Tuesday, May 13, 2008

މަނަދޫގައި ގެންގުޅުނު ކަމަށްބުނެވޭ އަވަށްޓިގެ ވާހަކަ

އަވަށްޓި: ޚިޔާލީ ކުރެހުމެއް

ބަލާބެލުމަށް އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ކަޅުކުލަގަދަ އިސްތަށިގަނޑު ދިގުވެފައި ފަނެވެ. ހަމުގެ ކުލަ ދޮންވެފައި ލޫޅާފައްޗެވެ. އާންމުކޮށް އެކުއްޖާ ލައިގެން ހުންނަނީ ރަތްކުލައިގެ ދިވެހި ލިބާހެވެ. އަނދެގެން ހުންނަނީ ކަޅުކުލައިގެ ކަނޑިއްކެކެވެ. ކުއްލިއަކަށް ފެނިލާފައި ގެއްލިދެއެވެ. ޙަރަކާތްތައް އަވަސްވާނެއެވެ. މޫނެއް ނުދައްކާނެއެވެ. ރޭގަނޑު އަވަށުތެރެއަށް އަންނަ މި ރޫޙާނީ އަންހެން ކުއްޖާއަށް މަނަދޫ މީހުން ކިޔަނީ " އަވަށްޓި" އެވެ. ( ދިވެހިބަސްފޮތުގައި މިފަދަ ރޫޙާނީ އަންހެން ކުދިންނަށް ކިޔަނީ އަވަށްޓެހިއެވެ. މަނަދޫ މީހުން ކިޔަނީ އަވަށްޓި އެވެ. )



މަނަދޫގައި އަވަށްޓިއެއް ގެންގުޅުނު ކަމަށް ދެކެނޭ ވާހަކައަކީ ތުންތުންމަތިން ކިޔެމުން އަންނަ ވަރަށް ޝައުޤުވެރި ކުރުވާފަދަ ވާހަކައެކެވެ. އެ އަވަށްޓި ގެންގުޅުނު ކަމަށް ބުނެވެނީ މޫސަބޭ ކިޔާ މީހެއްގެ ގޭގައެވެ. އެއީ ކަތީބުގެ މޫސަބޭ ކަމަށް ބުނެވެއެވެ. އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބޭގެ ގެ ހުރީ މަނަދޫ ބޮޑުކާށިގެ ( ފަހުން ކުދިލުބޯމާގެ ) ދެކުނުން ރާގެ ( ފަހުން ރައިމާގެ ) އިރުން . އެއީ ކުރީގައި އިރުމަތީ އަވަށު މީހުން ކުޅިވަރު ކުޅުމަށް ބޭނުންކުރި ސަރަޙައްދު " އެގޯތި ދެކެފައިވާ މަނަދޫ ބުލްބުލާގޭ ޢަބްދުﷲ ޢަލީ ( 59 އަހަރު ) ކިޔައިދިނެވެ. ކަތީބުގެ މޫސަބޭގެ ޢާއިލާއަކީ މިހާރުވެސް މަނަދޫގައި ވަރަށް ބޮޑު ޢާއިލާއެއްކަން ފަހަގަކުރެވެއެވެ. ޢާއިލާ ދެމިގެން އައިސްފައިވާ ގޮތަށް ބަލާއިރު އަވަށްޓި ގެންގުޅުނު ދުވަސްވަރު ކަމަށް ބެލެވެނީ މީލާދީން 17 ވަނަ ޤަރުނުގެ ދުވަސްވަރެއް ކަމަށެވެ. އެދުވަސްވަރު ކަތީބުގެ މޫސަބެއަކީ މަނަދޫގައި ހުރި އެންމެ ތަނަވަސް އެކަކަށްވާނެއެވެ. އެއީ މަހަށްފުރާ ތިން ދޯނި އޮންނަ އޮންނަ އޮޑިވެރިއެކެވެ. އަތްދަށުގައި ގިނަ އަދަދެއްގެ ބަޔަކު ގެންގުޅުނު ހިތްހެޔޮ މީހެކެވެ. ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާ ނިކަމެތިންގެ މުހުތާދުތައް ފިލުވައިދިން އޯގާތެރި ދީލަތި މީހެކެވެ. ކަންވެރިކަން ( ފަންޑިތަވެރިކަން ) ވެސް ކޮށް އުޅުނު ކަމަށް ބުނެވެއެވެ.


މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރެކެވެ. އެންވެރިކަންވެސް ރަނގަޅުވުމާއެކު ރަށުގެ ގޮޑުދޮށް ކުނިވާވަރަށް މަސް އައީ ބާނަމުންނެވެ. ތިންދޯނިން ބާނާ މަސްކެއްކުމުގައި މޫސަބޭގެ ބަދިގެ ފަރާތުގައި މީހުންތައް ހެލިފެލިވެ އުޅެއެވެ. ފިރިހެންވެރިން މުންޑުން ފޫގަޅައިގެން ތިބެގެން މަސްކަނޑަމުންދާއިރު، އަންހެންވެރިން ލިބާރު ދަރުބަނދެގެން މަސްކައްކަނީއެވެ. ކަންތައްތައް ހިނގާ ނުހިނގާގޮތް ވަރަށް ކައިރިން މޫސަބޭ ގެންދިޔައީ ބަލަމުންނެވެ. އެ ރެއަކީ މިލަ ހަނދުވަރެއް ދީފައިއޮތް ރެއެކެވެ. މަސްކައްކާ ތަނަށް ހާމަސްކޮޅު ބަލައި އައިސްތިބި ފަގީރު ދެތިން އަންހެނަކު އެ ދަންވަރުވެސް ގޭގެ ބަދިގެ ފަރާތުގައި ތިއްބެވެ. މެންދަމުން އަލިވުމުގެ ކުރިން މަސްކައްކާ ނިމިއްޖެއެވެ. ހާމަސްތައް ބަލައި އައިސްތިބި މީހުންގެ ތެރެއިން އެކަކު އޭރުވެސް އެއިންގޮތަށް ލަކުޑިގަނޑެއްގެ މައްޗަށް ފޫހަރާލައިގެން އިނެއެވެ. ބޯހާވާލައިގެންނެވެ. ހަނދުވަރުގެ ފަނޑުއަލީގެ އެއީ ކާކުކަމެއް މޫސަބެއަކަށް ފާހަގައެއް ނުކުރެވުނެވެ. މޫސަބޭ އެދިމާލަށް ހިނގައިގަތުމުން ކައިރީގައި ހާމަސް އަޅާފައިހުރި މުޅޯށި ނަގާ ކިހިއްޔަށް ޖަހާލުމަށްފަހު އަނދިރިގަނޑުގެ ތެރެއިން ލާފައި އެ އަންހެން ކުއްޖާ ހިނގައިގެންފިއެވެ. އެއީ ކޮން ކުއްޖެއްކަން ދެނެގަންނާކަށް މޫސަބެއަކަށް އުނދަގުލެއް ނުވިއެވެ. ފައިދެ ދެތަނބިކަށީގައި ހުރި ދެކަށި ޖެހޭއަޑު އިވެއެވެ. މޫސަބޭ ހުއްޓުނެވެ. އެ އަވަށްޓިވެސް އަނދިރިގަނޑާ ނިވާވެ މޫސަބޭގެ ނަޒަރުން ގެއްލިއްޖެއެވެ. މިއީ ފުރަތަމަ އަވަށްޓި އެގެއަށް އައިރޭގައި ކަންހިނގިގޮތް ކަމަށް ބުނެވޭ ގޮތެވެ.


މި ވާހަކަވެސް އެކި މީސްމީހުން ކިޔާއިރު ތަފާތުތަކެއް ހުއްޓަސް މައިގަނޑު ވާހަކައަކީ އެއް ވާހަކައެކެވެ. އެރޭގެ ފަހުން އެވަށްޓިވީ އެގޭގެ ޚާދިމާއަކަށެވެ. އިރު އޮއްސުމާއެކު ބަދިގެ ފަރާތު ދޮތައް ޖަހަން ޖެހެއެވެ. ޢިޝާނަމާދުން މީހުން ފޭބުމުގެ ކުރިން ބަދިގެ ފަރާތުން " ޓޮއް ޓޮއް " އަޑު އިވެން ފަށާނެއެވެ. އެއީ އަވަށްޓި އައިސް އުޅޭކަން ފާހަގަ ކުރާގޮތެވެ. ބަދިގެ ފަރާތުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ އެ އަވަށްޓިއެވެ. މަސްކައްކައިދެއެވެ. ތެލިތަކާއި މަސްކައްކާ ލޯގަނޑުތައް ދޮވެދީ ކުނިކަހާ ސާފުކޮށްދީ ހަދައެވެ. ކޮންމެ ރެއަކުވެސް މަސްކައްކައިދީފައި ދަމުން ގޮވާލައެވެ. " އަހަރެން މިދަނީއެވެ. އަހަރެން މިގެންދަނީ ބަނޑައިދޫ ކޮޅަކާއި ކަށިފޮތި ކޮޅެކެވެ." ތެލިތަށި ގުޑުވާ އަޑާއި އަވަށްޓި ހިނގާ ހަދާއަޑު ކެނޑުމުން ނޫނީ އެގޭގެ ބަދިގެ ފަރާތަށް އެއްވެސް މީހަކު ނުނިކުންނާނެއެވެ. ބުނެވޭ ގޮތުގައި އަވަށްޓި ގެންދާތަކެތި އެގެންދަނީ އޭނާގެ ދަރިންނަށެވެ. ފަހުންފަހުން އައިސް މީހެއްގެ އުނދަގުލެއްނެތި މިނިވަންކަމާއެކު މޫސަބޭގެ ގޯތިތެރޭގައި އުޅެވޭގޮތްވުމުން އަވަށްޓި ދިރިއުޅެމުން އައީ ދަރިންވެސް ގޮވައިގެން ކަމުގައި ބުނެވެއެވެ. އެ ޒަމާނަކީ ހަނދުވަރުގެ އަލިކަން ނޫނީ ރަށުތެރެއިން އެހެން އަލިކަމެއް ފެންނަން ހުންނަ ޒަމާނެއްނޫނެވެ. އެ ޒަމާން މިހާރު މިވަނީ ފާއިތުވެ ގޮސްފައެވެ. ރޭގަނޑު އަވަށުތެރެއަށް އަންނަ މި ރޫޙާނީ އަންހެން ކުއްޖާ މޫސަބޭ މަރުދުވަހަށް ދާންދެންވެސް އެގޭގެ ގޯތިތެރޭގައި ރޭގަނޑަށް އައިސް އުޅުނުކަމަށް ބުނެވެއެވެ. އެ އަވަށްޓި އެގޮތަށް އުޅުނުއިރު ވަރަށް ގިނަ ބަޔަކަށް ފެންނަ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ގޯނާއެއްކޮށް އުނދަގުލެއް ނުކުރާ ކަމަށްވެސް ބުނެވެއެވެ. ދިވެހިބަސްފޮތުގައި އަވަށްޓެހި މާނަކޮށްދީފައި އޮންނަނީ އެއީ ރޭގަނޑަށް އަވަށު ތެރެއަށް އަންނަ ރޫޙާނީ އަންހެނެއް ކަމަށެވެ. ގެންގުޅެން އެނގިއްޖެނަމަ ގޭގައި މަސައްކަތް ކޮށްދޭ ކަމަށްވެސް ބުނެވޭ ކަމަށެވެ. އަދި އެއީ ޚިޔާލީ އެއްޗެއް ކަމަށެވެ. ދިވެހި ބަސްފޮތުގައި އެއީ ޚިޔާލީ އެއްޗެއް ކަމަށް އޮތްނަމަވެސް އެކަން ޤަބޫލުކުރަން ބޭނުންނުވާ އެތައް ބަޔަކު އަދިވެސް އެބައުޅެއެވެ. އެއީ ފަހަރުގައި އެބައިމީހުންނަށް އިވިފައިވާ ޤަބޫލުކުރެވިފައިވާލެއް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ތަޖުރިބާ ކުރެވިފައިވާ ހާދިސާ އަކުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް އެފަދަ ވާހަކަތައް ދައްކާ، ކިޔައިދީ ހަދާކަށް ނުކެރެއެވެ. ތުންތުންމަތިން ދެކެވެމުން އައި ގިނަ ވާހަކަތަކެކޭ އެއްފަދައިން މަނަދޫގައި އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ފޯކްލޯރަކީވެސް ނޭނގުމެއްގެ ތެރޭގައި އޮތް ވާހަކައެއް ކަމުގައި ދަންނަވަން ޖެހެއެވެ.


އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބެއަކީ އަޅުގަނޑުގެ މައިފުށުގެ ކާފައެކެވެ. އެއީ އަޅުގަނޑުގެ މަންމަ ( ޛުލޭޚާ އިބްރާހިމް ) ގެ މަންމަ ( ފާތުމަތު މޫސާ ) ގެ ބައްޕައެވެ. އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ސަރަޙައްދު ނުވަތަ މޫސަ ކާފަގެ ގެ ހުރިތަނާ ކައިރީގައި ހުރި ބޮޑުކާށިގެ އެއީ އަޅުގަނޑު އުފަންވި ގެއެވެ. އެގޭގެނަން ފަހުންވަނީ ކުދިލުބޯމާގެއަށް ބަދަލުކޮށްފައެވެ. އެގޭގައި އަޅުގަނޑު ވަރަށް ކުޑައިރު އުޅުނު ހަނދާން ކިރިޔަ ކިރިޔާ ހުރެއެވެ. މިހާރު އެތަނަކީ ހުސްބިމެކެވެ. ނާމާން ތަކެތި ފެންނަ ތަނެއް ކަމަށް ކިޔާ އުޅެއެވެ. މަނަދޫގައި ގެންގުޅުނު އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބޭގެ ބައްޕައަކީ ކަތީބު މުޙަންމަދު ކަލޭފާނެއެވެ. މިއީ ވަރަށް ބޮޅު ފަންޑިތަވެރިއެއް ކަމަށް ކިޔާއުޅެއެކެވެ.ނޯޓް: މި ފޯކްލޯރަކީ އުދަރެސް މަޖައްލާގައި ޝާއިޢު ކުރެވިފައިވާ ފޯކްލޯރެކެވެ.

No comments: