Tuesday, May 27, 2008

ނަފުސާނީ ބަލި - ބޮޑެތި ކުށްވެރިން ސަލާމަތްވުމަށް ޖަހާ މަޅި



ދުނިޔޭގެ ބޮޑެތި ކުށްވެރިން ޝަރީޢަތުގެ މަޖިލިހުގައި ސަލާމަތްވުމަށް ޖަހާ އެންމެ އާންމު މަޅިއަކީ ނަފުސާނީ ބަލި މީހަކަށް ބަދަލުވުމެވެ. ދިފާޢީ ވަކީލުންނަށް އެމީހަކު ކުށުން ސަލާމަތްކޮށް ނުދެވޭނެކަން އެނގުމުން ދެން މަސައްކަތް ކުރެވެނީ އެއީ ނަފުސާނީ ބަލި މީހެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭށެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި މިއީ އާންމު ކަމެކެވެ. ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިވާ މައްސަލަތައް ކޯޓުން ނިމިގެންދަނީ ނަފުސާނީ ބަލިންވެސް ފުރޭނިގެންނެވެ. އެކަމަކު މިއީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ.

ނަފުސާނީ ބައްޔަކީ އޮންނަ ބައްޔެކެވެ. އެއީ ސިކުޑީގެ ބައްޔެކެވެ. ނަފުސާނީ ބަލި މީހެކޭ ބުނުމުގެ މާނައަކީ ފުރިހަމަ ބުއްދިނެތް ( ބުއްދި ސަލާމަތުންނެތް ) މީހެކޭ ބުނުމެވެ. ބުއްދި ސަލާމަތުން ނެތް މީހަކު ކުރާ ކަމަކަށް އަދަބު ދިނުމަކީ ބޮޑު ޖޯކެކެވެ. ދުނިޔޭގައި ކުޑަކުދިން ހިމާޔަތް ކުރުމަށާއި އެކުދިންނަށް ޤާނޫނީ ރައްކާތެރިކަން އިތުރަށް ދީފައިވަނީ އެކުދިންނަކީ ސިކުޑި ފުރިހަމަނުވާ ކުދިންނަށްވާތީއެވެ. ދުނިޔޭގައި މޮޔައިން ގެންގުޅުމާއި މޮޔައިން ބެލެހެއްޓުމަކީ ޤައުމުތަކުގެ ސަރުކާރުންކުރާ ކަމެކެވެ. އަދި އެމީހުންނަކީ ޤާނޫނުގެ ކުރިމައްޗަށް ހުށަހެޅި ޤާނޫނީ ގޮތުން ކުށް ސާބިތުކޮށް އަދަބު ކަނޑައެޅޭ ބައެއްނޫނެވެ. ބައެއް ޤައުމުތަކުގައި އެފަދަމީހުން ކުރާ ކުށްތަކަށް އަދަބު ދެވެނީ އެމީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންނަށެވެ. އެމީހުން އެބައެއްގެ ބެލުމުގެ ދަށުގައިވާ މީހުންނަށެވެ.

ދުނިޔޭގައި ނަފުސާނީ ބަލި މީޙުން މަޝްހޫރުވެގެންދާ އެހެން ގޮތެއްވެސް އޮވެއެވެ. އެއީ ސިޔާސީ ގޮތުންނެވެ. ޤައުމެއްގެ ވަރުގަދަ އިދާރާއަކަށް ދިފާޢީ ހަށިފާރަވެރިންނާއި ދިފާޢީ ލަޝްކަރު ފޫދުއްވާލާފައި އެތައް ފަހަރަކު މީހުން ވަދެފައިވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ފެނިގެންދަނީ ދިފާޢީ ނިޒާމުގެ ބަލިކަށި ކަމާއި ޤައުމީ ދިފާޢީ ކަންތައްތައް އޯގަނައިޒު ކުރެވިފައި ހުންނަ ދޯދިޔާކަމެވެ. އެކަންކަން ފޮރުވުމަށްޓަކައި އެ ޤައުމުތަކުގެ ސަރުކަރުން އެކަންކަން ކުރާ ކުށްވެރިން ހަދަނީ ނަފުސާނީ ބަލި މީހުންނަށެވެ. މޮޔައިންނަށެވެ. ސިކުޑި ހަމަނުޖެހޭ މީހުންނަށެވެ. އެހިސާބުން މީޑިއާއިން އެމައްސަލަ އަބަދުގެ އަބަދަށް ފަސްއެޅި ފޮރުވިގެން ދެއެވެ. އެފަދަ މައްސަލައެއް ކޯޓް ކޭހަކަށް ހަދައިފިނަމަ އެކަމާ ގުޅިގެން އެތައް އެތައް ސުވާލުތަކެއް އުފެދި، ކަމުގެ ތެރެއަށް އެހެން އެތައް ބަޔަކު ވަދެ، ބަހުސްތައްކޮށް ފާޑުކިޔާ ހެދުމުގެ މަގުތަކެއް ހުޅުވިގެން ދެއެވެ. އަދި އެތައް ދުވަހަކަށް އެތައް ބައެއްގެ ސަމާލުކަން އެމައްސަލައަކަށް ހުއްޓިފައި އޮވެދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަޅިއަކުން ހަމަލާދިން މީހާ ގެ ތަހުގީގު ނިމި ކޯޓުގައި ޝަރީއަތް ފެށުމާއެކު އޭނާ އަކީ ސިކުޑީގެ މައްސަލަތަކެއް ހުރި މީހަކަށް ވެއްޖެއެވެ. އޭނާގެ ދިފާޢީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ ކުޑައިރު ޑަބިޔަލެއްގައި ބޯޖެހި ބޮލަށް ގެއްލުންތަކެއް ވެފައިވަ މީހެއްކަމަށެވެ. ބޮލަށް ލިބޭ ގެއްލުމާއި ސިކުޑިއަށް ލިބޭ ގެއްލުމަކީ ދެ ގެއްލުމެކެވެ. ބޮލަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ސިކުޑިއަށް ކުރާކަށް ނުޖެހެއެވެ. އެކަމަކު ބޮލަށް ލިބޭ އަނިޔާއެއް މާބޮޑަށް ބޭރަށް ފެންނަން ނެތް ކަމަވެސް ސިކުޑިއަށް އަސަރު ކޮށްފާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ވަޅިން ހަމަލާދިން މިހާ ޝަރީއަތުގައި ވާހަކައެއް ނުދައްކައެވެ. އެކަމަކު އޭނާ ތަހުގީގަށް ބޮޑު ބަޔާނެއް ދީފައިވެއެވެ. ޝަރީޢަތުގައި ވާހަކަ ދައްކާނީ ކީކޭ ކިޔާފައިތޯއެވެ. އެކުށުން އޭނާ ބަރީޢަވުމަށް ދައްކާނީ ކޮން ބަހަނާއެއްތޯއެވެ. ޤާނޫނީ ވަކީލުން އޭނާ އެކުށުން ބަރީޢަ ކުރުމަށް ދައްކާނީ ކޮން ހުއްޖަތެއްތޯއެވެ؟ ޝައްނެތެވެ. އޭނާ އެކުށް ކުރިއެވެ. އެއީ އޮޅުވާލެވެންނެތް ހަގީގަތެކެވެ. އެހެން ވުމުން ނަފުސާނީ ބަލި މީހަކަށް ވުންނޫންގޮތެއް ނެތެއްނޫންތޯއެވެ؟

ވަޅިން ހަމަލާދިން މީހާގެ ސިކުޑީގެ މައްސަލައެއްވެސް އުޅެދާނެއެވެ. އެކަމަކު ޝަރީޢަތުގައި ބަލާނީ މިހާރު އޭނާގެ ސިކުޑިއަށް ލިބިފައިވާ ނުވަތަ އޭނާގެ ވާހަކައާއި އަމަލުތަކުން ތަމުސީލުކުރާ ނަފުސާނީ ބަލިކަމެއްނޫނެވެ. ޝަރީޢަތުން ބަލާނީ އެ އަމަލު ހިންގި އިރު އެމީހާ ހުރި ހާލަތެވެ. މިކަންކަން ޝަރީއަތަށް ސާބިތުކޮށް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުށްވެރިޔާ އަނގަ ބަންދުކޮށްގެން ބަހައްޓައިގެން އޭނާގެ ވަކީލުންނަށް ޝަރީޢަތް ދިގު ދަންމާލެވިދާނެއެވެ. އަދި ނަފުސާނީ ޑޮކްޓަރުންނަށް ދައްކާ މައްސަލަ ފުޅާކުރެވިދާނެއެވެ. ހަމަ އެގޮތަށް ކުށްވެރިޔާ ދީފައިވާ ބަޔާނާއި ބަޔާން ނަގާފައިވާ ގޮތުގެ ވީޑިއޯއާއި އޭނާގެ އޭރުގެ ހަރަކާތްތައް ހުރިނެތްގޮތްވެސް ބެލިދާނެއެވެ. މިއީ ބަލަން ޖެހޭވެސް ކަންތައްތަކެވެ. މިކަންތައްތައް ބެލުމަށްފަހު ކޯޓުން ނިންމަވާގޮތް ނިމޭނީވެސް ކޮންމެވެސް އެއްކޮޅަކަށެވެ. ދެން ހުށަހެޅޭނީ އިސްތިޢުނާފަށެވެ. އޭރުން ވެސް ނަތީޖާއަކަށްވާނީ ކޮންމެވެސް އެއްކޮޅެއް ބަލިވެ އަނެއްކޮޅު މޮޅުވުމެވެ. ނަފުސާނީ ބަލި މީހެއް ކަމަށް ޝަރީޢަތުން ނިންމަވައިފިނަމަ ދުނިޔޭގެ އެހެން ޤައުމުތަކުގައި ދާންޖެހެނީ އޭގެބަލި މީހުން ތިބޭ ތަނަކަށެވެ. ކުރަންޖެހެނީ ފަރުވާއެވެ. ރާއްޖޭގައި ދާނީ ގެއަށް ބާވައެވެ؟ މިއީވެސް ރާއްޖޭގައި އާކަމެކެވެ. ނަފުސާނީ ބަލި މީހުން ގެ ދޮރު ޝަރީއަތުން ހުޅުވިއްޖެނަމަ އެދޮރުން ވަންނާނެ ވަރަށް ގިނަ މީހުންވާނެއެވެ.

No comments: