Friday, May 23, 2008

އދ. ދިއްދޫގައި މީހުން ވަޒަންވެރިވިގޮތް

ލިޔުނީ: ޢަބްދުﷲ ސަޢީދު



ދޮންތަކުރު ރުއްއެޅި ދީދިފިނޮޅު ( މިހާރުގެ ވައިޓްސޭންޑް ރިސޯޓް ) އާއި ދިއްދޫ އަދި ދިއްދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް

ދވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން ވަރަށް މަދުރަށެއްގައި ނޫނީ އެރަށްރަށުގައި މީހުން ވަޒަންވެރިވާންފެށުނުގޮތް އެނގޭކަށް ނެތެވެ. މިގޮތަށް އެނގޭންހުރި ބައެއް ރަށްރަށަކީ ވަރަށް ފަހުން މީހުން ވަޒަންވެރިވެފައިވާ ރަށްރަށެވެ. އެހެންގިނަ ރަށްރަށުގައި މިފަދަ ތާރީޚީ ހޯދުމެއް ހޯދަންބަލާއިރު ތާރީޚީ ގޮތުން އެފަދަ މަޢުލޫމާތެއް ފޯރުކޮށްދޭފަދަ އާސާރުތަކެއް ނެތެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި އެރަށްރަށުގެ މީހުން ވަޒަންވެރިވިގޮތް ކަމަށް ބުނެވޭ ތާރީޚީ ފޯކްލޯރުތައް އެބަހުއްޓެވެ. ތާރީޚީ ޢިލުމުވެރިންގެ މެދުގައި މަޤުބޫލު ތާރީޚީ ތަރިކައެއް ކަމަށް ބެލެވޭ ފޯކްލޯރު ނުވަތަ ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަތަކަކީ މުހިންމުކަން ކުޑައެއްޗެއް ނޫނެވެ. މިފަދަ އެއް ވާހަކައަކީ އދ. ދިއްދޫ ދޮންތަކުރުގެ ވާހަކައެވެ. ދޮންތަކުރުފާނުގެ ވާހަކައޭވެސް ކިޔައެވެ. ދޮންތަކުރުކާފަގެ ވާހަކައޭވެސް ކިޔައެވެ. އެކިނަންނަމުން ނަން ދެވިފައިވީ ނަމަވެސް އެއީ އެއް ވާހަކައެކެވެ. އެއީ އދ. ދިއްދޫގައި މީހުން ވަޒަންވެރިވި ގޮތުގެ ވާހަކައެވެ.

އދ. ދިއްދޫގައި މީހުން ވަޒަންވެރިވި ގޮތް ކަމަށް ބުނެވޭ ވާހަކައަކީ ވަރަށް ބޮޑަށް އެރަށުގެ ދުވަސްވީ މީހުން އިތުބާރުކުރާ ވާހަކައެކެވެ. މި ފޯކްލޯރާބެހޭ ގޮތުން ރަށުގެ ދުވަސްވީ މީޙުންގެ ވާހަކަތަކަށް ބިނާކޮށް ދިއްދޫ އޮފީހުން 2003 ޖޫން 24 ގައި ތައްޔާރުކޮށްފައިވާ ރިޕޯރޓެއްވެސް އެއޮފީހުގައި އެބައޮތެވެ. " އދ. ދިއްދޫގައި ދަރިފަސްކޮޅު އުފެދުމުގެ ( މީހުން އާބާދުވުމުގެ ) އަސްލު ކަމުގައިވާ ދޮންތަކުރު ކާފަޔަށް މިރަށަށް އާދެވުނުގޮތް " މިނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޢުލޫމާތު ދެއްވާފައިވަނީ އެރަށު ހުވަނދުމާގޭ އާދަމް އިބްރާހިމެވެ. ރިޕޯރޓް ތައްޔާރުކުރައްވާފައިވަނީ އެރަށު ނޫވިލާގޭ އިބްރާހިމް ޙަސަނެވެ. މި ވާހަކަ ރަށު އޮފީހުގައި އޮތް ގޮތަކަށްވުރެ ތަފްސީލުކޮށް މީހުން ކިޔާ އުޅެއެވެ. އަޅުގަނޑު މިލިޔަނީ ދޮންތަކުރު ދަރިކޮޅުން މިވާހަކަތައް ވާރުތަވަމުން އައިސްފައިވާ ގޮތްކަމަށް ދޮންތަކުރުގެ މުޙަންމަދުގެ އިބްރާހިމްގެ އަބްދުލްޢަޒީޒް ކިޔައިދީފައިވާ ގޮތަށެވެ.

ފަރަންސޭސިވިލާތުގެ ނަވެއް އަރިއަތޮޅުގެ ދިގުރަށާއި ދީދިފިނޮޅާއި ދިއްދުއާއި ކުޑަދުއާއި ހިޔަފުއްޓާ އެކުވެފައިވާ ފަޅުގެ ދެކުނު ކަނަށް އުރުނެވެ. ބުނެވޭގޮތުގައި މިނަވުން ދަތުރުކުރި މީހުންގެ ތެރެއިން އެއްބަޔަކު މިހާދިސާގައި މަރުވެ ދިޔައީއެވެ. އަނެއް ބަޔަކު ފަސޭހައިން އެރެންހުރި ރަށްރަށަށް އެރީއެވެ. މިގޮތުން ޖޯސެފް ނަމަކަށްކިޔާ މީހަކާއި އޭނާގެ ކުޑަ ފިރިހެން ދަރިފުޅަށް ސަލާމަތްވެގެން އެރުނީ ދިއްދޫއަށެވެ. ދިއްދޫ އަށް ފަރަންސޭސިވިލާތުގެ ދެބައިންއަރާ އަތްފައިން ވާހަކަ ދައްކައިގެން އެމީހުންނަށް އެނގުނީ އެއީ ފަޅުރަށެއްކަމާއި މީހުން ގިނައިން އުޅޭ ރަށްކަމެވެ. އެހެންކަމުން އެރަށް ދޫކޮށް އެބަފައިން ދިޔައީ ދިގުރަށަށެވެ. އޭރު ދިއްދޫއަކީ އދ. ހަންޏާމީދޫގައި ހުންނަ އިބްރާހިމް ކަލާފާނުގެ ޒިޔާރަތުގެ މައްޗަށް ވަގުފުކޮށްފައިވާ ފަޅުރަށެއް ކަމުގައި ބުނެވެއެވެ. މިގޮތުން އޭރު އެރަށް ލިޔެގތެން އައިސް ތިބީ ހަންޏާމީދޫ އާދަންތަކުރުބޭ ކިޔާ މީހަކާއި އޭނާގެ އަންހެނުންނާއި ކުދިންކަމަށް ބުނެވެއެވެ.

ދިގުރަށުގައި، އެރަށު މީހުން ޖޯސެފަށް ޔޫސުފް އޭ ކިޔާ ނަންހަރުކޮށް، އޭނާގެ ދަރިފުޅަށް ދޮންތަކުރުގެ ނަމުން ނަންދީ ނަންހަރުކުރީ ކަމަށް ބުނެވެއެވެ. ދުވަސްވަތަކަށްފަހު ޔޫސުފް ނިޔާވެއްޖެއެވެ. އޭރު ދޮންތަކުރުހުރީ ބޮޑުވެ، ފިރިފުރާވަރަށް އަރާފައެވެ. އެހެންކަމުން އޭނާ އެރަށުން ކުއްޖަކާ އިންނަން ގަސްދުކޮށްފިއެވެ. މިކަމާ އެރަށުގެ ބަޔަކު ދެކޮޅުހަދާ ދެކޮޅުވެރިންގެ ދުއްތުރާ ބޮޑުކޮށް ދެލޯބިވެރިން ދުރުކޮށްފިއެވެ. މިކަމާވީ ދެރައިންނާއި ވީ ފޫހިން އަދި އައި ރުޅީގެ ސަބަބުން އެރަށުން ފައިބައިގެން ދޮންތަކުރު ދިޔައީ ދިއްދޫ އަށެވެ. އޭރު އޭނާއަށް ހުރީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން ދަސްވެފައެވެ. އަދި ދިރިއުޅުމަށް އާންމުގޮތެއްގައި ދިވެހިން ކޮށްއުޅޭ ހުރިހާ މަސައްކަތެއްވެސް އޭނާވަނީ ދަސްކޮށްފައެވެ.

ދިއްދޫއަށްގޮސް ދޮންތަކުރު އުޅުނީ އާދަން ތަކުރުބޭގެ ދެމަފިރިންނާއި ދަރިންނާއެކު ރަށް ބެލެހެއްޓުމުގެ މަސައްކަތުގައެވެ. އޭރު އާދަންތަކުރުބޭ ހުރީ ދުވަސްވެ މުސްކުޅިވެ ގައިބާރު ދެރަވެފައިކަމުން ކަންކަމުގައި އިސްވެ ނަގާކިޔާ ހަދަނީ ދޮންތަކުރެވެ. އޭނާގެ ރަނގަޅުކަމުން އާދަންތަކުރުބޭ ހުރީ ދޮންތަކުރާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މިގޮތުގައި ދުވަސްތައް ގުނެމުން ދަނިކޮށް އާދަންތަކުރުބޭގެ އަންހެން ދަރިއަކާއި ދޮންތަކުރާ ދެމެދުގައި ލޯބީގެ ގުޅުން އުފެދިއްޖެއެވެ. މިކަން އެނގިގެން އާދަންތަކުރުބޭ ވަރަށް ބޮޑަށް ރުހި ޤަބޫލުވެގެން މި ދެކުދިންގެ ކައިވެނި ކޮށްދީފިއެވެ. މި ކައިވެންޏަށް އެދެމަފިރިންނަށް ފަސް ކުދިން ލިބުނެވެ. އެއީ ކަމަނާ، މުޙަންމަދު، އައިމިނާ، ޙަލީމާ އަދި ޙަސަނެވެ. މި ފަސްކުދިންގެ ތެރެއިން އައިމިނާއަށް ކުއްޖެއް ލިބުނުކަމަކަށް ނުކިޔައެވެ. އެހެންނަމަވެސް ކަމަނާއަށް ތިން ކުދިން ލިބުނެވެ. އެއީ އިސްމާޢީލް، އައިސަ އަދި ޢަބްދުއްރަޙްމާނެވެ. މުޙަންމަދަށް ހަ ކުދިން ލިބުނެވެ. އެއީ އައިމިނާ، ކަމަނާ، ސިއްތި، ކައްދާ، ޙައްވާ އަދި އިބްރާހިމް އެވެ. ޙަލީމާއަށް ދެ ކުދިން ލިބުނެވެ. އެއީ ދޮންމަންޖެ އާއި ކަމަނާއެވެ. ޙަސަނަށް ލިބުނީ ހަތަރު ކުދިންނެވެ. އެއީ އައިމިނާ، ޙައްވާ، ދަލޭކަ އަދި މުޙަންމަދެވެ. ބުނެވޭ ގޮތުގައި ދިއްދޫގައި ދަރިފަސްކޮޅު ދެމެދުން އައިސްފައިވަނީ މި އާއިލީ ގޮފިތަކުންނެވެ.

ދޮންތަކުރު އުޅުނުކަމަށް ބުނެވެނީ " ބޮޑުގެ " ކިޔާ ގެއެއްގައެވެ. ފަހުން މިގެ ލިބުނީ ދޮންތަކުރުގެ މުޙަންމަދަށެވެ. ދެން މުޙަންމަދުގެ އިބްރާހިމަށެވެ. ދެން އޭނާގެ ދަރިންނަށެވެ. ދޮންތަކުރުގެ ދަރިންގެ ދަރިންނަށް ލިބެމުން އައިސް މިހާރު އެގޭގައި ދިރިއުޅެނީ އާދަމް އާއި އޭނާގެ ދަރިންނެވެ. އޭނާގެ އަންހެނުންނާޢި ކާފަ ދަރިންނެވެ. މިގެވަނީ އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. މިހާރު މިގެ ފެންނަނީ ރާނާ ވަރަށް ބޮޑުކޮށް ހަދާފައިވާތީއެވެ. ބުނެވޭ ގޮތުގައި އެންމެ ކުރިންވެސް މިގެއަކީ ރަށުގައި ހުރި އެންމެ ބޮޑުގެއެވެ. މިގެއަށް ބޮޑުގެ ކިޔުނީ އެހެންވެގެން ކަމުގައި ޤަބޫލުކުރެވެއެވެ. މިހާރު މިގޭގެ ނަންވަނީ ބަދަލުކޮށްފައެވެ. ވަރަށްފަހުން ރާނާ ހެދުމަށްފަހު މިގެއަށް ދީފައިވާ ނަމަކީ " ހުވަނދުމާގެ " އެވެ.

ދޮންތަކުރަކީ ވަރަށް މޮޅު ފަންޑިތަވެރިއެއް ކަމަށް ބުނެވެއެވެ. އަދި އެހާމެ މޮޅު ބޭސްވެރިއެއްކަމަށްވެސް ބުނެވެއެވެ. ދޮންތަކުރުގެ ފަންޑިތަވެރިކަމުގެ އެންމެ މަޝްހޫރު އެއް ވާހަކައަކީ ހުދުބަލި ޖެހިފައިވާ ފ. އަތޮޅު ނިލަންދޫ މީހަކު ރަނގަޅުކުރި ވާހަކައެވެ. ބުނެވޭ ގޮތުގައި ދޮންތަކުރު އޭނާ ފަސޭހަކުރީ ބަލި ފަސޭހަވެގެން ދޮންތަކުރުގެ އަޅެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެއްބަސްވުމުންނެވެ. އެހެން ނަމަވެސް ކިޔެވެލި ކިޔަވާ ފަންޑިތަހަދާ އެމީހާ ރަނގަޅުވުމުން އޭނާ މިނިވަންކޮށް ދޫކޮށްލީ ކަމަށް ބުނެވެއެވެ. މި މީހާއަށް އެބަލި ޖެހިފައިވާވަރު ބޮޑޫކަމުން އޭނާ ފަސޭހަކުރުމަށް ކިޔެވެލި ކިޔަވާ ފެންވެރުވުމަށް އަވަށާ ދުރުގައި ފެންވަޅެއް ބެހެއްޓިއެވެ. އެވަޅު ފަހުން ބޭނުންކުރެވެނީ މަރުވާ މީހުން ހިނެވުމަށް ފެންގެންދާ ވަޅެއްގެ ގޮތުގައެވެ. އެހެންކަމުން އެވަޅަށް ދިއްދޫ މީހުން ކިޔަނީ " ހިނާވަޅު " އެވެ. ޒަމާނުއްސުރެ މިވަޅާ ހުޅުވައިގެން ދެކެވެމުންދާ ތަފާތު ވާހަކަތައް ވަރަށް ގިނައެވެ. މިގޮތުން ދެކެވޭ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ ރަށަށް އަރާ ބީރެއްޓެއްސަކު މިވަޅުން ފެންބޮއިފިނަމަ އެމީހަކު މިރަށުން ދާހިތްނުވެ މިރަށުގައި ވަޒަންވެރިވެގެން އުޅޭ ކަމަށް ބުނެވޭ ވާހަކައެވެ. މިވަޅު މިހާރުވެސް އެބަހުއްޓެވެ.

ދޮންތަކުރުގެ ފަންޑިތަވެރިކާމެދު ދައްކާ އެންމެ މަޝްހޫރު ވާހަކައަކީ ރަދުންގެ އާލާސްކަންފުޅަކަށް ހެދި ފަންޑިތައެއްގެ ވާހަކައެވެ. އެދުވަސްވަރު ހުންނެވި ރަސްގެފާނަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއެވެ. އެރަދުންނަކީ ނޫރައްދީނު ބަންޑާރައިންކަމަށް ބުނެވެއެވެ. ރަސްގެފާނުގެ އަރިކަށިކޮޅުގައި ހުދުކުލައިގެ ވަށް ލައްގަނޑެއް ޖަހައިފިއެވެ. މިތަން ހުންނަނީ ހުދު ބޮޑު ލަފެއް ހެންނެވެ. މިތަން ހުންނަގޮތުން ރަސްގެފާނު ކަންބޮޑުވެ ވަޑައިގެން ބޭސްވެރިންނާއި ފަންޑިތަވެރިން ހޯއްދަވައިގެން ބޭހާއި ފަންޑިޔަ ހައްދަވއެވެ. އެކަމަކު އެކުރާ ބޭހަކުން އަދި ހަދާ ފަންޑިތައަކުން އެއްވެސް އެނގުމެއްނުވެއެވެ. މިހެން ދުވަސްތައް ދަނިކޮށް ކޮންމެވެސް ގޮތަކުން ދޮންތަކުރާ ބެހޭ މަޢުލޫމާތު ރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. ރަދުން ދޮންތަކުރު މާލެ ގެންނެވީ ރަދުންގެ އޮޑިކޮޅެއް ދިއްދޫއަށް ފޮނުއްވައިގެން ކަމަށް ވެއެވެ. ދޮންތަކުރު މާލެ އައުމުން ރަސްގެފާނުގެ އަރިކަށިކޮޅު ދައްކަވާ އެކަމަށް ކޮންމެވެސް ފަރުވާއެއް ކޮށްދިނުމަށް އެދިވަޑައިގެންފިއެވެ. ދޮންތަކުރު ވަރަށް ޔަޤީންކަމާއެކު ދެންނެވި ކަމަށްވަނީ އެ ލައްގަނޑުގެ ވައްތަރާއި ބާވަތް އެނގޭ ކަމަށާއި ﷲ ރަޙްމަތްފުޅުން އެއާލާސްކަންފުޅުން ރަސްގެފާނު ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ. ދޮންތަކުރު މިހެން ދެންނެވުމުން ލައްގަނޑާ ބެހޭ މަޢުލޫމާތު ސާފުކުރައްވަން ރަދުން ބޭނުންފުޅުވެ ވަޑައިގެންފިއެވެ. ދޮންތަކުރު ދެންނެވިކަމަށްވަނީ އެލައްގަނޑަކީ ބަޑިއެދުރުކަލޭފާނުގެ ބަޑީގެ މުއްގަނޑު ވިއްދާފައިހުރި ތަނެއް ކަމަށެވެ. މިހެން ދެންނެވުމުން ރަސްގެފާނު މިކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ދޮންތަކުރު ދެންނެވި ވާހަކައާމެދު ރަސްގެފާނު ހިތްޕުޅާ ހަމައެއް ނުކުރެއްވިއެވެ. އެންމެފަހުން ޖަދަލު ކުރެއްވުން ހުއްޓަވާ ލެއްވީ ބުނެވޭ ގޮތުގައި ރަދުންގެ ލޯފުޅަށް އެކަން ދައްކަވާނެ ކަމުގައި ދޮންތަކުރު ދެންނެވުމުންނެވެ.

ރަސްގެފާނު ކުރުނުކުރައްވައިގެން ބަޑިއެދުރުކަލޭފާނު ރަސްގެފާނުގެ ލޯފުޅަށް ދައްކާން ޖެހިއްޖެއެވެ. އެހެންކަމުން ކަޅުކޯޓަކާއި އަދިވެސް އެކަމަށް ބޭނުންވާ ބައެއް ސާމާނު ހޯއްދަވާ ތައްޔާރުކުރައްވަން ދަންނަވައިފިއެވެ. އެއަށްފަހު ހަވީރު އަންނާނަމޭ ދަންނަވާފައި ދޮންތަކުރު ހިނގައްޖެއެވެ. ދޮންތަކުރު އެކުރިކަމެއްކޮށް އެކިޔެވި ކިޔެވެއްޔެއް ކިޔަވާ އަދި މަތުރަންވީ އެއްޗެއް މަތުރާފައި އިރު އޮއްސެންވީއިރު ގަނޑުވަރަށް އަތުވެއްޖެއެވެ. އޭރު އޭނާގެ އަތުގައި ބޮޑުސުއްޓާއެއް އޮތެވެ. އިރު އޮއްސި މޫނު އަނދިރިވީ ވަގުތު ރަސްގެފާނުގެ ހަށިކޮޅުގައި ފާޑެއްގެ ތެލެއް އުނގުޅާ، ކޯޓްކޮޅު ލައްވައިފިއެވެ. އަދި ދޮންތަކުރުގެ އަތުގައި އޮތް ސުއްޓާ ރޯކޮށް ރަދުންގެ ތުންފަތްޕުޅުގައި ޖައްސާ ގަނޑުވަރުގެ ވަލު ދޮރުއަށިން ބޭރަށް ނެރުއްވަން ހިގައިގެންފިއެވެ. ކުރީގައި ހުންނެވީ ރަސްގެފާނެއެވެ. ދޮންތަކުރު ހުރީ ރަސްގެފާނުގެ ފަހަތްޕުޅުގައެވެ. ބުނެވޭ ގޮތުގައި ގަނޑުވަރުގެ ވަލުދޮރުއަށްޓާ އަރާހަމަވެފައި ރަސްގެފާނު ބޭރަށް ކޮށްޕާލީއެވެ. އެވަގުތު ރަސްގެފާނަށް ފެނިވަޑައިގަތީ ބަޑިއެދުރުކަލޭފާނު އޭނާގެ ކޮނޑުމަތީގައި އޮތް ބަޑިނަގާ ރަސްގެފާނާ ދިމާލަށް އަމާޒު ކުރާތީއެވެ. އެތަން ފެނުމުން ރަސްގެފާނު ބިރުފުޅުގެންވަޑައިގެން ތިމަންނާ ސަލާމަތް ކޮށްދޭށޭ އަޑުގެ ކޮޅަށް ވިދާޅުވުމުން ކީރިތި ކުރައްވަމުން ދުވެވަޑައިގެންފިއެވެ. އޭރު ދޮންތަކުރުހުރީ ރަސްގެފާނާ ވަރަށް އަރިހުގައިކަމުން ރަސްގެފާނު ހިފަހައްޓާ ބިރުފުޅުގެން ވަޑައިނުގަތުމަށް ދެންނެވިއެވެ. އަދި މިކަންތައް މިކުރީ އެއްވެސް ހާލެއްގައި ރަދުން ބިރުފުޅުގެންނެވުމަށް ނޫންކަމަށާއި މިއީ ރަދުން އޭނާގެ ވާހަކަ ޤަބޫލުފުޅު ނުކުރައްވާ އެކަން ލޮލަށް ދެއްކެވުމަށް އެދިވަޑައިގެންނެވި ވަރުން ކުރެއްވި ކަމެއް ކަމަށް ދަންނަވައިފިއެވެ. ދެ ރަސްގެފާނު ދޮންތަކުރާއެކު ގަނޑުވަރަށް ވަޑައިގެންނެވީއެވެ.

މި ހާދިސާއަށްފަހު މިބަލިން ފަސޭހަކޮށް ދީފިނަމަ ދޮންތަކުރުގެ ހިތުން ދުވަހަކުވެސް ނުފިލާވަރުގެ ހެޔޮކަމެއް ކޮށްދޭނަމޭ ރަސްގެފާނު ވިދާޅުވިއެވެ. އޭގެ ފަހުގައި ފަންޑިތަ ހެދުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ފެށިއްޖެއެވެ. ހޯދަންޖެހޭ ހުރިހާ ސާމާނެއް ހަމަވުމުން ކުކުޅު ފަނަށްއަރާ ގަހެއްގެ ދަށުގައި ރަދުން ބައިންދައިގެން ތިންރޭ ކިޔެވެލި ކިޔެވިއެވެ. ފަހުރޭ ކިޔެވލި ނިންމާލުމަށްފަހު ރަދުންގެ ގައިކޮޅުގައި ލައްވާފައިވާ ފޭލިކޮޅު މުޅިގައިގައި އުނގުޅާ ހެދުމަށްފަހު ދެން އެލައްގަނޑު ހުރިތޯ ބެއްލެވުމަށް ރަސްގެފާނު އަރިހުގައި ދޮންތަކުރު ދަންނަވައިފިއެވެ. ރަސްގެފާނު ބެއްލެވިއިރު އެލައްގަނޑުހުރީ ފިލާފައެވެ. ކުޑަވެސް ނިޝާނެއް ފާހަގައެއް ނުކުރެއްވުނެވެ. އެވަގުތު ރަސްގެފާނަށް ލިބިވަޑައިގެން އުފަލުގެ ބޮޑުކަމުން ވިދާޅުވިއެވެ. ދޮންތަކުރާއެވެ. މިއީ ރަސްކަލެކެވެ. ބޭނުންކަމަކު ކިޔާށެވެ. ރަދުން މިހެން ދެންނެވުމުން ދޮންތަކުރު ދެންނެވިކަމަށްވަނީ ރަދުންގެ އަރިހުގައި ކިޔާނެ މާބޮޑުކަމެއް ނެތްކަމަށާއި ތިލޯ ކޮޅެއް ދެއްވަނިކޮށް އެންމެ ރަނގަޅު ކަމަށެވެ. މިހެން ދޮންތަކުރު ދެންނެވުމުން ރަސްގެފާނު ވިދާޅުވިއެވެ. ތަކުރާއެވެ. ތިޔައީ ކަމެއްނޫނެވެ. ކަމަކަށްވާ ކަމެއްގެ ވާހަކަ ބުނާށެވެ. މިހެން ރަދުން ދެންނެވުމުން ދޮންތަކުރު ވިސްނާލާފައި ބުނެފިއެވެ. ގަރުމަށި ކޮޅެއް ދެއްވާށެވެ. އަނެއްކާވެސް ރަސްގެފާނު ވިދާޅުވިއެވެ. ތިޔައީވެސް ކަމެއްނޫނެވެ. މިއީ ދިވެހިރާއްޖޭގެ ރަސްގެފާނެވެ. ބޭނުންކަމެއްގެ ވާހަކަ ބުނާށެވެ. ފަޅުރަށެއްގެ ވާހަކަ ބުންޏަސް ދޭނަމެވެ. މިހެން ރަދުން ވިދާޅުވުމުން ދޮންތަކުރު ޚިޔާލަށް އައީ އޭނާ ރުއްއަޅާ ރަށަކަށްހެދި ދީދިފިނޮޅުގެ މަތިންނެވެ. ދިއްދޫ އާއި ދިގުރަށާއި ދޭތެރޭގައި އޮންނަ އެ ފިނޮޅުގަނޑު ދެއްވާތޯ ދެންނެވުމުން ރަސްގެފާނު ވަގުތުން ފަތެއް ލިޔުއްވާ ދޮންތަކުރަށް އެރަށް ދެއްވައިފިއެވެ. ދޮންތަކުރަށް އެރަށް ވަގުފުކޮށް ދެއްވުމަށްފަހު ދޮންތަކުރު އެދުނުގޮތުގެމަތިން ތިލޯ މަނަކާއި ގަރުމަށިތެޔޮ މަނެއް ދެއްވިއެވެ. އަދިވެސް ވަރަށް ގިނަ އަދަދެއްގެ ހަދިޔާ ބަދިޔާ ދެއްވިއެވެ.

ދީދިފިނޮޅު ދޮންތަކުރަށް ލިޔެ ހިބަކޮށްދެއްވާފައިވާތީ ދޮންތަކުރު ނިޔާވުމުން އެރަށް ލިބުނީ އޭނާގެ ދަރި މުޙަންމަދަށެވެ. މުޙަންމަދު ނިޔާވުމުން އެރަށް ލިބުނީ އޭނާގެ ދަރި އިބްރާހިމަށެވެ. މިގޮތަށް ދޮންތަކުރުގެ އާއިލާގެ އެކަކަށްފަހު އަނެކަކަށް ވާރުތަވަމުން އަންނަނިކޮށް އެއް ދުވަސްވަރެއްގައި އެއަތޮޅުގައި ހުންނެވި އަތޮޅުވެރިޔަކު ރަދުންގެ އެ ފަތްކޮޅު ބައްލަވާ ލެއްވުމަށް ދިނުމަށް އެދިވަޑައިގެންފިއެވެ. އަތޮޅުވެރިން އެފަތްކޮޅު ބައްލަވާލައްވާށޭ ވިދާޅުވެ ގެންދެވިގޮތަށް އެތަށް މަސައްކަތެއް ކޮށްވެސް އަނބުރާ އެފަތްކޮޅެއް ނުދެއްވިއެވެ. އެންމެ ފަހުން ފަތްކޮޅު ގެއްލުނީ ކަމަށް ބުނެވެއެވެ. މިރަށުގެ މައްސަލަ ސަރުކާރުން ބައްލަވާ އަތޮޅުވެރިންނަށް ފަތްކޮޅު މާލެ ފޮނުއްވުމަށް ގެންގެވުމުން ފަތްކޮޅުވަނީ ގެއްލިފައިކަމަށް ވިދާޅުވުމުން އެރަށް މާލިއްޔާއަށް ނެގުނީއެވެ. އެހެން ނަމަވެސް އެރަށުގައި ރުއްއެޅި ކަމަށްޓަކައި ދެބައިކުޅަ އެއްބައި ރަށްވެރިފަރާތަށް ދެއްވާ އަނެއްބައި ބަރުވާއަށް ލިޔެދެއްވިއެވެ. މިގޮތުގައި ދުވަސްތަކެއް ފާއިތުވިފަހުން ރާއްޖޭގެ ފަޅުރަށްތައް ބެއްލެވުމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށްވާ ކަށި ދޮހޮއްކޮ މިރަށް ބައްލަވާ ރަށް ރަނގަޅަށް ނުބެލެހެއްޓެއޭ ވިދާޅުވެ ވެރިފަރާތުން ރަށް ވަކިކުރެއްވީއެވެ. ބުނެވޭ ގޮތުގައި އެ ފަހަރު އެއަތޮޅު ނަލަގުރައިދޫ އާއި ހުކުރުއެޅިވެސް އެރަށްރަށުގެ ވެރިންގެ އަތުން ނެންގެވިއެވެ. އެހެން ނަމަވެސް އެރަށްރަށް ލިޔެގެން އުޅުނު މީހުނަކީ މާލޭގެ ބޮޑެތި ބޭބޭފުޅުންނާއި ހަވާސާ ބަޔަކަށްވާތީ ޝަކުވާ ކުރައްވައިގެން އެފަރާތަކަށް އެރަށްތައް އަލުން ދެއްވީއެވެ. ދީދި ފިނޮޅުގެ ވެރިފަރާތުން އެގޮތަށް މަސައްކަތްކުރާނެ ބަޔަކު ނެތުމުން އެރަށް ލިބޭގޮތެއް ނުވިއެވެ. އޭގެފަހުން ސަރުކާރުން މިރަށް ލިޔުއްވީ އދ. ދަނގެތި މަލިންގޭ މުދިމް އާދަމެވެ. އޭނާ މިރަށް ލިޔުއްވާފައި ދިންކަމަށްވަނީ ހަމަ ދޮންތަކުރުގެ މުޙަންމަދުގެ އިބްރާހިމަށާއި އޭނާގެ ދަރިންނަށެވެ. އެހެންނަމަވެސް އިބްރާހިމް އާއި އޭނާގެ އަންހެނުން ފާތުމާ ނިޔާވުމުން އެރަށް އަތުލީއެވެ. ދެންވެސް އެކި މީސްމީހުންނަށް ހަވާލުކޮށްގެން ބަލަހައްޓަމުން ދަނިކޮށް ރާއްޖެއަށް ޓޫރިޒަމް އައިސްގެން މިރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހުނީއެވެ. އެންމެ ފުރަތަމަ އެރަށުގައި ހެދި ރިސޯޓަށް ކީ ނަމަކީ އަރިބީޗެވެ. މިހާރު ވައިޓް ސޭންޑެވެ. އެރަށަކީ ދިއްދޫ ދޮންތަކުރު ރުއްއެޅި ދީދިފިނޮޅެވެ.

ތަރީޚީ މި ފޯކްލޯރުގައި ވަރަށް ބޮޑެތި ޙަޤީޤަތްތަކެއް ވާކަމަށް ފެނެއެވެ. މި ވާހަކައަށް ބަލާއިރު މިއީ އދ. ދިއްދޫގައި މީހުން ވަޒަންވެރިވެ ދަރިފަސްކޮޅު ދެމިގެން އައިގޮތުގެ އިތުރުން އެރަށުގައި ހުރި ބައެއް ޒަމާންވީ އާސާރީ ތަންތަނާ ގުޅުންހުރި ވާހަކައެކެވެ. ތާރީޚީ ގޮތުން ރަނގަޅު ދިރާސާއެއް އިތުރަށް ކުރެވިއްޖެނަމަ ވަރަށް ބޮޑެތި ޙަޤީޤަތަކެއް ހާމަވެގެންދާނެ ވާހަކައެއްވެސް މެއެވެ. ވާހަކަ ކިޔާގޮތަށާއި ވާހަކައިގައި އާއިލީ ދަރިފަސްކޮޅު ދެމިގެން އައިސްފައިވާގޮތަށް ބަލާއިރު އދ. ދިއްދޫގައި މީހުން ވަޒަންވެރިވެފައިވަނީ މީލާދީން 1607 ވަނަ އަހަރުގެ ފަހުންކަން އެނގެއެވެ. މި ވާހަކައިގައި ބުނާގޮތުން ދޮންތަކުރާއި އޭނާގެ ބައްޕައަށް އެންމެ ފުރަތަމަ ދިއްދޫއަށް ދެވުނުއިރު އެރަށަކީ އިބްރާހިމް ކަލާފާނުގެ ޒިޔާރަތުގެ މައްޗަށް ވަގުފުކޮށްފައިއޮތް ފަޅުރަށެކެވެ. ދިވެހިތާރީޚުން އެ ދުވަސްވަރުގެ ވާހަކަތައް އެންމެ ތަފްސީލުކޮށް ފެންނަންއޮތް ފަރަންސޭސިވިލާތުގެ ލިޔުންތެރިޔާ ފްރެންކޯއި ޕިރާޑް ޑިލަވާލް ލިޔުނު " ދަ ވޮއިޖް" ގައިވާގޮތުން އައްސުލްޠާން އިބްރާހިމް ކަލާފާނު ޝަހީދުކުރެވުނީ 1607 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

No comments: