު ރަސްގެފާނު ރާއްޖޭގެ ރަސްކަން ތިން ފަހަރެއްގެ މަތިން ކުރެއްވި ގޮތް ދިރާސާކުރެއްވީމާ މި މަންޒަރު ސާފުވާނެއެވެ. މީލާދީން 1510 ވަނަ އަހަރު އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ މާމަލޭގެ ބާރުން ސަލާމަތްވުމަށް އިންޑިއާގައި ހުންނެވި ޕޯޗްގީޒުންގެ ގަވަރުނަރު އަފޮންސޯ ޑި އަލްބުކެ އާރްކުގެ އެހީ ދިވެހި ރަސްގެފާނު ހޯއްދެވިކަމަށް އެޗްސީޕީ ބެލް (1940) ލިޔުއްވާފައިވެއެވެ. ބެލް ވަނީ ޕޯޗްގީޗުގެ މީހުން ލިޔެފައިވާ ގިނަ ލިޔުންތަކެއް ހޯއްދަވައި ދިރާސާ ކުރައްވާފައެވެ. މީލާދީން 1512 ވަނަ އަހަރު ކަޅު މުޙައްމަދު ރަސްގެފާނަށް ތިންވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯދައިދިނީ ވެސް ޕޯޗްގީޒުންނެވެ. މީލާދީން 1518 ވަނަ އަހަރު މާލޭގެ ބަނދަރުގައި ޕޯޗްގީޒުންނާއި މަލަބާރީން ހަނގުރާމަކޮށް މަލަބާރީން ބަލިވިއިރު ދިވެހީން އެއްބާރުލުން ދިނީ ޕޯޗްގީޒުންނަށްކަން ވެސް މި ލިޔުންތަކުން އެނގެއެވެ.

ޕޯޗްގީޒުން ފުރަތަމަ ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކުރީ ވިޔަފާރި މަރުކަޒެއް ހެދުމުގެ ނަމުގައެވެ. ބެލް (1940) ލިޔުއްވާފައިވާގޮތުގައި އެ މީހުން ބުރުޒުތައް ހެދުމުގެ ހުއްދަވެސް ހޯދިއެވެ. ބޫޝޯ (1973) ލިޔުއްވަނީ ކަޅު މުޙައްމަދު ރަސްގެފާނު މާލޭގައި ޕޯޗްގީޒުންނަށް ކިއްލާއެއް ހެދުމަށް ހުއްދަ ދެއްވަން ޖެހިލުންވެ ވަޑައިގެންނެވި ކަމަށެވެ. މާލޭގައި އެ ފަހަރު ޕޯޗްގީޒުން ތިއްބައި 1521 ވަނަ އަހަރު ފައްސާލީ ކަންނަންނޫރުގެ އެހީ ހޯއްދަވައިގެންނެވެ. މި ވާހަކަ ތަކުން އެނގޭ ހަގީގަތަކީ އޭރު އިންޑިޔާ ކަނޑުގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމުގައިވާ ޕޯޗްގީޒުންނާއި މަލަބާރީންގެ އެހީ ދިވެހިން ހޯދާފައިވާކަމެވެ. އެއްބައެއްގެ އުނދަގޫ ބޮޑުވުމުން އަނެއް ބައެއްގެ އެވެ. އެ ދެބައި މީހުންނަށް ވެސް ރާއްޖެ މުހިންމުވާތީއެވެ. އިސްތިރާޖީ ގޮތުންނެވެ. ޖޯގްރަފީގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އޮތް މަގާމުގެ ގޮތުންނާއި ލިބޭ މަންފާއާއި ފައިދާތަކުގެ ސަބަބުންނެވެ.

ފުރަތަމަ މި ބަލާލަނީ ޕޯޗްގީޗުން ރާއްޖެ ހިފައި އަޅުވެތި ކުރިތޯ ކުރެވޭ ސުވާލަށެވެ. ކަޅު މުޙައްމަދު ރަސްގެފާނުގެ އަނބިކަނބަލުން ބުރކި ރަނިން، އެ ކަމަނާގެ ކޮއްކޯފުޅު ރަސްކަމުގައި ހުންނަވަނިކޮށް ގާފަރު ކަޅު އިބްރާހިމް (ކަޅު އުނބުށޭމު) މެދުވެރިކޮށް ޝަހީދުކޮށްލައްވައި ފިރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވީ ޕޯޗްގީޗުންގެ އެހީ ހޯއްދަވައިގެންނެވެ. އެ ހިސާބުން ހިލާލީ ދަރިކޮޅުގެ ރަސްކަން ވެއްޓުނީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށެވެ. އެ ދުވަސްވަރު އިންޑިއާގައި ތިބި ޕޯޗްގީޒުންގެ އެހީތެރިކަން ހޯދައި، އެ މީހުންގެ ގާތަށް ކަންކަމާ ހިނގުން އޮތީ އާންމުވެފައެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި ނުވަވަނަ ޙަސަން ރަސްގެފާނު އެ ރަދުންގެ ކުރިން ރަސްކަމުގައި އިންނެވި މުޙައްމަދު ރަސްގެފާނު ޝަހީދުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގަތެވެ. އެކަމަކު އެ ރަދުން ޕޯޗްގީޒުންގެ ގަވަރުނަރު އަރިހުގައި ވިދާޅުވިކަމަށް ގަވަރުނަރު ޕޯޗްގީޒު ރާނީ އަށް ފޮނުއްވި ފަތްކޮޅުގައި އޮތީ މުޙައްމަދު ރަސްގެފާނު ޝަހީދުކުރެއްވީ ނުވަވަނަ ޙަސަން ރަސްގެފާނުގެ އަނބިކަމަނާ ކަމަށެވެ. ކޮންމެ އަކަސް ނުވަވަނަ ޙަސަން ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންފިއެވެ. އެއީ އޭރު 18 ވަރަކަށް އަހަރުގެ ޒުވާނެއެވެ. ރާއްޖޭގައި އޮތް ދާޚިލީ ހަމަނުޖެހުންގަނޑު މައިތިރި ކުރެވޭވަރުގެ ލަޔާގަތާއި ގާބިލިއްޔަތުކަމެއް ނެތެވެ. ޕޯޗްގީޒު ގަވަރުނަރު، އެ މީހުންގެ ރާނީއަށް ޙަސަން ރަސްގެފާނާ ބެހޭ ގޮތުން ފޮނުއްވި ސިޓީފުޅުގައި ލިޔުއްވާފައި ވަނީ އެއީ ފުށިގަނޑެއްގައި ވެސް ރަސްކަންކުރައްވަން އެކަށޭނަ ބޭފުޅެއް ނޫން ކަމަށެވެ. މި ސިޓީފުޅުތައް ޖޯޖު ޝޫރުހަމަރ (1973) ލިޔުނު ފްރާންސިސް ޒޭވިއަރ ހިޒް ލައިފް، ހިޒް ޓައިމްސް ވޮލިއުމް 1 ގައި އެއޮތީއެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު އެ ރަދުންގެ ރަސްކަން ކޮންމެ ގޮތަކުން ނަމަވެސް ދިފާޢު ކުރައްވަން ބޭނުންފުޅުވިއެވެ. އެހިނދު އާއިލާއެއް ޤައުމެއް އަދި ދީނެއް ވެސް މުހިންމުފުޅެއް ނުވިއެވެ. އެކަމަށް ހިފަން އޮތް ހަތިޔާރަށް ފެނިވަޑައިގަތީ އަނބިކަމަނާއާ ޖެހުނު މައްސަލައަށް ވެސް ހައްލެއް ހޯއްދަވަން ވަޑައިގެންނެވި، ޕޯޗްގީޒުންނެވެ. ޙަސަން ރަސްގެފާނުގެ ދެ ކަނބަލުންގެ ދޭތެރޭގައި ޖެހުނު މައްސަލައިގެ ވާހަކަ ވެސް ޕޯޗްގީޒުންގެ ގަވަރުނަރު ޕޯޗްގީޒުންގެ ރާނީއަށް ވަނީ ލިޔުއްވާފައެވެ. ފުރަތަމަ ޙަސަން ރަސްގެފާނުގެ ޝަކުވާ އައިގެން ޕޯޗްގީޒުންގެ ކައިރިއަށް ވަޑައިގަތީ އަނބިކަމަނާއެވެ. ފަހުން އެކަމަނާގެ ޝަކުވާ އައިގެން ޚުދު ޙަސަން ރަސްގެފާނު ވެސް ވަޑައިގެންނެވިއެވެ. އަނބިކަމަނާ އަކީ އެ ކަމަނާ ހުންނެވި ރަށެއްގައި ވެސް ހުންނެވޭ ވަރަށްވުރެ ނުބައި ބޭފުޅެއް ކަމުގައި ޙަސަން ރަސްގެފާނު ޝަކުވާ އުފުއްލެވިއެވެ. މި ވާހަކަތަކުން އިންޑިއާގައި ތިބި ޕޯޗްގީޒުންގެ މައްޗަށް ދިވެހި ރަސްކަން ލެނބިފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ކުއްލިއަކަށް ރާއްޖެ ދޫކުރައްވައި އިންޑިއާގެ ކޮއްޗޭއަށް ވަޑައިގެން ޕޯޗްގީޒުންގެ ހިމާޔަތް ހޯއްދެވިއެވެ. ކްރިސްޓިއަން ދީނަށް ބަދަލުވެވަޑައިގެންނެވީ އޭގެފަހުންނެވެ. ނަންފުޅު ބަދަލުކުރެއްވީ "ޑޮމް މެނުއަލް" އަށެވެ. އެ ރަދުން ފަހުން ގޯވާއަށް ވަޑައިގެން ޕޯޗްގީޒުންގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. މި ކައިވެނިފުޅާ ބެހޭ ލިޔުންތަކުން އެނގެނީ އެ ކައިވެނިފުޅު ކުރުމަށް ޕޯޗްގީޒުން ބާރުއަޅައި އެކަން ކުރުވީ ޙަސަން ރަސްގެފާނު އަނބުރާ ރާއްޖެ ވަޑައިގެން އިސްލާމްދީނަށް އެނބުރިވަޑައިގެންފާނެތީ ކަމަށެވެ. ޕޯޗްގީޒުން ރާއްޖެއަށް އައުމަށް ނިންމީ ނުވަވަނަ ޙަސަން ރަސްގެފާނުގެ ރަސްކަން އަނބުރާ އެ ރަދުންނަށް އިޔާދަކޮށްދިނުމަށެވެ. ޙަސަން ރަސްގެފާނު ބެހެއްޓެވީ އެ މީހުންގެ ކައިރީގައެވެ. ރާއްޖެއެއް ނުގެންނަވައެވެ.

ނުވަވަނަ ޙަސަން ރަސްގެފާނާއި ޕޯޗްގީޒު ގަވަރުނަރާ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ރަދުންނަށް އަނބުރާ ރަސްކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފެށުނެވެ. އެ އެއްބަސްވުމަކީ ކޮންމެ އަހަރަކު ރާއްޖޭގެ އުފެދުންތަކުގެ ތެރެއިން 500 ބަހަރުގެ ރޯނު ޕޯޗްގީޒުންނަށް ދެއްވުމެވެ. އޭގެ ބަދަލުގައި ޙަސަން ރަސްގެފާނަށް ޕޯޗްގީޒުން ދިނުމަށް އެއްބަސްވީ 3000 ޕަރުދައުސް އެވެ. ބަހަރަކީ އޭރު ބަރުދަންބަލާ މިންގަނޑެކެވެ. ބަހަރަކީ ޕޯޗްގީޒުންގެ ތިނެއް ނުވަތަ ހަތަރެއް ކީންތާލެވެ. ކީންތާލަކީ 51.40 ކިލޯ ގްރާމެވެ. ޕަރުދައުސްއަކީ އޭރު ގެންގުޅުނު ރަނުގެ ފައިސާއެކެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވުމުން ދިވެހި ތަޚުތު ހަތަރު އަހަރެއްހާ ދުވަހު ފަޅަށް ހުއްޓެވެ. އެ ދުވަސްވަރު ދައުލަތުގެ ކަންކަން ބެލެހެއްޓެވީ އޭރު ތިއްބެވި ރަސްކަމުގެ ބައެއް ބޮޑުންނެވެ. ޙަސަން ރަސްގެފާނާއި ޕޯޗްގީޒުންނާ ވެވުނު އެއްބަސްވުމުގެ މަތިން ޕޯޗްގީޒުންގެ ނަވެއް ރާއްޖެއައެވެ. އެ ފަހަރު އެ މީހުން އައީ ކްރިސްޓިއަން ދީނަށް ގޮވާލުމަށާއި ރަސްކަމުގެ ބޮޑުން ކޮއްޗޭގެ "ހިތްއުފާވެރި އަރާމު" ދިރިއުޅުމަށް ގެންދިއުމަށް ޙަސަން ރަސްގެފާނުގެ ސިޓީ ފުޅެއް ހިފައިގެންނެވެ. އެކަން އޭރު އިސްކޮށް ތިއްބެވި ކަޅު އިބްރާހީމް ފާށިނާގެ އަބޫބަކުރު (ފަހުން އަބޫބަކުރު ރަސްގެފާނު) އާއި ޢަބްދުއްރަޙުމާން ދޮށިމޭނާ ކިލެގެފާނުގެ ޢަލީ (ފަހުން ޢަލީ ރަސްގެފާނު) އާ ދެ ބޭފުޅުން ގަބޫލުފުޅެއް ނުކުރެއްވިއެވެ. މި ދެ ބޭފުޅުން ނިންމެވީ ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށެވެ. ކޮންމެ ގޮތެއްގައި ވެސް ދީން ދޫނުކުރެއްވުމަށެވެ. އެ ފަހަރު ޕޯޗްގީޒުންތައް ހިފާހައްޔަރުކޮށް ގަތުލުކުރެއްވީއެވެ. މިކަންވީ ޕޯޗްގީޒުން ވަރަށް ހިތުގައި ޖެހުނު އަދި ބަދަލު ހިފަން ބޭނުންވި ކަމަކަށެވެ.
މީލާދީން 1551 ވަނަ އަހަރު ޑިސެންބަރު މަހު ޙަސަން ރަސްގެފާނު ކޮއްޗޭއަށް ވަޑައިގެންނެވުމުން ރަސްކަމަށް ފުރަތަމަ އިސްކުރެވުނީ އައްސުލްޠާން އަބޫބަކުރު ދެވަނަ އެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1554 އިން 1555 އަށެވެ. ސިޔާސީ ފިތުނަގަނޑުގެ ތެރޭގައި އެ ރަދުން އަވަހާރަކޮށްލުމުން 1557 ވަނަ އަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްތާން ޢަލީ (6ވަނަ) އެވެ. އެއީ މަޝްހޫރު ޢަލީ ރަސްގެފާނެވެ. ދިވެހިރާއްޖޭގެ މައްޗަށް ޕޯޗްގީޒުން ވެރިވެގަތީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށް ފަހުގައި 19 މޭ 1558 ގައެވެ. އެއީ ހިޖުރައިން 01 ޝައުބާން 965 އެވެ.

ޕޯޗްގީޒުންގެ ނަޒަރުގައި ދިވެހިރާއްޖޭގެ ރަސްކަލަކީ 9 ވަނަ ޙަސަން ރަސްގެފާނެވެ. އެ ރަދުން ހުންނެވީ އެ މީހުން ރުހޭގޮތަށް އެ މީހުންގެ ދީނަށް ވަންނަވައިގެން އެ މީހުންގެ ކައިރީގައެވެ. އެ މީހުންގެ އަންހެން ބޭފުޅަކާ ކައިވެނި ކުރައްވައިގެން އެ މީހުން ބުނިހާގޮތަކަށް ޢަމަލުކުރައްވާށެވެ. ޕޯޗްގީޒުން ރާއްޖެއަށް ސިފައިންނާއި ހަތިޔާރާއެކު ގުރާބުތައް ފޮނުވީ ޙަސަން ރަސްގެފާނަށް ރަސްކަން ހޯދައިދޭށެވެ. އެ މީހުން ގަބޫލުކުރާގޮތުގައި ނުވަވަނަ ޙަސަން ރަސްގެފާނު އެދިވަޑައިގެން ގޮތަށް އިސްލާމްދީން ދޫނުކޮށް، ޙަސަން ރަސްގެފާނަށްފަހު ރަސްކަން ކުރެއްވި ރާއްޖޭގެ ދެ ރަސްކަލުންނަކީ ވެސް އެ ތަޚުތުގެ ޙައްޤުވެރިންނެއް ނޫނެވެ. އެ މީހުން ރާއްޖެއަށް އައިސް ރަސްކަން ހޯދައި ދިނީ އެ މީހުން ނަޒަރުގައި ޙަސަން ރަސްގެފާނަށެވެ. އެއީ އެ އެމީހުން ދެކޭގޮތުގައި އެ ރަދުންނަށް ހޯދައިދެވުނު އިންސާފެކެވެ. އެހެންވީމާ ޕޯޗްގީޒުންގެ ރަސްމީ ލިޔުމެއްގައި ދިވެހިރާއްޖެ އަޅުވެތިކުރިކަމަށް ނުވަތަ ހިފިކަމަށް ލިޔެވޭނީ ކިހިނަކުންތޯއެވެ؟

ޕޯޗްގީޒުން ކުރި ކަމަށް ބުނާ ކަމަކީ ޢަލި ރަސްގެފާނު ޝަހީދުކޮށް ޙަސަން ރަސްގެފާނަށް ރަސްކަން އަނބުރާ ހޯއްދަވައި ދެއްވުމެވެ. އެކަމަކު އެ ރަސްގެފާނު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. ހުރިހާ އާރަކާއި ބާރަކާއި ވެރިކަމެއް އޮތީ ޕޯޗްގީޒުންނަށެވެ. ރާއްޖެ އޮތީ އެ މީހުން މޮޑޭނެ ގޮތަކަށް މޮޑޭށެވެ. ރާއްޖޭން ލިބޭ ހުރިހާ މަންފާއެއް ވެސް އެ މީހުންނަށެވެ. ރާއްޖެ އެ މީހުންނަށް ހިތަކަށް ލިބުނީ 9 ވަނަ ޙަސަން ރަސްގެފާނަށް ރަސްކަން ހޯދައިދިނުމަށް ތިންވަނަ ފަހަރަށް ފޮނުވި ލަޝްކަރު އަތުން ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތުމުންނެވެ. ރާއްޖެ އަޅުވެތިކުރި އެ ދަތުރުގައި ޕޯޗްގީޒުންގެ ފްލީޓް ކޮމާންޑަރަކަށް ހުރީ ކެޕްޓަން މެނުއަލް ޑާ ސިލްވޭރާ ޑިއަރައުރޯ ކިޔާ ޕޯޗްގީޒު އޮފިސަރެއްކަން ޕޯޗްގީޒުގެ ލިޔުންތަކުން އެނގެއެވެ.

ދެން އޮތް ސުވާލަކީ އެހާ ގިނަ ދުވަހު ޕޯޗްގީޒުންގެ އަޅުވެތިކަމުގައި އޮތް އިރު އެ މީހުންގެ ނަސްލު ދިވެހިންގެ ތެރެއިން ފެންނަން އެބައޮތްތޯ ކުރެވޭ ސުވާލެވެ. އަޅުގަނޑު 2010 ވަނަ އަހަރު ހއ. ބާރަށަށް ދިޔައީމެވެ. މި ސުވާލުގެ ޖަވާބު ހޯދަން ދުވަސްވީ މީހުންނާ ސުވާލުކޮށް ހެދީމެވެ. ރާއްޖޭގައި ޕޯޗްގީޒުން ތިބި ކަމަށް ބުނާ އެއް ރަށަކީ އެއީ ކަމަށްވާތީއެވެ. ލޮލުގެ ކަޅީގެ ކުލަ އާއި ބޮލުގެ އިސްތަށީގެ ކުލަ އަދި ހަމުގެ ކުލައާއި ހަށިގަނޑުގެ ރޫފަ އެ ރަށުގެ އެހެން މީހުންނާ ތަފާތު ދަރި ފަސްކޮޅެއް ނުވަތަ ނަސްލެއް އޮތްކަމަށް ބުނާ ދުވަސްވީ މީހުންނާ ދިމާވިއެވެ. އަދި އެފަދަ ޢާއިލާއަކަށް ނިސްބަތްވާ މީހަކާ އަޅުގަނޑު ވާހަކަ ވެސް ދެއްކީމެވެ. ދުވަސްވީ މީހުން ބުނާގޮތުގައި ކުރީ ޒަމާނުގައި އެ ޢާއިލާތަކުގެ މީހުން އެރަށުގެ އެހެން މީހުންނާ މިހާރަށްވުރެ މާބޮޑަށް ތަފާތެވެ. އެކަމަކު މިކަމާގުޅޭ ގޮތުން ހަދާފައިވާ ދިރާސާއެއް އަދި އަޅުގަނޑު ނުދެކެމެވެ.

ދެން އޮތީ ބަހުގެ ވާހަކައެވެ. ދިވެހި ބަސް ދިރާސާކުރައްވާ ވަރަށް ގިނަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދިވެހިބަހުގައިވާ ބަހުގެ ދަރަޖަތައް އައީ ޕޯޗްގީޒުންގެ ފަރާތުންނެވެ. މީގެއިތުރުން ބައެއް ލަފުޒުތައް ދިވެހިބަހަށް ޕޯޗްގީޒު ބަހުން ވަދެފައިވާކަން ކަށަވަރުވެއެވެ. އޭގެ ތެރޭގައި މަރުތެޔޮ، މޭޒު، އަލަމާރި، މޭސްތިރި، އަރުގޯލު، ބިލިގާ، ބާލިދީ، ބުންބާ، ބަންދު ފަދަ ލަފުޒުތައް ހިމެނެއެވެ. ދޮން ކަމަނަ ދޮން މަނިކު ފަދަ ނަންނަމުގައި ބޭނުންކުރާ "ދޮން" މި ލަފުޒަކީ ޕޯޗްގީޒުންގެ މީހުންނަށް ކިޔާ "ޑޮމް" އިން ދިވެހިންގެ ތެރެއަށް ތަޢާރަފުވެފައިވާ ލަފުޒެއް ކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ.
އެހެންވީމާ ޕޯޗްގީޒުންގެ ބަހުގެ އަސަރެއް ދިވެހިބަހުގެ ތެރޭގައި އެބައޮތްތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ.
މި ނުކުތާގައި އެހެން ނަޒަރަކުން ބަލައިލާއިރު ފެންނަ އެހެން މަންޒަރެކެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިހާ ގިނަ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭތާ ވިއްސަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. އެކަމަކު ދިވެހިންނަކަށް އެބަހެއް ދަސްވާތީއެއް ނުފެއެވެ. ބަޔަކު ގިނަ ދުވަހު މި ޤައުމުގައި އުޅުމުން އެ މީހުންގެ ބަސް ދަސްވާންޖެހޭނެ ނަމަ އަޅުގަނޑުމެން އެ ބަސް ހާދަ ފަރިތަވާނެތާއެވެ. އެއީ އެހެންވާކަމެއް ނޫނެވެ.

ރާއްޖޭގައި ޕޯޗްގީޒުން ވެރިކަންކުރީ ތިލަދުންމަތި ފިޔަވައި އެހެން އަތޮޅުތަކުގައި ކުރިން ވެސް ތިބި އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ހަމަ އެ ތިބިގޮތަށް ބައިތިއްބައިގެންނެވެ. މާލޭގައި ވެސް އެ މީހުންނާއެކު ދައުލަތުގެ ކަންކަން ކުރަން ދިވެހިން ބައިތިއްބައިގެންނެވެ. ދިވެހި ބަހުގެ ތެރެއަށް ޕޯޗްގީޒް ބަހުގެ ނުފޫޒު ވަދެފައިވާ މިންވަރު ކުޑައީ ރަސްމީ މުއާމަލާތްތައް ދިވެހި ބަހުން ކުރެވިފައިވުމުން ކަމަށްވެދާނެއެވެ.

ސްޓޫއާޓް ބޭވަން (1994) އަދި އުރުމިލާ ޕެޑްނިސްއާއި އީލާދަތު ލުއިތުއި (1985) ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންގެ އަތްދަށުގައި 1558 ވަނަ އަހަރުން 1573 ވަނަ އަހަރާ ހަމައަށް ރާއްޖެއޮތެވެ. މިއީ ދިވެހި ތާރީޚުގައި ވެސް ބުނާ ގޮތެވެ. ޝޫރްހަމަރ (1973) އާއި އެޗްސީޕީ ބެލް (1940) ޕޯޗްގީޒުންގެ ލިޔެކިޔުންތައް ދިރާސާކުރައްވައި ލިޔުއްވާފައިވަނީ ބޮޑު ތަކުރުފާނު ރާއްޖެ މިނިވަން ކުރައްވަން ކުރެއްވި ގެރިއްލާ ހަނގުރާމައިގައި ޕޯޗްގީޒުންގެ 300 އެއްހާ ސިފައިން މެރުއްވި ކަމަށެވެ.

ދެން އޮތް ސުވާލަކީ ހަތިޔާރެއްނެތް ދިވެހިން އަތުން އަސްކަރީ ވަރުގަދަ ބާރެއް ކަމުގައިވާ ޕޯޗްގީޒުން ބަލިވީ ކިހިނެތްތޯ ކުރެވޭ ސުވާލެވެ. ބޮޑު ތަކުރުފާނު ޕޯޗްގީޗުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި މަލަބާރީންގެ އަސްކަރީ އެހީ ހޯއްދެވިކަން އެނގިވަޑައިގަންނަވާނަމަ މި ސުވާލެއް ނޫފެދޭނެއެވެ. ބައެއް ބޭފުޅުންނަށް ހީފުޅުވަނީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިކަން އެނގެނީ ތުންތުންމަތިން ދެކެވެމުން އައި މަޝްހޫރު ބޮޑުތަކުރުފާނު ވާހަކައިން އެކަނި ކަމަށެވެ. އެހެންނަމަވެސް އެ ވާހަކައަށް ބާރުދޭ ދިވެހިތާރީޚުގެ ފަތްފުށްތަކުގެ އިތުރުން އެތައް ހެއްކަކާއި ގަރީނާއެއް ރާއްޖެއިން ބޭރުން ވެސް ފެންނަން މި ޒަމާނުގައި އެބަހުއްޓެވެ. (ނިމުނީ)



No comments: