Sunday, October 1, 2023

އަލްއަމީރު ޙަސަން ފަރީދު ދީދީގެ ސިފައިންގެ ވެރިކަން

 



ޢަބްދުﷲ ސަޢީދު

ސިފައިންގެ ވެރިކަމުގެ ބާރުތައް އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގަތީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއާ އެކުގައެވެ. އެ ޤާނޫނު އަސާސީގެ ދަށުން ދެ ވުޒާރާއެއްގެ ވަޒީރުކަމާއެކު ވަޒީރުލްޢަސްކަރިއްޔާގެ ނާއިބުކަން ލިބިވަޑައިގަތުމުންނެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކަށް އޭރަކު ހުންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ދުވަސްވަރު އެއީ ކީރިތި މަހާރަދުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރަސްކަލަކު ނެތި ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ވެސް ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގެންނެވިއެވެ. ކުރިއްސުރެ ސިފައިންގެ މައްޗަށް އޮތް ނުފޫޒާއި ބާރުގެ އިތުރުން އެ ދުވަސްވަރު ދިވެހި ސިފައިންގެ އެންމެ މަތީ ވެރިކަން ވެސް ޙަޤީޤަތުގައި އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަމަށް ދެންނެވިދާނެއެވެ.

 

ފުރަތަމަ ޤާނޫނު އަސާސީއަށް 22 ޑިސެންބަރު 1932 ގައި ޢަމަލުކުރަން ފެށިއިރު ސިފައިންގެ އެންމެ މަތީ ވެރިޔަކީ ޙަސަން ފަރީދުގެ ބޮޑުބޭބޭފުޅު، އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) އެވެ. ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އެކުލަވާލި އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލިހުގައި  ވަޒީރުލްއަޢުޒަމް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) ކަމާއި ވަޒީރުލްޢަސްކަރިއްޔާ (މިނިސްޓަރ އޮފް ޑިފެންސް) އަކީ ޙަސަން ފަރީދު ދީދީގެ ބޭބޭފުޅު މުޙައްމަދު ފަރީދު ދީދީއެވެ. ވަޒީރުލް ޚާރިޖިއްޔާ (މިނިސްޓަރ އޮފް ފޮރިންއެފެއަރޒް) އަދި ވަޒީރުލްމާލިއްޔާ (މިނިސްޓަރ އޮފް ފިނޭންސް) އަކީ ޙަސަން ފަރީދު ދީދީއެވެ. މީގެ އިތުރުން ބޭބޭފުޅުގެ ދަށުން ވަޒީރުލްޢަސްކަރިއްޔާގެ ނާއިބެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާ ހިންގަވަމުން ގެންދެވީ ޙަސަން ފަރީދު ދީދީއެވެ. ޙަސަން ފަރީދު ދީދީ ސިފައިންގެ ހިންގެވި ދުވަސްވަރު ޔުނީފޯމު އެޅި އެންމެ އިސް ސިފައިންގެ ކޮމާންޑަރަކަށް ފުރަތަމަ ހުންނެވީ ކޮމާންޑަރ އަތިރީގޭ ޢަބްދުﷲ ދީދީއެވެ. ފަހުން ހުންނެވީ ކޮމާންޑަރ ސައިތުއްތުއެވެ. 

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ ހާލަތު ބަދަލުވެގެން ދިޔައެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމާ ގުޅިގެން ރައްޔިތުންގެ މަޖުލީހުން ފާސްކޮށްގެން، 1940 ވަނަ އަހަރު ދައުލަތް ހިންގެވުމުގެ އެންމެ މަތީބާރާ އަލްއަމީރު ޙަސަން ފަރީދު ދީދީ ހަވާލުވެ ވަޑައިގެންނެވި އެވެ. އޭރު ދިވެހިރާއްޖެ އޮތީ އިޤްތިޞާދީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އެވެ.  ދެވަނަ ބޮޑު ހަގުރާމަ ދުނިޔޭގައި ފެށުމާއެކު ރާއްޖޭގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވިއެވެ. އެންމެ ފަހުން 1943 ވަނަ އަހަރު އެ ރަދުން ރަސްކަމުން އިސްތިޢުފާ ދެއްވީއެވެ. ދިވެހި ރަސްކަމުގެ ތަޚުތު ހުސްވުމުން ދިވެހި ދައުލަތުގެ މުސްތަޝާރުލް އަޢުޒަމް އަދި ދިވެހި ތަޚްތަށް އިންތިޚާބުކޮށްފައިވާ ވެރިޔާގެ ގޮތުގައި ހުންނެވީ ޙަސަން ފަރީދު ދީދީގެ ބައްޕާފުޅު އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނެއެވެ. ނަމަވެސް ދައުލަތުގެ ބާރުތަކާއެކު ސިފައިންގެ ހުރިހާ ބާރެއް ވެސް އޮތީ ޙަސަން ފަރީދުގެ އަތްޕުޅުގައެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ގެ ރަސްކަން 1934 ވަނަ އަހަރު ނިމުމަކަށް ގެންނެވުމުގައި އެންމެ ހަރަކާތްތެރި ދައުރެއް އަދާކުރެއްވީ އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. އެ ބޮޑު ބަދަލު ގެނައުމުގެ ކަންތައްތައް ކުރިއަށް ދިޔައިރު މާލޭގެ އަމަން ބެލެހެއްޓެވުމުގެ ކަންތައްތައް ކުރިއަށްދިޔައީ ސިފައިންގެ މައްޗަށް އޮތް ޙަސަން ފަރީދުގެ ކޮންޓްރޯލްގެ ތެރެއިންނެވެ. އޭގެ ކުރިން ހިނގާދިޔަ މޮޓަރުބޯޓު ގަޑުބަޑުގައި ވެސް ސިފައިން ހަރަކާތްތެރިވީ ޙަސަން ފަރީދުގެ ބެއްލެވުމުގެ ދަށުންނެވެ.

ސިފައިންގެ ބާރުތައް ޙަސަން ފަރީދުގެ އަތްޕުޅުގައި އޮތް ދުވަސްވަރު ކުރެއްވި އެންމެ މުހިންމު އެއްކަމަކީ ސިފައިންނަށް އަސްކަރީ ތަމްރީނު ރާއްޖެއިން ބޭރުން ހޯއްދަވައިދެއްވުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިފައިންގެ ތެރޭގައި އަސްކަރީގޮތުން ތަމްރީނުވެފައިވާ އެއްވެސް މީހަކު ނެތެވެ. ޙަސަން ފަރީދު ޤަބޫލުފުޅު ކުރެއްވި ގޮތުގައި ސިފައިންގެ ތެރެއިން ބަޔަކު އަސްކަރީގޮތުން އެ ދަނޑިވަޅުގައި ތަމްރީނުކުރުމަކީ ޤައުމީ ސަލާމަތަށްޓަކައި އެންމެ މުހިންމު އެއް މަސައްކަތެވެ. އެހެންކަމުން އެކަމަށްޓަކައި ސީދާ ޙަސަން ފަރީދު މަސައްކަތް ކުރައްވައިގެން ސިލޯނު (މިހާރުގެ ސްރީލަންކާ) ގައި އޮތް އިންޑިއާގެ 16 ވަނަ ޕަންޖާބު ރެޖިމެންޓުން ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނު ލިބޭނޭގޮތް ހަމަޖެއްސެވިއެވެ. ސިފައިންގެ 13 ބޭކަލުން ގޮވައިގެން 1942 ވަނަ އަހަރު ސިލޯނަށް ވަޑައިގެންނެވީ ވެސް ޙަސަން ފަރީދެވެ.

ޙަސަން ފަރީދަކީ ވަކި ގޮތެއްގައި ހުންނަވާ ބޭފުޅަކަށް ވީތީ އެ ދުވަސްވަރު ފާހަގަ ކުރެވިފައިވަނީ ދިވެހި ސިފައިންގެ އަސްކަރީ އަޚްލާޤަށް ހެޔޮ ބަދަލުތަކެއް އައި ދުވަސްވަރެއްގެ ގޮތުގައެވެ. ކުރިން ސިފައިންގެއަށް މީހުން ވައްދަމުން އައީ މާލޭގެ އަވަށުއަވަށުގެ ވެރީން އެމީހަކީ ސިފައިންގެއަށް ވައްދަން ރަނގަޅު މީހެއްކަމަށް ހުށަހެޅުމުންނެވެ. މިގޮތް ބަދަލު ކުރައްވައި ސިފައިންގެ ޚިދުމަތަށް އެންމެ އެކަށޭނަ މީހުން، އެ މީހުންގެ ދަރަޖައަށް ބެލުމެއްނެތި ވައްދަން ފެއްޓެވީ ޙަސަން ފަރީދެވެ.

ޙަސަން ފަރީދުގެ ދުވަސްވަރަކީ ސިފައިންގެ ތެރޭގައި އަސްކަރީ އަޚްލާޤު ވަރަށް ހަރުދަނާކޮށް އޮތް ދުވަސްވަރެކެވެ. އެމަނިކުފާނަކީ މީހުން ކުރާ ކުށްތަކަށް މަޢާފުދެއްވުން ދުރު ބޭފުޅަކަށް ވާތީ ޙަސަން ފަރީދަކީ ހުރިހާ އެންމެން ވެސް ޖެހިލުންވާ ބޭފުޅެކެވެ. މި މިޖާޒުފުޅުގެ ސަބަބުން މުޅި އަސްކަރިއްޔާގެ މައްޗަށް ޙަސަން ފަރީދުގެ ފުރިހަމަ ބާރު ހިންގުމަށް ފަސޭހަފުޅުވިއެވެ.

ސިފައިންގެ ނަން "ލައިޓް އިންފެންޓްރީ" އަށް ބަދަލު ކުރެއްވީ ވެސް ޙަސަން ފަރީދެވެ. އޭރު ސިފައިންގެ ކޮމާންޑަރަކަށް ހުންނެވީ ކޮމާންޑަރ އަރިތީގޭ ޢަބްދުﷲ ދީދީއެވެ. ލައިޓް އިންފެންޓްރީގެ ނަމަށް ބަދަލު ކުރެއްވުމަށްފަހު ސިފައިންގެ  ޔުނީފޯމެއްކަމަށްވާ ސިފަ ލިބާހުގެ ކޮނޑުގައި ލައިޓް އިފެންޓްރީގެ ރަމްޒެއްގެ ގޮތުގައި އިނގިރޭސިން "އެލް.އައި" ޖެއްސެވިއެވެ.

ސިފައިންގޭގައި ކަނޑުމަތީގެ ޚިދުމަތް ތަޢާރަފު ކުރެއްވީ ވެސް ޙަސަން ފަރީދެވެ. ރާއްޖެއަކީ ކަނޑުގެ ޤައުމަކަށް ވާތީ ސިފައިންގެ ތެރޭގައި ކަނޑުމަތީގެ ޚިދުމަތް އޮންނަންވާނެކަމަށް ނިންމެވިއެވެ. އަދި ކަނޑުމަތީގައި ސިފައިންގެ ދައުރު ފައްޓަވައިދެއްވުމުގެ ގޮތުން ޒިންމާތަކެއް ސިފައިންނާ ހަވާލު ކުރެއްވިއެވެ. މިގޮތުން ހަވާލު ކުރެއްވި އެއްކަމަކީ ދޫނިދޫގައި ހުރި "ވަޔަރލެސް ސްޓޭޝަން"ގެ ދޮރުފާރަވެރިކަން ނުވަތަ ސެކިއުރިޓީ  ބެލެހެއްޓުމެވެ. މިކަން ސިފައިންނާ ހަވާލުކުރެއްވުމާއެކު ޑިއުޓީ ބަދަލުކުރުމަށް "ދަންފަޅި ދަތުރުތައް" މާލެއާއި ދޫނިދޫއާ ދެމެދު ސިފައިން ކުރަންފެށިއެވެ. މީގެއިތުރުން މާލޭގެ ބޭރު ބަނދަރުގެ ސަލަމަތްތެރިކަން ބެލެހެއްޓެވުމުގެ ކަންތައްތައް ސިފައިންނާއި ކަސްޓަމްސް މީހުންނާ ހަވާލު ކުރެއްވުމުން އެ މަސައްކަތުގައި ވެސް ސިފައިން ހަރަކާތްތެރިވާންފެށިއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ 1944 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް ވެސް ސިފައިންގެ ބާރުތައް އޮތީ ޙަސަން ފަރީދުގެ އަތްޕުޅުމަތީގައެވެ. އެމަނިކުފާނު އަވަހާރަވީ ހަނގުރާމައިގެ ދަތިކަމުން ބަނޑަށް ޖެހިފައިވާ ދިވެހިންނަށް ކާބޯތަކެއްޗާއި ދައުލަތުގެ އެންމެހާ ޚާރިޖީ ކަންތައް ތަކާއިގެން އޮޅުދޫކަރައާއި މިރާއްޖެއާއި ދެމެދު މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއްގައެވެ. އެޗްއެމްއެސް މާލޮއީ ކިޔާ އިނގިރޭސި ކުޑަ މަނަވަރެއްގައި ސިލޯނަށް ވަޑައިގަންނަވަނިކޮށް ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންގެ ދުޝްމަނުން ދިން ހަމަލާއެއްގައެވެ. އެހާތަނާ ޖެހެންދެން ވެސް ސިފައިންގެ ވެރިއަކީ އެމަނިކުފާނެއެވެ. (ނިމުނީ)

No comments: