Wednesday, May 14, 2008

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

ރާއްޖޭގެ ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެން ދުވަހަށް

އައްސުލްޠާން ޢަލީ ( ހަވަނަ ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ނުވަތަ މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ އިންޑިއާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢު ކުރެއްވުމުގައި ހިތްވަރުގަދަ، އިބުރަތްތެރި، ދީނީ އަދި ޤައުމީ ޖިހާދެއް ކުރައްވަމުން ވަޑައިގަންނަވަނިކޮށެވެ. މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ( ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހު ) ޢަލީ ރަސްގެފާނުގެ ލޭފޮދުން ދިވެހި ފަސްގަނޑު ތެމިގެން ދިޔައެވެ. އެހިތްވަރުގަދަ މުޖާހިދު ޝަހީދުވެގެން ދިއުމަށްފަހު އުކެން ފެށުނީ ދިވެހިތާރީޚު ދެކެފައިވާ އެންމެ އަނިޔާވެރި ހާދިސާތައް ލިޔެވިފައިވާ ޞަފްޙާތަކެވެ. އެއީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަރައި، ދިވެހި މުސްލިމުތަކުންގެ ލެއިން ދިވެހި ކަނޑުތައް ރަތްވެގެން ދިޔަ އަނިޔާވެރި ދުވަސްތަކެކެވެ. ޕޯޗްގީޒުންގެ އަނިޔާވެރި 15 އަހަރުގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޒަމް ނުވަތަ އުތީމު މަހާރަދުންނެވެ.

ޕޯޗްގީޒުން ދިވެހިރާއްޖެ ހިފާ ހިންގި އަނިޔާވެރި އަމަލުތަކާއި އޭރު ދިވެހިން ތިބި ޙާލަތު ހިތްމައްޗަށް ގެނެސް، ޕޯޗްގީޒުން ރާއްޖެ ހިފުމަށް އަންނަން މެދުވެރިވި ސަބަބަކީ ކޮބައިތޯ ބަލާލުން ރަނގަޅެވެ. އަދި ޕޯޗްގީޒުންނަށް ދިވެހިންގެ މައްޗަށް ވެރިވެގަނެވުނީ ކީއްވެގެންތޯއާއި ކޮންކޮން ގޮތްގޮތަކަށް ކަންތައްތައް ހިނގައިގެންތޯ ދިރާސާކުރުން ރަނގަޅެވެ.

ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު މީލާދީން 1551 ވަނަ އަހަރު އިންޑިޔާގައި ތިބި ޕޯޗްގީޒުންގެ ގާތަށް ވަޑައިގެން ކްރިސްޓިއަން ދީނަށް ވެދެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ކޮއިލުތެރޭގައި އުފެދުނު ހަމަނުޖެހުމަކަށްފަހު 9 ވަނަ ޙަސަން ރަސްގެފާނު އިންޑިއާއަށް ވަޑައިގަންނަވާ ދީން ބަދަލުކުރެއްވުމަށްފަހު އަނެއްކާވެސް ދިވެހިރާއްޖޭގެ ތަޚުތު ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ޕޯޗްގީޒުންގެ ހަނގުރާމަމަތީ ނައުފަހަރު ރާއްޖެ ހިފަން ފޮނުވަން ފެށިއެވެ. އެދުވަސްވަރު ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް 9 ވަނަ ޙަސަން ރަސްގެފާނު މަސައްކަތްކުރިއެވެ. ސިޓީ ފޮނުވައިގެންނާއި އެކި ގޮތްގޮތުން ދިވެހިންގެ ތެރެއިން މަދު ބަޔަކުނަމަވެސް ކްރިސްޓިއަން ކުރެވޭތޯ 9 ވަނަ ޙަސަން ރަސްގެފާނު މަސައްކަތް ކުރެއްވިއެވެ. އެ ގޮވާލުންތަކާއި އެ އިލްތިމާސް ތަކަށް ދިވެހިން ދިނީ ބީރު ކަންފަތެކެވެ. ހަނގުރާމައަށް ފޮނުވި ޕޯޗްގީޒުންގެ ނައުފަހަރު ތަކާ ދިވެހިން ހަނގުރާމަކޮށް އިސްލާމްދީނަށާއި ޤައުމަށްޓަކައި ވަރުގަދަ ޖިހާދެއް ކުރިއެވެ. ޕޯޗްގީޒުންގެ ގަދަފަދަ ލަޝްކަރަށް ދިވެހިރާއްޖެ އަޅުވެތި ކުރެވުނީ އެމީހުން ރާއްޖެއާ ދިމާކުރި ތިންވަނަ ފަހަރުގައެވެ. އެފަހަރުވެސް ދުޝްމަނުންނަށް ކާމިޔާބު ލިބުނީ އެމީހުންގެ ހަތިޔާރުގެ މޮޅުކަމަކުންނޫނެވެ. އަދި ހެވިކަމުގެ ކުޅަދާނަ ކަމަކުންވެސް ނޫނެވެ. މާލޭގައި އޮތް ދާޚިލީ ހަމަނުޖެހުމާއި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގަމުންދިޔަ ފިތުނަވެރި އަމަލުތަކެއްގެ ސަބަބުންނެވެ. އެއީ މާލޭގައި ހަމަނުޖެހުން ގިނަ، ޤައުމީ ރޫޙު ކުޑަވެފައިވާ ދުވަސްކޮޅެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ މިނިވަން ދިވެހިރާއްޖެ، ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ދިއުމަށް ދޫކޮށްލެވިފައިވާ ދަނޑިވަޅެކެވެ. " އައްޔަސް އަނދިރިއަސް ވާނީ އެއްގޮތް " ކަމަށް ބަޔަކު ދެކެމުންދިޔަ، އަދި އެގޮތަށް ވިސްނައިދެމުން ގެންދިޔަ ދުވަސްވަރެކެވެ. ކޮންމެ ގޮތަކުންވެސް ވެރިކަން ބަދަލުކޮށްލަން ބޭނުންވި ބަޣާވާތްތެރިންތަކެއް އުޅުނު ދުވަސްވަރެކެވެ. ފަހުން ވެދާނެ ގޮތަކާމެދު ޚާއިނުންނާއި ބަޣާވާތްތެރިން ޚިޔާލުކޮށްލަންވެސް ބޭނުން ނުވި ދުވަސްވަރެކެވެ.

މާލޭގެ ހުޅަނގު އުތުރުފަރާތަށް ޕޯޗްގީޒުން ހަތިޔާރާއެކު ފޭބުމުން ޢަލީ ރަސްގެފާނު ލަސްކަރީންގެ ވެރިއެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަން ނިކުމެ ވަޑައިގެންނެވިއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު ބޮޑު ވަޒީރާއި ޚާދިމުންކުރެ އެކަކު ފިޔަވާ އެންމެން ފިލައިގެން ހިގައްޖެއެވެ. ޢަލީ ރަސްގެފާނު އެ ދެބޭކަލުންނައިގެން ދުޝްމަނުންގެ ކުރިމައްޗަށް ދީނާއި ޤައުމުގެ ޙައްޤުގައި ނިކުމެވަޑައިގެންނެވިއެވެ. ޢަލީ ރަސްގެފާނު އެދުވަހު ދެއްކެވި ނަމޫނާއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެ މަހާރަދުންނަށްޓަކައި ދިވެހިން ފަޚުރުވެރިވާނެ ހިތްވަރުފުޅުގަދަ ޢަމަލެކެވެ. ޢަލީ ރަސްގެފާނާއި އެރަދުންނަށް ވަފާތެރި ދެ ބޭކަލުންގެ ހިތްވަރުފުޅު ގަދަކަމާއި އެބޭކަލުންގެ ހިތްޕުޅުގައި ޤައުމާއި ދީނަށްޓަކައި އޮތް މަރިވެރި ލޯތްބެއްގެ ބޮޑުކަން އެދުވަހު ސާބިތުވެގެންދިޔައެވެ.

ޝައްކެއްނެތެވެ. އެބޭކަލުން އެދުވަހު އިސްކަން ދެއްވީ ޤައުމަށެވެ. ދީނަށެވެ. ދުނިޔެމަތީގައި ލިބިދާނެ ބޮޑެތި މަޤާމުތަކަކަށް ދަރަޖަ ތަކަކަށް ނުބެއްލެވިއެވެ. ޝަހީދުންގެ ދަރަޖައަކީ ދުނިޔެމަތީގެ މަޤާމުތަކާއި ދަރަޖަތަކަށްވުރެ މާމަތިވެރި ދަރަޖައެކެވެ. ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު، ދިވެހިން ހަނދާން ނައްތާލާނެ ޤުރުބާނީއެއްނޫނެވެ. އެއީ ކޮންމެ ދިވެއްސަކުވެސް އެ މާތް ޝަހީދުގެ އެ މަތިވެރި ޤުރުބާނީން ހިތްވަރު ލިބިގަންނަންޖެހޭ ޤުރުބާނީއެކެވެ. އެއީ ޢިބުރަތްތެރި ފިލާވަޅެކެވެ.

No comments: