Saturday, May 24, 2008

މާފަރު ކުޑަޙުސޭނުބޭ މަރުވީ އޭނާ އަމިއްލައަށް ހެދި މަސްވެރި ފަންޑިތައެއްގެ ސަބަބުން؟


ނ. މާފަރު މިރިހިމާގޭ އިބްރާހިމް ޙުސައިން


ލިޔުނީ: ޢަބްދުﷲ ސަޢީދު

ފަންޑިތަ އާއި ސިހުރު ހާހޫރަ އާއި ގުޅޭ ހާދިސާތައް ކަމަށްބުނާ ވަރަށް ގިނަ ހާދިސާތައް ހުރެއެވެ. މިފަދަ ގިނަ ހާދިސާތަކާއި ވާހަކަތަކަކީ އެކިއެކި މީސްމީހުންގެ ތުންތުންމަތިން ނަގުލުވެފައިވާ ވާހަކަތަކެކެވެ. އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ސުވާލު އުފެދޭ ވާހަކަ ތަކެކެވެ. މިކަހަލަ ގިނަ ވާހަކަތައް ލިޔަން ޖެހެނީ ކޮންމެ ވެސް މީހަކު ކިޔައދޭ ގޮތަށެވެ. މިފަހަރު މިލިޔާ ވާހަކައަކީވެސް ތަފާތު ވާހަކައެކެވެ. މަސްވެރިކަމަށް ހެދި ފަންޑިތައެއްގެ ސަބަބުން ފަންޑިތަ ހެދި މީހާ މަރުވެދިޔަ ގޮތުގެ ވާހަކައެކެވެ. މި ވާހަކަ ކިޔައިދީފައިވަނީ މަރުވި މީހާގެ ދަރިއެކެވެ. ނ. މާފަރު މިރިހިމާގޭ އިބްރާހިމް ޙުސައިން އަށް ފެނުނީ އޭނާގެ ބައްޕަ މަރުވެގެން ވެއްޓުނު މަންޒަރު އެކަންޏެއް ނޫނެވެ. އޭނާގެ ބައްޕަ މަރުވަން ދިމާވި ސަބަބު ކަމަށް އިބްރާހިމް ބުނާ ފަންޑިޔަ އޭނާގެ ބައްޕަ ހަދާފައިވަނީ އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަން ލިބިގެން ކަމަށް އޭނާ ބުނެއެވެ. އެކަން އިބްރާހިމް ފިޔަވާ އެހެން އެއްވެސް މީހަކަށް އެނގޭ ބާވައެވެ.

ދުވަސްވަރަކީ ދިވެހިންގެ ދިރިއުޅުން ކަނޑު ރޯއްޖަށް ބަރޯސާވެފައިވާ ދުވަސްވަރެވެ. އެދުވަސް ވަރަކީ މަސްވެރިކަން ފިޔަވާ އިތުރު މާގިނަ މަސައްކަތްތަކެއް ކައިގެން ބޮއިގެން އުޅުމަށް ދިވެހިން ކުރި ދުވަސްވަރެއް ނޫންކަމުގައި އިބްރާހިމް ބުންޏެވެ. މަސްވެރިކަން ފިޔަވާ ދެން ކުރެވޭ މަސައްކަތްތަކަކީ މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކެވެ. ބާނާ މަސްކައްކާ، ހިތްކުމާއި ރިހާކުރު ހެދުމާއި އެމަސް ރާއްޖެއިން ބޭރަށް ގެންގޮސްގެން ވިއްކުމާއި މިހިރީ އެދުވަސްވަރު ދިރިއުޅުމަށް ކުރި މަސައްކަތްތަކެވެ. ހިކިމަސް ރާއްޖެއިން ބޭރަށް ގެންދާއިރު އެއާއިއެކު އެހެނިހެން އެއްޗެތިވެސް މަދުމަދުން ގެންދެއެވެ. ނަމަވެސް މައިގަނޑު ބާވަތަކީ ދިވެހި ހިކި ކަނޑުމަހެވެ.

ދިވެހިންގެ ދިރިއުޅުން ކަނޑުމަހަށް ބިނާވެފައިވާ އެދުވަސްވަރު މަސްވެރިންގެ މެދުގައި ވަކި ޚާއްޞަކޮށް ރަށްރަށުގެ މަސްދޯނި ފަހަރުގެ މެދުގައި އުފެދިފައިއޮތީ ވަރަށް ބޮޑޫ ވާދަވެރިކަމުގެ ރޫހެކެވެ. އެއްދޯނި އަނެއް ދޯންޏާއި ދެމެދުގައި އޮންނަ ވާދަވަރިކަމުގެ ހުރިހާވެސް ބަހެއް ރައްދުވާ މައިގަނޑު މީހަކީ ކޮންމެ ދޯންޏެއްގައިވެސް ހުންނަ މައިކެޔޮޅު މީހާއެވެ. ބައެއް ދޯނި ފަހަރު މަސްކަނޑަށް ނިކުމެ މަސްބާނާ ވަތްތައް ފުރާލައިގެން ދިދަ ޖަހައިގެން އަންނައިރު އަނެއްބައި ދޯނި ފަހަރުގެ މީހުންނަށް އެމަންޒަރު ބަލަން ތިބުމަކީ ހިތްހަމަޖެހޭ ވަރުގެ ކަމަކަށް ނުވެއެވެ. ދެން އެހިސާބުން ފެށެނީ ފަންޑިތަ ހެދުމާއި ވަލީވެރިންނަށް ނަދުރު ބުނުމާއި މަސްވެރިކަމަށް ރަނގަޅު ކުރުމަށް އަލުން ދޯނި ބޭލުމާއި ވަލީވެރިންގެ ޒިޔާރަތްތައް ހުންނަ ރަށްރަށަށް ދޯނި ބީއްސުންފަދަ ކަންތައްތަކެވެ. " ކޮންމެ ދޯންޏެއްގައިވެސް ހުންނާނެ ހަމަ ސީދާ އެކަމަށް ( ފަންޑިތަ ވެރިކަމަށް ) ޚާއްޞަ މީހެއް. އޭނާ ދޯނި ބާލާނީ. އޭނާއަށް އެކަމުގެ އުޖޫރައެއްގެ ގޮތުން މަސްލިބޭނެ. ކޮންމެ ދުވަހަކުވެސް ބާނާ އެންމެ ބޮޑު މަސް ފުރަތަމަވެސް ބައިމެދުން ނެގޭނީ ކަންވެރިޔާއަށް. މީގެ އިތުރުން އޮޑިދޯނި ފަހަރުގެ ކެޔޮޅުންވެސް ތިބޭ އެމީހަކު އަމިއްލައަށް ކަންވެރިކަން ކުރާ މީހުން. އެފަދަ މީހެއް އަޅުގަނޑުގެ ބައްޕައަކީ " އިބްރާހިމް މީގެ ފަންސާހަކަށް އަހަރުގެ ކުރީގެ ހަނދާންތައް އާކުރަމުން ބުންޏެވެ. އިބްރާހިމްގެ ބައްޕަ ކުޑަ ޙުސޭނުބެއަކީ މާފަރުގެ މަޝްހޫރު ކެޔޮޅެކެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެންވެސް މަސްވެރިކަމުގައި އުޅެމުން އައި ހީވާގި މީހެކެވެ. ބައްޕަ އާއިއެކު އިބްރާހިމް މަހަށް ދާންފެށިއިރު އޭނާއަކީ އުމުރުން ދިހަވަރަކަށް އަހަރުގެ ކުޑަކުއްޖެއް ކަމަށް އިބްރާހިމް ބުންޏެވެ.

" އެއް ރެއަކު ބައްޕަ ބުނެފި އަޅުގަނޑަށް ގޮވާލާފައި މޫދުން ރޯ ހިރިއެއް ގެނެސްދޭށޭ. އެހެން ބުނުމާއެކުވެސް އަޅުގަނޑަށް އެނގުނު ބައްޕަ އެއުޅެނީ ކީއް ކުރަންކަން. އެކަމަކު އޭރރަކު އެއްގޮތަކަށް ހިތަކަށް ނާރާ މިއީ ކިހާވަރެއްގެ ކަމެއްކަމެއް. ބައްޕަ އެހެން ބުނުމުން އަޅުގަނޑު އެރޭ މޫދަށް އެރިގެން ކުޑަކުޑަ ނޫހިރިއެއް ގެނައީ. ވަށްކޮށް ވަރަށް ރީތިކޮށް އޮތް ހިރިއެއް އެއީ. ހިރި ގެނެސް ބައްޕަގެ އަތަށް ދީފަ އަޅުގަނޑު ދިޔައީ. ފަތިހު މަހަށްދާން ގޮވާފަ ބައްޕަ އަޅުގަނޑުގެ އަތަށް އެ ( ހިރި ) ދިނީ. ދީފަ ބުނީ މިހިރި ހިފައިގެން ދޯންޏަށްދާށޭ. އޭރު ހިރި އޮތީ ހުދު ކަފުންފޮތި ކޮޅަކަށްލާފަ. ވަރަށް ރީތިކޮށް އައްސާލާފަ. އަޅުގަނޑަށް އެނގޭ އެރޭ ވަރަށް ދަންވަންދެން ބައްޕަ އުޅުނީ އެ ހިރި މެތުރުމުގެ މަސައްކަތުގައިކަން. އެފަދަ ކަންތައްތައް ބައްޕަ ކުރާނީ މީހުން ނިދާ ހަމަހިމޭން ވުމުން ވަރަށް ސިއްރުން. ބައްޕަ މަރުވިއިރު ދުވަސް ވެފައި ހުއްޓަސް ބައްޕައަކީ ގައިބާރު ދެރަ ބަލި މީހެއްނޫން " އިބްރާހިމް ވާހަކަ މެދުކަނޑާލިއެވެ.

އަޅުގަނޑު އެއްވެސް ސުވާލެއް ނުކޮށް އިނީމެވެ. އޭނަގެ މޫނުމަތިން ފާޅުވާ ކުލަވަރުތަކަށް ބަލާށެވެ. ސަމާސާ އާއި މަޖަލާއި ހުނުމަކީ އިބްރާހިމްގެ ކަށީގައި ހިފާފައިވާ ކަމެކޭ ކުރިން އަޅުގަނޑަށް އޮތީ ޤަބޫލުކުރެވިފައެވެ. އޭނާގެ މިޒާޖު ހުންނަލެއް ސަކަ ކަމުންނެވެ. ނަމަވެސް އޭނާގެ އިޙްސާސްތަކަށް އައި ކުއްލި ބަދަލު އޭނާގެ އަޑަށާއި މޫނުމަތީގެ ކުލަވަރަށްވެސް ވެރިވެގެން ދިޔައެވެ. އޭނާގެ ޙަޔާތުގައި ދިމާވި އެންމެ އަސަރުގަދަ ވާހަކަ ކިޔައިދިނުމަކީ މާ ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ބޭނުންވީ ވާހަކަ މިހިސާބުން ނިންމާލާށެވެ. އެކަމަކު ކުޑަ އިރުކޮޅަކަށްފަހު ވާހަކައިގެ ދެން އޮތްބައި ލަސްލަހުން ނަމަވެސް ކިޔައިދޭން ފެށިއެވެ.

" އަޅުގަނޑު ހިރި ގެންގޮސް އެއްސީ ކަނދޮޅު ގޮނޑީގަ. ހުރިހާ އެންމެން އަރާ ހަމަވުމުން ދޯނި ބައްޓާލައިފި. އެ ހިރި ގެނަޔަސް އެދުވަސްވެސް އާދައިގެ ދުވަހެއް ގޮތަށް އަޅުގަނޑުމެން އުޅުނީ. އެއީ އެހެން ނޫނަސް އެކިއެކި ދުވަސް ދުވަހު ބައްޕަ ހަދާ ފަންޑިތަތައް ބައްޕަ ބުނާ ގޮތަކަށް ގެނެސް އެއަށް އެކުރަންވާ ކަމެއް ބައްޕަ ކުރަންދެން އެއެއް ބަހައްޓާފައި ހުންނަނީ އަޅުގަނޑުގެ ހަވާލުގަ. އެދުވަހު އެންދަމަން ދިޔައީ ވާދޫ ބޭރަށް ( ވާދޫ އަކީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެކެވެ. އެރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ޅޮއްސެވެ. ) ވާދޫ ބޭރުން އެންދަމައިގެން މަސްކަނޑަށް ނުކުތީ. ހެޔޮ ވަރަކަށް ވައިޖެހޭ ދުވަހެއްއެއީ. މޫސުމްވެސް ވަރަށް ރީތި. އެދުވަސްވަރަކީ ރިޔަލުގައި މަސްވެރިކަން ކުރި ދުވަސްވަރު. މަސްކަނޑަށް ނުކުމެފަ ބައްޕަ ބުނެފި ދަރިފުޅާވޭ އެއްކަލަ އެތި ދޭށޭ. ދެން އަޅުގަނޑު ހިރި ގެނެސް ދިނުމުން ބައްޕަ އޭތި މޮހާލީ. އެއަށްފަހު އެކުރި ކަމެއް ކޮށްފައި ދޯނީގެ ރިޔާމަތިން ކަނޑަށް އެއްލީ. އޭރުވެސް މަސްއައިން ހޯދުމަށް އެކި މީސްމީހުން އެކި ދިމަދިމާލަށް ބަލަމުން ގެންދިޔައީ. ހިރި އެއްލިތާ އިރުކޮޅެއް ނުވެ ދޯނީގެ ސީދާ ކުރިމަތިން ދޫންޏެއް ފެނިއްޖެ. އެއަށްފަހު އިތުރު ދޫނިވެސް ފެންނަން ފަށައިފި. ދޫނި ފެންނަނީ ރޮއްޖެއްހެން ކަނޑަށް ތިރިކުރާތީ. އޭރު މާފަރުގެ މަލަ ކިރިޔާ ހެން ހީވަނީ. މަސް އައިނާ ކައިރިވެފަ ބައްޕަ ބުނި ކުދިންނޭ މިހިރީ މަހޭ. އައިނަށް ވަންނަންވީހޭ. ދޯނީގައި ތަން އޮތިއްޔާ ބޭނުން ވަރަކަށް މިއަދު މަސްބެވޭނެޔޭ. އެކަމަކު ހިޔެއް ނުވެޔޭ އަހަރެން ސަލާމަތްވާނެ ހެންނެއް. ބައްޕަ އެހެން ބުންޏަސް އެކަކަށްވެސް ބައްޕަ އެބުނަނީ ކީކޭ ކަމެއް އޭރަކު ވިސްނައެއް ނުގަނެވުނު. އޮޑިދޮށުން ފުމެއަރާ ދަހި މަސްއައިނަށް އަވަހަށް ވަނުމަށް ފަޅުވެރިން ގޮވަން ފެށި. އެދިޔަ ގޮތަށްގޮސް އައިނަށް އަރައިފި. ބައްޕަ ހުރީ ފުރަތަމަ ހުންގާނުގަ. ދޮށިވެސް އެޅި. އެއަށްފަހު އިނީ ފެންލާން ފިލާގަނޑުގަ. މަސްދަހިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. އެންމެ ކުރު ދޮށީގައި މަސްބާނަމުން އައީ އިސްހިތަކު ދޯނި ފުރިއްޖެ. އޭރުވެސް އައިނުގެ ދަހިކަމަކަށް ބަދަލެއްނާދެ. ބާނާނެ ވަރަކަށް މަސްބާނަން ހުރި. މަސް ބާނަށް ތިއްބާ ފެނުނީ ބައްޕަ ފިލާގަނޑު މައްޗަށް ވެއްޓުނުތަން. ބައްޕަ މަރުވެގެން ވެއްޓުނީ އަޅުގަނޑުގެ ކުރީމަތީގަ " އިބްރާހިމް އޭނާގެ ޙަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ ފުރަތަމަ ފަހަރަށް ނޫހެއްގައި ޖެހުމަށް ކިޔައިދެމުން ބުންޏެވެ.

" ބައްޕަ އެ ފަންޑިތަ ހެދީ ފަހަރެއްގައި މީހަކު ބުނި ދެރަ ބަހަކަށް ކަމަށްވެސް ވެދާނެ. އޭރަކީ މަސްވެރިކަމުގައި ވަރަށް ވާދަވެރި ދުވަސްވަރެއް. އެކަމަކު އެ ފަންޑިތަ އަކީ އެހާ ނުރައްކާތެރި ފަންޑިތައެއްކަން ކުރިން އެގުނުނަމަ އަޅުގަނޑު އެފަންޑިތަ ހެދިޔަކަ ނުދިނީމުސް. ބައްޕަ އަށް އެ ފަންޑިތަ ހެދުނީ އަޅުގަނޑު އެ ހިރި ގެނެސްދިނުމުން " އިބްރާހިމް ބުންޏެވެ.

އިބްރާހިމްގެ މި ވާހަކަ މާފަރުގެ ގިނަ މީހުންނެއް ޤަބޫލެއް ނުކުރެއެވެ. އެރަށުގެ މީހުން ޤަބޫލު ކުރާގޮތުގައި ކުޑަ ޙުސޭނުބޭ މަރުވުމާއި ފަންޑިތަވެރިކަމަކާ އެއްވެސް ގުޅުމެއްނުވެއެވެ. ނަމަވެސް ކުޑަ ޙުސޭނުބޭ މަރުވީ މަހަށްގޮސް އުޅެނިކޮށް ކުއްލި އަކަށެވެ. ކުޑަ ޙުސޭނުބޭ ވަޅުލާފައިވަނީ މާފަރާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވައްޓަރުގައެވެ.

ނޯޓް: މި ހާދިސާ ވަނީ އުދަރެސް މަޖައްލާގެ 187 ( 7 ޖުލައި 2004 ) ގައި ޝާއިޢު ކުރެވިފައެވެ.

No comments: