Tuesday, October 3, 2023

ދިވެހި އަސްކަރިއްޔާއަށް މުޙައްމަދު އަމީނު ގެންނެވި ޒަމާނީ ބަދަލުތައް

 


ޢަބްދުﷲ ސަޢީދު

ދިވެހި އަސްކަރިއްޔާގެ ބާރުތައް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތީ ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވުމާއެކުގައެވެ. ދައުލަތް ހިންގެވުމުގެ އެންމެ މަތީބާރާ ހަވާލުވެ ވަޑައިގެން ހުންނެވި ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ ޗުއްޓީއެއް ނެންގެވުމާއެކު ވަޒީރުއް ދާޚިލިއްޔާގެ ޤާއިމް މަޤާމުގެ ގޮތުން ދައުލަތް ހިންގެވުމުގެ ޒިންމާ، މުޙައްމަދު އަމީން ދީދީއާ ހަވާލު ކުރެވުނެވެ. މި ބަދަލާއެކު ސިފައިންގެ ވެރިކަން މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގަތީ 1942 ވަނަ އަހަރުއެވެ.  އެ ހިސާބުން ފެށިގެން ސިފައިންގެ ކަންތައްތަކުގެ ތެރެއަށް  މުޙައްމަދު އަމީން ގެންދެވީ ވަދެވަޑައި ގަންނަވަމުންނެވެ

 

މި ބޮޑު ބަދަލުގެ ސިޔާސީ ބުރު އެނބުރިގަތީ ދިވެހި ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގެން އޭރު ހުންނެވި ވަޒީރުއްދާޚިލިއްޔާ ޙަސަން ފަރީދު ޗުއްޓީއަކަށް އެދިވަޑައިގަތުމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވަމުން ދިޔަ ތަދު މަޑުކަމާއި ދަތި އުދަނގޫ ހާލަތުގައި ދައުލަތް ހިންގެވުމަށް ޙަސަން ފަރީދަށް އުނދަގޫފުޅުވުމުން މުޙައްމަދު އަމީނުގެ އަތްޕުޅު މައްޗަށް ގެންދެވީ ދައުލަތުގެ ބާރުތައް ދޫކުރައްވަމުންނެވެ. ޙަސަން ފަރީދު އެދިވަޑައިގަތް ގޮތަށް 12 ޖަނަވަރީ 1942 ގައި ދައުލަތް ހިންގަވާ މަޖިލިހުގެ ލަފާގެ ދަށުން އެ ޗުއްޓީ ބޮޑުވަޒީރު މުޙައްމަދު ފަރީދު ދީދީ ހަމަޖައްސަވައިދެއްވިއެވެ. އެ ދުވަހު ވަޒީރުއްދާޚިލިއްޔާގެ ޤާއިމް މަޤާމަށް އަލްއަމީރު މުޙައްމަދު އަމީން ދީދީ ހަމަޖެއްސެވުމާއެކު ދައުލަތް ހިންގުމުގެ ބާރު އަމީން ދީދީގެ އަތްޕުޅު މައްޗަށް ފުރޮޅިގެން ދިޔައެވެ. އޭރު ބޮޑު ވަޒީރެއް އަދި ދިވެހި ތަޚުތުގައި ރަސްކަލެއް އިންނެވި ނަމަވެސް ދައުލަތް ހިންގެވުމުގެ ހުރިހާ ބާރެއް އޮތީ ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމްއެފެއަރޒް) ގެ އަތްޕުޅު މަތީގައެވެ. އެއީ އޭރުގެ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ޙަޤީޤަތެވެ. 

ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގަތުމާއެކު ވަރަށް ބޮޑު އިސްލާހީ މަސައްކަތްތަކެއް ފެއްޓެވިއެވެ. އެއީ އޭގެ ކުރީގައި ރާއްޖެ ދެކެފައި ނުވާ އިސްލާހީ ބަދަލުތަކެކެވެ. ޚާއްޞަކޮށް ތަޢުލީމަށާއި، ދިވެހިތާރީޚަށާއި، ދިވެހިބަހާއި އަދަބަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަ ކުރެވެއެވެ. ދުނިޔޭގެ މިޒަމާނުގެ ތަހުޒީބުގެ ތެރެއަށް ދިވެހީންނާއެކު ނުކުމެވަޑައިގަތުމަށް އަމީން ދީދީ ކުރެއްވީ އާދަޔާ ޚިލާފު މަސައްކަތްޕުޅެކެވެ.  މިގޮތުން ދިވެހި އަސްކަރިއްޔާއަށް ބަލާއިރު ވެސް ފެންނަނީ ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ބަދަލު ކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކެވެ.

 މުޙައްމަދު އަމީން ދިވެހި އަސްކަރިއްޔާ ޒަމާނީ ކުރެއްވުމަށް ޓަކައި ދިވެހިރާއްޖޭގައި އޭރު އޮތް ދިފާޢީ ނިޒާމު ރީސްޓްރަކްޗަރ ކުރެއްވިއެވެ. ސިފައިންނަކީ ޤައުމުގެ ދިފާޢީ އަދި އަސްކަރީ ބާރު ކަމުގައި ހެއްދެވިއެވެ. މިގޮތުން ކުރީގައި ދިވެހި ލަޝްކަރުގެ ތެރޭގައި ހުރި ހަނގުންނާއި، ހަވަރުގެ ބައިތަކާއި، ކޮށިތައް އިތުރަށް ކުރިއަށް ނުގެންދަވަން ނިންމެވިއެވެ. އަދި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވެން ހުރި ކަންތައްތައް ސިފައިންގެ ޚިދުމަތުގެ ތެރެއަށް ގެންނެވިއެވެ. މިގޮތުން ގެންނެވި އެއް ބަދަލަކީ ބަޑިކޮށީގެ މަސައްކަތްތައް ސިފައިންގެ ޚިދުމަތުގެ ތެރެއަށް ވެއްދެވުމެވެ.

މުޙައްމަދު އަމީނުގެ ސިފައިންގެ ވެރިކަމުގެ ކުރީކޮޅު ސިފައިންނަށް ވަރަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ޖެހުނެވެ. އެއީ  1943 ވަނަ އަހަރު ކުރިމަތިވި "އުތުރު ގަޑުބަޑު"ގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް ހިންގި އޮޕަރޭޝަނެކެވެ. ޙަސަން ފަރީދު ރާއްޖޭގައި ވަޑައިގެން ނެތިސް ކުރިމަތިވި މި ބޮޑު ކަންތައްތައް ސިފައިން މެދުވެރިކޮށް ހަމަޖެއްސެވީ އަމީން ދީދީއެވެ. އެ ދުވަސްވަރު ސިފައިން ހަރަކާތްތެރިވީ މުޙައްމަދު އަމީނުގެ ސީދާ ޢަމުރަށެވެ. އޭރު ސިފައިންގެ ކޮމާންޑަރަކަށް ހުންނެވީ ޕަންޖާބު ރެޖިމެންޓުން ތަމްރީނު ހެއްދެވި ކޮމާންޑަރ ކަޅުހުރާގޭ ސައްޔިދު ޢައްބާސް ޢަލީއެވެ. މި ގަޑުބަޑާ ގުޅިގެން ކުރިން ސިފައިންގެ ޚިދުމަތުގައި އުޅުއްވާފައިވާ ބޭފުޅުން އަލުން ސިފައިންގެ ޚިދުމަތަށް ގެންނަވައި ތަމްރީނުދެއްވިއެވެ. އަދި މާލެ ތެރެ ބެލެހެއްޓުމުގައާއި އަތިރިމަތީގައި ފޯރި މެރުމުގައި ސިފައިންނާއެކު އެ ބޭކަލުން ވެސް ހަރަކާތްތެރިވިއެވެ. 

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ވަޒީރުލްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ ދަތުރުކުރެއްވި އިނގިރޭސިވިލާތުގެ މަނަވަރަށް ޖަޕާނު ސިފައިން ދިން ހަމަލާއެއްގައި 1944 ވަނަ އަހަރު ގެއްލި ވަޑައިގަތެވެ. އެހިސާބުން ފެށިގެން މުޙައްމަދު އަމީނު ބޭނުންފުޅުވާ ގޮތަކަށް ޤައުމު ހިންގެވުމުގެ ބާރުތައް ލިބިވަޑައިގެންނެވިއެވެ. މި ބަދަލާއެކު ސިފައިންގެ ކަންތައްތައް ރަނގަޅު ކުރައްވައި، ޒަމާނީ ކުރެއްވުމުގެ މަސައްކަތް ހަލުއި ވެގެން ދިޔައެވެ.  ޤައުމީ ފެންވަރުގެ ޚާއްޞަ ރަސްމިއްޔާތުތަކުގައި ސިފައިންގެ އޮފިސަރުން ބައިވެރިކުރައްވަން ފައްޓަވައި ސިފައިންގެ ހައިބަތާއި ހައިސިއްޔަތު އަދި އިމްތިޔާޒުތައް ލިއްބައިދެއްވިއެވެ. މި ސިޔާސަތުގެ ދަށުން ސިފައިންގެ އޮފިސަރުން ބައިވެރި ކުރެއްވި ޤައުމީ ފެންވަރުގެ ފުރަތަމަ ރަސްމިއްޔާތަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން އެކުގެ އުފާފާޅުކުރުމަށް 15 އޯގަސްޓް 1945 ގައި ބޭއްވެވި ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ އޮފިސަރުން ސެލިއުޓް ކުރުމަކީ އޭރަށް ބަލާއިރު ވަރަށް ބޮޑު ތަފާތު ކަމެއްގެ ގޮތުގައި އޮތީ  ފާހަގަ ކުރެވިފައެވެ. 

ސިފައިންގެ އަހަރީ ދުވަހެއް އެންމެ ފުރަތަމަ ފާހަގަ ކުރައްވަން ފެއްޓެވީ ވެސް މުޙައްމަދު އަމީނެވެ. ސިފައިންގެ އަހަރީ ދުވަހަކީ ރަޖަބު މަހުގެ 16 ވަނަ ދުވަސްކަމަށް ކަނޑައަޅުއްވައި ފުރަތަމަ ސިފައިންގެ ދުވަހެއް ފާހަގަ ކުރެއްވީ ހިޖުރައިން 1366 ވަނަ އަހަރުއެވެ. އެއީ މީލާދީން 6 ޖޫން 1947 އެވެ. ސިފައިންގެ ބޭންޑާއެކު ޝަރަފުގެ ހިނގާލުމެއް ނުވަތަ ރޫޓުމާޗެއް އެންމެ ފުރަތަމަ ބޭއްވީ އެ ދުވަހުއެވެ. އެ ޝަރަފުގެ ހިނގާލުމުގެ ކޮމާންޑަރަކަށް ހުންނެވީ ސިފައިންގެ ސަރުދާރު ބަންދު މުޙައްމަދު ކަލޭފާނެއެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ދިޔައިރު ސިފައިންގެ ގެމައާއެކު ސިފައިންގެ ވެރިޔާ، މުޙައްމަދު އަމީން ވަޑައިގެންނެވިއެވެ. އެ ދުވަހު ޝަރަފުގެ ހިނގާލުމުގައި ކުރިން އޮންނަ ދެ ސަފުގެ ބަދަލުގައި ތިން ސަފަށް ސިފައިންގެ ގެމަ ބަދަލުކުރެއްވިއެވެ. އަދި ޝަރަފުގެ ހިނގާލުންތަކުގައި ސިފައިން ދައްކަމުން އައި ހަތް ހަރަކާތަށް ވެސް ފުރިހަމަ ބަދަލުތަކެއް އެދުވަހު ގެންނެވިއެވެ.

ސިފައިންގެ ފުރަތަމަ ބަޑި މުބާރާތް ވެސް ބޭއްވީ ސިފައިން ފާހަގަ ކުރި ފުރަތަމަ ސިފައިންގެ ދުވަހުއެވެ. ސފައިންގެ ބަޑި މުބާރާތް 1947 ވަނަ އަހަރު ތަޢާރަފު ކުރައްވައި، އެ އަހަރުން ފެށިގެން ސިފައިންގެ ބަޑި މުބާރާތް ބާއްވަމުން ގެންދެވިއެވެ. އަދި އެ ދުވަހު ސިފައިންގެ ދިދަ އާއި ސިފައިންގެ ލަވަ އާއި ސިފައިންގެ މޮޓޯ ވެސް ތަޢާރަފު ކުރެއްވިއެވެ. ސިފައިންގެ ފުރަތަމަ ދިދައަކީ މައްޗަށް ނޫކުލަ، މެދަށް ހުދުކުލަ، އަދި ތިރިއަށް ފެހިކުލަ ހުންނަ ދިދައެކެވެ. ސިފައިންގެ ލަވައަކީ މުޙައްމަދު އަމީން ހެއްދެވި "ކުރިޔަށް ފައިގެންދަމާ، ފައިއަޅާ ޗާލޫވާހެން" މި ލަވައެވެ. ސިފައިންގެ މޮޓޯއެއްކަމުގައި މުޙައްމަދު އަމީން ހަމަޖެއްސެވީ "ޤައުމީ ޚިދުމަތް" އެވެ.

ސިފައިންގެ ބޭންޑު މުޙައްމަދު އަމީން އުފެއްދެވީ 12 މެއި 1948 ގައެވެ. ސިފައިންގޭގައި އަސްކަރީ ބޭންޑެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގެން ސިފައިންނަށް ބޭންޑު ދަސްކޮށްދެއްވަށް ފެއްޓެވިއެވެ. މި މަސައްކަތް މުޙައްމަދު އަމީން އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ސިފައިންގެ 2 ނަންބަރު ސަރުދާރު ހުޅަނގުގޭ އައްނަބީލް އިބްރާހީމް ޙަބީބުއާއެވެ. އޭގެފަހުން އެ މަސައްކަތް ހަވާލު  ކުރެއްވީ އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ) އާއެވެ. ސިފައިންގެ ތިން ބޭކަލަކު ބޭންޑު ދަސްކުރަން ރާއްޖެއިން ބޭރަށް ވެސް ފޮނުއްވިއެވެ. ބެރުދުންމާރި ތާޅަފިލިވެރިންގެ ގޮތުގައި ޤައުމީ ރަސްމިއްޔާތުތަކުގައި މިއުޒިކު ކުޅޭނެ ރަސްގެފާނުގެ ބޭންޑެއް އޮއްވައި ސިފައިންގެ އަސްކަރީ ބޭންޑެއް އުފެއްދެވުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ވުމާއެކު ފުރަތަމަ ސިފައިންގެ ބޭންޑު އުފެއްދެވި އިރުވެސް އާންމުންގެ މީހުން އެ ބޭންޑުގައި ތިއްބެވިއެވެ.

މުޙައްމަދު އަމީނުގެ ވެރިކަމުގައި 1948 ވަނަ އަހަރު ދިވެހި ދައުލަތަށާއި ޤައުމަށް ކުރާ ޚިދުމަތުގެ ތަޝްރީފެއްގެ ގޮތުގައި ދިވެހި ދައުލަތުގެ ލަޤަބު ދެއްވުމަށް ނިންމެވިއެވެ.  ތިން ދަރަޖައެއްގެ މެޑެލި ތަޢާރަފު ކުރައްވައި އެއީ ނިޝާން މަޖީދު، އަސްކަރީ ޢިއްޒަތްތެރި ވެރިކަމުގެ މެޑެލި އަދި ސިފައިންގެ ރިހި މެޑެލި ކަމުގައި ހަމަޖެއްސެވިއެވެ. ސިފައިންގެ ޢިއްޒަތެރި ވެރިކަމުގެ މެޑެލި އެންމެ ފުރަތަމަ ލިބިވަޑައިގަތީ މުޙައްމަދު އަމީނަށެވެ. ސިފައިންގެ ރިހި މެޑެލި ލިބިވަޑައިގަތީ ސިފައިންގެ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނަށެވެ. މެޑެލި ދިނުމުގެ ރަސްމިއްޔާތު އޮތީ 20 ޖޫން 1949 ގައި ނާދީގައެވެ.  

ސިފައިންގޭގައި އެންމެ ފުރަތަމަ ކުޅިވަރު ކުލަބެއް އުފެއްދެވީ ވެސް މުޙައްމަދު އަމީނެވެ. "ސިފައިންގެ ކުޅިވަރު ކުލަބު" (ސ.ކ.ކ) ގެ ނަމުގައި އުފެއްދެވި އެ ކުލަބާއެކު ސިފައިންނަށް ޚާއްޞަ ކުޅިވަރުތަކެއް ތަޢާރަފުކުރެއްވިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޮކްސިން އާއި ރަގަބީ އާއި ހޮކީ ކުޅެން ފެށީ ސިފައިންގެ ކުލަބުންނެވެ. 1948 ވަނަ އަހަރު މާލޭގެ ހަތަރު އަވަށު ކުޅިވަރު ކުލަބުތައް އުފެއްދެވިއިރު އެ ކުލަބުތަކާއެކު ކްރިކެޓާއި ފުޓްބޯޅަ އާއި ހޮކީ އާއި ރަގަބީ އާއި ޓެނިސް މުބާރާތްތަކުގައި ސިފައިންގެ ކުލަބު ވާދަކުރަމުން ދިޔައެވެ.

ސިފައިންގެ ކާކީ ޔުނީފޯމް ތަޢާރަފު ކުރެއްވީ ވެސް 1948 ވަނަ އަހަރު މުޙައްމަދު އަމީނެވެ. އަދި ސިފައިންނަކީ ހުވާކުރަން ޖެހޭ ބައެއްގޮތުގައި ވެސް ހަމަޖެއްސެވިއެވެ. ސިފައިން ހުވާކުރި ފުރަތަމަ ރަސްމިއްޔާތު އޮތީ  1948 ވަނަ އަހަރުއެވެ. އެ ދުވަސްވަރު ސިފައިންނާއި ކަސްޓަމްސް މީހުންގެ ތެރެއިން ފަތާށާއި ފަލިޖަހަން ނުދަންނަ މީހުންނަށް އެކަންކަން ދަސްކޮށްދިނުމަށް ހުޅުލޭ ފަޅުގައި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިއެވެ. ސިފައިން ތަމްރީނުކުރާ ރަށަކަށް މާލެ އަތޮޅު ދޫނިދޫ ހަމަޖައްސަވައި، ސިފައިންގެ ތަމްރީނުތަކާއި ބަޑި މުބާރާތްތައް ދޫނިދޫގައި ބޭއްވެވިއެވެ. މުޙައްމަދު އަމީނުގެ ދައުރުގައި ސިފައިންނަށް ކޮއްތާއި މުސާރަ ބޮޑުކޮށްދެއްވައި ވަޒީފާ ދެއްވާ އުސޫލު ވެސް ހަރުދަނާ ކުރެއްވިއެވެ. އަދި ސިފައިންގެ ޑިއުޓީތަކުގެ ވަގުތަށް ވެސް ބަދަލު ގެންނެވިއެވެ. ސިފައިންގެ ޚިދުމަތަށް މުޙައްމަދު އަމީން ކޮށްދެއްވި އެންމެ މުހިންމު އެއް ކަމަކީ ދިވެހި ސިފައިންގެ ޚިދުމަތް ޤާނޫނީ ހަމަތަކުގެ މަތިން ގަވާއިދުތަކެއް ހަދައިގެން އެ ގަވާއިދުތަކުގެ ދަށުން ހިންގާގޮތަށް ހަމަޖެއްސެވުމެވެ.

ވަޒީރުލްދާޚިލިއްޔާގެ ޤާއިމް މަޤާމުން 1942 ވަނަ އަހަރު ފެއްޓެވި ސިފައިންގެ ވެރިކަން 1953 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. އެ 11 ވަރަކަށް އަހަރުގެ ތެރޭގައި ތަފާތު ހައިޞިއްޔަތުން ދައުލަތް ހިންގެވިޔަސް ބާރުތައް އޮތީ މުޙައްމަދު އަމީނަށެވެ.   ރަސްކަމަކުން ޖުމްހޫެރީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައްވައި، ރާއްޖޭގެ ރައީސްކަމުގައި ހުންނަވަނިކޮށް އިންޤިލާބަކުން 21 އޯގަސްޓް 1953 ގައި ވެރިކަން ބަދަލުކޮށްލުމާ ހަމައަށް ވެސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެންދެވީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރެއްވުމާއި ޒަމާނީ ކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

No comments: