Friday, October 27, 2023

މަލަން ދޮހުއްތު - މަނަދޫއަށް ގިނަ ރޮނގުތަކަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަތޮޅުވެރިއެއް

 



ޢަބްދުﷲ ސަޢީދު 
 
މަލަން އާދަން ކަލޭފާނުގެ، މަލަން މުޙައްމަދު ކަލޭފާނުގެ، މަލަން ދޮން ތުއްތު ނުވަތަ މަލަން ދޮހުއްތު މަނަދޫ ޒުވާން ކުދިންގެ ކުރިމަތީގައި މަޝްހޫރުވެ މަޤްބޫލުވެފައި ވަނީ "މަލަންބޭ"ގެ ނަމުންނެވެ. މާލޭ، ގަލޮޅު، މަންޒަރުގޭ މަލަން ދޮހުއްތުގެ ފޮތު ނަމަކީ ޢަލީ މުޙައްމަދެވެ. އެހެން ނަމަވެސް އެ ނަމަކީ ނ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގައި ހަތަރުވަރަކަށް އަހަރު ހުންނަވައި ތަފާތު ރޮނގުތަކުން މަނަދޫއަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވި އިރުވެސް މަނަދޫ ރައްޔިތުން ދަންނަ ނަމެއް ނޫނެވެ. 
 
 
ޒަމާނީ ތަރައްޤީއާއި ކުރިއެރުމަށް ވާސިލުވުމަށް ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ހޯއްދަވައިގެން މަސައްކަތް ކުރެއްވި ހަރުދަނާ ޝަޚުޞިއްޔަތެއްގެ ގޮތުގައި މަނަދޫ ރައްޔިތުން ބަލައިގެންފައިވާ މަލަން ދޮހުއްތުއަކީ ޒުވާން ކުދިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި އަތޮޅުވެރިޔެކެވެ. އޭރުގެ އެއް ހާދިސާއެވެ. 
 
އެއް ދުވަހަކު އަތޮޅުވެރިން އަތޮޅުގެ ކޮންމެވެސް ރަށަކަށް ވަޑައިގެންފައި އެނބުރި މަނަދޫއަށް ވަޑައިގެން ދުވަހެވެ. ޒުވާން ފުރައިގެ ވަރަށް ގިނަ ފިރިހެން ކުދިންތަކެއް ތިބީ އަތޮޅުގެއާ ދިމާ އަތިރިމަތީގައި މަންޑިކުޅޭށެވެ. (މަނަދޫ މީހުން މަންޑިއަށް ކިޔަނީ ބަންޑިއެވެ.) ބޮޑުކާނި ގަސްދޮށް ނުވަތަ ބޮޑުވަޅުދޮށް ކިޔާ ސަރަހައްދުގައި މި ޒުވާން ކުދިންތައް މަންޑިކުޅެން ތިއްބައި އެ ކުދިންނަށް ގޮވާލައްވައި އަތޮޅުގޭ ތެރެއަށް ގެންދެވިއެވެ. އަތޮޅުވެރިން ވިދާޅުވުމާއެކު އެ ކުދީން ވެސް ވަރަށް ކިޔަމަންތެރިކަމާއެކު ދިޔައެވެ. ބައެއް ކުދީން ހީކުރީ ކުށްވެރިވީ ކަމަށެވެ. އެކަމަކު އަތޮޅުވެރިންގެ މޫނުފުޅުމަތީން އެ ކަހަލަ ކުލަވަރެއް ނުފެނެއެވެ. 
 
އަތޮޅުވެރިން އަރާވަޑައިގެންނެވީ އަތޮޅުގޭ ފެންޑާމައްޗަށެވެ. ފެންޑާގެ ތަޅުންގަނޑު ހުންނަނީ ހަމަބިމަށްވުރެ ތަންކޮޅެއް އުސްކޮށެވެ. ފެންޑާމައްޗަށް އަރާވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެ ޒުވާން ކުދީންނަށް ވިސްނައި ދެއްވީ މަންޑިއަކީ ޒަމާނީ ކުޅިވަރެއް ނޫންކަމާއި މުސްތަޤުބަލު އޮތް ޒަމާނީ ކުޅިވަރަކީ ފުޓްބޯޅަކަމެވެ. ވާހަކަފުޅު ފެއްޓެވީ "އިރަށް މޫނު ދިއްކޮށްގެން ދެއަތް ނަގައިގެން މިއޮތްފަދަ ޒަމާނުގައި ތިބޭނީ މޮޔައިން" ކަމަށް ވިދާޅުވަމުންނެވެ. މަންޑި ފޯހޮވަން ކުދިން ތިބޭގޮތް ސިފަކޮށްދެއްވައި ސަމާސާގެ ރާގެއްގައި އެ ދުވަހު ދޮހުއްތުބޭ ދެއްކެވި ވާހަކަފުޅަކީ ވެލިދޫގޭ މޫސައިދީގެ އަތޮޅުވެރިކަމުގައި މަނަދޫގައި ފޯރިއާއެކު ފެށިގެން ކުޅެމުން އައި ފުޓްބޯޅަ ވަޅުޖެހިފައި ވަނިކޮށް އަލުން ފެށިގެން އައި ސަބަބެވެ. އޭރު އޮތީ ކުރިން ބޯޅަކުޅުނު ދަނޑު ވެސް ވާވެފައެވެ. ކުޅޭނެ ބޯޅައެއްވެސް ނެތެވެ. ބޯޅައެއް ގަތުމަށް ދޮހުއްތުބޭ ހުށަހެޅުއްވި ޚިޔާލަކީ އެންމެން އަތުން ޗަންދާއެއް ނެގުމެވެ. ދޮހުއްތުބޭ ވެސް ހިއްސާވާގޮތަށް ޗަންދާ ނަގައި ބޯޅަ ގަތުގެ މަސައްކަތް އިސްވެ ކުރަން ހަވާލުކުރެއްވީ އެ ދުވަހު މަންޑިކުޅެން ތިބި ޒުވާން ކުދީންތަކުގެ ތެރޭގައި ހުރި ސަޢީދު ޤާސިމާއެވެ.
އަޅުގަނޑުގެ ބައްޕަ، ނ. މަނަދޫ މާލްރޯޑް، ސަޢީދު ޤާސިމް ވިދާޅުވި ގޮތުގައި މަލަން ދޮހުއްތުއަކީ ވަރަށް ދުރަށް ވިސްނާވަޑައިގެން، ޕްލޭންކުރައްވައިގެން، ރައްޔިތުންގެ ބައިވެރިކަން ހޯއްދަވައިގެން ތަރައްޤީއާއި ކުރިއެރުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ލީޑަރެވެ. ވިޒަނަރީ ވިސްނުންފުޅުތަކެއް ގެންގުޅުއްވި އާދަޔާ ޚިލާފު ޝަޚުޞިއްޔަތެކެވެ. އާ ފުޓްބޯޅަ ދަނޑެއް ރަށުގެ އިރުމަތީ ކޮޅުގެ ވާކޮށައިގެން ހެއްދެވިއެވެ. އަދި ބޯޅައެއް ގަނެގެން ފުޓްބޯޅަ ކުޅެވޭނެ ގޮތް ޒުވާނުންނަށް ތަނަވަސްކޮށް ދެއްވިއެވެ. ހަމައެއާއެކު މަނަދޫގައި މީހުން އަލަށް އާބާދުވާން އޮތް ސަރަޙައްދުގައި ބޯކޮށް އޮތް ބޮޑު ވާ ކޮށައިގެން ސީދަލަށް ފުޅާ ދިގު ބޮޑު މަގެއް ރައްޔިތުން ނެރުއްވައިގެން ކޮށާ އަލިކުރެއްވިއެވެ. އެއީ މަޝްހޫރު "މަލަންމަގު" އެވެ. އެ މަގަށް "ޗާންދަނީމަގު" ގެ ނަމުން ނަން ކިޔަސް އަދިއަދަށް ދާންދެން ވެސް މަނަދޫ މީހުން އެ ބޮޑު މަގު ނިސްބަތްކޮށްފައި ވަނީ މަލަން ދޮހުއްތުގެ ނަންފުޅަށެވެ. އެތައް ޒަމާނެއް ވީއިރު ވެސް މަލަން ދޮހުއްތުގެ އިރުޝާދާއެކު ފޯރިއާއި ޖޯޝުގައި ރައްޔިތުން ނުކުމެ ކުރި އެ ބުރަ މަސައްކަތުގެ ހަނދާންތައް އޮތީ އެ މަގާ ގުޅިފައެވެ. 
 
މަލަން ދޮހުއްތުއަކީ ހަމައެކަނި ކުޅިވަރާއި މަނަދޫގެ އުމުރާނީ ތަރައްޤީ އާ އުސްމިންތަކަށް ގެންގޮސްދެއްވި އަތޮޅުވެރިއެއް ނޫނެވެ. އެއީ ޢިލްމަށް ވެސް ޚިދުމަތްކޮށް ދެއްވި ބޭފުޅެކެވެ. މަނަދޫގައި މަދަރުސާއެއް ބިނާކުރައްވައި ގަޑިންގަޑިއަށް ކުދިން މަދަރުސާއަށް އައިސް ކިޔަވާނެ އިންތިޒާމު ހަމަޖެއްސެވީ މަލަން ދޮހުއްތުއެވެ. މަލަން ދޮހުއްތުގެ ކުރިން އަތޮޅުވެރިކަން ކުރެއްވި ކުޑަ އަޙްމަދު މަނިކު، އަތޮޅުވެރިކަމައިގެން ވަޑައިގެންނެވިއިރު މަނަދޫގައި ތަޢުލީމު ދޭނެ އެއްވެސް ހިޔާވައްސެއް ނެތެވެ. އަތޮޅުވެރިންގެ ބޭފުޅުންނަށް ކިޔަވައިދެއްވުމަށް ވަރަށް އާދައިގެ ގޮތަކަށް މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް މަދަރުސާއެއް ބިނާކުރައްވައިގެން ތަރައްޤީ ކުރެއްވި ބޭފުޅަކީ ވެސް މަލަން ދޮހުއްތުއެވެ. 
 
މީލާދީން 1966 ވަނަ އަހަރުން 1970 ވަނަ އަހަރަށް ނ. އަތޮޅުވެރިކަމުގައި މަލަން ދޮހުއްތު ހުންނެވި ދުވަސްވަރަކީ މަނަދޫގެ ވެރިންނާއި ރައްޔިތުންގެ އެއްބާރުން ހޯއްދަވައިގެން ތަފާތު ރޮނގުތަކުން މަނަދޫއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވި ދުވަސްތަކެކެވެ. އެއީ ރަށުގެ ވެރިންނާއި ރައްޔިތުންގެ ފިކުރާއި ވިސްނުމަށްވުރެ މާ މަތިން ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ވިސްނާވަޑައިގެން ޚިދުމަތްކޮށްދެއްވި އަތޮޅުވެރިއެކެވެ.
 
ދާފަހުން ޚިދުމަތްތެރިން ޤައުމަށް ވަފާތެރިކަންމަތީ
                         މާފަހުން ނަމަވެސް އެޒިކުރާ އާވެދޭ ލޯތްބާއެކީ

No comments: