Saturday, May 31, 2008

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް ކިޔާނަންތައް ކަމަކުނުދޭ


ނ. އަތޮޅު މަދަރުސާގެ ހަތަރު ހައުސްއަށް ނަންދީފައިވަނީ ހަތަރު ޕްލެނެޓެއްގެ ނަމުންނެވެ. މާސް އާއި މާކަރީ އާއި ވީނަސް އާއި ސެޓާނެވެ. އަތޮޅު މަދަރުސާގެ ހަތަރު ހައުސްއަށް ފުރަތަމަ ނަންދީފައިވަނީ ރާއްޖޭގައި ހެދޭ ބައެއް ގަސްގަހާ ގެއްސަށް ކިޔާނަންނަމުންނެވެ. އޭރު އޮންނަނީ ކާނިބަޔާއި ފުނަބަޔާއި ކާމިނީބަޔާއި ލިލީބައެވެ. " ޒަމާނަށް ނުގުޅިގެން " އަތޮޅު މަދަރުސާގެ ހައުސްތަކުގެ ނަންތައް ބަދަލުކޮށްފައިވާ ނަންތަކަކީ އަޅުގަނޑުމެންގެ ސްކޫލުގެ ހައުސްތަކަށް ކިޔަން ކިހާ އެކަށީގެންވާ ނަންތަކެއްތޯއެވެ؟ އަޅުގަނޑަކަށް މިހާރު މިކިޔާ ނަންތައް އެއްގޮތަކަށްވެސް ސްކޫލަކާ ނުގުޅެއެވެ. އެކަށީގެންނެއްނުވެއެވެ. އަދި ޕްލެނެޓް ތަކެއްގެ ނަންތައް ސްކޫލުގެ ހައުސްއަކަށް ކިޔަންޖެހޭ ސަބަބެއްވެސްނެތެވެ.

ފުނަބަޔާއި ކާނިބަޔަކީ އެންމެ ފުރަތަމަ ފިރިހެން ކުދިންގެ ބައެވެ. ފުނައާއި ކާންޏަކީ ރާއްޖޭގައި ހެދޭ އާރުލާ މޮޅު ލަކުޑީގެ ތެރެއިން ނަންހިނގާ ދެބާވަތަށްވާތީ އޭރު ފިރިހެން ކުދިންގެ ދެބަޔަށް އެ ދެލަކުނޑިން ނަންދިނީ ކަމަށްވެދާނެއެވެ. ލިލީ އާއި ކާމިނީ އަކީ ރާއްޖޭގައި ހެދޭ މާމެލާމެލީގެ ތެރޭގައި ހިމެނޭ ރީތި މަލެއް އަޅާ ދެބާވަތަށް ވާތީ ދެމަލެއްގެ ނަމުން އަންހެން ކުދިންގެ ދެބަޔަށް ނަން ދިނީ ކަމަށް ވެދާނެއެވެ. ހައުސްތަކުގައި ދެޖިންސުގެ ކުދިން ހިމެނޭގޮތަށް ހައުސްތައް ބަހާ އޭގެފަހުން ހައުސްތަކުގެ ނަންތައްވެސް މިއޮތީ ބަދަލުކޮށްފައެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ހައުސްތަކަށް އާންމުކޮށް ނަންކިޔާފައި ހުންނަނީ ރާއްޖެ، އެބޭފުޅުންނަކަށްޓަކައި ފަޚުރުވެރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރިންގެ ނަންފުޅުންނެވެ. އޭގެ ތެރޭގައި ޝަހީދުންނާއި ޣާޒީންނާއި އަބްޠާލުން ހިމެނިވަޑައިގަންނަވައެވެ. އަދި ތާރީޚުގައި ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނާއި ޤައުމަށްޓަކައި ދީނަށްޓަކައި މަތިވެރި ޤުރުބާނީ ވެވަޑައިގެންފައިވާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. މިގޮތަށް ހައުސްތަކަށް ނަން ދިނުމުގެ މަޤުސަދަކާއި ބޭނުން ބޮޑެވެ. އެއީ އިތުރަށް ދަންނަވަން ނުޖެހޭނެ ފަދައިން ދަރިވަރުންގެ ހިތްތަކުގައި އެބޭބޭފުޅުންގެ ޒިކުރާ ތާއަބަދު އާކުރުމާއި އެބޭފުޅުންނަށްޓަކައި ފަޚުރުވެރިވާން ދަސްކޮށްދިނުމެވެ. ސްކޫލުގެ ހަޔާތުގައި އެބޭފުޅުންގެ ތާރީޚާއި ޤައުމީ ދީނީ ޚިދުމަތް ބިންވަޅު ނެގިފައި އޮތުމެވެ. އަބަދުވެސް ސްކޫލުގެ ތެރޭގައި އެބޭފުޅުންގެ ނަންފުޅުތަކުން މުޚާތަބުކުރެވޭނެ މާހައުލެއް އުފެއްދުމެވެ. ކޮންމެ ހައުސްއަކަށް ދިދަ އެއް އޮންނައިރު ޤައުމީ ކުލަތަކުން އެދިދަތައް ހެދުމަކީވެސް މުހިންމު ކަމެކެވެ.

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް މިހާރު މިކިޔާ ނަންނަން ކިޔަން އެންމެ ރަނގަޅުވާނީ ސްޕޭސް ދަތުރުތަކާއި ސްޕޭސް ޓެކްނޮލޮޖީ އާއި ސްޕޭސް ޢިލުމު އުގަންނައިދޭ ސްކޫލެއްގެ ހައުސްތަކަކަށެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެއީއެވެ. ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް ކިޔަން އަޅުގަނޑަށް އެންމެ ރަނގަޅީ އަޅުގަނޑުމެންނާ ގުޅޭ ނަންތަކެކެވެ. ހައުސްއަށް ކިޔާ ނަމުންވެސް އެ ކުދިންގެ ރޫޙާއި ޖޯޝް އިތުރުވެގެންދާންވާނެއެވެ. ހައުސްއަށް ނަން ދީފައިވަނީ ކިހާ ހިތްވަރުގަދަ އަބުޠާލެއްގެ ނަންފުޅުންކަން އެކުދިންނަށް އެގެންވާނެއެވެ. ސްކޫލެއްގައި ހިންގޭ ކޮންމެ ކަމަކީ އަދި ކޮންމެ ހަރަކާތަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން ކުދިން ބައްޓަން ކުރުމަށް އެޅޭ ބާރަކަށް ވާންވާނެއެވެ. އެހެންނޫނީ ހައުސްތަކެއް ހަދައިގެން އިތުރު ހަރަކާތްތަކެއް ސްކޫލުތަކުގައި ހިންގުމުގެ އެއްވެސް މާނައެއްނެތެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން އޮންނަ މަގަށް ނަންދީފައިވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. މުޅި އިންޑިއާގައި އެމްޖީ ރޯޑް ނުވަތަ މަހާތުމާގާނދީ ރޯޑް ދޮގެއްތޯއެވެ؟ މިއީ ކޮންމެވެސް ހިކުމަތެއް އެކަމުގައި އެކުލެވިގެންވާނެ ކަމެކެވެ. އެހެން ރަށްރަށުގައި ބޮޑުތަކުރުފާނު މަގު އޮވެފައި މަނަދޫގައި ބޮޑުތަކުރުފާނު މަގެއް އޮންނާތީ އެކަން ބޮޑު މައްސަލައަކަށް ނުވެއެވެ. އެހެން ސްކޫލެއްގައި ޣާޒީ، ހުރަވީ، އިސްކަންދަރު، ޝަހީދުޢަލީ ފަދަ ނަންތައް ހައުސްތަކަށް ދީފާވުމަކީ އަޅުގަނޑުމެންގެ މަދަރުސާގެ ހައުސްތަކަށް އެނަންތައް ކިޔުން މަނާކުރާ ކަންތައްތަކެއްނޫނެވެ.

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް މިހާރު ދީފައިވާ ނަންތައް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. މިއީ މުރާޖަޢާ ކުރަންޖެހިފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އަތޮޅު މަދަރުސާގެ މެނޭޖްމަންޓާއި ބެލެނިވެރިންނާއި ޕީޓީއޭ އާއި ދަރިވަރުންނާއި އިސްދަރިވަރުންވެސް މިކަމާމެދު ވިސްނާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. މަނަދޫގެ ކޮންމެ ރައްޔިތަކުވެސް މިކަމާމެދު ޚިޔާލު ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަމެވެ. އަދި މިއީ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރާ ކުލަގަދަ ރަސްމިއްޔާތާއެކު ނުވަތަ އޭގެ ކުރިންނަމަވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އެހެން ފަރާތްތަކުގެ ޚިޔާލުތަކަށްވެސް އަޅުގަނޑު އިޙްތިރާމް ކުރަމެވެ. ހުރިހާ އެންމެންގެ ޚިޔާލު އެއްގޮތް ވާކަށް ނުޖެހެއެވެ. ޚިޔާލު ފާޅުކުރުމުން ބަލަންޖެހޭނީ މީހާއަކަށް ނޫނެވެ. ފާޅުކުރި ޚިޔާލަށެވެ. މި ޚިޔާލަށް ތާޢީދު ކުރައްވާ ބޭފުޅުން ތިއްބެވިނަމަ އެބޭފުޅުންވެސް ޚިޔާލު ފާޅުކުރައްވަންވީއެވެ. އަދި މިއަށްވުރެ ރަނގަޅު ޚިޔާލެއް އޮތަސް ހުށަހަޅުއްވަންވީއެވެ. ޚިޔާލެއް ހުށަހެޅުމަކީ މައްސަލައެއް ނޫން އެހެންނޫންތޯއެވެ؟

No comments: