Sunday, June 1, 2008

ސާފު ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރާނީ ނ. އަތޮޅު ދަރިއެއް



ޖޫން 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުގެ ބޭންޑު އަޅައިގެން ނިކުންނާނީ މިއަތޮޅަށް އުފަން ދަރިއެކެވެ. ނ. މާފަރު އައްސަދު ޢަބްދުލްޣަނީ ޤައުމީ ޓީމު ބޭންޑް އަޅައިގެން ނިކުންނައިރު އޭނާގެ ކޮއްކޮ އަކުރަމް ޢަބްދުލްޣަނީވެސް ދިވެހިރާއްޖޭގެ ރަތާއި ފެއްސާއި ހުދުގެ ޖޯޒީގައި ނިކުންނާނެއެވެ. މިއީ މި ދެބެން ނ. އަތޮޅަށް އަދިވަކިން ޚާއްޞަ ގޮތެއްގައި މާފަރަށް ހޯދައިދޭ ފަޚުރުވެރި ރީތި ނަމެކެވެ.

އައްސަދު ޢަބްދުލްޣަނީއަކީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން މީގެ ކުރިންވެސް ކޮށްފައިވާ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެކެވެ. މުބާރާތް ފެށުމަށް ވަރަށް ކައިރިވެފައި ވަނިކޮށް އަތުގެ އޮޅުބުއްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މި މުބާރާތުގައި އައްސަދު ފެނިގެން ހިގައިދާނެތޯ އޮތީ ސުވާލު އުފެދިފައެވެ. ލަންކާއިން އޮޕަރޭޝަންކޮށް މުބާރާތުގައި އައްސަދުގެ ހުނަރުވެރި ކުޅުން ފެނިގެންދާނެކަން މިހާރުވަނ ޔަގީންވެފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާގައި ކުޅެވޭ މި މުބާރާތް ކާމިޔާބު ކުރުމަށް ރާއްޖޭގެ ޤައުމީ ޓީމުން ކުރާ ހިތްވަރުގައި ދިވެހިރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ އެޓީމަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. ރާއްޖޭގެ ޤައުމީ ޓީމު ސާފު ޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގެ އަޒުމުގައި ސަރަހައްދީ ބާރުތަކާ ދެކޮޅަށް ނިކުންނައިރު މީގެ ފަސްދުވަސްފަހުން ޔޫރޯ 2008 ފުޓްބޯޅަ މުބާރާތްވެސް ފެށޭނެއެވެ. އެހެންކަމުން މިއަންނަނީ ފުޓްބޯޅައިގެ އީދެކެވެ. ސާފު ޗެމްޕިއަންޝިޕްގައި ދިވެހިޤައުމީ ޓީމު ކުޅޭއިރު މިއީ މިފަދަ ބައިނަލްއަޤުވާމީ މުބާރާތެއް ރާއްޖޭގައިވެސް ކުޅެވޭ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ތަށި އަޅުގަނޑުމެންގެ އަތޮޅުގެ ދަރިއަކު އުފުލާލުމަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ނ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ އުފަލަކާއި ޝަރަފެކެވެ.

މި މުބާރާތުގައި ޤައުމު ތަމްސީލުކުރާ ޓީމުގައި ނ. އަތޮޅުގެ ދެ ކުޅުންތެރިއަކު ހިމެނެއެވެ. 20 އަތޮޅު އޮތް މި ދިވެހިރާއްޖޭގައި ނ. އަތޮޅުން ދެކުޅުންތެރިއަކު ޤައުމީ ސްކޮޑުގައި އަތޮޅު ތަމްސީލު ކުރުމަކީ ދިވެހި ފުޓްބޯޅައިގައި ނ. އަތޮޅުގެ ދަރިން ތިބި ހިސާބު ފެނިގެންދާކަމެކެވެ. މިއީ އުފާކުރުން ހައްގު މަގާމެކެވެ. އަޅުގަނޑުމެންގެ ބޮޑެތިވަމުން އަންނަ ޒުވާނުން މަސައްކަތްކުރައްވީ އައްސަދު ފަދަ ކުޅުންތެރިއަކަށް ވެވޭތޯއެވެ. ޤައުމީ ޓީމުން ފުރުސަތު ލިބޭތޯއެވެ. އެއީ ނުވާނެ ކަމެއްނޫނެވެ. އެއީ ނުދެވޭނެ ހިސާބެއްވެސް ނޫނެވެ. އެކަން އައްސަދު ޢަބްދުލްޣަނީ އާއި އަންވަރު ޢަބްދުލްޣަނީ އާއި އަކުރަމް ޢަބްދުލްޣަނީ ސާބިތުކޮށްދީފިއެވެ.

ސާފު ޗެމްޕިއަންޝިޕާ ދިވެހި ޤައުމީ ޓީމުން ކުރިމަތިލަނީ " މިއީ އަހަރެމެންގެ ފަހަރު" ކަމަށް ބުނަމުންނެވެ. މިއީ ހަމައެކަނި ކުޅުންތެރިން ބުނާ ވާހަކައެއްނޫނެވެ. މިއީ އަޅުގަނޑުމެން އެންމެހާ ދިވެހިރައްޔިތުން ބުނާ ވާހަކައެކެވެ. ހިތާއި ރޫހުން މި ކަމުގައި އަޅުގަނޑުމެން ބައިވެރިވަމާ ހިގާށެވެ. ދީނުގައި ހުއްދަކުރައްވާފައިވާ އިމުގެ ތެރޭގައި ފޯރި ހިތްޕާލަމާތޯއެވެ. ޒުވާނުންގެ މެދުގައި ބައިބައިވުންތައް ނެތިކޮށްލައި، އެކުވެރިކަމާއި އަޚްވަންތަކަން ދިރުވާ އާލާކުރުމަށް މިއީ ލިބޭ ފުރުސަތަކަށް ހަދަމާތޯއެވެ. ޤައުމީ ޓީމު މި މުބާރާތަށް ނިކުންނާނީ އަޅުގަނޑުމެން އަތޮޅުގެ ދަރިއެއްގެ ފަހަތުންނެވެ. މާދަމާ އެބޭންޑު އަޅާނެ ނ. އަތޮޅުގެ ދަރިން އެބަތިބިހެއްޔެވެ؟

No comments: