Tuesday, October 10, 2023

އެމްޔޫޓީސީ - މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުނި

 



ޢަބްދުﷲ ސަޢީދު

މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުންޏަކީ އެމް.ޔޫ.ޓީ.ސީ އެވެ. އެއީ "މަނަދޫ ޔުނައިޓެޑް ޓްރޭޑިންގ ކޮމްޕެނީ" އެވެ. މި ކުންފުނި އުފެއްދިކަމަށް ބެލެވެނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.

 އެމްޔޫޓީސީ އުފެއްދީ އޭރު މަނަދޫގައި ތިބި އެންމެ ބޮޑު ތިން މުއްސަނދިންނެވެ. އެއީ މަނަދޫ ފިނިވާގޭ ޤާސިމް ހާރޫނު (ކާސިން ހާޖީ) އާއި މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫނާއި މަނަދޫ ރަތްވިލާގޭ އަޙްމަދު ކަލޭފާނެވެ.  މި ތިން ބޭފުޅުންގެ ތެރެއިން މަނަދޫ ކާސިންހާޖީ އާއި އިބްރާހީމް ހާރޫނަކީ ދެބެންނެވެ. އެއީ މަނަދޫ ހާރޫނު ހާޖީ ކަލޭފާނުގެ ދެ ބޭފުޅުންނެވެ. އަޙްމަދު ކަލޭފާނަށް ވުރެ މި ދެ ބޭފުޅުންގެ މުދާވެރިކަމާއި މުއްސަނދިކަން އޭރު ތަންކޮޅެއް ބޮޑެވެ. އެކަމަކު ސިޔާސީ ގޮތުން އަޙްމަދު ކަލޭފަނަކީ އޭރު ވެސް ބާރުގަދަ ބޭފުޅެކެވެ. އެމްޔޫޓީސީ އުފެއްދީ ތިން ބޭފުޅުންގެ ހިއްސާ އެއްވަރަކަށް ބާއްވައިގެން ތިން ބޭފުޅުން ވެސް އެއް ވަރަކަށް ބައިވެރިވުން ބާއްވާ ގޮތަށެވެ

 

މަނަދޫގައި އެއްބައިވަންތަ ވިޔަފާރި ކުންޏެއް މި ތިން ބޭފުޅުން ހިންގަވަން ފެއްޓެވިއިރު މީގެ ތެރެއިން ކާސިންހާޖީއާއި އަޙްމަދު ކަލޭފާނަކީ ރަށުގައި ތިބި ސިޔާސީ ގޮތުން ވެސް އެންމެ ވަރުގަދަ ދެ ލީޑަރުންނެވެ. މި ބޭފުޅުންނަކީ ރަށުގެ ކަތީބުކަމާއި މުދިންކަން ފަދަ ރަށުގެ ވެރިކަމުގެ އިސް މަޤާމުތައް ފުރުއްވައި އެ ބޭފުޅުންގެ ޤާބިލުކަމާއި އިޚުލާޞްތެރިކަން ރައްޔިތުންނަށް ދައްކައި ދެއްވާފައިވާ ބޭފުޅުންނެވެ.  ސިޔާސީ ފިކުރުގައި ކާސިންހާޖީ އާއި  އަޙްމަދު ކަލޭފާނު މަސައްކަތް ކުރެއްވީ ދެ ފަޅިއެއްގައެވެ. އިބްރާހީމް ހާރޫން ހުންނަނީ އަބަދުވެސް އޭނާގެ ބޭބެ ކާސިންހާޖީއާއެކުގައެވެ.

މަނަދޫގައި އޭރު އޮތީ ސިޔާސީ ދެ ޓީމެއް ނުވަތަ ދެ "ޕާޓީ" އެކެވެ.  އެއް ޕާޓީ ވެރިކަމުގައި އޮންނައިރު އަނެއް ޕާޓީ އޮންނަނީ އިދިކޮޅުގައެވެ. ސިޔާސީ މި ވާދަވެރިކަމުގެ ތެރޭގައި އެއްބަޔަކަށްވުރެ އަނެއް ބަޔަކު ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭތޯ ބެލުމުގެ ރޫޙެއް އޮތެވެ. ސިޔާސީ ގޮތުން ދެ ޓީމުގައި ވާދަވެރިކަމެއް އޮތަސް ކާސިންހާޖީއާއި އަޙްމަދު ކަލޭފާނާ ދެ ބޭފުޅުންގެ ދެމެދުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިހުތިރާމުކުރުމާއެކު އޮތް ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް އޮތެވެ. އެމްޔޫޓީސީ އުފެއްދީ އެ ގުޅުމުގެ ތެރެއިންނެވެ.

އެމްޔޫޓީސީ އުފައްދައި މަނަދޫ ރައްޔިތުންގެ ބޮޑު އޮޑި ކުންފުންޏަށް ގަތެވެ. އެއީ "އެއްދުއްފަރު" ކިޔާ އޮޑިއެކެވެ. މި އޮޑިއަކީ ކާސިންހާޖީމެންގެ ވެރިކަމުގައި އަލިފުށީ ވަޑިން ލައްވާ ބަނދެފައިވާ ނާލު ބައްތެއްޔެކެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިއަކަށް އެ ނާލު ބައްތެލި ބަދަލުކުރީ އަޙްމަދު ކަލޭފާނުމެންގެ ވެރިކަމުގައެވެ. މަނަދޫ ބޮޑު އޮޑި ކުންފުންޏަށް ގަނެގެން ކުންފުނީގެ ފަރާތުން ދެ ދަތުރެއް ރާއްޖެއިން ބޭރަށް ކުރިއެވެ. އެއީ ކުންފުންޏަށް ގަނެ ކައްކާ ހިއްކަމުންދިޔަ މަހާއި ފުކުރާ ހިފައިގެން ކުރި ދެ ދަތުރެކެވެ. އެ ދެ ދަތުރުކުރީ އިންޑިއާއަށް ކުރި ދަތުރަކާއި ސިލޯނަށް ކުރި ދަތުރެކެވެ. އެ އޮޑީގެ ބޮޑު މާލިމީއަކީ ޔޫސުންބެއެވެ. ފަހު ދަތުރުގައި ކުޑަ މާލިމީއަކަށް ހުންނެވީ އަޙްމަދު ކަލޭފާނެއެވެ.

ކުންފުނީގެ ކުރިމަގަށް ޓަކައި ކުރި އަނެއް ކަމަކީ އުޖާލާ ދޯނި ބައްތެއްޔަކަށް ބަދަލުކުރުމަށް ކުރި ވަޑާމުގެ މަސައްކަތެވެ. މި މަސައްކަތްކުރީ ކުންފުށީގެ ތިން ހިއްސާދާރުންގެ ގޭގެގެއިން ވަޑިންނަށް ކާންދޭގޮތަށެވެ. މި މަސައްކަތް މުޅީން ނިންމާލެވޭ ވަރެއް ނުވިއެވެ.

ކުންފުނިން ކުރަން އުޅުނު އަނެއް މަސައްކަތަކީ މަނަދޫގައި ޒަމާނީ ބޭކަރީއެއް ނުވަތަ ފާރޮށިގެއެއް ހެދުމުގެ މަސައްކަތެވެ. މަނަދޫ ހުޅަނގު އަވަށު ކުޅިވަރުގެ ކަމުގައިވާ ދިލްކަސްގެ ހުރި ގޯތީގައި އެ މަސައްކަތް ފެށުމަށް އެ ބިން އަތޮޅު އޮފީހުން ހޯދައި، ފާރޮށި އުނދުން ހަދަން ބޭނުންވާ ސާމާނު މަނަދޫއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ބޭނުންވާ އީޓާއި ފުޅިތޮށިފާޑު ސާމާނު ހިމެނެއެވެ. ކުންފުނި އުވާލައި މަސައްކަތް ހުއްޓާލީ ފާރޮށިގެ ރޭނުމުގެ މަސައްކަތް ވަކިވަރަކަށް ގޮސްފައި ވަނިކޮށެވެ. އެއީ ކުޑަ އަޙްމަދު މަނިކުގެ އަތޮޅުވެރިކަމުގައެވެ. އެއީ 1960 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

 އެމްޔޫޓީސީން ދިލްކަސްގެ ގޯތި ދޫކޮށްލިއިރު އެ ގޯތީގައި ރާނާފައި ހުރި ތަންތަނަށްވާ އަގު އަތޮޅު އޮފީހަށް ދެއްކުމުން، އެ ގޯތި  އަތޮޅު އޮފީހުން ފަހުން ދެއްވާފައިވަނީ ސަޢީދު ޤާސިމަށެވެ. އެއީ މިހާރު މާލްރޯޑް ކިޔާ ގެހުރި ގޯއްޗެވެ.

އެ ޒަމާނަށް ބަލާއިރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން އެމްޔޫޓީސީ ހިންގަން ފެށި ނަމަވެސް ފަހުން ކުންފުނި ހުއްޓާލީ ތިން ހިއްސާދާރުން އެއްބަސް ވެގެންނެވެ. އޭގެފަހުން ވެސް މި ތިން ބޭފުޅުންނަކީ ރަށުގައި ނަން ހިނގާ ތިން ބޭފުޅުންނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް އިހުތިރާމްކުރެއްވި އެކުވެރިންނެވެ. ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އަމިއްލަގޮތުން ވެސް ޚަރަދުތައް ކުރެއްވި ބޭފުޅުންނެވެ. އަދި އެ ބޭފުޅުންގެ ފަރާތުން ރަށުގެ އެހެނިހެން ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބިގެންދިޔަ ބޭފުޅުންނެވެ.

ފޮޓޯގައި: (ކަނާތުން ވާތަށް) އިބްރާހީމް ހާރޫނު، ޤާސިމް ހާރޫނު (ކާސިންހާޖީ) އަދި އަޙްމަދު ކަލޭފާނު

No comments: