Tuesday, October 24, 2023

އަރަބި ދިފާޢީ މުޢާހަދާ




ޢަބްދުﷲ ސަޢީދު

އަރަބި ދިފާޢީ މުއާހަދާ ނުވަތަ ޢަރަބް ޑިފެންސް ޓްރިޓީ އަކީ 18 ޖޫން 1950 ވަނަ އަހަރު ޢަރަބި ޤައުމުތަކުން އެކުލަވާލި މުއާހަދާއެކެވެ. ޙަޤީޤަތުގައި މި މުއާހަދާއަކީ ޢަރަބި ލީގުގެ ޤައުމުތަކުން މިޞްރުވެރި ވެރިރަށް ޤާހިރާގައި ސޮއިކުރި "ޖޮއިންޓް ޑިފެންސް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޓްރީޓީ" އެވެ. އެ މުއާހަދާގެ ދަށުން އަރަބި ލީގުގައި މުހިންމު ދެ މުއައްސަސާއެއް އުފެއްދިއެވެ. އެއީ ޖޮއިންޓް ޑިފެންސް ކައުންސިލާއި، އިޤްތިޞާދީ ކައުންސިލެވެ. ފަހުން ވަނީ މި ކައުންސިލުގެ ނަން އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލްގެ ނަމަށް ބަދަލުކޮށްފައެވެ.


ޢަރަބި ދިފާޢީ މުއާހަދާއަކީ މެންބަރު އެއްވެސް ޤައުމަކާ ދެކޮޅަށް ބަޔަކު އަނިޔާވެރިކަމެއް ހިނގައިފިނަމަ އެ ޤައުމެއް ދިފާޢުގައި ޖަމާޢަތުގެ ހުރިހާ ޤައުމެއް ގުޅިގެން ތެދުވުމަށް ގޮވާލާ މުއާހަދާއެކެވެ. މި މުއާހަދާއަކީ ޖަމާޢަތުގެ މެންބަރު ޤައުމެއްގެ ދިފާޢުގައި އަސްކަރީ ފިޔަވަޅު އެޅުމާއި، ސިފައިން ބައިވެރިވުމާއި، ސާމާނާއި ވަސީލަތާއި ލޮޖިސްޓިކަލް އެހީތެރިކަން ފަދަ އަސްކަރީ ހުރިހާ އެހީތެރިކަމެއް އެ ޤައުމަކަށް ފޯރުކޮށްދެވޭގޮތަށް އެކުލަވާލައިފައިވާ މުއާހަދާއެކެވެ.

މިހާތަކަށް މި މުއާހަދާއަށް ޢަމަލުކޮށްފައެއް ނުވެއެވެ. މި މުއާހަދާއަށް ޢަމަލުކޮށްފިނަމަ އޭގެ ނަތީޖާއަކަށް ވާނީ ބައިބައިވެފައިވާ ޢަރަބި އުންމަތް އެކަތިގަނޑަކަށް ވުމެވެ. މި މުއާހަދާއަށް ޢަމަލު ނުކުރެވުނަސް މި ވިސްނުމާއި ފިކުރަށް މާޒީގައި ވެސް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން މި ފިކުރު އިތުރަށް ތަރައްގީވެ 1961 ވަނަ އަހަރު ޢަރަބި ލީގުގައި އެއްބައިވަންތަ އަސްކަރީ ކޮމާންޑެއްގެ ގޮތުގައި ޖޮއިންޓް ޢަރަބި ކޮމާންޑް (ޖޭއޭސީ) އުފެއްދުމަށް ހުށަހެޅުނެވެ.

ޣާޒާއަށް ޒައިނިސްޓް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ޢަރަބި ދިފާޢީ މުހާހަދާގެ އަޑު ދަނީ ގަދަވަމުންނެވެ. ޢިރާޤުގެ ޕާލަމެންޓުން މި މުއާހަދާ އެކްޓިވޭޓުކުރުމަށް މިހާރު ވަނީ ގޮވާލާފައެވެ.

No comments: