Tuesday, October 24, 2023

ޢަބްދުލްޢަޒީޒް ޔޫސުފް - ނ. އަތޮޅު ދުށް މަޤުބޫލު އަތޮޅުވެރިޔެއް

 


ޢަބްދުﷲ ސަޢީދު 
 
 
އަތޮޅަށް ވަޑައިގެންނެވިއިރު އެއީ އެންމެ 25 އަހަރުގެ ޒުވާނެކެވެ. އޭރު ނ.އަތޮޅުގެ ރައްޔިތުން ޚާއްޞަކޮށް މަނަދޫގެ ރައްޔިތުން ތިބީ މި ބަދަލު ވަރަށް ގާތުން ބަލާށެވެ. ސަބަބަކީ ސަރުކާރުން އަތޮޅު ކޮމެޓީތައް އުވާލައްވައި އެންމެ ފުރަތަމަ ނ.އަތޮޅަށް ފޮނުއްވި އަތޮޅުވެރިޔާއަށް ވީތީ އެކަންޏެއް ނޫނެވެ. އަތޮޅު ކޮމެޓީ ދުވަސްވަރު އޭރު ހުންނެވި އަތޮޅުވެރިން ކުރެއްވި ރިޕޯޓަކާ ގުޅިގެން މަނަދޫގެ އެތައް ބަޔަކު މާލެ ގެންދަވައި އެކި ރަށްރަށަށް ފޮނުވާލައްވާފައިވާތީއެވެ. އެ މީހުން ފޮނުވާލީ އަތޮޅުގޭގައި ތިބި ބޭރު ރަށްރަށުގެ މީހުން ރަށުތެރޭގައި އުޅުނު ގޮތުން އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ ނުތަނަވަސް ދަނޑިވަޅުގައި އަތޮޅުވެރިޔާގެ ބަދަލުގެ ގޮތުގައި އަތޮޅު ހިންގެވުމާ ހަވާލުކުރައްވާ ސަރުކާރުން ފޮނުއްވީ މ. ދޫނިހުރާ، ޢަބްދުލްޢަޒީޒް ޔޫސުފެވެ. ޢަޒީއަށް އަތޮޅުވެރިޔާގެ ބަދަލުގެ މަޤާމު ދެއްވީ 7 ޖޫން 1975 ގައެވެ. އަހަރެއް ވާން އުޅެނިކޮށް، އަތޮޅުވެރިޔާކަން ދެއްވީ 4 މޭ 1976 ގައެވެ. އެއީ ނ. އަތޮޅުގެ ތާރީޚުގައި އަތޮޅުވެރިކަން ކުރެއްވި އެންމެ ޒުވާން އަތޮޅުވެރިޔާއެވެ.
 
 
 
މަޖީދިއްޔާ ސްކޫލުން ކިޔަވާ ވިދާޅުވި ދުވަސްވަރު ޢަބްދުލް ޢަޒީޒް ޔޫސުފަށް ރަޙުމަތްތެރިން ކިޔާ އުޅުނީ "ހުސްނޫ ޢަޒީ" އެވެ. އެނަން ނިސްބަތް ވަނީ ޢަޒީގެ އާއިލީ ގެ ކަމުގައިވާ ގަލޮޅު ހުސްނޫގެއަށެވެ. ފަހުން މަޝްހޫރުވީ ސައިކުރާ ޢަޒީގެ ނަމުންނެވެ. އެ ނަން އައީ ސައިކުރާ ދޮންތުއްތުގެ ބޭފުޅަކަށް ވާތިއެވެ. ސްކޫލު ދައުރަށްފަހު ސަރުކާރުގެ ޚިދުމަތް ޢަޒީ ފައްޓަވާފައި ވަނީ 19 ޑިސެންބަރު 1968 ގައެވެ. އޭރު އުމުރަކީ އެންމެ 18 އަހަރެވެ.
 
ނ.އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމަށް ހަމަޖެއްސެވުމުގެ ކުރިން ޢަޒީ ވަނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒާއި، ރައީސް އޮފީހާއި، ބޮޑު ވަޒީރު އަޙްމަދު ޒަކީގެ ޕާރސަނަލް އެއިޑެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ނ. އަތޮޅުގެ އަތޮޅުވެރިކަން ދެއްވިއިރު ޢަޒީ ހުންނެވީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓް އޮފިސަރަކަށެވެ. އެހާ ޅަ އުމުރެއްގައި ޢަޒީއަށް އިތުބާރުކުރައްވައި ނ. އަތޮޅުގެ އަތޮޅުވެރިކަން ރައީސް އިބްރާހީމް ނާޞިރު ދެއްވީ ސަރުކާރުގެ އިސް އޮފީސްތަކެއްގައި ޚާއްޞަކޮށް ރައީސް އޮފީހުގައި ކުރެއްވި އިޚްލާޞްތެރި މަސައްކަތާއި ހުނަރުވެރިކަމާއި ޤާބިލުކަމާއި ހިންގުންތެރިކަން ވަރަށް ގާތުން ތަޖުރިބާކުރެއްވިފައިވާތީ ކަމަށް ގަބޫލުކުރެވެއެވެ.
 
ނ.އަތޮޅަށް ޢަޒީ ވަޑައިގެންނެވި ދުވަސްވަރަކީ އަތޮޅުވެރިޔާގެއެހީތެރިންނާއި ސެކްރެޓަރީން އަތޮޅު އޮފީހުގައި ތިބޭ ދުވަސްވަރެއް ނޫނެވެ. އޭރު އަތޮޅުވެރިޔާގެ އިތުރުން ހުންނަނީ އެންމެ ކާތިބެކެވެ. އަތޮޅު އޮފީހުގެ ކާތިބަކަށް އޭރު ހުންނެވީ އަޅުގަނޑުގެ ބައްޕަ، ނ. މަނަދޫ، މާލްރޯޑް، ސަޢީދު ޤާސިމެވެ. ބައްޕަ ވިދާޅުވިގޮތުގައި ޢަޒީ ވެވަޑައިގަތީ ނ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ކަމުދިޔަ ބޭފުޅަކަށެވެ. ހަރުދަނާ ވިސްނުންތެރި އަތޮޅުވެރިއެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންނެވި ހަރުދަނާ ޝަޚްޞިއްޔަތަކަށެވެ. 
 
"ޢަޒީއަކީ އަތޮޅުގެ ހުރިހާ އެންމެންނަށް ވެސް ވަރަށް ކަމުދިޔަ އަތޮޅުވެރިޔެއް. ޢަޒީއަކީ ވަރަށް ހުނަރުވެރި، ހިންގުންތެރި އަދި ވިސްނުންތެރިކަމާއެކު ކަންކަމާ ކުރިމަތިލެއްވި ހަރުދަނާ ޝަޚްޞިއްޔަތެއް. މީހުންނާ ވަރަށް ގާތްކަން ބާއްވަވައި މީހުންގެ އިހުތިރާމު ހޯއްދެވި އަތޮޅުވެރިޔެއް. ޢަޒީގެ ކިބައިން ފެނުނު ހިތްތިރިކަމުގެ ސަބަބުން ޢަޒީ ވެވަޑައިގަތީ މުޅި އަތޮޅުގެ ރައްޔިތުންގެ ވެސް ލޯބި ލިބިވަޑައިގެންނެވި ބޭފުޅަކަށް" ބައްޕަ ވިދާޅުވިއެވެ. 
 
އެ ދުވަސްވަރަކީ ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ފަހު ދުވަސްވަރެވެ. އެއީ ރާއްޖެއަށް މާތިޔާގި ދުވަސްވަރެއް ނޫނެވެ. ނ.އަތޮޅުގެ ގިނަ ރައްޔިތުން ކައިގެން ބޮއިގެން އުޅުނީ އުވަދަވައިގެންނެވެ. އެއީ ދިޔަލުދޯނީގެ ޒަމާނެވެ. ކަރަންޓެއް، ސާފު ބޯފެނެއް، ނަރުދަމާގެ ނިޒާމެއް، އަދި ހަނދާފައިވާ ބަނދަރެއް އެއްވެސް ރަށަކު ނެތެވެ. އަތޮޅު އޮފީހާއި ރަށްރަށާ ވާހަކަ ދައްކަނީ ވޯކީޓޯކީންނެވެ. އަތޮޅު އޮފީހާއި މާލެއާ ވާހަކަ ދައްކަނީ ރޭޑިއޯ ޓެލެފޯނު ސެޓުންނެވެ. ކޮންމެ ރަށެއްގައި ހުންނަނީ ބޮޑު ކަތީބަކާއި ކުޑަ ކާތީބަކާއި މުދިމެކެވެ. އެ މީހުންނަށް ވަރަށް ކުޑަ މުސާރައެއް ދެއްވައެވެ. ރަށްރަށުގައި ކަމެއް ކުރާކަށް އެއްވެސް ބަޖެޓެއް ނޯވެއެވެ. ރަށްރަށުގައި މަހަށްދާ ދޯނި ފަހަރުން މަސްބައެއް ދީގެން ރައްޔިތުންގެ ގަދަ ހިތްވަރުން މަދަރުސާއާއި މަކުތަބުތައް ހަދައިގެން ހިންގޭތޯ އުޅެއެވެ.
ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކާމެދު ވެސް ޢަޒީ ބެހެއްޓެވީ ވަރަށް ގާތްގޮތެކެވެ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން އުޅުއްވާއިރު ފަރިއްކުޅުއްވުމުގެ ކަންތައްތައް އާންމުކޮށް ހަމަ ޖައްސަވަނީ އެ ރަށެއްގެ ކަތީބުގެ ގެއިންނެވެ. ކަތީބުން މަނަދޫއަށް ވަޑައިގަތުން އެ ބޭފުޅުންގެ ފަރިއްކޮޅުގެ ކަންތައް އަތޮޅުގެއިން ޢަޒީ ހަމަޖައްސަވައިދެއްވައެވެ. 
 
އަތޮޅުގެ ރަށްރަށުގެ ވަރަށް އާދައިގެ މީސްމީހުންގެ ގޭގެއަށް ވެސް ރަޙުމަތްތެރި ކަމުގައި ޢަޒީ ވަޑައިގަތް އުޅުއްވިއެވެ. އަދި އެހެން ވަޑައިގަންނަވާ ގެއަކުން އެރުވި އެއްޗެއް ވިއްޔާ ކިތަންމެ ދެރަކޮށް ހުއްޓަސް ފަރިއްކުޅުއްވާ ހެއްދެވިއެވެ. ރަށެއްގައި ބަލި މީހަކު އޮތްކަން އެނގިވަޑައިގެންފިނަމަ އެ ގެއަކަށް ވަޑައިގެން އެ މީހެއްގެ ހާލު ބައްލަވާ ހެއްދެވިއެވެ. ރަށްރަށުގައި އޭރު ތިއްބެވި ވެރިންނަކީ ޢަޒީއާ އަޅާ ބަލާއިރު ވަރަށް ދުވަސްވީ ބޭފުޅުންނެވެ. އެއިން ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ބޮޑަށް އިހުތިރާމުކުރައްވައި ކަމޭހިއްތެވިއެވެ. އަދި ކަންކަމުގައި އެބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދެވިއެވެ. މިފަދަ އެތައް ސިފަތަކެއްގެ ސަބަބުން ޢަޒީއަކީ ހުރިހާ ޢުމުރެއްގެ އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންގެ ކުރިމަތީގައި ވެސް ވަރަށް މަގުބޫލު ޝަޚުސިއްޔަތެކެވެ. 
 
ނާޞިރުގެ ވެރިކަމުގައި ފައިބަރގްލާސް ލޯންޗެއް ނ. އަތޮޅަށް ދެއްވާފައި އޮތެވެ. އެކަމަކު ޢަޒީ އަތޮޅަށް ވަޑައިގެންނެވިއިރު އެ ލޯންޗު އޮތީ އިންޖީނު ހަލާކުވެގެން ބާއްވާފައެވެ. އަތޮޅަށް އަރުވާލާފައި ހުރި މީހަކު ލައްވާ އިންޖީނު ހައްދުވައިގެން އެ ލޯންޗު ބޭނުންކުރެއްވިއެވެ. އެކަމަކު ލޯންޗު ދުއްވާނެ ޑްރައިވަރަކު ނެތުމުން އެ ލޯންޗުގެ ޑްރައިވަރުކަން ވެސް ކުރައްވަން ޖެހިވަޑައިގަތީ އަތޮޅުވެރިޔާއަށެވެ.
ނ. އަތޮޅުގައި ޢަޒީ ހުންނެވި ދުވަސްވަރުގެ އެންމެ ހިތްދަތި ހަނދާނަކަށް ވާނީ ޢަޒީއާއި އަނބިކަނބަލުން އައިމިނަތު ޙަލީމް (އައިންތު) އަށް ލިބިވަޑައިގެންނެވި ފުރަތަމަ ދަރިފުޅު ޅަފަތުގައި މަނަދޫގައި ނިޔާވި ހިތާމަވެރި ހިތްދަތި ހަނދާނެވެ. އުފަންވީއިރު ވެސް ބަލިކޮށް އުޅުނު އެ ދަރިފުޅަށް މާލެއިން ވެސް ފަރުވާ ހޯއްދެވިއެވެ. އެކަމަކު ޝިފާއެއް ނުލިބި ނިޔާވީއެވެ. ނ. އަތޮޅުގައި ޢަޒީ ހުންނެވި ދުވަސްތަކުގެ ތެރެއިން ގިނަ ދުވަސްތަކެއްގައި ޢަޒީއާއެކު އަނބިކަނބަލުން ހުންނެވިއެވެ. އެ ދެކަނބަލުންގެ ފަރާތުން އަތޮޅުގެ ރައްޔިތުން ދުށީ ތެދުވެރި، ވަފާތެރި އެމަފިރިއެއްގެ ރީތި ދިރިއުޅުއްވުމެވެ. މާލޭގެ ދެ ބޭފުޅުންނަށް ވިޔަސް އެއްވެސް ބޮޑާކަމެއް ކިބުރުވެރިކަމެއްނެތް ހިތްތިރި ވަރަށް އާދައިގެ ސާދާ ދިރިއުޅުއްވުމެކެވެ. 
 
ޢަޒީގެ އަތޮޅުވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި ނަމަކީ އަތޮޅު ހިންގުން ހަރުދަނާކުރެއްވުމުގެ މަސައްކަތެވެ. އަތޮޅު އޮފީހާއި ރަށްރަށުގެ އޮފީސްތަކާ ގުޅިގެން ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކޮށް މަސައްކަތްކުރުމުގެ ރޫޙެއް އުފެއްދެއްވުމުގެ މަސައްކަތެވެ. އަތޮޅުގެ ތަޢުލީމީ ހާލަތާއި ޞިއްޙީ ހާލަތު ރަނގަޅު ކުރެވޭތޯ ވެސް މަސައްކަތް ކުރެއްވިއެވެ. މިގޮތުން އަތޮޅު ޞިއްޙީ މަރުކަޒުގައި ހުންނަވާ ކޮމިއުނިޓީ ހެލްތު ވޯކަރު ގޮވައިގެން ރަށްރަށް ވަޑައިގެން ރައްޔިތުންނަށް ޞިއްޙީ ފަރުވާ ދެއްވައި، ރައްޔިތުން ހޭލުންތެރިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. 
 
އަތޮޅު ކޮމެޓީތައް ހިންގި ދުވަސްވަރު މާލޭން އުތުރުގެ އަތޮޅުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު އާމުދަނީއެއް ލިބޭ އަތޮޅަކީ ނ. އަތޮޅެވެ. އެހެން ނަމަވެސް ޢަޒީ އަތޮޅު އޮފީހާ ހަވާލެވަޑައިގެންނެވިއިރު ތިޖޫރީން އެކަން އެނގޭކަށްނެތެވެ. މަނަދޫގައި ހުރި ނ. އަތޮޅު އިސްޓޯރު ހުރީ ހުލިވެފައެވެ. އަތޮޅުގެ ރަށްރަށުގައި މައްސަލަތައް ބައިވަރެވެ. ޢަޒީގެ އަތޮޅުވެރިކަމުގައި ރައީސް ނާޞިރު ދެއްވި ތިން އެޕޮއިންޓްމަންޓުގައި ވެސް މައިގަނޑު ވާހަކަފުޅެއްކަމުގައި ހެއްދެވީ އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްދެއްވުމާއެކު އެ ނިކަމެތި ހާލަތުން އަރައިގަތުމަށް ސަރުކާރުން ވެދެއްވިދާނެ އެހީތެރިކަމުގެ ވާހަކައެވެ. މީގެ ތެރެއިން އެއް އެޕޮއިންޓްމަންޓެއްގެ ތެރޭގައި ޢަޒީ އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް ސަރުކާރުން ލޯނެއް ދެއްވަން ރައީސް ނާޞިރު ނިންމެވިއެވެ. ދިހަހާސް ރުފިޔާގެ އެ ލޯނު ޢަޒީ ނެންގެވީ އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމެއް އަތޮޅުތެރޭގައި ހަމަޖައްސަވައިދެއްވޭތޯއެވެ. 
 
ލޯނު ލިބިވަޑައިގަތުމުން މަނަދޫގައި ހުންނަ ނ. އަތޮޅު އިސްޓޯރަށް ކާޑުގެ ބާވަތްތަކާއި މުދާލައި އަލުން އާ ރޫޙެއްގައި ވިޔާފާރި ކުރިއަށް ގެންދެވިއެވެ. މަނަދޫގެ އިތުރުން ހޮޅުދޫއާއި ވެލިދޫގައި ވެސް ފިހާރަ ހުޅުވައި ވިޔަފާރި ފެއްޓެވިއެވެ. މިކަމުގެ ސަބަބުން ކާޑުގެ ބާވަތްތަކާއި ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު ގަންނަން ލިބޭގޮތް ރައްޔިތުންނަށް ފަހިވެގެން ދިޔައެވެ. 
 
ޢަޒީގެ އަތޮޅުވެރިކަމުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބ. އަތޮޅު ގޮއިފުޅަފެހެންދޫއަށް އަރުވާލާފައި ތިބި ކުށްވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ނ. އަތޮޅު މާފަރަށާއި މަގޫދޫއަށް ބަދަލު ކުރެއްވުމެވެ. މި މީހުންގެ ތެރޭގައި ވައްކަމާއި ޓެކުމާއި ފޭރުމާއި މާރާމާރީއާއި ބަދުއަޚްލާޤީ މައްސަލަތަކުގައި އަރުވާލާފައި ތިބި ބޮޑެތި ކުށްވެރިން ހިމެނެއެވެ. އާބާދީ ކުޑަ އެ ދެ ރަށަށް ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ބަދަލުކުރުމުން ވަރަށް ބޮޑު ނޭދެވޭ ކަންތައްތަކެއް ފެންމަތިވަމުން ދިޔައެވެ. މަގޫދޫގެ އާބާދީއަށްވުރެ ކުށްވެރިންގެ އަދަދު ގިނަވުމުން އެ ރަށުގެ ރައްޔިތުންނަށް ދިރިއުޅެން އުނދަގޫވިއެވެ. ކުށްވެރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި ކުށްވެރިންގެ ސަބަބުން ރަށު ތެރޭގައި ދިމާވި މައްސަލަތައް ހައްލު ކުރެއްވީ ސީދާ، ޢަޒީ އެ ރަށްރަށަށް ވަޑައިގެން އެ މައްސަލަތައް ބައްލަވައިގެންނެވެ. ކުށްވެރިން ހަދާ ދޮގާއި މަކަރާއި ރާވާ ހީލަތްތެރި ރޭވުންތައް ތަހުގީގުގެ ތެރެއިން ފަޅާއަރުވާލައްވައިގެންނެވެ. ކުށްވެރިން މައިތިރިވާން ފެށީ ކުށްވެރިންނަށް ވުރެ ޢިލްމީގޮތުންނާއި ހޭލުންތެރިކަމުގެ ގޮތުން އަތޮޅުވެރިންނަކީ މާ ކުޅަދާނަ ބޭފުޅެއްކަން ކުށްވެރިންނަށް ގަބޫލުކުރެވެން ފެށުމުންނެވެ.
ޢަޒީގެ އަތޮޅުވެރިކަމުގައި ނ. އަތޮޅުގައި ހިނގި ތާރީޚީ ކަންތައްތަކަށް ބަލާއިރު އެއް ކަމަކީ ނ.މަގޫދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވެ ހުކުރުކުރަން ފެށުމެވެ. އެ ދުވަހު ކުޑަ މަސްބޯޓެއްގައި އަތޮޅުވެރިންނާއި އަނބިކަނބަލުން ވެސް މަގޫދޫއަށް ވަޑައިގެންނެވިއެވެ. މަގޫދޫގައި އެ ދުވަހު އިމާމުވެ ހުކުރުކުރެއްވީ ނ. އަތޮޅު އޮފީހުގެ ކާތިބު ސަޢީދު ޤާސިމެވެ.
ޢަޒީއަކީ މީސްމީހުންނާމެދު ކިތަންމެ ގާތް އެކުވެރި ގުޅުމެއް ބޭއްވެވި ނަމަވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނާޖާއިޒު ފައިދާ އާއި މަންފާ ހޯދައިދެއްވި ބޭފުޅެއް ނޫނެވެ. އެކުވެރިކަމާއި ގާތްކަން ޢަޒީ ގެންގުޅުއްވީ ރަސްމީ ހައިސިއްޔަތާ މަސްހުނި ނުވާގޮތަށެވެ. މީގެ އެއް ހާދިސާއަކީ އަތޮޅުގެ ރަށަކަށް ވަޑައިގެން ދަތުރުފުޅެއްގައި ގެއަކުން ފަރިއްކުޅުއްވައިގެން ނިކުންނަވައި، އެ ގޭގެ ވެރިފަރާތުން ޤަވާޢިދާ ޚިލާފަށް ރާނާފައިހުރި ފާރެއް ތަޅާލެއްވި ހާދިސާއެވެ. އެ ދުވަހު ޢަޒީ ނިންމެވި ހަރުދަނާ ނިންމެވުމުގެ ސަބަބުން ޒުވާން އަތޮޅުވެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ލޯބި ބޮޑުވެގެންދިޔައެވެ. 
 
ޢަޒީ އަތޮޅުވެރިކަން ކުރައްވަމުން ގެންދެވިގޮތް ގިނަ ބަޔަކަށް ކަމުދިޔަޔަސް ޢަޒީއާ މެދުވެސް ހިތް ހަމަނުޖެހޭ ވަރަށް މަދު ބަޔަކު ނަމަވެސް އަތޮޅުގައި ތިއްބެވެ. މިގޮތުން އެއްވެސް ޙަޤީޤަތެއްނެތި ޢަޒީއާ ބެހޭގޮތުން ބަޔަކު ރައީސް ނާޞިރަށް ޝަކުވާގެ ސިޓީތަކެއް ފޮނުވިއެވެ. އެ ޝަކުވާތައް ލިބިވަޑައިގަތުމުން ރައީސް ނާޞިރު ހެއްދެވި ގޮތަކީ ޢަޒީއަށް ވެސް އެކަން ނާންގަވައި އެ މީހުން މާލެ ގެންނަވައި އެކި ރަށްރަށަށް ފޮނުއްވާލެއްވީއެވެ. ފޮނުވާލުމަކީ ހުކުމް ކުރުމަކާ ނުލައި އަރުވާލާގޮތަށް އަތޮޅުތެރޭގެ ރަށްރަށަށް އަދަބެއްގެ ގޮތުގައި ފޮނުވާލުމެވެ. ޢަޒީއާމެދު ރައީސް ނާޞިރު އެވަރަށް އިތުބާރު ކުރެއްވިއެވެ. ޢަޒީއަކީ ބަދަލު ހިފުމުގެ ރޫޙު ގެންގުޅުއްވި ބޭފުޅެއް ނޫނެވެ. އަދި އެއްވެސް މީހަކާމެދު ޢަދުލު އިންސާފުން ބޭރުން ކަންތައްތައް ކުރެއްވި ބޭފުޅެއް ވެސް ނޫނެވެ. ރަށްރަށުގައި ތިއްބެވި ކަމުވޮށިވެގެންވާ ބޭފުޅުންގެ ތެރޭގައި ޢަޒީއާމެދު އެންމެ ހިތް ސާފު ނޫން ބޭފުޅުންނާ މެދު ވެސް ޢަޒީ ގާތް ގުޅުމެއް ބޭއްވެވިއެވެ. އެ ރަށްރަށަށް ވަޑައިގަންވައި އެ ގޭގެއަށް ވަޑައިގެން އެ ބޭފުޅުންގެ ހާލުއަހުވާލު އޮޅުންފިލުވައި ހެއްދެވިއެވެ. އޭގެ ނަތީޖާއަކަށްވީ އެ ބޭފުޅުން ވެސް ފަހުން ވަރަށް އިތުބާރުކުރެއްވި ވަރަށް ގާތް ބޭފުޅަކަށް ޢަޒީ ވެވަޑައިގަތުމެވެ. ފަހުން ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅުގެ މެންބަރުކަން ޢަޒީ ކުރެއްވިއިރު ތިން ދައުރެއްގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުކޮށްދިނުމުގައި އެ ބޭފުޅުންގެ ދައުރު ވަރަށް ބޮޑެވެ. 
 
 
ޢަބްދުލްޢަޒީޒު ޔޫސުފުގެ އަތޮޅުވެރިކަން ނިމުމަކަށް އައީ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަން ފެށުމާއެކު، 19 ނޮވެންބަރު 1978 ގައެވެ. ނ. އަތޮޅުވެރިކަމުން ޢަޒީ ބަދަލުކުރެއްވީ ނޯދަން ގްރޫޕުގެ ވަކީލުގެ މަޤާމަށެވެ. ނޯދަން ގުރޫޕަކީ ފަހުން އެޓޯލްސް މިނިސްޓްރީގެ ދަށުން ހިނގަމުން އައި ނޯދަން ރީޖަނަލް އޮފީހެވެ. ނ. އަތޮޅުވެރިކަމުން ވަކިވެވަޑައި ގެންނެވި ނަމަވެސް ނ. އަތޮޅުގެ ރައްޔިތުންނާ ޢަޒީއާމެދުގައި އޮތް އެކުވެރި، ގާތް ގުޅުމަށް ހީނަރުކަމެއް ނާދެއެވެ. އެކަން އެނގެނީ ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރުކަމަށް ނ. އަތޮޅުގެ ރައްޔިތުން ޢަޒީ އިންތިޚާބު ކުރަމުން ގެންދިޔަ ސިލްސިލާއިންނެވެ. ޢަޒީ ވަނީ 1980 އިން 1985 އަށް، 1985 އިން 1990 އަށް އަދި 1990 އިން 1995 އަށް ރައްޔިތުންގެ މަޖިލިހުގައި ތިން ދައުރު ޖެހިޖެހިގެން ނ. އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި ވެސް ނ. އަތޮޅު ތަމްސީލު ކުރައްވާފައެވެ. ޢަޒީއަކީ މިހާރު ވެސް އެ ޖީލުގެ ނ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ޝަޚްޞިއްޔަތެކެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް ވަނީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއްގައި ވަރަށް އިޚްލާޞްތެރި އަގުހުރި ޚިދުމަތްތަކެއް ދިވެހި ދައުލަތަށް ކޮށްދެއްވާފައެވެ. އޭގެތެރެއިން އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް އަގުހުރި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ޢަބްދުލްޢަޒީޒް ޔޫސުފް ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 25 ސެޕްޓެންބަރު 2013 ގައެވެ.
 
 
މަޢުލޫމާތު:
ޢަބްދުލްޢަޒީޒު ޔޫސުފް
ސަޢީދު ޤާސިމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

No comments: