Tuesday, May 20, 2008

އިސްލާހީ ބަދަލުތަކުގެ ޝިކާރައަކަށްވި މުސްކުޅިން



މުސްކުޅި ކުރެއްވި ބޭފުޅުންނާ ރައީސް ބައްދަލުކޮށްލެވުން ( ފޮޓޯ ރައީސް އޮފީސް )

ރާއްޖޭގައި ސިޔާސީ މަޤާމުތަކުގެ ބޭފުޅުންނާއި ސިވިލް ސާރވިސްގެ މުވައްޒަފުން ވަކިވެގެން ދިއުމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ. މި ކަން ތަންފީޒު ވެގެން ދިޔައީ ސިވިލް ސާވިސްގެ ޤާނޫނަށް 1 މެއި 2008 ގައި ޢަމަލުކުރަން ފެށުމުންނެވެ. ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުން ވަކިކުރެއްވި ބޭފުޅުންގެ އަދަދަކީ 1710 އެކެވެ. މިއީ ސިވިލް ސާރވިސްގެ ޤާނޫނުގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަކީ ސިވިލް ސާރވިސްގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭ ބައެއް ނޫންކަމަށް ބަޔާން ކޮށްފައި އޮތުމުން މަޤާމުން ރިޓަޔަރ ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅުންނެވެ.

ސިވިލް ސާރވިސް އެއް އުފެދިގެން ދިއުމަކީ ރާއްޖޭގެ ތާރީޚްގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެން ނަމަވެސް ސިވިލް ސާރވިސް އުފެދިގެން ދިޔަގޮތުން ރާއްޖެއަށް އަންނަމުންދާ ސިޔާސީ އިސްލާހީ ބަދަލުތަކުގެ ފުރަތަމަ ޝިކާރައަކަށް މިވީ އުމުރުގެ ގޮތުން ވަރަށް ދުވަސްވެފައިވާ، އަދި ޤައުމަށާއި ރައްޔިތުންނަށް ޢުމުރުގެ ބޮޑުބައެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ކޮޅެކެވެ. މިއީ ރައްޔިތުންގެ މަޖިލިހުން ފާސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިގެން އަމަލުކުރައްވަން ފެއްޓެވި ޤާނޫނަކަށްވިޔަސް މި ޤާނޫނާއި ބެހޭ ގޮތުން ޢާންމު ރައްޔިތުންނަށް މާބޮޑު މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އެ ހޭލުންތެރިކަން އުފެއްދެވުމުގެ ޒިންމާ އެއްވެސް ފަރާތަކުން އަދާކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ބަޔަކު ކަރުނަ އަޅަމުންދާތަނެވެ. އެމީހުންގެ އިހްސާސްތަކަކީ ހުދު އެމީހުންނަށްވެސް ބަޔާންކުރަން ދަތި އިހްސާސް ތަކެކެވެ. ސިވިލް ސާރވިސްއިން އެބޭފުޅުން މުސްކުޅި ކުރެއްވީ ހަރުދަނާ ޤަވާޢިދެއްގެ ދަށުން އިނާޔަތްތަކެއްވެސް ދެއްވާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އަލަށް ހެދޭ ޕެންޝަނުގެ ޤާނޫނުން އަނެއްކާވެސް މިދެންނެވި މުސްކުޅި ކުރެއްވި ބޭފުޅުންނަށް ވާނެގޮތެއް ނޭނގެއެވެ. އަޅުގަނޑު އުންމީދު ކުރާނީ މިހާރަށްވުރެ ރަނގަޅުގޮތްތަކެއް އެބޭފުޅުންނަށް ވާނެ ކަމަށެވެ. ސިވިލް ސާރވިސް އިން މުސްކުޅި ކުރެއްވި ބޭފުޅުންނަށް ދެއްވި އިނާޔަތްތަކަށް ޤާނޫނީ ހައިސިއްޔަތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަށީގެންވާ މުހުލަތެއް ނުދެއްވާ ކުށްއަކާ ކަހަލަގޮތަށް މުސްކުޅި ވެގެންދިޔަ ބޭފުޅުންނަށް އެދިމާވި ހިތްދަތިގޮތް އެއީ ޤާނޫނަށް ބަދަލުގެންނަވައިގެންވެސް ކޮންމެވެސް ރަނގަޅު އެހެން ގޮތަކަށް ކުރެވެން އޮތްކަމެއްތޯ ބެއްލެވުމަށް އަޅުގަނޑަށް ފެނެއެވެ.

އުމުރުން 65 އަހަރު ވުމަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހައްގު ގެއްލިގެންދާ އުމުރެއްގެ ގޮތުގައި ބެލިގެން ދާފަދަ ގޮތްތަކެއް މިއޮތީ ވެފައެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުން ވަޒީފާއާބެހޭ ބިލް ފާސްވެގެން ދިޔައިރު ރާއްޖޭގައި އެންމެ ކުޑަ މުސާރައެއްގެ ކަންތައް އޮތީ ޤާނޫނުގައި ބަޔާން ނުކުރެވިއެވެ.

އުމުރުން ދުވަސްވާ މީހުންނަށް ދިވެހި މުޖުތަމަޢުގައި އަޅާލުމާއި ސަމާލުކަން ދިނުމުގައި އިހުމާލުވަމުން އަންނަ ދުވަސްވަރެއްގައި އުމުރުން ވަކި ވަރަކަށް ދުވަސްވުމުން އެމީހާގެ ޤާބިލުކަމާއި އެމީހާގެ ދުޅަހެޔޮކަމަށް ނުބަލާ އަދާކުރައްވާ ވަޒީފާއިން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމަކީ ވިސްނާލަން ޖެހޭ ނުކުތާއެކެވެ. ދުވަސްވީ މީހުންނަށް މުޅި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ. އަޅާލުމާއި ހަމްދަރުދީ ބޭނުންވެއެވެ. އޭގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށް މާޔޫސްކަމާއި ހިތްދަތިކަން ލިބޭނަމަ އެއީ އެބޭފުޅުން އިތުރަށް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެކެވެ. ރާއްޖޭގައި ސިވިލް ސާވިސްގެ ޤާނޫނަށް އަމަލުކުރައްވަން ފެއްޓެވުމާއެކު ވަޒީފާއިން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެން 1710 ބޭފުޅުންގެ ކަންތައްތައް މޮނީޓަރ ކުރެވިއްޖެނަމަ އެބޭފުޅުންގެ ހާލަތު ދަށަށްދާގޮތް އެގިވަޑައިގަންނަވާނެއެވެ. މިއަދަދު ހީވެސް ނުކުރެވޭހާ އަވަހަށް ތިރިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާއިލާ ތަކުންނާއި ދިވެހި މުޖުތަމަޢުން އެބޭފުޅުންނަށް ހިތްވަރު ދެއްވާ ހައްދަވަން ޖެހެއެވެ. އަދި އެބޭފުޅުންނަށް ހުރި ފުރުސަތު ތަކަކީ ކޮބައިތޯ ބަލާ އެމަގުތައް ކޮށައިދެއްވަން ޖެހެއެވެ. އެއީ ކޮންމެހެން އެބޭފުޅުން ކުރިން ތިއްބެވި މަޤާމުތަކަށް އަނބުރާ ގެނައުން ކަމަކަށް އަޅުގަނޑުވެސް ނުދެކެމެވެ. އެކަމަކު އަނބުރާ އެމަޤާމުތަކަށް ގެނެވޭނެ ބޭފުޅުން ތިބިކަންވެސް އެބޭފުޅުންގެ ލަޔާޤަތާއި ޤާބިލިއްޔަތުކަމުން ދައްކުވައިދެއްވާފައިވެއެވެ.

No comments: