Monday, October 30, 2023

މަނަދޫ މުރީދު އާއިލާ

ޢަބްދުﷲ ސަޢީދު 
 
މަނަދޫ މުރީދު ދަރިކޮޅަކީ އެ އާއިލާގެ ދުވަސްވީ ގޮފިތައް މަނަދޫގެ އިތުރުން މާލެއާއި ށ. މާއުގޫދޫއަށް ފެތުރިފައިވާ ދަރިކޮޅެކެވެ. މުރީދުންނަކީ ޒިކުރު މާލޫދާއި ބޮޑުލަވަ ކިޔުމާއި ތާރަޖެހުންފަދަ ބައެއް ކަންކަމުގެ އެދުރުންނެވެ. މި އެދުރުކަމަކީ އިހުޒަމާނުގައި ރަސްގެފާނު ދެއްވާ ހުއްދައަކަށް ލިބޭ ވެރިކަމެކެވެ. އެހެންކަމުން، މަނަދޫގައި އޮތް މުރީދު އާއިލާއަކީ އެފަދަ މުރީދު ބޭކަލަކަށް ނިސްބަތްވާ އާއިލާއެއް ކަމަށް ގަބޫލުކުރެވެއެވެ. އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް އެ ނަމުން މުޚާޠަބު ކުރެވެނީ އެހެންވީމާ ކަމުގައި ވެދާނެއެވެ. އައްޑު އަތޮޅު ފޭދޫގައި އޮންނަ ސ. ގަމުން ހިޖުރަކުރި މަނަދޫ ޖައުހަރު ދަރިކޮޅާ ގުޅުމެއް އޮތްނަމަ އެ ގުޅުން އޮންނާނެކަމަށް ގަބޫލުކުރެވެނީ މި އާއިލާއާއެވެ. 
 
މަނަދޫ މުރީދު އާއިލާއަކީ ލަވަކިޔުމާއި ބެރުޖެހުމާއި ތާރަޖެހުން ފަދަ ސަގާފީ ކުޅިވަރުތަކުގައި ވަރަށް ހަރަކާތްތެރި އާއިލާއެކެވެ. އެކަން ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ އެހެންނެވެ. މި އާއިލާގެ އެއް ގޮފި ގުޅިފައިވަނީ މަނަދޫ ނަށާ އާއިލާއާއެވެ. މުރީދު އާއިލާއާއި ނަށާއާއިލާ ގުޅުމަކީ ޕާފޯމިން އާރޓުގެ ދާއިރާއަށް އައި އާއިލީ ބަދަހި ކަމެކެވެ. މުރީދު އާއިލާގެ ގޮފިތައް މަނަދޫގައި އޮތީ ހުޅަނގު އަވަށުގައެވެ.
 
އަޅުގަނޑުގެ ހަނދާނުގައި އިދުރީހު މޫސަބެއަކީ ހުޅަނގު އަވަށު ފިރިހެނުންގެ ދަނޑިޖެހުމުގައި މުރީދެކެވެ. ލަވަ ނަގާކިޔާ ބޭކަލެކެވެ. އަޑުރީތި، ހަމަ ހުންނަ ފާޑުވެރިއެކެވެ. ނަށާ ހާރޫނުބެއަކީ ވެސް ދަނޑިޖަހާއިރު ނަގާކިޔާ އިސް މެންބަރެކެވެ. ތާރައެއް ނޫނީ ބެރެއް ޖަހައި ހަމަ ހިފަހައްޓާނެއެވެ. ލަވަ ނަގާކިޔުމުގައި ބައިވެރިވާނެއެވެ. އެއީ ވެސް ރީތި އަޑެއްގެ ވެރިއެކެވެ. ޢަބްދުﷲ ހާރޫން (އިންޖީނު ކުޑަބެ) އަކީ ވެސް ދަނޑިޖަހާއިރު ނަގާ ކިޔާ ލަވަކިޔުންތެރިއެކެވެ. އެއީ މުރީދު ޙައްވާކޮޔާ ނަށާ އީސަބޭ އިނދެގެން ލިބުނު ނަށާ އައިސަގެ ޢަބްދުﷲ އެވެ. 
 
ހުޅަނގުމަތީ އަންހެން ކުދިން ބަނޑިޔާ ޖަހާއިރު ނަށާ ފާތުމަދައިތަ އަކީ އެ ކުދިންގެ މުރީދެކެވެ. ގޭގެއަށް ހިނގާ ކުދިން ނެރެ އެކަން ރާވާ ހިންގުން އެކަންޏެއް ނޫނެވެ. ކޮންމެ ފަހަރަކު ބަނޑިޔާ ގުރޫޕަށް އާ ކުދިން ނެރުމުގައި، މައިންބަފައިންގެ ރުހުން ހޯދުމާއި އެ ކުދިންނަށް ގޮތްފާޑު ކިޔައިދީ ދަސްކޮށްދިނުމުގައި ވެސް ހަރަކާތްތެރިވެއެވެ.
 
އަޅުގަނޑުމެން ބޮޑެތިވަމުން އައި ދުވަސްވަރު ބަނޑިޔާ ދަސްކުރުން އޮންނަނީ ބިއްލޫރިޖެހިގެ ގޯތިތެރޭގައެވެ. އެއީ މިހާރުގެ ސާތީވިލާއެވެ. ވަށައިގެން ރިޔާދަމާ ބަންދުކޮށްގެން އެކަން ކުރުވުމުގައި އަރުވާ ޖަހައިގެން އުޅޭ އެކަކީ މުރީދު އައިމިނަ ދައިތަގެ މަރިޔަންކޮއި ދައިތައެވެ. އެއީ އިދުރީސްބޭގެ ހަބީދައިތައާއި ޢަބްދުއްރަޙްމާނާއި ވަހިއްތަގެ މަންމައެވެ. މަރިޔަންކޮއި ދައިތަމެންގެ އެގެއަކީ ހުޅަނގު އަވަށުގެ އޭރުގެ ކުޅިވަރު ގެއެކެވެ. 
 
މުރީދު އާއިލާގެ އެންމެ ދުރުން ފެންނަނީ އެއްބަނޑުއެއްބަފާ ފަސް ބޭންނެވެ. އެއީ މުރީދު އިސްމާޢީލާއި މުރީދު ޙަސަނާއި މުރީދު ޙައްވާކޮޔާއި މުރީދު ސިއްތިއާއި މުރީދު އައިމިނަ އެވެ. މި ކުދިންގެ ބައްޕަގެ ނަމަކީ މުރީދު ޙުސޭނެވެ. މުރީދު ޙުސޭނުގެ އެއްބަނޑު މީހަކު ހުއްޓެވެ. ޞާލިޙު ކިޔާ މި މީހާ ދިރިއުޅެ އާއިލާ ދެމިގެން ގޮސްފައި އޮތީ ޅ. ހިންނަވަރުގައެވެ. މި ޞާލިޙަށް މުރީދެކޭ ނުކިޔައެވެ. އެހެންވީމާ މުރީދު މި ލަގަބު ދެމިގެން އައިސް މިވަނީ މުރީދު ހުސޭނުގެ ބައްޕަ ފަރާތުން ކަމަށް ގަބޫލުކުރެވެއެވެ. 
 
މުރީދު އާއިލާ ލިޔެފައި މިވަނީ މުރީދު ޙުސޭނުގެ ފަސް ދަރިންގެ މައްޗަށެވެ. މި ފަސް ބެއިންގެ މަންމައެއް އަދި ނޭނގެއެވެ. 
 
މުރީދު ޙުސައިން + (ނަމެއް ނޭނގެ)
1. އިސްމާޢީލް ޙުސައިން (މުރީދު އިސްމާޢީލް)
2. ޙަސަން ޙުސައިން (މުރީދު ޙަސަންބެ)
3. ޙައްވާ ޙުސައިން )މުރީދު ޙައްވާކޮއި)
4. ސަކީނާ ޙުސައިން (މުރީދު ސިއްތި)
5. އައިމިނަތު ޙުސައިން (މުރީދު އައިމިނަ)
*********************
މުރީދު އިސްމާޢީލްބޭ + (ށ. މާއުނގޫދޫ މީހެއް. ނަމެއް ނޭނގެ)
1. މުޙައްމަދު އިސްމާޢީލް
2. އާދަމް އިސްމާޢީލް (ދޮން އާދަނު)
3. ފައުޒިއްޔާ އިސްމާޢީލް
*********************
މުރީދު ޙަސަންބެ + ކަތްދަ
1. ޙުސްނާ ޙަސަން
2.ޝައުކަތު ޙަސަން
3. ޢަބްދުލްޣަނީ ޙަސަން
4. ޝަރީފާ ޙަސަން
5. ޙަސީނާ ޙަސަން
*********************
ޙުސްނާ ޙަސަން + އަޙްމަދު ޖަލީލް
1. އިސްޙާޤް އަޙްމަދު (އިއްސާބެ)
*********************
މުރީދު ޙައްވާކޮއި + ނަށާ އީސަބޭ
1. ޙަސަން ޢީސާ (ނަށާ ޙަސަންބެ / ށ. މާއުނގޫދޫ)
2. ހާރޫނު ޢީސާ (ނަށާ ހާރޫނުބޭ) / ނިޝާން
3. ފާތުމަތު ޢީސާ (ނަށާ ފާތުމަދައިތަ) / ސޯސަންގެ
4. ޢައިޝަތު ޢީސާ (ނަށާ އައިސަދައިތަ)
5. މޫސާ ޢީސާ (ނަށާ މޫސަބޭ / ހ. ބިއުޓީނައިޓް)
*********************
މުރީދު ސިއްތި + ޢަލީ އާދަމް (މާލެ އަލިބެ)
1. ޢަބްދުﷲ ޢަލީ / ބުލްބުލާގެ
*********************
މުރީދު އައިމިނަ + ޢީސާ (ބޮޑާބެ ޢީސަ)
1 މަރިޔަމް ޢީސާ (ބޮޑާބެ އީސަގެ މަރިޔަންކޮއި)
މުރީދު އައިމިނަ + އިދުރީސް
2. މޫސާ އިދުރީސް (އިދުރީހު މޫސަބޭ)

No comments: