Saturday, October 28, 2023

އަސްކަރީ މެޑެލީގެ ވެރިޔާ، ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އަސްކަރީ އަދި ޤައުމީ މަތިވެރި ޚިދުމަތްތައް

 


ޢަބްދުﷲ ސަޢީދު 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފަނަކީ ދިވެހި އަސްކަރިއްޔާގައި ކޮމާންޑަރުކަން ކުރައްވާފައިވާ އަދި ތަފާތު ގިނަ ރޮނގުތަކުން ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭރު ސިފައިންގެ ސަރުދާރު ނުވަތަ ސިފައިންގެ އޮފިސަރުގެ ގޮތުގައި އަދާކުރެއްވީ ދިވެހި އަސްކަރިއްޔާގެ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ދައުރެވެ. އެއީ ވަފާތެރި ޚާދިމެކެވެ. ވަރަށް މާތް އަޚްލާޤެއްގެ ވެރިއެކެވެ. އަސްކަރީ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުންނަވައިގެން ދަރިވަރުން ތަރުބިއްޔަތުކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަފާތު ގިނަ ކުޅިވަރުތައް ކުޅުއްވި ކުޅަދާނަ، މޮޅު ކުޅިވަރުކުޅުންތެރިއެކެވެ. މީހުން ބިނާކޮށް މަގުދެއްކި ހެޔޮ މުރުޝިދެކެވެ. ގިނަ ބައެއްގެ ހިތްތަކުގެ ލޯތްބާއި އިހުތިރާމު ހޯއްދެވި ޢިއްޒަތްތެރިއެކެވެ. 
 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1907 ޑިސެންބަރު 11 ވަނަ ދުވަހުއެވެ. ބަންދު މުޙައްމަދު ކަލޭފާނުގެ ބައްޕައަކީ ހުވަދު އަތޮޅު ވިލިނގިލީ މާފުތާގެ މަޙްމޫދުގެ ޙަސަން ތައްޚާނެވެ. މަންމައަކީ ހުވަދު އަތޮޅު ތިނަދޫ ފޮތެލުގޭ މަރިޔަމް މަނިކެއެވެ. ބަންދު މުޙައްމަދު ކަލޭފާނުގެ ހަރުދަނާ ޝަޚްޞިއްޔަތު ބިނާވެފައިވަނީ ބައްޕަގެ ފަރާތުން ލިބިވަޑައިގެންނެވި އުސޫލީ ތަރުބިއްޔަތުގެ ތެރެއިންނާއި މަންމަގެ ތަރުބަވީ އުނގުންނެވެ. ބަންދު މުޙައްމަދު ކަލޭފާނުގެ ބައްޕައަކީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި ވަރަށް އިސް ޚިދުމަތްތެރިންތަކެއް އަރިހުގައާއި ދިވެހި ދައުލަތުގެ ވަރަށް އިސް ބޭފުޅުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭގެތެރޭގައި ސިފައިންގެ ފުރަތަމަ ކޮމާންޑަރ މީރުބަހުރު އިސްމާޢީލް ދީދީއާއި، ދެވަނަ ކޮމާންޑަރު އަންނަބީލް އަތިރީގޭ ޢަބްދުﷲ ދީދީ އާއި އެ ދުވަސްވަރު ސަފީރުކަމުގައި ހުންނެވި އަންނަބީލް ޢަބްދުލްޙަމީދު ދީދީ ހިމެނިވަޑައިގަންނަވައެވެ. މާލޭގައި ސްކޫލުތަކާއި މަދަރުސާތައް ނެތް ޒަމާނެއްގައި އެކިއެކި ބޭބޭފުޅުންގެ އަރިހުން ވަރަށް ދަތި ހާލުގައި ނޫނީ އާދައިގެ މީހުންގެ ދަރިންނަށް ކިޔެވުމުގެ ފުރުސަތު ނެތް ޒަމާނެއްގައި ބަންދު މުޙައްމަދު ކަލޭފާނު ތަންދޮރުފިލާ ހަރުދަނާ ޝަޚްޞިއްޔަތަކަށް ވެގެން ދިޔައީ މި ތަޖުރިބާތަކުގެ ހެޔޮ އަސަރުތަކުގެ ސަބަބުންނެވެ. 
 
ޒުވާން ދުވަސްވަރަށް އެޅުނުއިރު ބަންދު މުޙައްމަދު ކަލޭފާނަކީ އިސްކޮޅުގައި 5 ފޫޓު 8 އިންޗި ހުރި ތެދު ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅާ އެއްވަރުގެ ފުރިހަމަ ރޫފައެއް ހުރި އޮޅަލިކުލައިގެ ބޭފުޅެކެވެ. ބަންދު މުޙައްމަދު ކަލޭފާނު ކުރެއްވީ އެންމެ ކައިވެނިފުޅެކެވެ. ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ޚިޔާރުކުރެއްވި ތިލަދުންމަތީ ހަތިފުށީ ޚާދިމްކަލޭފާނުގެ ދޮންތުއްތުގެ އާއިޝާފުޅެވެ. އެ ކައިވެނިފުޅުން 8 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ އަޙްމަދު ސަލީމް، ސަޢީދާ މުޙައްމަދު، ސަލީމާ މުޙައްމަދު، އިބްރާހީމް ސަލީމް، ޢަބްދުﷲ ސަލީމް، ޢަލީ ސަލީމް، ސަލްމާ މުޙައްމަދު، އަސްމާ މުޙައްމަދެވެ. ބަންދު މުޙައްމަދު ކަލޭފާނާއި ޢާއިޝާފުޅުގެ ޒަވާޖީ ހަޔާތަކީ ދެ ބޭފުޅުންގެ ދެމެދުގައި އިހުތިރާމާއި ލޯތްބާއެކު ކުރިއަށްދިޔަ އޮމާން ރީތި ހަޔާތެކެވެ. 
 
ބަންދު މުޙައްމަދު ކަލޭފާނު، ކަލޭފާނަކަށް ނުވާއިރު އެއީ މުޙައްމަދު ފުޅެވެ. ބަންދު މުޙައްމަދު ކަލޭފާނުގެ ހަރުދަނާ ޝަޚްސިއްޔަތާއި ލިބިވަޑައިގެންފައިވާ ހުނަރުވެރިކަން ފާހަގަ ކުރެވެން ފެށީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ޚާދިމެއްގެ ގޮތުގައި އުޅުއްވަން ފެއްޓެވި ދުވަސްވަރުއެވެ. ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ވެސް ގެންގުޅުއްވި ކަމަށްކަމޭހިތުމުގެ ރިވެތި އުސޫލާއި ގަޑިންގަޑިއަށް ކަންތައްތައް ނިންމެވުމުގައި ބެހެއްޓެވި ޚާއްޞަ ސަމާލުކަމުގެ އިތުރުން ތަފާތު މަސައްކަތްތަކާއި ކުޅިވަރުތަކުން ލިބިވަޑައިގެންފައިވާ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. ރޭނުމާއި ވަޑާންކުރާ މީހުންގެ އިސްވާރެއްގެ ގޮތުގައި މަސައްކަތް ކުރުވަމުން ގެންދެވި ގޮތުން ވެރިންގެ ވަރަށް ބޮޑު އިތުބާރެއް ބަންދު މުޙައްމަދު ކަލޭފާނަށް ލިބިވަޑައިގެންނެވިއެވެ. 
 
އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ އަރިހުގައި އުޅުއްވި ދުވަސްވަރު އަލްއަމީރު މުޙައްމަދު ފަރީދާއި އަލްއަމީރު ޙަސަން ފަރީދު ދީދީގެ ކުރިކެޓް ޓީމަށް އުޅުއްވިއެވެ. އެ ދުވަސްވަރު ދިވެހި ޓީމަކާއި ބޭރުގެ ޓީމެއް ފުރަތަމަ ބައްދަލުކުރި ކުރިކެޓް މެޗު ކުޅެވުނެވެ. 1931 މާރިޗު 6 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އެޗްއެމްއެސް އެންޓަރޕްރައިޒުގެ ޓީމަކާއި ދިވެހި ޓީމެއް މާލޭގައި ކުޅުނު މި ތާރީޚީ ކުރިކެޓް މެޗުގައި ބަންދު މުޙައްމަދު ކަލޭފާނު ކުޅުއްވައި، ދިވެހި ޓީމުގެ އެންމެ މޮޅު ފަސްވަނަ ކުޅުންތެރިއަކަށް ހޮވިވަޑައިގެންނެވިއެވެ. ކުރިކެޓުގެ އިތުރުން ފުޓްބޯޅަ އާއި ބެޑްމިންޓަނާއި ހޮކީ ކުޅުއްވައި އަދި މި ކުޅިވަރުތައް ދަސްކޮށްދެއްވުމުގައި ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި ތަފާތު ގިނަ ކުޅިވަރުތަކުގެ ރެފްރީކަމާއި އެމްޕަޔަރުކަން ވެސް ކުރެއްވިއެވެ. 
 
ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދުލް އަޒްހަރީގެ ނޯޓަކާ ހަވާލާދެއްވައި މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ހެންވޭރު ޝަފީޤުގޭ އަޙްމަދު ޝަފީޤު ވިދާޅުވެފައިވާ ގޮތުގައި ބަންދު މުޙައްމަދު ކަލޭފާނާއި ޅަރީތި ދޮންތުއްތުއަށް ސަރުކާރުގެ ވަޒީފާ ދެއްވުމުގެ ގޮތުން ސިފައިންގެ ތެރެއަށް ލެއްވީ 18 ޝައްވާލު 1358 ގައެވެ. މީލާދީގޮތުން ބަލާއިރު އެއީ 31 ނޮވެންބަރު 1939 އެވެ. ބަންދު މުޙައްމަދު ކަލޭފާނު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އޭރުގެ ސިފައިންގެ ވެރިޔާ އަލްއަމީރު މުޙައްމަދު ފަރީދުގެ އިރުޝާދުގެ މަތީންނެވެ. ނަމަވެސް ސިފައިންގެ ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި ބަންދު މުޙައްމަދު ކަލޭފާނު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1942 ވަނަ އަހަރުއެވެ. 
 
ދެވަނަ ބޮޑު ހަނގުރާމަ 1939 ވަނަ އަހަރު ފެށި، ދެ އަހަރެއްހާ ދުވަސްވީއިރު ހަނގުރާމައިގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ރާއްޖެއާ ހަމައަށް އޮތީ އައިސްފައެވެ. އެ ދަނޑިވަޅުގައި ދިވެހި ސިފައިންނަށް އަސްކަރީ ގޮތުން ތަމްރީނު ދިނުމަކީ މުހިންމުކަމެއްކަމުގައި ގަބޫލުކުރައްވައި ދިވެހި ދައުލަތް ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރުލްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ ސިފައިންގެ 13 ބޭކަލުން ގޮވައިގެން ސިލޯނަށް ވަޑައިގެންނެވިއެވެ. 
 
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިލޯނުގައި އޮތް އިންޑިއާގެ ޕަންޖާބު ރެޖިމަންޓުގައި އަހަރެއްހާ ދުވަހުގެ މުއްދަތަށް އަސްކަރީ ތަމްރީނު ހެދުމަށް 14 މޭ 1942 ގައި ގެންދެވި ބޭކަލުންގެ ތެރޭގައި ބަންދު މުޙައްމަދު ކަލޭފާނު ހިމެނިވަޑައިގެންނެވިއެވެ. މިއީ ރާއްޖެއިން ބޭރުން އަސްކަރީ ތަމްރީނު ދިވެހި ސިފައިން ހޯދި ފުރަތަމަ ފަހަރެވެ. އެ ތަމްރީނަށް ފަހު ސިފައިން މާލެ އައުމާއެކު ވަރަށް ހެޔޮ ބަދަލުތަކެއް ދިވެހި އަސްކަރިއްޔާއަށް އަންނަން ފެށިއެވެ. އޭގެތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ ސިފައިންގެ ހެވިކަމަށް އައި ކުރިއެރުމާއި ތަރައްޤީއެވެ.
 
ޕަންޖާބު ރެޖިމެންޓުގައި ތަމްރީނު ހެދި ސިފައިން މާލެ އައުމަށްފަހު ހެވިކަމަށް އަލަން ތަޢާރަފުކުރި ހެވިކަމުގެ ހަރަކާތްތަކާއެކު ޝަރަފުގެ ހިނގާލުމެއް އެންމެ ފުރަތަމަ ބޭއްވީ ދެވަނަ ބޮޑު ހަނގުރާމަ ނިމުން ފާހަގަ ކުރުމަށެވެ. އެއީ 14 އޯގަސްޓް 1945 ގެ ރޯދަމަހުގެ 6 ވަނަ ދުވަހެވެ. މާލޭގެ ކޮލި ހިނގާ މަގުގައި އޮތް އެ ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ލަޝްކަރަށް ކޮމާންޑު ކުރެއްވީ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނެވެ. އެ ދުވަހު ކޮމާންޑްތައް ކުރެއްވި ގޮތުން ވަރަށް ގިނަ ބަޔަކަށް ބަންދު މުޙައްމަދު ކަލޭފާނަކީ ވަރަށް މަޤްބޫލު ބޭފުޅަކަށް ވެގެންދިޔައެވެ.
 
ޕަންޖާބު ރެޖިމެންޓުގައި ތަމްރީނު ހެދި ސިފައިން މާލެ އައިއިރު ދައުލަތް ހިންގަވަމުން ގެންދެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެއެވެ. އެ ދުވަސްވަރު ބަންދު މުޙައްމަދު ކަލޭފާނަށް "ކަމުވޮށިކަން" ނުވަތަ މަޖިލިހަށް އެރުވުމުގެ ޢިއްޒަތް ދެއްވިއެވެ. އެހިސާބުން އެއީ މާފަތްވަރުގެ (މައްޗަންގޮޅީ) މަޖިލިސްގެ މެންބަރެކެވެ. ރައްޔިތުންގެ މަޖިލިހުގައި މައްޗަންގޮޅީގެ މެންބަރުކަމުގެ އިތުރުން، ފަހުން ޏ. އަތޮޅުގެ މެންބަރުކަން ވެސް ބަންދު މުޙައްމަދު ކަލޭފާނު ކުރެއްވިއެވެ. މެންބަރުކަން ކުރެއްވީ ކޮންމެ ދާއިރާއެއްގައި ވެސް އެއް ދައުރެވެ.
 
ސިފައިންގެ ކޮމާންޑަރުކަން ބަންދު މުޙައްމަދު ކަލޭފާނަށް ދެއްވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސިފައިންގެ ވެރިޔާގެ މަޤާމުގައި 1947 ވަނަ އަހަރުގައެވެ. އެހާތަނުން ފެށިގެން 1953 އޯގަސްޓް 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއާއެކު މުޙައްމަދު އަމީނުގެ ވެރިކަން އިންޤިލާބަކުން ބަދަލުކޮށްލަންދެން ސިފައިންގެ ކޮމާންޑަރުކަމުގައި ހުންނެވީ ބަންދު މުޙައްމަދު ކަލޭފާނެއެވެ. ގާތްގަނޑަކަށް ހައަހަރެއްހާ ދުވަހު އެ މަޤާމުގައި ހުންނެވިއިރު ސިފައިންގެ ކަންތައްތައް ތަރައްޤީކުރައްވައި ކުރިއެރުއްވުމަށް ޓަކައި މުޙައްމަދު އަމީނުގެ އިރުޝާދާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް މުއައްސަސާއެއްގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. ފުރަތަމަ ފަހަރަށް ސިފައިންގެ އަހަރީ ދުވަހެއް ފާހަގަކުރައްވަން ފެއްޓެވުމުގެ އިތުރުން، ސިފައިންގެ ދިދައާއި ސިފައިންގެ ބެޖާއި ސިފައިންގެ މޮޓޯއާއި ސިފައިންގެ ލަވައާއި ސިފައިންގެ ކާކީ ޔުނީފޯމު ތަޢާރަފުކުރެވިގެން ދިޔައީ މި ދުވަސްވަރުގައެވެ. ސިފައިންގެ ފޯރިމަރާ ތަންތަނުގައި ފޯރިމެރުން ހަރުދަނާކުރުމަށާއި ގަޑިންގަޑިއަށް ފޯރިތައް (ޑިއުޓީތައް) ބަދަލުކުރުމަށް ޓަކައި ޑިއުޓީ ތާވަލެއް އެކުލަވާލައްވައިގެން އެންމެންނަށް ފެންނާނެހެން ޑިއުޓީ ބޯޑެއް ބެހެއްޓެވިއެވެ. އަދި ފުރަތަމަ ފާހަގަ ކުރި ސިފައިންގެ ކުލަގަދަ އަހަރީ ދުވަހު ބޭއްވި ސިފައިންގެ އަހަރީ ފުރަތަމަ ބަޑި މުބާރާތުން ފަޚުރުވެރި އެއްވަނަ ހާސިލު ކުރެއްވިއެވެ. 06 ޖޫން 1947 (16 ރަޖަބު 1366) ގައި ބޭއްވި އެ ބަޑި މުބާރާތުން އެއްވަނަ ދެ ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެއީ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އިތުރުން ޅަރީތި ދޮންތުއްތު އަށެވެ. 
 
ދިވެހިރާއްޖޭގެ ކެޑޭޓުގެ ތާރީޚުގައި ވެސް ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނަކީ ފަނޑު ނުވާނެ ނަންފުޅެކެވެ. މަޖީދިއްޔާ ސްކޫލުގައި ކެޑޭޓޫން އެންމެ ފުރަތަމަ އުފެއްދެވުމަށް ކެޑޭޓުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރެއްވި އިސް ބޭފުޅަކީ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނެއެވެ. އޭރު ކެޑޭޓުންނަށް ކިޔަނީ "ޚާއްޞަ ޕާޓީ" އެވެ. އެ ދުވަސްވަރު އަމީނިއްޔާ ސްކޫލުގައި "ގާލްގައިޑް" އުފެއްދެވިއިރު އެ ދަރިވަރުން ތަމްރީނުކުރެއްވުމުގައި ވެސް ބަންދު މުޙައްމަދު ކަލޭފާނު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފަނަކީ ސިފައިންގެ ކޮމާންޑަރުކަމުގައި ވިޔަސް މުޙައްމަދު އަމީނުގެ ސަރުކާރުގައި އެމަނިކުފާނަކީ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ޚާއްޞަކޮށް ކުޅިވަރުގެ ރޮނގުގައެވެ. ސިފައިންގެ ކޮމާންޑަރުކަމުގެ އިތުރުން އޭރު އެއީ ރައްޔިތުންގެ މަޖިލިހުގެ މެންބަރެކެވެ. އަދި ކުޅިވަރު މުންތަޒިމާއި، ނާދީތަމައްދުންގެ ވެސް މެންބަރެކެވެ. ބަލަދިއްޔާ (މުނިސިޕަލްޓީ) އާއި އަވަށު ކުލަބުގެ ވެސް އިދާރީ އިސް މެންބަރެކެވެ. މުޙައްމަދު އަމީން ދިވެހިރާއްޖެއަށް ތަޢާރަފުކުރެއްވި މެޑެލި ދިނުމުގެ ޤާނޫނުގެ ދަށުން އަސްކަރީ މެޑެލީގެ ވެރިޔާ (ޢ.މ.ވ) ވަނީ ލިބިވަޑައިގެންނެވި ފުރަތަމަ ޝަރަފުވެރިއަކީ ވެސް އެއީއެވެ. 
 
ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ބަދަލުކޮށްލި އިންޤިލާބުގެ ތެރޭގައި ސަރުކާރުގެ މަޤާމުތަކުން ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނަށް ދުރުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ މައްޗަށް އެއްވެސް ކަމެއްގައި އެއްވެސް ތަޙުޤީޤެއް އެއްވެސް ސިފައެއްގައި ހިންގާފައެއް ނުވެއެވެ. އަދި އެމަނިކުފާނާމެދު ހިތްހަމަ ނުޖެހިގެން އެއްވެސް ޝަކުވާއެއް އެއްވެސް މީހަކު އުފުލާފައެއް ވެސް ނުވެއެވެ. މި ކަންކަމުން އެނގިގެން ދިޔައީ ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނު އިޚްލާޞްތެރިކަމާއެކު ކުރައްވާފައިވާ ޤައުމީ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ މިންވަރެވެ. އެ އިންޤިލާބުގެ "ހިރަފުސްތައް އޮބި" 1954 މާރިޗު 7 ވަނަ ދުވަހު އަލުން ރަސްކަމެއް ރާއްޖޭގައި ޤާއިމު ކުރެވުނެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަމާއި ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހި ދައުލަތް ހިނގައިގަތެވެ. އެ ދުވަސްވަރު އިންޤިލާބުގެ ތެރޭގައި ސަރުކާރުން ދުރުކުރެވުނު ދައުލަތަކަށް އިޚްލާޞްތެރި ބައެއް ބޭފުޅުން ސަރުކާރުގެ ޚިދުމަތަށް އަލުން ގެންނަވަން ފެއްޓެވިއެވެ. މިގޮތުން އެންމެ ފުރަތަމަ ސަރުކާރުން ވަޒީފާ ދެއްވި ބޭފުޅުންގެ ތެރޭގައި ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނު ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން ފުރަތަމަ މަސައްކަތް ކުރެއްވީ މަދަރުސަތުލް މަޖީދިއްޔާގެ ކުޅިވަރު މުރުޝިދެއްގެ ގޮތުގައެވެ. އެއީ 26 ޑިސެންބަރު 1954 އިން ފެށިގެންނެވެ. ފަހުން 7 ސެޕްޓެންބަރު 1955 ގައި އިތުރު ވަޒީފާއެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ މުޢާވިނުކަން ދެއްވިއެވެ. އަދި އޭގެ ފަހުން 18 ޖޫން 1958 ގައި ނާޒިރުގެ ނާއިބުކަމާއި ކުޅިވަރު މުރުޝިދުގެ މަޤާމު ދެއްވިއެވެ. މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކުރެއްވި މި ދުވަސްވަރު ބަންދު މުޙައްމަދު ކަލޭފާނު އަމިއްލަ ނަފުސު ތަރައްޤީ ކުރެއްވުމުގެ ގޮތުން މަޖީދިއްޔާގެ މުދައްރިސުންގެ އެހީތެރިކަމާއެކު އިނގިރޭސި ބަހުގެ ފެންވަރު މަތިކުރެއްވިއެވެ. އަދި ދިވެހިބަހުން ލިޔުއްވައި ކުޅަދާނަ ލިޔުންތެރިއަކަށް ވެވަޑައިގަތެވެ. އަދި އެއީ ދޫފަރިތަ މޮޅު ވާހަކަ ދެއްކުންތެރިއެއްކަން ސާބިތުކޮށްދެއްވިއެވެ. ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނު އެ ދުވަސްވަރު ގިނަ ލިޔުއްވުންތައް ޝާއިޢުކުރެއްވީ މަޖީދިއްޔާ ސްކޫލުން ނެރުނު މަޖައްލާތަކުގައެވެ. ވާހަކަދެއްކުންތެރިކަން ކުރިއަރައިގެން ދިޔައީ ތަފާތު މައުލޫތަކަށް ދަރިވަރުންނާ ވާހަކަ ދައްކަވަން ޖެހިވަޑައިގެންނެވުމާއެކުގައެވެ. ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފަނަކީ ކޮންމެ މައުލޫއަކަށް ވެސް ފުރިހަމަ މަޢުލޫމާތު ހޯއްދަވައިގެން ވަރަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ވާހަކަ ދެއްކެވި ބޭފުޅެކެވެ. ވުޒާރަތުލް މަޢާރިފުން ހިންގި ޚާއްޞަ ކުލާސްތަކާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ތަރުބިއްޔަކާއި ކުޅިވަރާއި އަޚްލާޤާ ބެހޭ ތަފާތު މައުލޫތަކަށް ތަކުރާރުކޮށް ދެއްކެވި ވާހަކަފުޅުތަކާއި ދެއްވި ތަޤުރީރުތައް ފާހަގަ ކުރެވެއެވެ. 
\
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ ހަޔާތްޕުޅުގައި ދިވެހި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގަޑުބަޑުކަމުގައިވާ ދެކުނު ގަޑުބަޑުގެ ކަންތައްތައް ހަމަޖެއްސެވުމުގައި ވެސް ދިވެހި ދައުލަތަށް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވިއެވެ. އެ ދުވަސްވަރު ވަޒީރުލްއަޢުޡަމް (ބޮޑު ވަޒީރު)ގެ އޮފީހުގެ ޚާއްޞަ ވަކީލުކަން 14 ސެޕްޓެންބަރު 1959 ގައި ބަންދު މުޙައްމަދު ކަލޭފާނަށް ދެއްވިއެވެ. މި މަޤާމާއެކު ދިވެހި ދައުލަތުން ވަކިވެ ވަކި ދައުލަތެއް އުފައްދާފައިވާކަން އިޢުލާންކޮށްގެން ތިބި ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ހިމެނޭ ސަރަޙައްދުގެ އިސްވެރިއަކަށް ބަންދު މުޙައްމަދު ކަލޭފާނު ފޮނުއްވިއެވެ. އެންމެ ފުރަތަމަ ވަޑައިގެން ހުންނެވީ ފުވައްމުލަކުގައެވެ. އޭގެފަހުން ހުވަދު އަތޮޅު ތިނަދޫގައެވެ. އެ ރަށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމާއެކު ސިފައިންނާއި ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ބަޔަކު ބައިތިއްބުމަށްފަހު އެ މީހުންގެ ވެރިއެއްގެ ގޮތުގައި ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ހަމަޖެއްސެވީ ބަންދު މުޙައްމަދު ކަލޭފާނެއެވެ. އިބްރާހީމް ނާޞިރު ސިފައިންނަށް އަންގަވާފައި އޮތީ ބަންދު މުޙައްމަދު ކަލޭފާނުގެ ޢަމުރަކީ ސީދާ ނާޞިރުގެ ޢަމުރު ކަމަށާއި އޭނާގެ ޢަމުރަށް ފުރިހަމައަށް ކިޔަމަންތެރިވުމަށެވެ. ބަންދު މުޙައްމަދު ކަލޭފާނު ހުވަދު އަތޮޅުގައި ހުންނެވި ދުވަސްވަރު އެއްވެސް މައްސަލައެއް ދިމާނުވެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކަމާއެކު ރަނގަޅަށެވެ. އެމަނިކުފާނުގެ ޙިކުމަތްތެރިކަމާއި އިސްވާރުކަމުގެ ހަރުދަނާ ސިފަތަކުގެ ސަބަބުން ރައްޔިތުންނާއި ސިފައިން ވެސް އެމަނިކުފާނުގެ މައްޗަށް ޖެހިލުންވުމެއް އޮތެވެ. އަދި ހަމައެއާއެކު ވަރަށް ވަރުގަދަ އިތުބާރަކާއި ލޯތްބަކާއި އިހުތިރާމެއް ވެސް އޮތެވެ. 
 
ތިނަދޫގެ ހާލަތު ބަދަލުވެގެން ދިޔައީ ބަންދު މުޙައްމަދު ކަލޭފާނު މާލެ ގެންނެވި ފަހުންނެވެ. ސިފައިންގެ މެދުގައި އޮތް އަސްކަރީ އަޚްލާޤުގެ މަތިވެރި އުސޫލުތައް ދޫވެގެންދިއުމާއި، ސިފައިންގެ އަތުގައި ހަތިޔާރު ނެތްކަން އާންމު ރައްޔިތުންނަށް ސިފައިންގެ ފަރާތުން އެނގުމާއެކު ދެވަނަ ފަހަރަށް ތިނަދޫގައި ބަޣާވާތްކޮށް އެރަށުގައި ތިބި ސިފައިންނާއި ސަރުކާރުގެ މުވައްޒަފުން ރޯނުން ބަނދެގެން ގެންދިޔައީ އައްޑު އަތޮޅަކަށެވެ. ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ސިލްވަރ ކްރެސްޓުގައި ތިނަދޫއަށް ވަޑައިގެން ސަރުކާރުގެ ބާރުގެ ދަށަށް ދެވަނަ ފަހަރަށް އެރަށް ގެންނެވީ އޭގެ ފަހުންނެވެ.
 
ހުވަދު އަތޮޅުގައި ބަންދު މުޙައްމަދު ކަލޭފާނު ހުންނެވި ދުވަސްވަރު ކަންތައްތައް ކުރެއްވިގޮތުން ރައްޔިތުންގެ ރުހުމާއި ތާއީދު އޮތް ފަދައިން ސަރުކާރުގެ އިސްބޭފުޅުންގެ ރުހުމާއި ތާޢީދު ވެސް ލިބިވަޑައިގެންނެވިއެވެ. ހުވަދު އަތޮޅުން ވަޑައިގެން 1 މާރިޗު 1961 އިން ފެށިގެން ހުންވެނީ މަޙްކަމަތުއް ޝަރުޢިއްޔާގެ ވެރިޔާގެ ނާއިބުގެ މަޤާމުގައެވެ. އެ މަޤާމުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވީ މާލެ އަތޮޅު ބޮޑުބަނޑޮހުގައި އޭރު ސަރުކާރުން އުފެއްދެވި ކުޑަ ކުދިން ތަރުބިއްޔަތުކުރާ ޚާއްޞަ މަރުކަޒުގެ މުރައްބީއަކަށެވެ. އެއީ މާލެތެރޭގައި މާލީގޮތުންނާއި ޢާއިލީގޮތުން ނިކަމެތި ދަތި ހާލުގައި އުޅެމުން ދިޔަ ކުޑަކުދިންތައް ދައުލަތުގެ ރައްކާތެރިކަމުގައި ތަރުބިއްޔަތުކުރުމަށް އުފެއްދެވި މަރުކަޒެކެވެ. އެތަނުގެ ވެރިއެއްގެ ގޮތުގައި ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނު މަސައްކަތް ކުރެއްވީ ދީނީގޮތުންނާއި އަޚްލާޤީ ގޮތުން ނަމޫނާ މިސާލުން މަގު ދައްކަވަމުންނެވެ. 
 
ބޮޑު ބަނޑޮހުގައި ހުރި ކުޑަކުދިން ތަރުބިއްޔަތުކުރާ މަރުކަޒުން މާލެ ބަދަލުވެވަޑައިގެންނެވީ ޞިއްޙީ ހާލުކޮޅު ހުރިގޮތުންނެވެ. އޭގެފަހުން ހުންނެވީ ދައުލަތުން ޚާއްޞަ އިނާޔަތް ދެއްވައިވާ ޕެންޝަނަރެއްގެ ގޮތުގައެވެ. ނަމަވެސް ނިޔާވުމާ ހަމައަށް ކުޅިވަރު ދަނޑުތަކުގައި ޚާއްޞަ ރަސްމީ މުބާރާތްތަކުގައި ރެފްރީކަމާއި އަމްޕަޔަރުކަން ކުރެއްވިއެވެ. އަދި އެކިއެކި ހަފުލާތައް ޝަރަފުވެރިކޮށްދެއްވިއެވެ. މިގޮތުން އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ހަފުލާއަކީ 1969 މާރިޗު 5 ވަނަ ދުވަހުގެރޭ ހަކުރާގޭގައި އޮތް ސިލްވަރނައިޓް ކާނިވަލުގެ އިނާމު ދިނުމުގެ ހަފުލާއެވެ. އެ ޙަފުލާގައި ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އަތްޕުޅުން އިނާމު ހާސިލުކުރި ކުދިންގެ ތެރޭގައި އެ މަނިކުފާނުގެ ދަރިކަލުން ބަންދު ޢަލީ ސަލީމް ވެސް ހިމެނިވަޑައިގަތެވެ. ކުއްލި އާލާސްކަންފުޅަކާ ގުޅިގެން އެރޭ 11 ޖަހާ ބޮޑުވިފަހުން ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އެ އަގުހުރި ޚިދުމަތްތެރިޔާ ވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އެރޭ 12:05 ހާއިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައެވެ. އޭރު ޢުމުރުފުޅަކީ 61 އަހަރެވެ. 
 
އެ ހިނދުކޮޅު ވެގެން ދިޔައީ ހަޔާތުގެ ބޮޑު ބައެއްގައި ތަފާތު ރޮނގުތަކުން ދިވެހި ޤައުމަށް ޚިދުމަތްކުރެއްވި ނުހަނު އިޚްލާޞްތެރި ޚިދުމަތްތެރިއެއް ވަކިވެގެންދިޔަ ހިތާމަވެރި ވަގުތަށެވެ. ދިވެހި އަސްކަރިއްޔާގެ ކޮމާންޑަރުކަން ކުރައްވައި، ދީނަށާއި ޤައުމަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާ އަދި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގެ މާހިރެއް ވަކިވެގެންދިޔަ ހިތްދަތި ވަގުތަށެވެ. ހަޔާތުގެ ކޮންމެ ދުވަހެއް ވެސް ދުނިޔެވީ ކަންކަމުގައި ގަދައަޅާ މަސައްކަތް ކުރަވަމުން މުރާލިކަމާއެކު އުޚުރަވީ ޙަޔާތަށް ވަގުތު ހުސްކުރެއްވި ނަމޫނަ ޝަޚްޞިއްޔަތެއް އަބަދަށްޓަކައި ވަކިވެގެންދިޔަ ހިތާމަވެރި، ހިތްދަތި ވަގުތަށެވެ. 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކުރައްވައި، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ.

No comments: