Thursday, October 5, 2023

ވެރިކަމުގެ ނިޒާމު

 


ޢަބްދުﷲ ސަޢީދު
 
ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި މައިގަނޑު ގޮތެއްގައި ވެރިކަންކުރަނީ ބަރުލަމާނީ ނިޒާމު (ޕާލަމެންޓްރީ ސިސްޓަމް) އަށާއި ރިޔާސީ ނިޒާމު (ޕްރެޒިޑެންޝަލް ސިސްޓަމް) އަށެވެ. މި ދެ ނިޒާމު މަސްހުނިކޮށްގެން ސެމީ ޕްރެޒިޑެންޝަލް ސިސްޓަމް ހިންގާ ޤައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. ބަރުލަމާނީ ނިޒާމު އޮންނަ ޤައުމުތަކާއި ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައި ވެސް އެއް ނިޒާމެއް އޮތަސް އެކި ޤައުމުތަކުގައި ނިޒާމަށް ޢަމަލުކޮށް ހިންގުމުގައި ތަފާތުތައް ހުރެއެވެ. އެކަން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ދުސްތޫރާއި ރައްޔިތުންގެ ވިސްނުމާއި ސަޤާފީ އާދަކާދަތަކުގެ މައްޗަށެވެ. 
 
 
ބަރުލަމާނީ ނިޒާމު
 
ބަރުލަމާނީ ނިޒާމު (ޕާލަމެންޓްރީ ސިސްޓަމް ނުވަތަ ޕާލަމެންޓްރީ ޑިމޮކްރަސީ) އޮންނަ ޤައުމުތަކަކީ ޕާލަމެންޓްރީ ސުޕްރެމަސީ ނުވަތަ ބަރުލަމާނީ ސިޔާދަތަށް ވެރިކަން ހިންގާ ޤައުމުތަކެވެ. ބަރުލަމާނީ ސިޔާދަތު އޮންނަ ޤައުމުތަކުގައި ދައުލަތުގެ ސިޔާދަތު ރައްޔިތުންގެ ފަރާތުން ހިންގަނީ ރައްޔިތުންގެ މަޖިލިހުންނެވެ. ދައުލަތުގެ އެންމެ އިސް ބާރަކީ އެއީއެވެ. ދައުލަތުގެ އެހެން ބާރުތަކަށް ލިބިފައި އޮންނަނީ ރައްޔިތުންގެ މަޖިލިހުން ހަވާލުކުރާ ބާރެކެވެ. ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި ރަމުޒީ ބޭފުޅަކު ހުންނަވާފާނެއެވެ. އެއީ ރަސްކަލެއް ނުވަތަ ރާނީއެއް ނުވަތަ ރައީސަކަށް ވެދާނެއެވެ. މިގޮތަށް ދައުލަތުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އެކިއެކި ޤައުމުތަކުގައި ލިބިވަޑައިގަންނަވާ ބާރު ތަފާތެވެ. 
 
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގަވާ އިސްފަރާތަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކީ ގިނަ ޤައުމުތަކުގައި ޤާނޫނު ހަދާ މަޖިލިހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީއެއްގެ މަޖިލިސް މެންބަރުންގެ ތެރެއިން އެ ޕާޓީއަކުން ކަނޑައަޅާ މީހެކެވެ. ސަރުކާރުގެ ވަޒީރުންނަކީ
މަޖިލިހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ މަޖިލިސް މެންބަރުންގެ ތެރެއިން ކަނޑައަޅާ ބައެކެވެ. މި ނިޒާމުގައި އެންމެ ޚާއްޞައެއް ސިފައަކީ ވަޒީރުން ޤާނޫނު ހަދާ މަޖިލިހުގައި ޖަވާބުދާރީ ކުރެވުމެވެ. ނަމަވެސް ވަޒީރުންނަށް މަޖިލިހުގައި ރައްޔިތުން ތަމުސީލުކުރާއިރު ސަރުކާރާ ޚިޔާލު ތަފާތު ވިޔަސް އެ ސިޔާސަތެއް ކުށްވެރިކޮށް ފާޑުކިޔައެއް ނުހެދޭނެއެވެ. 
 
ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް އެއް ޕާޓީއަކަށް ނުލިބިއްޖެނަމަ ސަރުކާރެއް އެކުލަވާލަނީ އެހެން ޕާޓީތަކާ ކޯލިޝަން ހަދައިގެންނެވެ. ސަރުކާރެއް އެކުލަވާލުމަށްފަހު ދެން ހުންނަ ޕާޓީތަކަކީ އިދިކޮޅު ޕާޓީތަކެވެ. ބަރުލަމާނީ ނިޒާމުގައި އިދިކޮޅު ޕާޓީތަކުގެ ދައުރަކީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމުގައި މުހިންމު ދައުރެކެވެ. މި ނިޒާމުގައި ކޯލިޝަން ހަދާ ޕާޓީއަކުން ކުރާ ތާއީދު އަނބުރާ ގެންދިއުމުން ނުވަތަ މަޖިލިހުން ސަރުކާރަށް ތާޢީދު ނުކުރާކަމަށް ފާސްކުރުމުން އެ ސަރުކާރެއް ވެއްޓޭނެއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމުގައި އަވަސްވަހަށް ސަރުކާރު ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް މަސްހުނިވުމަކީ މި ނިޒާމުގެ ސިފައެކެވެ. މި މި ނިޒާމު އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުގެ އިތުރުން ޑެންމާކު، ޖަޕާނު، މެލޭޝިއާ، ސްވިޑުން، ޖަރުމަނު، އިޓަލީ، ސިންގަޕޫރުގައި ވެސް އޮންނަނީ ބަރުލަމާނީ ނިޒާމެވެ. 
 
 
ރިޔާސީ ނިޒާމު 
 
ރިޔާސީ ނިޒާމު (ޕްރެޒިޑެންޝަލް ސިސްޓަމް) އަކީ ޑިމޮކްރެޓިކް އަދި ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައި ރައްޔިތުން އިންތިޚާބު ކުރާ ވެރިއަކު ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުރެގެން ވެރިކަން ހިންގާ ނިޒާމެކެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރައްޔިތުން އިންތިޚާބުކުރާ ފަރާތަށް ކިޔަނީ ރައީސެވެ. ރިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމަށްވުރެ ބޮޑަށް ދައުލަތުގެ ބާރުތައް ވަކިވެފައި އޮންނަ ނިޒާމެކެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސްލު ބިނާވެފައި އޮންނާނީ މަޝްހޫރު ފިލޯސަފަރ މޮންޓެސްކޫގެ ތިންބާރު ވަކިކުރާ ނަޒަރިއްޔާ (ސެޕަރޭޝަން އޮފް ޕަވަރސް)ގެ މައްޗަށެވެ. 
 
ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލިހުގެ ދައުރެއް ނޯވެއެވެ. ރައީސާއި ސަރުކާރުގެ ވަޒީރުން ވެސް ޤާނޫނު ހަދާ މަޖިލިހަށް ބަރޯސާވާކަށް ނުޖެހެއެވެ. މި ޒަމާނުގައި ގިނަ ބަޔަކަށް އެއްބަސްވެވޭ ދުސްތޫރީ ސިޔާދަތު ނުވަތަ ޤާނޫނު އަސާސީގެ ސިޔާދަތު (ކޮންސްޓިޓިޔުޝަނަލް ސްޕްރެމަސީ) ހިންގުމަށް އެންމެ ފަހި ނިޒާމަކީ ރިޔާސީ ނިޒާމެވެ. ދައުލަތުގެ ތިން ބާރު އެއްބާރާއި އަނެއް ބާރު ވަކިވެ، ޤައުމުގައި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށް ވެސް ރިޔާސީ ނިޒާމެއް މުހިންމުވެއެވެ. ހެޔޮވެރިކަމެއް ކުރުމަށާއި ޖުމްހޫރީ ވެރިކަމެއް ކުރުމަށް ބަރުލަމާނީ ސިޔާދަތަށްވުރެ ރަނގަޅީ ދުސްތޫރީ ސިޔާދަތެކެވެ. ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ތުރުކީ، ބްރެޒިލް، ފިލިޕީންސް، އިންޑޮނޭޝިއާ، އާޖެންޓީނާ، ޗިލީ، މެކްސިކޯ، އަދި ދިވެހިރާއްޖެ ހިމެނެއެވެ.

No comments: