Wednesday, May 14, 2008

ޙަޤީޤަތަކީ ކޮބާ؟


ފިލާގަނޑުމަތީގައި ހުރެގެން ނުފެންނަ އެތައް ތަނެއް ކުނބަށް އެރީމާ ފެންނާނެ


ކިންގްޑަމް އޮފް ޓޮންގާ، މަޝްހޫރުވެފައިވަނީ " އެކުވެރި ޖަޒީރާ " ( ފްރެންޑްލީ އައިލެންޑްސް ) ގެ ނަމުންނެވެ. ޓޮންގާއަށް މި ފަޚުވެރި ނަން ދެއްވީ 1728 ން 1778 ށް ދުނިޔޭގައި އުޅުއްވި އިނގިރޭސިވިލާތުގެ މަޝްހޫރު ދަތުރުވެރިޔާ ކެޕްޓަން ޖޭމްސް ކުކް ( ފޮޓޯ ) އެވެ. އޭނާ ޓޮންގާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުން ފެނުނު އެކުވެރިކަމާއި އެއްބައިވަންތަކަމާ އަދި ޚުދު އޭނާއަށް އެ ޤައުމުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އެރުވި މެޙުމާންދާރީއަކީ ޓޮންގާއަށް މި ފަޚުރުވެރިނަން ލިބުމުގެ އަސްލެވެ.


މި ހާދިސާގެ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ކެޕްޓަން ޖޭމްސް ކުކަށް ޕެސިފިކް ކަނޑުގައި އޮންނަ ޓޮންގާއަށް ވަޑައިގެންނެވުނީ އެ ޤައުމުގެ ސަޤާފީ ޢީދެއް ކަމަށްވާ " އިނާސީ ފެސްޓިވަލް " ގެތެރޭގައެވެ. އޭނާއަށް ފެނުނީ އެކަކު އަނެކަކާ ވަރަށް ގުޅިގެން އެކުވެރިކަމާއި މަޖަލާއި ހާ އުފާވެރިކަމުގައި އުޅެމުންދިޔަ ރައްޔިތެކެވެ. ޤައުމުގެ ރަސްގެފާނު ރައްޔިތުންނާއެކު އުފާފާޅު ކުރައްވަމުން ވަޑައިގަންނަވާ ތަނެވެ. ބޭރުގެ މެޙްމާނުންނަށް ކަމޭހިތާ ރަސްގެފާނުގެ ޚާއްޞަ މެޙުމާންދާރީ ލިބެމުންދާ ދިއުމެވެ. ކެޕްޓަން ކުކް އޭނާގެ ދަތުރު ނިންމާލުމަށްފަހު އޭނާ ލިޔުނު ދަތުރުނާމާގައި ޓޮންގާއަށް އެކުވެރި ޖަޒީރާގެ ނަމުން ނަންދެއްވީއެވެ. އޭރު އޭނާއަކަށް ޓޮންގާގެ ރަސްގެފާނު އޭނާއަށް އިންތިހާއަށް ކަމޭ ހިތްތަވައިގެން އުޅުއްވީ އޭނާ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމެއް އެނގިވަޑައި ގެންފައެއްނުވެއެވެ.


ލިޔުންތެރިކަމަކީ ވަރަށް ބޮޑު އަމާނާތެކެވެ. ލިޔެ ޝާއިޢުކުރެވޭ ކޮންމެ ލިޔުމަކީވެސް ތާރީޚީ ތަރިކައެކެވެ. ފަހުގެ ޖީލުތަކަށް ފެންނަން އޮންނާނެ އެއްޗެކެވެ. ލިޔުންތެރިން ޙަޤީޤަތާ އެއްގޮތަށް އެއްވެސް ތައައްސުބެއްނެތި ލިޔަން ޖެހެނީ އެހެންވެއެވެ. ލިޔުންތެރިންނާއި އެހެން މީހުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބައޮތެވެ. ޙަޤީޤަތްކަމަށް އަޅުގަނޑުމެންގެ ނަޒަރަށް މިފެންނަ ފެނުންތައް މާދަމާވެސް އެއީ ޙަޤީޤަތް ނޫންކަން ސާބިތުވެދާނެއެވެ.


އަޅުގަނޑުމެންނަށް ހަމަބިމުގައި ހުރެގެން ފެންނަ ރާސްތާއަށްވުރެ ދުރު ރާސްތާއެއް އުސްތަނަކަށް އެރުމުން ފެންނާނެއެވެ. ފިލާގަނޑުމަތީގައި ހުރެގެން ނުފެންނަ އެތައް ތަނެއް ކުނބަށް އެރީމާ ފެންނާނެއެވެ. ކޮޅުފަސްކޮޅުގައި ހުންނަ މީހާއާއި ދިރުނބާ ކޮޅުގައި ހުންނަ މީހާއަށް އެނގޭ އެނގުންތަކާއި ފެންނަ ފެނުންތައްވެސް ތަފާތުވާނެއެވެ.


ދުނިޔޭގައި އެކި ދުވަސްވަރު އެކި މީހުން އެކިފާޑުގެ ތިޔަރީތައް ހަދާފައިވެއެވެ. އެތިޔަރީތައް އެތައް ބަޔަކު ޤަބޫލުކޮށްފައިވެސް ވެއެވެ. އޭގެ ތެރެއިން ގިނަ ތިޔަރީތައް މިއަދުގެ ސައިންސް އާއި ޓެކްނޮލޮޖީގެ އައު ހޯދުންތަކުންވަނީ އެކޮޅުކޮޅުން ޖެހިފައެވެ. މިއަދު ޙަޤީޤަތްކަމަށް ޤަބޫލުކުރެވޭ ބައެއް ކަންތައްތައް މާދަމާވެސް އެކޮޅުކޮޅުން ޖެހިދާނެއެވެ. ކޮންމެ މީހަކު އެމީހަކަށް ފެންނަ ފެނުމަކީ އެންމެ ރަނގަޅުގޮތް ކަމާއި ޙަޤީޤަތަކީ އެއީ ކަމަށް ޤަބޫލުކުރަން ފަށައިފިނަމަ އެބައެއްގެ ތެރޭގައި ހަރުކަށިކަމާއި ހައްދުފަހަނައަޅާދިއުން އާންމުވެދާނެއެވެ. ބަދަލު ނުވާނެ އެއްޗަކީ އިލާހީ ޤާނޫނެވެ.

No comments: