Sunday, October 15, 2023

މަނަދޫ މާމިސްކިތް ސަރަޙައްދު – މަނަދޫގެ އެންމެ ދުވަސްވީ ތާރީޚީ ތަރިކަ

 



ޢަބްދުﷲ ސަޢީދު

މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫއަކީ ދިވެހިރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރެއިން މައި ރަށެކެވެ. ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަންކުރެއްވި ރަސްރަސްކަލުންނާއި މަހާރެހެންދިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ވެސް ދަންނަ ފަރިތަ ރަށެކެވެ. ދިވެހި ރާއްޖެއިން މިހާތަނަށް ފެންނަންހުރި މުސްކުޅި ލިޔުންތަކުގެ ތެރެއިން އެންމެ ދުވަސްވީ ރަސްމީ ދެ ލިޔުންކަމުގައިވާ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުގައި ވެސް މަނަދޫގެ ނަން އައިސްފައިވުމަކީ މިކަމުގެ ހެއްކެކެވެ.

 

މަނަދޫއަކީ 116 ހެކްޓަރުގެ ރަށެކެވެ. މީހުން ދިރިއުޅޭ ސަރަޙައްދަށްވުރެ މީހުން ދިރިނޫޅޭ ސަރަޙައްދު ބޮޑުކޮށް އޮތް ރަށެކެވެ. މީލާދީން 20 ވަނަ ޤަރުނުގެ ތެރޭގައި ވެސް ރަށުގެ ތިންބައިކުޅަ އެއްބައިގައި ވެސް މީހުން ވަޒަންވެރިވެ ދިރިއުޅެމުން އައިސްފައެއް ނުވެއެވެ. މަނަދޫއަކީ މަލަ އުސް، ވާބޯ، ރުއްގަސް ގިނަ ރަށެކެވެ. މަނަދޫގެ ވަލުތެރޭގައި އިންދާ ހައްދާފައިވާ ރުއްގަނޑުތަކުގެ އިތުރުން ދުވަސްވީ ބޮޑެތި ނިކަގަސްތަކާއި، މިދިލި ގަސްތަކާއި، ދިއްގާގަސްތަކާއި، ކަށިކޭލާއި  ބޯކެޔޮ ގަސްތައް ހެދިފައި އޮވެއެވެ. މީހުން އާބާދުވެ ދިރިއުޅެމުންދާ ހިސާބުގަނޑާ ކައިރީގައި ބަނބުކެޔޮފާތައް އޮތެވެ. މަނަދޫގެ ހުޅަނގުކޮޅުގައި ކަނޑޫފަލަކާއި ރަށުގެ އިރު ދެކުނު ކޮޅުގައި ހިންނައެއް އޮތެވެ. 

 

މަނަދޫގެ ދެކުނު ފަރާތުގައި އޮތް މި ބޯ ޖަންގަލީގެ ތެރެއިން ފެންނަންހުރި މަހާނަފާތަކާއި ގާފޮޅުތަކުން ކިޔައިދޭ އެއް ވާހަކައަކީ މަނަދޫގައި ކުރީގައި މީހުން ދިރިއުޅުނު ގޮތާއި އެ ދިރިއުޅުންހުރި ގޮތެވެ. މަނަދޫގެ ދުވަސްވީ މީހުންގެ ވާހަކަތަކާއި ތުންތުންމަތިން ކިޔެމުން އައިސްފައިވާ ފޯކުލޯރުތަކުން އެނގޭ އެއް ކަމަކީ މަނަދޫގައި ކުރީގައި މީހުން ދިރިއުޅުނީ ރަށުގެ ދެކުނު ފަރާތުގައި ކަމެވެ. އެކަމަށް ހެކިދޭ ތާރީޚީ އެއް ސަރަޙައްދަކީ މަނަދޫ މާމިސްކިތޭ ކިޔާ ސަރަޙައްދެވެ. 

 

މަނަދޫ މާމިސްކިތްދޮށް ކިޔާ ސަރަޙައްދަކީ މިސްކިތެއްގެ ތަރާގަނޑަކާއި ފެންވަރާ ވެވަކާއި، ވަޅަކާއި، މީހުން ވަޅުލާފައިވާ ބޮޑު މަހާނަފަލެއް އޮތް ސަރަހައްދެކެވެ. މި ސަރަޙައްދު އޮންނަނީ މަނަދޫގެ ނާމަގުގެ ދެކުނުގައެވެ. މާމިސްކިތުގެ ތަރާގަނޑަކީ ތާރީޚީ ގޮތުންނާއި އާސާރީގޮތުން މަނަދޫގައި މިހާރު ފެންނަން އޮތް އެންމެ ބޮޑު ސަރަޙައްދެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި މަނަދޫ މާމިސްކިތް ހިމެނޭ ސަރަޙައްދު ވަނީ ހިމަނުއްވާފައެވެ.  މި ސަރަޙައްދުގެ ބޮޑު މިންކަމުގައި މިހާރު ކަނޑައަޅާފައި ވަނީ ހުޅަނގުން 223 ފޫޓު، އިރުން 60 ފޫޓު، އުތުރު ފަރާތާއި ދެކުނު ފަރާތުގައި 187 ފޫޓެވެ. މި ސަރަޙައްދުގައި ހުރި މާމިސްކިތުގެ ތަރާގަނޑާއި ބޮޑު ވެވުން މަނަދޫ ރައްޔިތުންގެ ކިބައިގައި ހުރި ހިރިގަލުގެ މަސައްކަތްތެރިކަމާއި ގަލުވަޑާމަށް ކުޅަދާނަކަން ފެނެއެވެ. މި ސަރަޙައްދުގައި އޮތް މަހާނަފަލުން ފެންނަން ހުރި މަހާނަގާތަކުން  ކާބަފައިންގެ ފަންނުވެރިކަމާއި ސަޤާފީ ކުރެހުންތަކާއި ހުނަރުވެރިކަން ފެނެއެވެ. ގިނަ މަހާނަގާތަކެއް ހަލާކުވެ ނެތި ގޮސްފައިވާއިރު ފެންނަންހުރި ބައެއް ގާތަކުން މީލާދީން 1700 ގެ އަހަރުތަކުގެ ކުރީކޮޅުގެ ގާތަށް ފެންނަން އެބަހުއްޓެވެ. އެއީ ގާތްގަނޑަކަށް 300 ވަރަކަށް އަހަރުވީ  ގާތެކެކެވެ. 

 

ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށެކޭ އެއްގޮތަށް މަނަދޫގައި ވެސް ކުރީ ޒަމާނުގައި މީހުން ދިރިއުޅެފައިވަނީ ވަކިވަކި ގެމަތަކެއްގެ މައްޗަށެވެ. ބޮޑެތި އާއިލާތައް ނުވަތަ އަވަށްތަކެއްގެ މައްޗަށެވެ. އެއިން ކޮންމެ ފަންވަތެއްގެ މައްޗަށް ވެރިއަކު ނުވަތަ ބަސްވިކޭ އިސްވާރަކު ހުރެގެންނެވެ. ރާއްޖެ އިސްލާމްވުމަށްފަހު ކުރިން އުޅުނު ދީނުގެ އަޅުކަންކުރާ ތަންތަން ހަލާކޮށް ނެތިކޮށްލައި މިސްކިތްތައް ބިނާކުރިއެވެ. އެގޮތުން ގިނަ ރަށްރަށުގައި ބިނާކުރި ބޮޑު މިސްކިތަށް ނަން ދީފައިވަނީ މާމިސްކިތް ނުވަތަ ބޮޑު މިސްކިތް ނުވަތަ ހުކުރު މިސްކިތްފަދަ ނަން ނަމުންނެވެ. ކޮންމެ ރަށެއްގައި މާމިސްކިތެއް ނުވަތަ ހުކުރު މިސްކިތެއް ހުއްޓަސް  އަވަށްއަވަށުގައި ކުދިކުދި މިސްކިތްތައް ބިނާކޮށްފައި ހުއްޓެވެ. މަނަދޫގައި ވެސް ވަލު ތެރެއިން މާމިސްކިތް ނޫނަސް ހިރިގަލުގެ ކުދިކުދި މިސްކިތްތަކުގެ ގާފޮޅުތައް ފެނިފައިވެއެވެ. އެ މިސްކިތްތަކުގެ ބައެއް ގާފޮޅުތައް ވަރަށް ފަހަކާ ޖެހެންދެން ވެސް ހުއްޓެވެ. އޭގެ ތެރެއިން އެއް މިސްކިތް ހުރީ ނ.އަތޮޅު ހޮސްޕިޓަލް މިހާރު ހުރި ބިމާ މާ ދުރުނޫން ހިސާބެއްގައެވެ. އެހެން މިސްކިތެއްގެ ތަރާގަނޑު މަނަދޫގެ ސޯސަންމަގުގެ އެންމެ ހުޅަނގު ކޮޅުން ދެކުނު ފަރާތުގައި  ހުއްޓެވެ. މަނަދޫގެ އެކި ސަރަޙައްދުތަކުގައި ކުދިކުދި މިސްކިތްތައް ހުއްޓަސް މަނަދޫގެ މާމިސްކިތަކީ މަނަދޫ އިސްލާމްވީ ދުވަސްވަރު މަނަދޫގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށް ބެލެވެއެވެ. މިސްކިތް ބާވެ ވީރާނާވުމުން އާބާތުރަ ފިލުވުމާއި ކުރިން މިސްކިތް ހުރިތަނުގައި އަލަށް މިސްކިތް ބިނާކުރަމުން ދިޔައީ ކަމަށް ވެދާނެއެވެ. އެކަމަކު އެ ސަރަޙައްދުގައި ނުވަތަ އެއް ބިންގަލެއްގެ މަތީގައި ބިނާކުރެވޭތީ މިސްކިތުގެ ނަން ބަދަލު ނުވަނީކަމަށް ގަބޫލުކުރެވެއެވެ. 

 

ޤުދުރަތީގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު މަނަދޫއަކީ އުތުރު ފަރާތުގައި ވަރަށް ރީތި ޤުދުރަތީ ފަޅެއް އޮންނަ ރަށެކެވެ. އަދި އެ ފަޅުގެ ތެރޭގައި ކުޑަ ހުރާގަނޑެއް ވެސް ރަށާ ވަކިން އޮތެވެ. އެއީ ބޮޑުހުރާ އެވެ. ރަށުގެ އިރުދެކުނު ފަރާތުގައި ވެސް ހުރާގަނޑެއް އޮތެވެ. އެއީ ބޯހުރާއެވެ.  ފަހުން ޤުދަތީގޮތުން ބޯހުރާ މަނަދޫގެ އިރުމަތީކޮޅުން ކޮށިމަގުގެ އިރު ދެކުނުން މަނަދޫއާ އޮތީ ގުޅިފައެވެ. އިރު އުތުރު ފަރާތުން މަނަދޫގެ ފަޅުތެރޭގައި އޮތް ބޮޑުހުރާ މަނަދޫއާ ގުޅުވާލީ މަނަދޫ ބަނދަރު ހެދި މަޝްރޫޢުގެ ތެރޭގައެވެ. ރަށުގެ އުތުރު ފަރާތުގައި ޤުދުރަތީ ފަޅެއް އޮއްވައި ކުރީ ޒަމާނުގައި ދެކުނު ފަރާތުގައި މީހުން ދިރިއުޅެމުން އައީ ދެކުނު ފަރާތަކީ މީހުންނަށް ރަށަށް އަރައި ފައިބަން ފަސޭހަ ފަރާތަކަށް ނުވާތީއެވެ. ރާއްޖޭން ބޭރުން އަންނަ ފޭރޭ މީހުންގެ އަނިޔާވެރިކަމުންނާއި ދުއްތުރާތަކުން ސަލާމަތްވުމަށް އެހެން ބައެއް ރަށްރަށުގައި ވެސް މިގޮތަށް ރަށްރަށުގެ ފުއްޓަރު ފަރާތުގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އައިސްފައިވެއެވެ. މަނަދޫއަކީ މަލަބާރީން ނުވަތަ ހޮޅީންގެ އުނދަގޫ ފޯރި ރަށްރަކުގެ ތެރެއިން ވެސް މަޝްހޫރު ރަށެކެވެ. ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސީރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ހޮޅިންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ފަހުން ވެސް ހޮޅީންގެ އުނދަގޫ މަނަދޫއަށް ބޮޑުވެގެން ލަޝްކަރައިގެން ވަޑައިގެން މަނަދޫއަށް އަރާ ތިބި ހޮޅިން ފަހާލައްވައި ހޮޅިންގެ އަތްދަށުން މަނަދޫ ސަލާމަތްކޮށް ދެއްވިކަން ދިވެހި ތާރީޚުން އެނގެއެވެ. އަދި މަނަދޫ އުނބުށޭމު ކިޔާ މާލިމީއަކު ހަތިޔާރު ހޯދަން ރާއްޖެއިން ބޭރަށް ދޮން ބަންޑާރައިން ފޮނުއްވިއެވެ. މި ކަމުން އެނގެނީ މަނަދޫއަކީ ޢިލްމީ ރައްޔިތަކު ދިރިއުޅެމުން އައި ރަށެއްކަމެވެ. 

މަނަދޫގެ ދެކުނު ފަރާތުގައި މީހުން ވަޒަންވެރިވެ ދިރިއުޅުނުކަމުގެ ހެކިތަކަށް ބާރު ލިބޭ އެއް ފޯކުލޯރަކީ ފަންޑިތައާއި ސިހުރު ހާހޫރައިގެ ވާދަވެރި ހަނގުރާމަގަނޑެއްގެ ތެރޭގައި ރަށް ނާމާންވެ މަނަދޫގައި ފެތުރުނު ރޯގާ ބަލިމަޑުކަމަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެގޮސް، އުތުރު ފަރާތަށް މީހުން ބަދަލުވީކަމަށް ދެކެވޭ ވާހަކައެވެ. މަނަދޫ މޫމިނާމަންޒިލް ދޮންއައިސަ ސިއްތި ދައިތަ ކިޔައިދީފައިވާ ގޮތުގައި މަނަދޫ މީހުން ރަށުގެ އުތުރު ފަރާތަށް ބަދަލުވީކަމަށް ކިޔަނީ އެ ހަމަނުޖެހުމަށްފަހުގައެވެ. އެކަމަކު އެއީ ސީދާ ކޮން ދުވަސްވަރެއްގައި ކަމެއް ނޭނގެއެވެ. އޭގެފަހުން އެތައް ޒަމާނެއްވީއިރު ވެސް މާމިސްކިތްދޮށް ބެލެވިފައިވަނީ އެއްބައެއްގެ ކުރިމަތީގައި ވަރަށް ނާމާން ސަރަޙައްދެއްގެ ގޮތުގައެވެ. ފާޑުފާޑުގެ އަޑުއަޑު އިވޭ، އަދި ރޫޙާނީ މީހުންނާއި ކުޑަ ކުދިން ފެންނަ ބިރުވެރި ތަނެއްގެ ގޮތުގައި އެ ސަރަޙައްދު ބައެއް މީހުން ސިފަކުރެއެވެ. މާމިސްކިތް ދޮށުގެ ދެކުނު ފަރާތުގައި ހުންނަ ޒަމާންވީ ބޮޑު ބެރެބެދިގަހަކީ މަނަދޫގައި ހުންނަ އެންމެ ނާމާން ގަސްކަމަށް ބައެއް މީހުންގެ ސިކުނޑިތަކަށް ވެދެފައިވަނީ އެ ސަރަޙައްދާ ބެހޭ ގޮތުން ތުންތުންމަތިން ކިޔެމުން އަންނަ ޒަމާންވީ ބިރުވެރި ވާހަކަތަކާއި ހަގީގީ ހާދިސާތައް ކަމަށްބުނާ ރޫޙާނީ ހާދިސާތަކުގެ ސަބަބުންނެވެ.

 

މާމިސްކިތަކީ މަނަދޫގައި ހުރި އެންމެ ޒަމާންވީ ބިނާއަށް ވާ އިރު އެ މިސްކިތް މީލާދީން 19 ވަނަ ޤަރުނުގައި (1800ގެ އަހަރުތަކުގައި) ވެސް ނަމާދުކުރުމަށް ބޭނުންކޮށްފައިވެއެވެ. އަދި 20 ވަނަ ޤަރުނުގެ (1900 ގެ އަހަރުތަކުގެ) ތެރޭގައި ވެސް މާމިސްކިތު ވެވުން މީހުން ފެންވަރައި އުޅުނެވެ. މާ މިސްކިތުގެ ތަރާގަނޑުގެ މައްޗަށް ހުރި ފާރުގަނޑުން މިއަދު ފެންނަން ހުރީ ކުޑަ ބައެކެވެ. އެއީ ހިރިގަލުން ރާނާ އުވަޖަހާފައިވާ ފާރުގަނޑެކެވެ. އެ ފާރުގަނޑަށް ބަލާއިރު އެއީ ޒަމާންވީ ބިންގަލެއްގެ މަތީގައި ބިނާކުރަމުން އައި މިސްކިތެއްގެ ސިލްސިލާކަމަށް ފެނެއެވެ. އެ މިސްކިތް ނުވަތަ އެ ބިމުގައި މިސްކިތުގެ ސިލްސިލާއެއް ދެމިގެން އައީ ނުވަތަ ޒަމާނީ މިސްކިތެއް  މަނަދޫގެ އުތުރުފަރާތަށް މީހުންގެ ދިރިއުޅުން ބަދަލުކުރުމުން ވެސް އެ ސަރަޙައްދުގައި ހުރީ އެ މިސްކިތް މުހިންމު ވީތީއެވެ. 

 

 

 

މަނަދޫއަކީ އުތުރު ފަރާތުގައި ޤުދުރަތީ ފަޅެއް އޮތް ރަށެއްކަމަށް ވިޔަސް، އިރުވައިހަޅަ ޖަހާ މޫސުމަށް އުތުރުފަރާތުގައި ރާޅު ބޮޑުކަމުން ނެރުތަކުން އޮޑިދޯނިފަހަރުގައި ފަޅަށް ވަދެ ނުކުމެއް ނުހެދެއެވެ. އެ ދުވަސްވަރަށް މަހަށްދާ މީހުންނާއި ލަފާފުރާ މީހުން ލަފާފުރަނީ މަނަދޫގެ ދެކުނު ފަރާތުން ނާމަގުކޮޅުންނެވެ.  މަސްވެރިންނާއި ދަތުރުވެރިން ނާމަގު އޮޅަށް ލެފުމަށްފަހު ފެންވަރަނީ މާމިސްކިތު ވެވުންނެވެ. ނަމާދުކޮށް ހަދަނީ އެ މިސްކިތުގައެވެ. މިސްކިތް ފަޅުނުކުރަން ވެގެން އެ މިސްކިތް ބޭނުންކުރާ ބަޔަކު ބަންގިގޮވައި ނަމާދުކޮށް އުޅުނީއެވެ. އެންމެ ފަހުން މާމިސްކިތުގައި ބަންގިގޮވައި، އެ މިސްކިތް ބަލަހައްޓާފައިވާ ބޭކަލަކީ "އާގެބޭ" ކަމަށް ވެއެވެ. އާގެބޭއަކީ މަނަދޫ ބަހާރުގޭ އައިސާ މަނިކެދައިތަގެ ބައްޕައެވެ. މަނަދޫ މާމިސްކިތާ ގުޅޭ އެންމެ މަޝްހޫރު ފޯކުލޯރަކީ މަނަދޫ ކުޑަ އާދަމްބެ ބައްޕައާ މާމިސްކިތުން ބައްދަލުވި މުއުމިން ޖިންނިއެއްގެ ވާހަކައެވެ. ކުޑަ އާދަމްބެގެ ދަރިންގެ ތެރޭގައި މަނަދޫ ހިޔަލީގޭ ދަލޭކަ ދައިތައާއި މަނަދޫ ފިލިގަސްދޮށުގޭ ރުޤީދައިތަ ހިމެނެއެވެ. 

 

މަނަދޫ މާމިސްކިތްދޮށަކީ އެތަނުގައި ހުރި އާސާރީ ތަންތަނާއި ބިނާތަކުގެ ތަރާގަނޑުތައް އިތުރަށް ދިރާސާކުރަންޖެހޭ ވަރަށް މުހިންމު ތަނެކެވެ. ސައިންޓިފިކް ދިރާސާތަކެއްގެ އަލީގައި ތާރީޚީ އާ މަޢުލޫމާތުތަކެއް ހޯދިދާނެ  ސަރަޙައްދެކެވެ. މިހާރު ވެސް ބައެއް ތަންތަނަށާއި ތަކެއްޗަށް ހުރީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށް ވާތީ، މަނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚަށް ޓަކައި ވެސް މަނަދޫގެ މާމިސްކިތްދޮށަކީ އިތުރު ގެއްލުމެއް ވިޔަނުދީ ބަލަހައްޓަން ޖެހިފައިވާ ތާރީޚީ އަދި އާސާރީ މުހިންމު ތަރިކައެކެވެ. އެއީ މަނަދޫގައި ހުރި އެންމެ އާސާރީ އެންމެ މުހިންމު ތަރިކައެވެ.

ފޮޓޯ ކްރެޑިޓް: މަނަދޫ ޠާރިޤު އަދި ޙައްގުވެރި ފަރާތްތައް

1 comment:

allosaeed.blogspot.com said...

މަނަދޫގެ ތާރީޚާ ގުޅިފައިވާ ވަެަށް މުހިންމު މަޢުލޫމާތުކޮޅެއް