Wednesday, May 14, 2008

ދިވެހި ސިފައިންގެ ޤާބިލުކަން



ދިވެހިރާއްޖޭގައި މީހުން އުޅޭތާ ތިންހާހަކަށް އަހަރުވެއްޖެ ކަމަށް ތާރީޚީ ލިޔުންތަކުން ދައްކައެވެ. ރާއްޖޭގައި އަބަދުވެސް އެޒަމާނަކަށް އެކަށީގެންވާ ގޮތެއްގައި ދިފާޢީ ބާރެއް އޮތްކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ރާއްޖޭގެ ބިމާއި ކަނޑާއި ދީނާއި އާދަކާދައާއި ސަޤާފަތް ހިމާޔަތްކުރުމަށްޓަކައި ކާބަފައިން ވެފައިވާ ޤުރުބާނީން ފެނިގެންދަނީ މިދެންނެވި ވާހަކައިގެ ޙަޤީޤަތެވެ. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވެރިކަން މި ޖީލަށް ވާރުތަ ކޮށްދީފައިވަނީ ދިވެހިރައްޔިތުންގެ ޤުރުބާނީ ލޭގެ ޚިދުމަތުންނެވެ. ދިވެހިން، ދިވެހި ޤައުމާއި ދިވެހިންގެ ދީނަށް އޮތް ލޯތްބެއްގެ މަތިވެރިކަން ތާރީޚުގެ ޞަފުޙާ ތަކުން ފެނިގެން ދެއެވެ. މިއަދުގެ ޖީލަށް ދިވެހި ކާބަފައިން ފޯރުކޮށްދީފައިވާ ޤައުމީ މަތިވެރި ތަރިކަތަކާއި އަރުތަ ތަކުން ކާބަފަައިން މި ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީ ޤަބޫލުކުރަން ޖެހެއެވެ. ސިފައިން މިޒަމާނުގެ އުސޫލުން އުފެދިފައިވަނީ ހިޖުރައިން 1309 ގައެވެ. ތާރީޚީ ލިޔުންތަކުގެ މައްޗަށް ބުރަވެ ދިވެހި ސިފައިން އުފެދުނު ތާރީޚެއް ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ 21 އޭޕްރީލް 1892 ގައެވެ. އެއީ ރާއްޖޭގެ ދިފާޢީ ބާރު ޤައުމީ މުއައްސަސާއެއްގެ ގޮތުގައި ޤާއިމު ކުރެވުނު ދުވަހެވެ.

ސިފައިން އުފެދުމުގެ ކުރިން ބޭރު މީހުންގެ ކިބައިން ރާއްެޖެ ދިފާޢުކުރުމާއި އަމަން ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ދާޚިލީ އަމަން ބެލެހެއްޓުމާއި ރައްކާތެރި ކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދިޔައީ ހަވަރުގެ މައްޗަށް ބެހިފައިވާ ލަޝްކަރަކުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު އައްސުލްޠާނު މުޙަންމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނުންގެ މަތިވެރި ޤައުމީ ޖިހާދަށްފަހު ރާއްޖޭގެ ކަންތައްތަކަށް އެމަނިކުފާނު ގެންނެވި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ޤައުމީ ދިފާޢީ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އޭގެފަހުން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ބައެއް އަޅުވެތިކަމަކީ " އަޅުވެތިކަމެއް ނޫން " ކަމަށް ބައެއް ތާރީޚީ ލިޔުންތެރިން ވިދާޅުވެފައިވެއެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތައް އިސްތިޢުމާރީ ބާރުތަކުން އަޅުވެތިކުރާ ގޮތަށް ދިވެހިން އަޅުވެތިކޮށްގެން އޭގެފަހުން ދެމި ތިބެވިފައި ނެތުމުންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިސްތިޢުމާރީ އަޅުވެތިކަން އޮތްގޮތަށް އިސްތިޢުމާރީ ބާރަކުން ރާއްޖެ އަޅުވެތިކޮށްފައިވަނީ ޕޯޗްގީޒުންނެވެ. އެއީ 19 މެއި 1558 ވަނަ ދުވަހެވެ. ޕޯޗްގީޒުންގެ އިސްތިޢުމާރީ އަޅުވެރިކަމުގައި ފަނަރަ އަހަރާއި ދެމަސް ދުވަހު ރާއްޖެ އޮތެވެ. އެއީ ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ. އޭރު ރާއްޖެއޮތީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައެވެ. ޕޯޗްގީޒުންގެ ކަންތައްތައް ރާވައި ހިންގުމުގެ މުގުލުގައި ހުރި އިސްމީހަކީ ވިޔަޒޯރެވެ. އޭނާ ހުރީ ހއ. ބާރަށުގައެވެ. ރާއްޖޭގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިވެރިކަން ހިންގުމަށް ވެރިރަށް މާލޭގައި ހުރީ އަނދިރިއަނދިންނެވެ. ރާއްޖޭގައި ޕޯޗްގީޒުންގެ ބާރު ހިންގައި، ނަޞާރާދީން ފެތުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ވަޅުޖެހި ފުން އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓިގެން ދިއުމެވެ. މިހިސާބަށް ކަންތައް ދިއުމުން ހއ. އުތީމު ކަޅުޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިންބެއިން ފެއްޓެވި ޖިހާދަކީ ރާއްޖޭގެ މިނިވަންކަމަށްޓައި ކުރައްވާފައިވާ ލާމަސީލު ޖިހާދެކެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށްޓަކައި މަސައްކަތްކުރާ ބަޔަކު އަބަދުވެސް ހިތްވަރު ހޯދާނެ އަގުހުރި ފިލާވަޅުތަކެކެވެ. ޢަލީ ތަކުރުފާނާއި މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނުގެ އިސްނެންގެވުމަށް ދިވެހިރައްޔިތުން ސިއްރާއި ފާޅުގައި ކުރި ތާާޢީދާއި ވެދިން އެހީތެރިކަން ފާހަގަކުރަންޖެހެއެވެ. ޖިހާދުގެ ތެރޭގައި ދުޝްމަނުންގެ އަނިޔާވެރިކަމުގައި ހައްޔަރުވެ ޢަލީ ތަކުރުފާނު ޝަހީދުވީއެވެ. އާދެ! އުތީމު މުޖާހިދުންގެ ތެރެއިން އެއްބޭފުޅެއްގެ ނަންފުޅު ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވާ ޝަހީދުވެވަޑައިގެން ޝަހީދުންގެ ލިސްޓަށް އެރީއެވެ. އެހާދިސާއަކީ މުޖާހިދުންގެ ހިތްވަރުއެލިގެންދިޔަ ހާދިސާއަކަށް ވުމުގެ ބަދަލުގައި އެހާދިސާ ވެގެން ގޮސްފައިވަނީ އެބޭފުޅުންނަށް ލިބިވަޑައިގެން އިތުރު ޖޯޝަކާއި ހިތްވަރަކަށެވެ. މިއަދު ރާއްޖޭގެ މިނިވަންކަމާއި އިސްޠިޤުލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢު ކުރުމުގެ ހިތްވަރުގެ ކަމަރު ބަނދެގެން ކުރީ ސަފަށް ނިކުމެތިބި ބަޔަކީ މި ޤައުމުގެ ސިފައިންނެވެ. 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި އެ ލަޝްކަރުގެ ތެރެއިން 8 ބޭކަލަކު ޝަހީދުވެފައިވެއެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ ހިތްވަރާއި ފަންވަރަށް އެއްވެސް ގުޑުމެއް އަރުވާލެވިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ސިފައިން ތިބީ ސާބިތުވެ ވަރުގަދަ އަޒުމެއްގައެވެ. ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އުކާލުމުން ފާހަގަކުރެވޭ އެއްކަމަކީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރަން ދިމާވި ކޮންމެ ފަހަރަކު އަދި ޤައުމުގެ މަސްލަހަތު ގެއްލި އަޅުގަނޑުމެންގެ ޢަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވުނު ކޮންމެ ފަހަރަކު އެހެން ދިމާވެފައިވަނީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ޚިޔާނާތްތެރިންތަކެއްގެ ސަބަބުންކަމެވެ. އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔަކު އެމީހުންގެ އަމިއްލަ އެނދުންތަކެއް ހާސިލުކުރުމަށްޓަކައި ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. ޤައުމީ މަސްލަހަތުގެ ކުރިއަށް އަމިއްލަ އެދުން އިސްކޮށް ބޭރުގެ ފަރާތްތަކުން މަދަދާއި އެހީތެރިކަން ހޯދާ ޤައުމަށް ގައްދާރުވުމުގެ ސަބަބުންނެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ތެރެއަށް ރާއްޖެ ދިޔައީ އައްސުލުޠާނު ޙަސަން 9 ( ނުވަވަނަ ޙަސަން ރަސްގެފާނު) ރާއްޖެ ދޫކުރައްވާ ގޯވާއަށް ވަޑައިގެން ނަޞާރާދީން ގަބޫލުކުރައްވާ ޕޯޗްގީޒުންގެ އެހީތެރިކަމުގައި އޭނާގެ ފުރިހަމަ ބާރުގެދަށަށް ރާއްޖެ ގެންދަވަން ފެއްޓެވި މަސައްކަތުގެ ތެރެއިންނެވެ. އެކިފަހަރުމަތިން ދުއްތުރާކުރުމަށްފަހު، އައްސުލްޠާނު ޢަލީ ( ހަވަނަ ) ގެ ރަސްކަމުގައި ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރިއެވެ. އެފަހަރު ޢަލީ ރަސްގެފާނު ފިސާރި ހިތްވަރާއެކުގައި ލަޝްކަރު ނެރުއްވައި ހަނގުރާމާ ކުރެއްވިއެވެ. ނަމަވެސް މި ހަނގުރާމައިގައި ދިވެހިން ބަލިވެ މިނިވަންކަން ގެއްލިގެން ދިޔައީ ދިވެހިންގެ ބަޔަކުމީހުން، އެމީހުން އަދާކުރަންޖެހޭ ޤައުމީ ވާޖިބަށް ފުރަގަަސްދީ ދޮގު ވާހަކަތައް ފެތުރުމުން ކަމަށް ތާރީޚުން ފެންނާން އެބައޮތެވެ. ހޮޅީން ރާއްޖެއައިސް މާލެއަރާ ގަނޑުވަރު ލޫޓުވައި، ރާއްޖޭގެ މައްޗަށް ވެރިވެގަތީވެސް ދެ ދިވެއްސަކު ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. 13 ޞަފަރު 1166 ގައި ހިނގި މިހާދިސާގައި ޤައުމަށް ޚިޔާނާތްތެރިވީ ޙަސަން ތާޖުއްދީނުގެ ދެބޭފުޅުން ކަމަށްވާ އަލްޤާޟީ މުޙަންމަދު ޝަމުސުއްދީނާއި އަލްޚަތީބު އަޙުމަދު މުޙްޔިއްދީނެވެ. ހަތަރު މަހަށްވުރެ ކުރު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންނަށް މިނިވަންކަން އަނބުރާ ހޯއްދަވައި ދެއްވި ބަޠަލަކީ ދޮންބަންޑާރައިންނެވެ. 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅައިންގެ ގްރޫޕެއް ރާއްޖެ ގެނެސް 18 ގަޑިއިރުވަންދަން ބިރުވެރި ޙަރަކާތްތަކެއް ހިންގައި އެތައްބަޔަކު މަރާހެދީވެސް ހަމަ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެންނެވެ. އެފަހަރު މި ޤައުމުގެ ކަރާމާތްތެރި ފަސްގަނޑުގެ ދިފާާޢުގައި އަދި އިސްލާމް ދީނުގެ ޙައްޤުގައި ތެދުވީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެދުވަހުކުރި މަތިވެރި ޖިހާދުގެ ހަނދާންތަކާއި ދީނާއި ޤައުމަށްޓަކައި ޝަހީދުވެދިޔަ އަބުޠާލުންގެ ޛިކުރާ އާކޮށް އެމާތް މަރުޙޫމުގެ ފުރާނަ ތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ. އެ ޝަހީދުންނަކީ ޤައުމާއި ދީން އެ ބޭފުޅުންގެ ފުރާނައިގެ ކުރިއަށް އިސްކުރި ބޭފުޅުންނެވެ. ޤައުމުގެ ޚިޔާނާތްތެރިންނާއި ބަޣާވާތްތެރިންނަށް ފުރުސަތު ނުދެއްވާ ޤައުމާއި ދީނަށްޓަކައި ޤުރުބާންވެ ވަޑައިގެން ހިތްވަރުގަދަ މުޖާހިދުންނެވެ.

އަމިއްލަ އެދުމުން ފޯވެގެން އަޅުގަނޑުމެންގެ ތެރޭގައިތިބޭ ޚިޔާނާތްތެރިން ދިވެހި ސިފައިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިސްލާމްދީނާއި ރާއްޖެ ދިފާޢު ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ދިވެހި ސިފައިން ދެމިތިބޭހާ ދުވަހު ޤައުމުގެ ދުޝްމަނުންނާއި ބަޣާވާތްތެރިން ހުއްޓާލާނެ މަސައްކަތެއްނޫނެވެ. 1892 ވަނަ އަހަރު ސިފައިން އުފެދިގެން ފުރަތަމަ ބޭއްވި މަގުމަތީ ހިނގާލުމަށް ބަޔަކު އަލިފާނުން ހަމަލާދިނެވެ. އެ ހަމަލާގައި އޭރު ސިފައިންގޭގައި ތިއްބެވި 8 ބޭކަލުންގެ ތެރެއިން އެއްބޭކަލަކު ޝަހީދުވިއެވެ.

އެއީ މީލާދީ ސަނަތުން 1892 ވަނަ އަހަރެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާނު އިބްރާހިމް ނޫރައްދީނު ސިރީ ބަރިކުސަ ލޯކަ މަހާރަދުންނެވެ. އެއަހަރު ކީތިރި މަހާރަދުން ހިތްޗަށް ވަޑައިގަންނަވާއިރު ސިފައިން ދާނެ ވާހަކަ ރަށުތެރެއަށްވަނީ ފެތުރިފައެވެ. " ސިފައިން " މި ނަމަކީ އޭރު ދިވެހިންގެ ކަންފަތްތަކަށް ރައްޓެހި ނަމެއްނޫނެވެ. ސިފައިން ތިބޭނީ ހަގުބޭކަލުންނަށްވުރެވެސް ރަދުުންނާ އަރިހުގައި ކަމާއި ސިފައިން އަތުގައި ބަޑިހުންނާނެ ކަމާއި ސިފައިން ތިބޭނީ ކޯޓުފަޓުލޫނުގައިކަމަށް ރަށުތެރޭގައި ކިޔެމުންދިޔައެވެ. ސިފައިންނަަކީ އެބައިމީހުންގެ ވެރިމީހާ ކުރި ކޮންމެ އަމުރަކަަށް ފަސްޖެހުމެއް ބިރުގަތުމެއްނެތި ކިޔަމަންތެރިވެ ބޯލަބާނެ ބައެއްކަމަށް އަޑު ފެތުރިފައިވެއެވެ. މިއަޑުތައް ފެތުރެމުން ދިޔައިރު ސިފައިންނާމެދު ޙަސަދަވެރިވާ ތާޒީ ތައްޞަބުން ފުރިފައިވާ ބަޔަކު ސިފައިންނަށް ހަމަލާއެއް ދިނުމަށް ހިތިވިލޭރެއަށް ދިިޔައީ ތައްޔާރުވަމުންނެވެ. އަތުއޮނުގަނޑަކުން އަލިފާން ކަނި ސިފައިންގެ ގަޔަށް ބުރުވި އިރުގައިވެސް އަޒުމާއެކު ހިނގަމުންދިޔަ ހިނގުމަކަށް ބަދަލެއް ނުގެނެއެވެ. މިހިނގާލުން ނިންމާލުމަށްފަހު އާގަނޑުވަރަށް ގޮސް ބެލިއިރު އެކި މީހުން އެކިވަރަށްވަނީ ފިހިފައެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު ރޯނުގޭ އިބްރާހިމް ދީދީ ފަރުވާ ދެވެމުންދަނިކޮށްވަނީ ޝަހީދުވެފައެވެ.

ސިފައިންގެ ތަސައްވުރު ކިލަނބުކޮަށްލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ސިފައިންގެ ޚިދުމަތުގެ އަގު ރައްޔިތުންގެ ކުރިމަތީގައި އެއްދުވަހުން އަނެއްދުވަހަށްދަނީ އުފުލެމުންނެވެ. ޤައުމީ ދިފާޢީ ބާރުގެ ސަފުތައް ދަނީ ޤާބިލު ޒުވާނުންގެ ސަބަބުން އިތުރުވަމުންނެވެ. ތަރައްޤީގެ އަރުތަތައް ދަނީ ޙާސިލުކުރަމުންނެވެ. ތަޢުލީމީ ގޮތުން ހޭލުންތެރި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ޚިދުމަތްކުރާް ޤާބިލު މުއައްސަސާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރު ބަދަލުވެގެންވަނީ ގޮސްފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި ސިފައިންގެ ތަސައްވުރު އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދަނީ ސިފައިންގެ ޚިދުމަތަކީ ޤައުމަށް ކިހާ މުހިންމު ޚިދުމަތެއްކަން ރައްޔިތުން މިއަދު ޤަބޫލުކުރާތީއެވެ. ޤައުމާއި ދީނަށްޓަކައި ޤުރުބާންވުމުގެ ޢަޒުމުގައި ސިފައިންގެ ލަޝްކަރާ ގުޅޭނެ ތަޢުލީމީ ޤާބިލު ޒުވާނުން ފަސްޖެހުނު ދުވަސްތައް މާޒީއާ އެކުވެގެންވަނީ ގޮސްފައެވެ. ސިފައިންނަކީީ ދިވެހިރާއްޖެ އޮތްހާ ދުވަހަކު ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލް ހިމާޔަތްކުރަން އޮންނާނެ އަސްކަރީ ބާރެކެވެ. ސިފައިން ހޯދާފައިވާ ކޮންމެ ކުރިއެރުމެއް އަދި ކޮންމެ ތަރައްޤީ އެއްގައި އެކުލެވިގެންވަނީ ސިފައިންގެ ހުނަރުވެރިކަމާއި ސިފައިންގެ ހުޝިޔާރުކަމެވެ.

ރާއްޖެއަށް އަންނަމުންދާ އަވަސް ތަރައްޤީ އާއި ބަދަލުތަކުގެ ތެރޭގައި ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. ސިފައިން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ ގުޅިފައިވާ އަސްކަރީ ބާރުތައް ނިސްބަތްވަނީ ދިވެހި ސިފައިންނަށެވެ. ނުވަތަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) އަށެވެ. ސިފައިންގެ މަޤުޞަދު ތަކުގެ ތެރޭގައި މައިގަނޑު ހަތަރުކަމެއް ފާހަގަ ކުރެވެއެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤުލާލް އަދި ސިޔާދަތު ޙިމާތްކޮށް ދިފާޢު ކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުމާއި، ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމެވެ. މިކަންތައްތަކަކީ އެއް ޖުމުލައަކުން ދެންނެވުނު ނަމަވެސް ވަރަށް ބޮޑެތި އަދި ޚަރަދުބޮޑު ވާޖިބުތަކަކާއި މަސްޢޫލިއްޔަތުތަކެއް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ގޮތާއި ވަޞީލަތްތައް ހުރިގޮތުން ދުޝްމަނުންގެ ދުއްތުރާތަކާ ކުރިމަތި ލުމުގައި ކޮންމެފަދަ ދަތިތަކެއް ހުރިނަމަވެސް މާޒީގައިވެސް ސިފައިން ދައްކައިދީފައިވަނީ އެމީހުންގެ ހިތްވަރާއި އަޒުމަކީ ގުޑުމެއް އަރުވާލެވޭނެ އެއްޗެއް ނޫންކަމުގައެވެ.

23 ޑިސެމްބަރ 1909 ގައި ވެލާނާގޭ މުޙަންމަދު ދީދީ ރާއްޖޭގެ ވެރިކަން ހޯދުމަށް ޕާކިސްތާނުން ކުލީ ސިފައިންގެ ބަޔަކު ގެނައެވެ. މި މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައަކީ ދިވެހި ސިފައިން އުފެދުމަށްފަހު ޤައުމުގެ މިނިވަންކާއި އިސްތިޤުލާލުގެ ދިފާާޢުގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. ރާއްޖޭގެ އުތުރުން ފެށިގެން މާލެ ހިފަން ހަތިޔާރާއެކު ބަޔަކު އަންނަކަން އެގުމުން ދައުލަތުން އެމީހުންނާ ދެކޮޅަށް ހަނގުރާމައިގެ ލަޝްކަރެއް އެކުލަވާލިއެވެ. އެލަޝްކަަރައިގެން ދުޝްމަނުންނާ ދެކޮޅަށް ނިކުންނެވީ ދިވެހި ސިފައިންގެ ފުރަތަމަ ކޮމާންޑަރ، މަޝްހޫރު މީރުބަހުރު އިސްމާއީލް ދީދީއެވެ. ނުވަތަ ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. ފިސާރި ރޭވުންތެރިކަމާއި ހަނގުރާމައިގެ ޒަމާނީ އުކުޅުތައް ބޭނުން ކުރައްވާ ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯއްދެވިއެވެ. އެހަނގުރާމައިގައިވެސް ދިވެހި ސިފައިން ނަޞްރާއި ފަތަޙަ ހޯދިއެވެ. ދުޝްމަނުންނާ ހަނގުރާމައަށް ނިކުން ހިތްވަރުގަދަ ކެރޭ ދިވެހިދަރިން އެދުވަހުވެސް ދުޝްމަނުންނާ ކުރިމަތިލީ ސާބިތުކަމާއެކު ނުގުޑާފަދަ އަޒުމެއްގައެވެ. ސިފަވަންތަ ގޮތެއްގައި މޭކުރިއަށް ނެރެލާފައި ބަނޑު ހިންދާލާފައި އިސް އުފުލާލައި، ކުރިއަށާއި ފަހަތަށް ބާރުބާރަށް އަތް ހޫރަމުންނެވެ. އިސްނަގާ ކުރިއަށް ދާނީ ސިފައިންނޭ އެދުވަހުވެސް ދިވެހި ސިފައިން ސާބިތުކޮށްދިނެވެ. ދިވެހިފަސްގަނޑާއި ދީނާއި ޤައުމަށްޓަކައި ރޫޙާނީބާރުން ޤައުމީ ޚިދުމަތުގައި ޖިހާދަށް އެދުވަހުވެސް ސިފައިން ކުރިމަތިލާފައިވަނީ ނަޞްރު ނުވަތަ ޝަހީދުވެ ދިއުމުގެ ވަރުގަދަ އަޒުމުގައެވެ. އޭރުވެސް މިހާރުވެސް ދިވެހި ސިފައިން ގެންދަނީ އެމީހުންނާ ޙަވާލުވެފައިވާ ޤައުމީ މަސްޢޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރަމުންނެވެ.

ދިވެހި ސިފައިންނާ ދިވެހިރައްޔިތުން މަތިކޮށްފައިވާ މަސްޢޫލިއްޔަތު ތަކާއެކު ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ހޭދަތަކެއް ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތް ދިފާޢުކޮށް ހިމާޔަތްކުރުމުގެ އިސް ސަފުގައި ތިބެނީ ސިފައިންނެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާއި ޤައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސްޢޫލިއްޔަތުވެސް ރައްޔިތުން ޙަވާލުކޮށްފައިވަނީ ސިފައިންނާއެވެ. އަޅުގަނޑުމެންނާ ހަމައަށް ކާބަފައިން ފޯރުކޮށްދީފައިވާ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމަކީ ސިފައިން އަދާކުރަމުންދާ ޤައުމީ ވާޖިބެވެ. ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމި އޮތުމަށް އޮތް ދިފާޢީ ބާރަކީ ދިވެހި ސިފައިންނެވެ. އިސްލާމްދީނާއި ރާއްޖެ ދިފާޢު ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދެމިތިބެގެން ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތިބުމަކީ ކުޑަ ކަމެއްނޫނެވެ. އެކަމުގެ އުޖޫރައަކީ ފައިސާއިން ދެވޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމުގެ ރައްޔިތުން، އެ ޤައުމެއްގެ ދިފާޢީބާރަށް ފަޚުރުވެރިވަނީ މިދެންނެވި ޙަޤީޤަތުގެ މައްޗަށް ބުރެވެއެވެ. ސިފައިންގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރެވޭ ހޭދަތައް ބިނާވެފައިވަނީ ސިފައިންނާ ރައްޔިތުން ޙަވާލުކޮށްފައިވާ އެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުގެ ބޮޑު ކުޑަކަމުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ސިޔާސީ ސަަރަޙައްދާއި ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ވާޖިބު އަދާކުރުމަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަައާއި މުދާ ސަލާމަތް ކުރުމުގައި އިސްވެ ޙަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ. މިފަދަ ގިނަ ނުރައްކާތެރި ހާދިސާތައް ހިނގަނީ ކަނޑުމަތީގައި ، މޫސުމްވެސް ގޯސް ދުވަސްވަރަށް ވުމަކީ ކުރަންޖެހޭ ހޭދަ އިތުރުވެ، އުފުލަންޖެހޭ ބުރަ ބޮޑުވެގެންދާ ކަމެކެވެ. އަދި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކޮށްދިނުމުގައި ޙަރަކާތްތެރިވާ މީހުންނަށް މިފަދަ ވަގުތުތަކުގައި ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ކަނޑުމަތީގައި ހިނގާ ނުކައްކާތެރި ހާދިސާތަކުގައި އެެމްއެންޑީއެފްގެ ކޯސްޓްގާރޑުގެ ޚިދުމަތްތެރި ސިފައިން އެތައް ޤުރުުބާނީއެއް ވަމުންދެއެވެ. ކަނޑުމަގުންނާއި ވައިގެމަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ސިފައިންދޭ ޤައުމީ ޚިދުމަތް އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޤައުމަށްޓަކައި ދަނީ ފޯރުކޮށްދެމުންނެވެ. ކޯސްޓްގަރޑްގެ ޚިދުމަތް އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ރާއްޖޭގެ އެކި ކަންކޮޅުގައި ކޯސްޓްގާރޑުން ސްޓޭޝަންތައް މިއަދުދަނީ ޤާއިމު ކުރަމުންނެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުން ވީހާވެސް އަވަހަކަށް އެހީތެރިކަން ދިނުމަށާއި ރާއްޖޭގެ ސިޔާސީ އަދި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބޮޑެތި އަރުތަތަކެއްވަނީ ޙާސިލުކޮށްފައެވެ. އަދި ދަނީ ހާސިލު ކުރަމުންވެސް މެއެވެ. ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގައި އެއްވެސް ޖެހިލުމެއްނެތި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހި ސިފައިން ކުރާ ޚިދުމަތަށް ދިވެހިރައްޔިތުން ފަޚުރުވެރިވެއެވެ. މިއީ ސިފައިންގެ ޚިދުމަތަށް ބަލާއިރު އެންމެ ބޮޅެކެވެ. މިފަދަ އެތައް ބޮޅުތަކެއް ޤައުމީ ދިފާއީ ބާރާ ލޭމެހިފައިވެއެވެ.

އަލިފާން ނިއްވުމުގެ ޚިދުމަތްދީ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމުގައި ސިފައިން އަދާކުރަމުންދާ ދައުރަކީވެސް ކޮންމެހެންވެސް ފާހަަގަ ކޮށްލަންޖެހޭ މުހިންމު ޤައުމީ ވާޖިބެކެވެ. އެމްެއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ސިފައިންނަކީ އަލިފާނުގެ ހާދިސާތަކުން ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގެން ތިބޭ ހިތްވަރުގަދަ ބައެކެވެ. އަލިފާން ރޯވުމުން އެއަލިފާން ނިއްވުމަށް ނިކުތުމުގެ ބަދަލުގައި ރައްޔިތުން އަލިފާނާމެދު ހޭލުންތެރިކުރުވައި، ދުރާލާ ރައްކާތެރިވެ ތިބުމަށް ފިޔަވަޅު އެޅުމުގައި ސިފައިން ކުރަމުންދާ މަސައްކަތްތަކާއި އެކަމުގެ އެދެވޭ ނަތީޖާ ފާހަގަކުރަންޖެހެއެވެ. އަލިފާން ނިއްވުމުގެ ޚިދުމަތާއި ރައްޔިތުން އަލިފާނާމެދު ހޭލުންތެރި ކުރުން މުޅި ރާއްޖެއަށް ދުރުމި އެޅިގެން ފުޅާކުރެވެމުންދާ ދިއުމަކީ އެކަމުގެ މަންފާ ރައްޔިތުންނަށް ކުރާ ކަމެކެވެ. ރައްޔިތުންނަށް ސިފައިންދޭ އަގުހުރި ޚިދުމަތްތައް ސިފައިން ދެމުންދަނީ ހަރުދަނާ ރޭވުންތެރިކަމެއްގެ ތެރެއިން ހުރިހާ ސިފައިންގެ އެއްބާރުލުމާއި އެހީތެރިކަން އޮވެގެންނެވެ. ސިފައިންގެ ކޮންމެ މީހަކީ ޤައުމީ ދިފާޢީ އައްޑަނައެކެވެ. އިދާރީގޮތުން ޔުނިޓްތަކަކަށް ބެހިފައިވިޔަސް ހުރިހާ ސިފައިންގެވެސް އަޒުމަކީ އެއް އަޒުމެކެވެ. ދުނިޔޭގެ އެހެންގިނަ ޤައުމުތަކާ ޚިލާފަށް ދިވެހި ސިފައިން ފެންނަނީ ރައްޔިތުންނަށް ތަފާތު ގިނަ އަގުހުރި ޚިދުމަތްތަކެއް ދެމުން ޤައުމީ ދިފާޢީ އައްޑަނަ ތަކެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ދާތީއެވެ.

ސިފައިންގެ ޚިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުންވެސް ހިމެނެއެވެެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާބެހޭ ސިޔާސަތުތައް އެކަށައަޅައި ސަރުކާރަށް ލަފާދީ އަމަލީގޮތުން މަސައްކަތްކުރަނީވެސް ސިފައިންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތް ކުރުމަަށާއި އަދި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު ހޯދައި އެއްކޮށް ދިރާސާކޮށް އެކަންކަމާބެހޭ ގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީވެސް ސިފައިންނެވެ. ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމާތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައި ދިނުމަށްޓަކައި ބައިނަލްއަޤުވާމީ ނުވަތަ ޤައުމީ ނުވަތަ ރަސްމީ އިޙްތިފާލްތަކުގައި ސިފަވަންތަ ހެވިކަމުގެ ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތްތައް ތަމްސީލުކުރަނީވެސް ސިފައިންނެވެ. ސިފައިންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާނެ އާލާތްތަކާއި ވަސީލަތްތައް ހޯދައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތަކަށް ރައްކާކުރުމަކީވެސް ސިފައިން ކުރަންޖެހޭ ކަމެކެވެ. ސިފައިންގެ ޚިދުމަތް އޭގެ އެންމެ އެކަށީގެންވާ ގޮތުގައި އެންމެ އެކަށީގެންވާ ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ދިރާސާ ކުރުމާއި، އެދިރާސާ ތަކުގެ އަލީގައި ކުރިމަގަށް ރާވާ އަމާޒުކޮށް ޚިދުމަތް ރާވައިގެން ދަނީ ފަރުމާ ކުރަމުންނެވެ. ސިފައިންނަކީ ޢިލުމާއިހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމާއި އަދި މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށްތިބޭ ތެދުވެރި ވަފާތެރި ބަޔަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ދެވޭ ތަޢުލީމާއި ތަމްރީނެވެ. ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަަނަކީ ސިފަވަންތަ ޤާބިލު ހުނަރުވެރި ޒިންމާދާރު ސިފައިން އުފައްދާ ސިފަވަންތަކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިފައިންގެ މަރުކަޒެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮަށްފައިވާ ފަދައިން ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތާބެހޭ ކަންތައްތަކުގެ ތެރެއިން ސިފައިންނާ ޙަވާލުވެވޭ ކޮންމެ ކަމެއް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިމަތިލަމުން ދަނީ ސިފައިންނަށް ދެވޭ ތަމްރީނުތަކުގެ ސަބަބުންނެވެ.

ދިވެހިރައްޔިތުންގެ ޖިސްމާ ފުރާނައަކީ ދިވެހި ސިފައިންގެ ކުރިމަތީގައި ވަރަށް އަގުބޮޑު އެއްޗެއްކަން ސިފައިންގެ ޚިދުމަތުން ސާބިތުކޮށްދެއެވެ. ސިފައިންގެ ޖިސްމާއި ފުރާނަައަށް ނުރައްކާވިޔަސް އެމީހުންނަށްޓަކައި ޤުރުބާންވުމަށް ދިވެހި ސިފައިން ތިބީ ތައްޔާރަށެވެ. ދީނާއި ޤައުމަށްޓަކައި ޖިހާދުކުރުމުގެ އެންމެ ކުރީ ސަފުގައި ސިފައިން ތިބީ ހަރުދަނާ ކޯޑްއޮފް އެތިކްސް އެއް ޤަބޫލުކޮށްގެންނެވެ. ޤައުމީ ބަޠަލުން ދައްކަވާފައިވާ އިބުރަތްތެރި ފިލާވަޅުތަކުން ދިވެހި ސިފައިންދަނީ ފިލާވަޅު ލިބިގަންނަމުންނެވެ. ހިންމަތާއި ހިތްވަރާއި ކާމިޔާބު ހޯދުމުގެ ޖޯޝް ސިފައިންގެ ނާރުތަކުގައި ދައުރުކުރެއެވެ. ދިވެހި ފަސްގަނޑާއި ދީނަށްޓަކައި ޤުރުބާންވުމަށް އަބަދުވެސް ސިފައިން ތިބެނީ ނުގުޑާ ފަދަ އަޒުމެއްގައެވެ. ޤައުމީ ޚިދުމަތް އެއްގަމާއި ކަނޑާއި ވައިގެ ޚިދުމަތުން ފުރާލަދިނުމަށް ދިވެހި ސިފައިން ތިބީ އަތުކުރި އޮޅާލައިގެންނެވެ. މިލޮބުވެތި ވަޠަނަކީ އަމިއްލަ ވެރިކަމެއްކުރާ، ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށްއޮތް ޖީލުތަކަށް ވާޞިލުކޮށް ދިނުމަށާއި ދިވެހިރާއްޖެއަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖޭގެ ދިފާޢީބާރުން ކުރަމުންދާ ޖިހާދަށް އަބަދުވެސް ކާމިޔާބާއި ނަޞްރު ދެއްވާށިއެވެ.

No comments: