Tuesday, May 13, 2008

މަނަދޫ މީހުންގެ ބަސްފޮތް

މަނަދޫއާމެދު ކުރި ދިރާސާތަކަކުން އަހަރެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަހަރެންނަށް ފާހަގަ ކުރެވުނުގޮތުގައި މަނަދޫގައި ރަށަކަށް ބަލާއިރު އާދަޔާ ޚިލާފު ޚާއްޞަ ސިފަތަކެއް އެބަހުއްޓެވެ. މަނަދޫގައި ލިޔެވިފައިވާ ޒަމާންވީ ތާރީޚެއް ނެތް ނަމަވެސް މަނަދޫއަކީ ޤަދީމީ ރަށެކެވެ. ތާރީޚީ މާގިނަ ތަރިކަ ތަކެއް ބިމުން މަތީގައި މިހާރު ފެންނަން ނެތަސް އަހަރެން ޤަބޫލުކުރަނީ މަނަދޫގެ ފަސްގަނޑުގައި ޒަމާންވީ ތާރީޚީ ތަރިކަތަކެއް ފަސްލެވިފައިވާނެ ކަމަށެވެ.
މަނަދޫގައި ހިނގާފައިވާ އަދި މަނަދޫ މީހުންނަށް ދިމާވެފައިވާ ހަގީގީ ވަރަށް ގިނަ ހާދިސާތައް ޕްރިންޓިންގ މީޑީއާއަށް އަހަރެން ނެރުނީމެވެ. އަދި މަނަދޫއާބެހޭ ތަފާތުގިނަ ފޯކްލޯރުތައް ލިޔެ އާންމު ކުރީމެވެ. މި މަސައްކަތް ކުރަމުންދިޔައިރު އަހަރެންނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ކަމަކީ މަނަދޫ މީހުންގެ އަމިއްލަ " ބަސްފޮތެއް " އޮތް ކަމުގެ ހައިރާންކަމެވެ. މަނަދޫ މީހުން ބައެއް ތަކެއްޗަށް ކިޔާ ނަންނަން ރާއްޖޭގެ އެހެން މީހުން އެތަކެއްޗަށް ކިޔާ ނަންނަމާ ތަފާތެވެ. ދިވެހި ބަސްފޮތުގައި ނުވަތަ ދިވެހި ރަދީފުގައި " މަނަދޫ މީހުންގެ ބަސްފޮތު" ގެ ބަސްތަކެއް ނެތެވެ. އަހަރެމެންނަކީވެސް ދިވެހިން ކަމަށްވެފައި އަހަރެމެން އެންމެ އެވޭލާ ޒަމާނުއްސުރެ ބޭނުންކުރަމުންދާ ބަސްތައްވެސް ދިވެހި ރަދީފުގައި ހުންނަން ޖެހޭނެއެވެ.
ރާއްޖޭގެ އެހެން ބައެއް ހިސާބުގެ މީހުން ބޭނުންކުރާ ބަސްތައްވެސް އެއަތޮޅުތަކުގެ މީހުންގެ ބަސްތަކެއްގެ ގޮތުގައި ދިވެހި ރަދީފުގައި ހިމަނާފައިވެއެވެ. އަހަރެން ގަބޫލުކުރާގޮތުގައި މަނަދޫ މީހުންގެ ބަސްފޮތުގެ ބަސްތައް އެއީ މަނަދޫ މީހުން ބޭނުންކުރާ ބަސްތަކެއްގެ ގޮތުގައި ދިވެހި ރަދީފުގައި ހިމެނެން ޖެހޭނެއެވެ. އެކަމަށް މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. " އަމަންތަ" އަކީ ކޮންއެއްޗެއް ކަމެއް ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަކަށް ނޭނގޭނެއެވެ. " ފޫއެނބުރި" ، "ކާފަރު އަމަންތަ" މިހިރީ މަނަދޫގެ ބަސްފޮތުގައި ހުރި އެއް ފެމެލީއެއްގެ ތަކެއްޗެވެ. މަނަދޫ ބަސްފޮތުގައި ހުރި ބައެއް ބަސްތަކަކީ ދިވެހި ރަދީފުގައި މިހާރު ހުރި ބަސްތަކާއި އެއްގޮތްކަމެއް ހުއްޓަސް ތަފާތު ބަސްތަކެކެވެ. އޭގެ ތެރެއިން އެއްބަހަކީ "ރާކަނޑާލި" އެވެ. މިއީ ދިވެހިބަސްފޮތުގައިވާ ރާކަންޏަށް މަނަދޫ މީހުން ކިޔާނަމެވެ. "އަވައްޓި" އަކީވެސް މަނަދޫ ބަސްފޮތުގެ ބަހެކެވެ. އެއީ ދިވެހި ބަސްފޮތުން އަވައްޓެހި އެވެ. " އޮއްކެޔޮ " މިއީވެސް މަނަދޫގެ ބަސްފޮތުގެ ބަހެކެވެ. " ހޯދިޔަ" ، " ތަރަފަނަ" މިއީވެސް މަނަދޫ ބަސްފޮތުގެ ބަސްތަކެވެ. މިހެންގޮސް މަނަދޫ ބަސްފޮތުގައި ވަރަށްގިނަ ބަސްތައް އެބަހުއްޓެވެ. ތަރަފަނަ އާއި ހޯދިޔައަކީ މަނަދޫ މީހުންގެ ޚާއްޞަ ކެޔުމަކާއި ބުއިމެކެވެ. މަނަދޫ މީހުން ތަރަފަނަ ކިޔަނީ ހަނޑޫ މާލައްވައިގެން ނުވަތަ ބަތް ހިތްކައިގެން ތެލުލައިގެން މަހާއި ކާށި ހުނި އަޅައިގެން ކުޅިކޮށް މޮޑޭ ކެޔުމަކަށެވެ. ތަރަފަނައަކީ މަނަދޫ މީހުންގެ ޚާއްޞަ ކެޔުމެކެވެ. މި ކެޔުމަށް ތަރަފަނަކިޔާ އެހެން ބަޔަކު ނެތެވެ. ހޯދިޔަ އަކީ ކަށިކެޔޮ ލިޔެގެން ކައްކާ ފޮނި ބުއިމެކެވެ. މިއީ ރާއްޖޭގެ އެހެން ހިސާބަކުން ލިބޭ ބުއިމެއްނޫނެވެ.
މަނަދޫ މީހުން އެކިއެކި އެއްޗެއްސަށް ކިޔާ ނަންނަމުގެ އިތުރުން އެކިއެކި ކަންކަމަށްވެސް ތަފާތު އަމިއްލަ ބަސްތައް ބޭނުންކުރެއެވެ. ނިދިއައުމަށް މަނަދޫ މީހުން ކިޔަނީ ނިދިގައްސުވައިގަތުމެވެ. ވަދާ ކިޔުމަށް ކިޔަނީ ކެޔޮޅުކަމުދިއުމެވެ. ދިވެހި ރަދީފުގައިވާ ލެއްގުމަށް މަނަދޫ މީހުން ކިޔަމުންދަނީ ލެއްކުމެވެ. މަނަދޫގައި " ލެއްކި މަހާނަ " އެއް ހުރެއެވެ. މީގެ އިތުރުން ބަހެއްގެ މުއްސަދިކަމުގައި ހިމެނެންޖެހޭ އެހެން މުހިންމު ބައިތަކެއްވެސް މަނަދޫ ބަސްފޮތުން ފާހަގަކުރެއެވެ. އެއީ ހަރުބަހާއި މިސާލުބަސްތަކެވެ. މަޒާޖެވެ. " ހާޖީބޭގެ ސައިތަށި " ، " ދޮންބޭސޮރު ބުނިހެން" ފަދަ ބަސްތައް މަނަދޫ ބަސްފޮތުގައި އެބަހުއްޓެވެ. މިއީ މިހާރުގެ ޒުވާނުންނަށް އަޑު އިވިފައިނުވާ ބަސްތަކަކަށް ވެދާނެއެވެ. " މަނަދޫ މީހުންގެ ބަސްފޮތް" މި ނަމުގައި އިރާދަކުރެއްވިއްޔާ އަހަރެންގެ ދިރާސާ ޢާންމު ކުރާނަމެވެ. މިއީ ވަރަށް ބުރަ މަސައްކަތެކެވެ. އެއްވެސް ފެށުމެއް ފެންނަންނެތި ކުރެވޭ މަސައްކަތެކެވެ. މަނަދޫ ސޭކުބޭގެ ވާހަކަ އާއި މަނަދޫގައި ހުރި ގަނޑުވަރުގެ ވާހަކައާއި މަނަދޫގައި ގެންގުޅުނު އަވައްޓީގެ ވާހަކައާއި މަނަދޫ މީހުން މިނިއާލާނުވެ މަރުވަމުންދިޔަ ސިހުރުގެ ވާހަކައާއި މަނަދޫ މާމިސްކިތްދޮށުގެ ވާހަކައާއި މަނަދޫ މީހުން ކުރިން ދިރިއުޅުނީ މަނަދޫގެ ދެކުނުފަރާތުގައި ކަމަށް ބުނެވޭ ވާހަކައާއި މަނަދޫގައި ހާޖީބަންޑާރައިން އުޅުއްވި ކަމަށް ބުނެވޭ ވާހަކަވެސް އަހަރެން ލިޔެ ޕްރިންޓް މީޑިއާގައި ޝާއިޢުކުރީމެވެ. އޭގެ އިތުރުން މަނަދޫގެ މީހުންގެ ތުންތުން މަތިން ދެކެވޭ ހަގީގީ ވާހަކަތައް ކަމަށް ބުނެވޭ އާދަތާއި ޚިލާފު ގިނަ ވާހަކަތައް ޝާއިޢުކުރީމެވެ. އެއީވެސް މުޅިން އާފެށުމަކުން އަހަރެން ފެށި ކަމެކެވެ.
މި ސިލްސިލާއަށް އިތުރުވާ އާބޮޅެއް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އާންމު ކުރާނަމެވެ. " މަނަދޫ މީހުން ކުނޑިބެ މަރާލި ހާދިސާ " މިހާރުވަނީ އެއްކޮށް ނިމިފައެވެ. މިއީ އެ ތާރީޚީ ހާދިސާ ލިޔެވި ޝާއިޢުކުރެވޭ ފުރަތަމަ ފަހަރެވެ. މަނަދޫގެ ދަރިންގެ ތެރެއިން ނަންމަޝްހޫރު ޚިދުމަތްތެރިންގެ ހަޔާތުނާމާތައް ލިޔުމުގެ މަސައްކަތްވެސް މިދަނީ އާފެށުމަކުން ފަށައިގެން ކުރަމުންނެވެ. ކެޔޮޅު ޢަބްދުއްސަމަދު ( ކެޔޮޅުބޭ ) އާއި މަނަދޫ ކާސިންހާޖީ އާއި ހާރޫނޫ މޫސާ ފަދަ ޚިދުމަތްތެރިންގެ ހަޔާތުނާމާ ވަނީ ލިޔެ ނިމިފައެވެ. މިކަންތައްތަކަށް ހެޔޮ ތަޢުފީޤު ދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާ، މަނަދޫ ބަސްފޮތް ނިންމާލުމުގެ ހެޔޮ ތަޢުފީޤު ދެއްވާށީއެވެ. އަހަރެންނަށް މި މަސައްކަތް މުޅިން ނިންމާ ނުލެވުނަސް ކޮންމެވެސް އެހެން ބަޔަކު މި ފެށުމާއެކު ކުރިއަށް ދިއުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. މަނަދޫ ބަސްފޮތް ދިރުވާ އާލާކުރުމަކީ މިއަދުގެ ޖީލުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަހަރެން ދެކެމެވެ. ދިވެހި ބަސްފޮތުގައި މަނަދޫ މީހުންގެ ބަސްފޮތުގެ ބަސްތައް އެކަން ފާހަގަވާ ގޮތެއްގައި ހިމެނިގެން ދިއުމަކީ އަހަރެންގެ އުންމީދެކެވެ.

No comments: