Wednesday, May 14, 2008

ދިވެހިރާއްޖޭ އުފެދުނުގޮތް ކަމަށް ބުނެވޭ ތިންގޮތް



ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދިފައިވަނީ ކިހިނެތްހެއްޔެވެ؟ ރާއްޖެ އުފެދުނީ ކޮން ދުވަސްވަރެއްގައިހެއްޔެވެ؟ ޖިއޮލޮޖިކަލް ގޮތުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކާއި ފަރުތަކާއި ގިރިތަކާއި ކަނޑުތަކާއި ކަނޑުއޮޅިތައް އުފެދިފައިވާ ގޮތާއި އެތަންތަނަށް ވެފައިވާ ދުވަސް ދެނެގަތުމަށް ކުރެވިފައިވަނީ ކިހާ މަސައްކަތްތަކެއް ހެއްޔެވެ؟

ލިޔެވިފައިވާ ތާރީޚުން އެނގޭގޮތުގައި ރާއްޖޭގެ ތިމާވެއްޓާބެހޭ ޖިއޮލޮޖިކަލް ދިރާސާއެއް އެންމެ ފުރަތަމަ ކުރެވުނީ 1834 ން 1836 ށެވެ. އެއީ ރޮބަރޓްސް މޮރެސްބީ ކުރެއްވި ދިރާސާތަކެކެވެ. އެ ދިރާސާތައް އޭނާ ކުރެއްވީ ރާއްޖޭގެ ޗާޓް ކުރެހުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައެވެ. އޭގެފަހުން 1899 ވަނަ އަހަރު ޖޭ.އެސްޓެންލީ ގަރޑިނަރ އާއި 1902 ވަނަ އަހަރު އޭ. އެގަޒީސް ރާއްޖެއާބެހޭ ގޮތުން ހޯދުންތަކެއް ހޯދާފައިެވެއެވެ. އޭގެ ފަހުންވެސް އެކި ދުވަސްވަރު އެކިއެކި ފަންނީ ތަޖުރިބާކާރުން އެކިއެކި ދިރާސާތައް ހަދާފައިވެއެވެ. އެކި ދުވަސްވަރު ކުރެވުނު އެކިކަހަލަ ދިރާސާތައް ކުރެވުނަސް ރާއްޖެ އުފެދުނު ގޮތްކަމަށް ކިޔާއުޅެނީ ތިން ގޮތެކެވެ. މިގޮތްތައް ރާއްޖެއަށް ނިސްބަތް ކުރުމުގައި ދުނިޔޭގައި އުފެދިފައިވާ އެހެނިހެން މުރަކައިގެ ޖަޒީރާތަކާ އެއްފަދަ ކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.


ފުރަތަމަ ގޮތް:

ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދިފައިވަނީ ވަރަށް ކުރީ ޒަމާނެއްގައި އިންޑިޔާ ކަނޑުގައި އޮތް ބޮޑު އަތޮޅަކަށް މެދުވެރިވި ޤުދުރަތީ ކާރިސާއަކަށްފަހުގައެވެ. ޖިއޮލޮޖިކަލް މި ކާރިސާ ނުވަތަ ބިންހެލުމުގައި އެބޮޑު އަތޮޅު މުޅިން ހަލާކުވެ، ގިރެމުންގޮސް އަތޮޅުގެ ބައެއް ތަންތަން ކަނޑުގެ ސަތުހުން އަޑިއަށް ގެނބިގެން ދިޔައީއެވެ. އޭގެފަހުން އަލުން އެއަތޮޅުގެ ބެޑްރޮކްގައި މުރަކަ އުފެދި ދިރެމުން ބޮޑުވަމުން އައިސް ގިރިތަކާއި ފަރުތައް އެކި ސިފަސިފައިގައި އުފެދި އަތޮޅުތަކާއި ރަށްތައް އުފެދުނީއެވެ.


ދެވަނަގޮތް:

ދެވަނަ ނަޒަރިއްޔާއަކީ ދުނިޔޭގެ އައިސްއޭޖުގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ފިނިވެ ގަނޑުފެން އުފެދުނުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިއަށް ދިއުމުން ނެތިދިޔަ ޖަޒީރާތައް ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުން އަލުން އިޔާދަވީއެވެ. ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިވެގެންގޮސް އުފެދިފައިވާ ފަރުތަކުގެ މުރަކަތައް މަރުވެ ރާޅާ އޮޔާއިވައިގެ ހަރަކާތުން ގިރިގެންގޮސް ސިފަގެއްލުނީއެވެ. ދުނިޔެއަށް އައި ބަދަލުތަކާއެކު ދުނިޔެ ހޫނުވެ، ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑުގެ ލެވެލް މައްޗަށް އެރުމުން އަލުން މުރަކައިގެ ވައްތަރުތައް ހެދި ދިރެމުން ގޮސް އަތޮޅުތަކާއި ރަށްތައް އުފެދުނީއެވެ.


ތިންވަނަގޮތް:

ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދެންދިމާވި ތިންވަނަ ގޮތެއްކަމަށް ބުނެވެނީ ކަނޑުގެ އަޑީގައިހުރި އަލިފާން ފަރުބަދަތަކެއް ގޮވުމެވެ. އަލިފާން ފަރުބަދަތައް ގޮވުމުގެ ސަބަބުން މުޅި ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަލިފާން ފަރުބަދަތައް ގޮވުމުން ކަނޑުގެ އަޑީގެ ބެޑްރޮކް އުފުލި 60 ފޫޓާއި 70 ފޫޓްވަރުގެ ފުން ހިސާބުތަކުގައި މުރަކަ އާލާވީއެވެ. އަދި ވަރަށް ލަސްލަހުން މުރަކަތައް އުފެދި ދިރެމުން އައިސް ފަރުތައް ( ރިންގް) އުފެދި އެފަރުތަކުގެ ދުނީގަައާއި ރިންގުތަކުގެ އެތެރޭ ބައި ( އަތޮޅުތެރެ ) ގައި ރަށްރަށް އަތޮޅުތައް އުފެދުނީއެވެ. އޮއިވަރާއި ރާޅާއެކު އެކި ދިމަދިމާލަށް ގަލާވެލި ޖަމާވެ ކަނޑުގެ ސަތަހައިން މައްޗަށް އަރާ ވެލީގެ ފިނޮޅުތައް އުފެދި އެތަންތަނަށް އޮޔާ ލައްވާ ގަސްގަހުގެ އޮށާއި އެފިނޮޅުތަކަށް ޒިޔާރަތްކުރާ ދޫނިސޫފާ ސޫފީގެ ސަބަބުން ގަސްތައް ފަޅާ ރަށްތައް އުފެދެމުން އައީއެވެ. މުރަކައިގެ ޖަޒީރާތައް އުފެދުނުގޮތް ކަމަށް މަޝްހޫރު ޑާވިން ތިޔަރީގައި ބުނެފައިވާ ގޮތާ މާރޭސް ތިޔަރީގައި ބުނެފައިވާ ގޮތާ އެންމެ އެއްގޮތް ގޮތަކީ މިއީއެވެ.

No comments: