Saturday, November 4, 2023

ތާބޫތު ކޮން އެއްޗެއް؟

 


ޢަބްދުﷲ ސަޢީދު 


ތާބޫތު (Ark of Covenant) އަކީ ބަނީ ފޮށްޓެވެ. އެ ފޮށީގައި ހުރީ ސަލާމްލެއްވި މޫސާގެފާނުގެ އާލުވެރިންނާއި، ސަލާމްލެއްވި ހާރޫނުގެފާނުގެ އާލުވެރިން ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗެވެ. ތާބޫތުގައިވާ ތަކެއްޗާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރެއެވެ. އެންމެ އިތުބާރު ހުރި ގޮތަކީ ތާބޫތުގައި ވަނީ މޫސާގެފާނުގެ އަސާކޮޅާއި، މޫސާގެފާނާއި ހާރޫނުގެފާނުގެ ހެދުންކޮޅަކާއި، ތައުރާތު ލިޔެފައިވާ ބައެއް ފިލާތައްކަމަށް ބުނެވޭ ބުނެވުމެވެ. މޫސާގެފާނަށްފަހު ބަނީ އިސްރާއީލުންގެ ތެރެއަށް ފޮނުއްވި ނަބީ ބޭކަލުން ދުޝްމަނުންނާ ހަނގުރާމަތައް ކުރެއްވިއިރު ހަނގުރާމައިގެ މައިދާނަށް ތާބޫތު ގެންދެވިއެވެ.

 

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 248 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާ ހަމަޔަށް ތާބޫތު އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި، އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތި ވެސް، އެ ތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެ ތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ."

އެ ދުވަސްވަރަކީ މޫސާގެފާނު އަވަހާރަވުމަށްފަހު ވަޑައިގެންނެވި ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެއްގެ ޒަމާނެވެ. އެ ނަބީ ބޭކަލަކީ ނަބިއްޔާ ޝަމްވީލްގެފާނުކަމަށް އަދި  ނަބިއްޔާ ޝަމްޢޫންގެފާނު ކަމަށް ވެސް ތާރީޚީ ލިޔުންތަކުގައި ލިޔެފައި ހުރެއެވެ. އެ ދުވަސްރަކީ މާތްﷲ، ބަނީ އިސްރާއީލުންގެ އަނިޔާވެރިކަމާއި ނުބައިކަމުގެ ސަބަބުން އެބައި މީހުންގެ މައްޗަށް ދުޝްމަނުން ވެރިކުރައްވާފައި އޮތް ދުވަސްވަރެކެވެ. ބަނީ އިސްރާއީލުންނާއި ދުޝްމަނުންނާ ކުރެވުނު ހަނގުރާމައެއްގައި ބަނީ އިސްރާއީލުންގެ އަތުން އަތުލައިގެން ދުޝްމަނުން ތާބޫތު ގެންދިޔައެވެ. އޭރު ބަނީ އިސްރާއީލުން ކުރި ހަނގުރާމަތަކުގައި ތާބޫތަކީ ވަރަށް މުހިންމު އެއްޗެކެވެ. ހަނގުރާމަތަކުގައި ނަޞްރު ލިބުމުގައި ތާބޫތަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ދުޝްމަނުން ތާބޫތު ގެންދިޔަ ޚަބަރާއެކު ބަނީ އިސްރާއީލުންގެ ވެރިޔަކަށް ހުންނެވި ބޭފުޅާ ހިތްދަތިވެ އަވަހާރަވީއެވެ. އެހިސާބުން ބަނީ އިސްރާއީލުން އުޅެމުން އައީ ވެރިއަކު އަދި ހަނގުރާމައިގެ ކޮމާންޑަރަކު ނެތި ވިއްސިވިހާލިވެފައިވާ ބައެއްގެ ގޮތުގައެވެ.

 

އެ ދުވަސްވަރު ހުންނެވި ނަބިއްޔާގެ އަރިހުގައި އެބައި މީހުންގެ މައްޗަށް މާތްﷲގެ މަގުގައި ޖިހާދުކުރާނެ ވެރިޔަކު އިސްކޮށްދެއްވުމަށް ބަނީ އިސްރާއީލުން އެދުނެވެ. ނަމަވެސް ބަނީ އިސްރާއީލުންގެ ކަންތައްތައް ހުންނަގޮތުން އެ ވެރިޔަކަށްތަބާވެގެން ޖިހާދުކޮށްފާނެކަމާމެދު އެ ނަބިއްޔާ ސުވާލުކުރެއްވިއެވެ. ބަނީ އިސްރާއީލުން ދިނީ ޖިހާދު ކުރާނެކަމުގެ ޔަގީންކަމެވެ. ނަމަވެސް ބަނީ އިސްރާއީލުންގެ މައްޗަށް ޖިހާދު ފަރުޟުކުރެއްވުމުން، އޭގެ ތެރެއިން ގިނަމީހުން ޖިހާދަކަށް ނުދިޔައެވެ. ކެތްތެރިކަމާއެކު ސާބިތުވީ ވަރަށް މަދުބައެކެވެ.

 

ބަނީ އިސްރާއީލުންގެ ކޮމާންޑަރެއްގެ ގޮތުގައި މާތްﷲ ފޮނުއްވި ބޭފުޅަކީ ޠާލޫތުގެފާނު ކަމުގައި ނަބިއްޔާ ވިދާޅުވުމުން އެކަމާ ވެސް ބަނީ އިސްރާއީލުން ދެކޮޅުހަދައި އިންކާރުކުރިއެވެ. ބަނީ އިސްރާއީލުން ބުނީ ޠާލޫތުގެފާނު ކޮމާންޑަރަށް ވާނީ ކިހިނެއްތޯއާއި، އެކަލޭގެފާނަކީ ފަގީރު ބޭފުޅެއްކަމަށާއި، އެކަލޭގެފާނަށްވުރެ އެބައި މީހުން ވެސް މާ މުއްސަނދިވެފައި އެ މަޤާމަށް މާ އެކަށޭނަކަމަށެވެ. ޖަވާބުގައި ނަބިއްޔާ ވިދާޅުވީ މާތް الله ވަނީ ޠާލޫތުގެފާނު ބަނީ އިސްރާއީލުންގެ ކޮމާންޑަރެއް އަދި ރަސްކަލެއްގެ ގޮތުގައި އިޚްތިޔާރު ކުރައްވައިފައިކަމަށެވެ.

 

އަސްކަރީ ކޮމާންޑަރަކަށް ވުމަށް ބޭނުންވާ މައިގަނޑު ދެކަންތައްކަމުގައިވާ ޢިލްމު ތަނަވަސްވުމާއި، ހަށިގަނޑު ވަރުގަދަކަން މާތް الله  ޠާލޫތުގެފާނަށް ވަނީ ދެއްވާފައެވެ. މިކަމުގެ ތެރެއިން ބަނީ އިސްރާއީލުން ނަބިއްޔާގެ އަރިހުގައި އެދުނީ މާތްﷲ ޠާލޫތުގެފާނު އިޚްތިޔާރު ކުރެއްވިކަން ސާބިތުކޮށްދޭ ދަލީލެއް ދެއްކެވުމަށެވެ. އެހިނދު ޠާލޫތުގެފާނަކީ މާތް ﷲ އިޚްތިޔާރުކުރެއްވި ވެރިއެއްކަމުގެ ދަލީލެއްކަމުގައި ނަބިއްޔާ ވިދާޅުވީ ސަލާމްލެއްވި މޫސާގެފާނު ދުޝްމަނުންނާ ހަނގުރާމަކުރައްވާ އިރު ލަޝްކަރުގެ ކުރިމަތީގައި ބަހައްޓަވާ ފޮށި ނުވަތަ ތާބޫތު

ހިއްޕަވައިގެން މަލާއިކަތުން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާނެކަމަށެވެ. ޠާލޫތުގެފާނަކީ އެބައި މީހުންގެ ވެރިޔާކަމުގައި އެ މީހުން ގަބޫލުކުރީ މަލާއިކަތުން ތާބޫތު ހިއްޕަވައިގެން ވަޑައިގަތުމުންނެވެ.

 

 

މަޢުލޫމާތު:

އައްތަފްސީރުލް ވާޟިޙުލްމުޔަސަރުގެ ދިވެހި ތަރުޖަމާ. (2023). ނެގީ https://quranthafseeru.com/read/2

No comments: