Friday, October 27, 2023

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކުގެ އަސްކަރީ ޚިދުމަތް

 

 



ޢަބްދުﷲ ސަޢީދު 
 
ގ. ފަސާނާ، ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ. އަޙްމަދު މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1959 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެއީ  މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއެވެ.  ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި 50 އަހަރާއި 2 މަހާއި 22 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 އޮގަސްޓު 1 ވަނަ ދުވަހުއެވެ.
 

 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކަކީ ވަރަށް މަޑުމައިތިރި ބޭކަލެކެވެ. މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިތްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއް ވެސް އިޚްލާޞްތެރިކަމާއެކު ކުރެއްވި ބޭކަލެކެވެ.  މަސައްކަތް ކުރެއްވުމުގައި އަހްމަދު މަނިކު ގެންގުޅުއްވި އެންމެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ތެދުވެރިކަމާއެކު، އެ ކަމަކަށް އިސްކަން ދެއްވައިގެން އަދި މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުން ފާހަގަ ކުރެވެއެވެ. 
 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ސިފައިންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ސިފައިން ކޮށްފައިވާ ބޮޑެތި ގިނަ މަސައްކަތްތަކެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. މިގޮތުން 1959 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ހުވަދޫ ބަޣާވާތުގައި، މޯލްޑިވްސް ސްޓާރގައި ގައްދުއަށާއި ތިނަދުއަށް ވަޑައިގެން، ކުރައްވައިފައިވާ މަސައްކަތްތަކާއި، ހއ. އަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލުމަށް ގޯލްޑަން ރޭގައި ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކާއި، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޢުދުވާނީ ޙަމަލާގައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަސައްކަތްތަކާއި، ސުނާމީ ކާރިސާގައި ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ.
 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކުގެ އިޚްލާޞްތެރިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހާޒިރީއަށާއި މަސައްކަތަށް ބެހެއްޓެވި ޚާއްޞަ ސަމާލުކަމާއި ފަރުވާ ބެހެއްޓެވި މިންބަރުގެ ބޮޑުކަމުންނެވެ.  އެގޮތުން، 13 މާރިޗު 1980 އިން 13 މާރިޗު 1989 އަށް ގަޑިޖެހުމެއްނެތި އަދި ސަލާމެއް ވިދާޅުނުވެ، ޗުއްޓީއެއް ނުނަންގަވައި، ޑިއުޓީ މަރާ އެން.ސީ.އޯ.އެއްގެ ގޮތުގައި ފާހަގަކުރެވި، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އިނާމާއި ހަނދާނީ ލިޔުން ވަނީ ހާސިލު ކުރައްވާފައެވެ. އަދި ސިފައިންގެ ތެރެއިން މަސައްކަތަށް ހާޒިރުވުމުގައްޔާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފައިވާތީ، އެންމެ ރަނގަޅު އެން.ސީ.އޯ.އެއްގެ ގޮތުގައިވެސް އަޙްމަދުމަނިކު ވަނީ ހޮވިވަޑައިގެންފައެވެ.
 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ދިވެހި އަސްކަރިއްޔާގައި އެންލިސްޓެޑް ރޭންކުތަކުން ފެއްޓެވި ޚިދުމަތުގައި ޕްރައިވެޓްކަމާއި  ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކް ފުރުއްވައިފައި ވެއެވެ. ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކު ކޮމިޝަން ކުރައްވައި ލެފްޓިނަންޓް ކަމުގެ ރޭންކަށް ބަދަލުކުރެއްވީ، 21 އެޕްރީލް 2009 ގައެވެ.
 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 7 މެޑެއްޔާއި، 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ހާސިލުކުރެއްވި މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ހާސިލުކުރެއްވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ހިމެނެއެވެ. 
 
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ ސިފައިންގެ ސަރވިސް ކޯރގައެވެ.  ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި މި ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ "ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު" 2023 ވަނަ އަހަރު ދެއްވާފައެވެ.
 

No comments: