Sunday, November 3, 2019

ޤައުމީ ނިދާ

 


ޢަބްދުﷲ ސަޢީދު

 

ދުނިޔޭގައި ޤައުމީ ބަޠަލުންނާއި، ޤައުމީ އަބުޠާލުންނާއި، ޒަޢީމުން ފާޅުވެގެން އަންނަނީ އެ ޤައުމަކަށް ދިމާވާ ހިތްދަތި، އަސަރުގަދަ، ވޭނީ ހާލަތްތަކާ ގުޅިގެންނެވެ. ޤައުމު ދެކެ ޙަޤީޤީ ލޯބިވާ ދަރިން ހާމަވަނީ ޤައުމުގައި ރިހުން އުފެދޭ ދަނޑިވަޅުތަކުގައެވެ. ޤައުމުން އުފަންކޮށް، އުފައްދާފައިވާ ލީޑަރުން ކުރީ ސަފުން ޖާގަހޯދަނީ ޤައުމު ކަރުނައަޅާ ހިނދު އެކަރުނަތައް ފޮހެދީގެންނެވެ. ޤައުމުގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ފުރާނައާއި ޖާނާއި މާލުން ފިދާވުމަށް އިސްނަގާ ކުރާ ޤައުމީ ޚިދުމަތުންނެވެ.

 

ޤައުމަށް ޚިދުމަތްކުރާކަށް ވަކި އުމުރެއް، ވަކި ޖިންސެއް، ވަކި ފަންތިއެއް ވަކި ގިންތިއެއް ނޯވެއެވެ. މިއީ ވަކި މީހެއްގެ ވަކި ޖަމާޢަތެއްގެ ވަކި ބައެއްގެ ޤައުމެއް ނޫނެއެވެ. އެކަމަކު މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމެވެ.

 

ޤައުމުގެ އުދަރެހަށް ބަލާލަބަލާށެވެ. އަރަމުންދާ ބަނަ، ކަޅު ވިލާތައް ދެކޭށެވެ. މުޅި ދުނިޔެ ކޯވިޑް 19 ގެ ހާސްކަމުގެ ތެރެއަށް ވެއްޓިފައިވާއިރު މި ކުޑަކުޑަ ދިވެހިރާއްޖެ އިން ވެސް މިދަނީ އެ ބިރުވެރިކަން ތަހަންމަލުކުރަމުންނެވެ. ބަލީގެ ޞިއްޙީ ނުރައްކަލުގެ އިތުރުން މި އާލަމީ ވަބާގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެ ބޮޑަށް އަސަރުކުރާނެ އެއް ޤައުމަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނެވެ. އެކަމަކު މިއީ ﷲގެ އިރާދަފުޅާއެކު ދިވެހި ލޮބުވެތި ރައްުޔިތުން އެއްބައިވަންކަމާއެކު ކުރިމަތިލައިފިނަމަ އަރައި ނުގަނެވޭނެ ހާލަތަކަށް ނުވާނެއެވެ.

 

ޤައުމެއްގައި އެންމެ އަގުހުރި ރައުސްމާލަކީ އެ ޤައުމެއްގެ ލޮބުވެތި ދަރިންނެވެ. މިއަދު ކުރިމަތިވެފައިވާ ނުރައްކަލުގެ އަމާޒު ފަތްގަނޑަކީ އެއީއެވެ. ޤައުމު، މިހާވަރަށް ކަންބޮޑުވަނީ އެހެންވެގެންނެވެ. ބަލިޖެހޭ މީހުންގެ ނިސްބަތުން ނިޔާވަނީ ވަރަށް ކުޑަ އިންސައްތައެއްކަން ޤައުމަށް ވެސް އެނގެއެވެ. އެކަމަކު ވެސް މިއީ ފުރާނައަށް ނުރައްކާވާ، ފެތުރުން އަވަސް ބައްޔަކަށްވާތީ ފިކުރު ބޮޑުވަނީއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު މި ބަލީގައި ނިޔާވުން ކީއްކުރަންތޯއެވެ. މި ބަލީގެ ކުޑަނަމަވެސް ތަކުލީފެއް އުފުލަން ުނޭދެނީއެވެ. ޤައުމުގެ ރޫޙުހުރީ ހުރިހާ ދިވެހިން ގުޅިލާމެހިގެން ކުރާ ޤައުމީ ވަރުގަދަ ޖިހާދެއްގެ ގޮތުގައެވެ.

 

ހަނގުރާމަ ފަށާކަށް ނެތެވެ. ހަނގުރާމަ ފެށިއްޖެއެވެ. މައިދާން ދަނީ ކިލަނބު ވަމުންނެވެ. އަރަމުންދާ ހިރަފުސްގަނޑުން މުޅި މައިދާން ތަޣައްޔަރު ނުވެ އޮތީ ހިކުމަތްތެރިކަމާ ރޭވުންތެރިކަމާއެކު އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ދިވެހި ދަރިންގެ ޤައުމީ ހިތްވަރާއި ވަޠަނީ ރޫޙުގެ ސަބަބުންނެވެ. ދިވެހިންގެ ސާފު އަޤީދާއާއި މަތިވެރި އިލާހަށް އޮތް އިތުބާރާއި ޔަޤީންކަމުގެ ސަބަބުންނެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރުގައި ހިފައިގެން ސާބިތުވެ ތިބެ އުންމީދާއި އިތުބާރާއެކު ކުރަމުން މަތިވެރި ދުޢާތަކުގެ ސަބަބުންނެވެ.

 

ރެއެއް ދުވާލެއް ބެލުމެއްނެތި، ނިންޖެއް އަރާމެއްމެތި ޤައުމަށްޓަކައި އަތުކުރި އޮޅާލައިފައިވާ ދަރިންގެ ޤުރުބާނީ ވަޒަން ކުރަންޖެހެއެވެ. އެކަން ވަޒަންކުރަން ހަދިޔާކުރަންޖެހެނީ ފައިސާއެއް ނޫނެވެ. މެޑެލިތަކާއި ލިޔުންތަކާއި ތަށިތަކެއް ނޫނެވެ. ފަރުދީ ޒިންމާއެވެ. ފަރުދީ ޒިންމާ އަދާކުރަން ފަސް ނުޖެހެންވީއެވެ. ދޭ ނަސޭހަތްތަކާއި އިރުޝާދުތައް ހެޔޮ ހިތުން ޤަބޫލުކޮށް އެއްބާރުލުން ދޭންވީއެވެ. ޢަމަލާއި ބަހުން އެކަން ދައްކަންވީއެވެ.

 

މިއީ ޤައުމަށްޓަކައި ފިތުނައިގެ ހުރިހާ ދޮރެއް ލައްޕާލަންޖެހޭ ވަގުތެވެ. ހަސަދަޔާއި ރުޅިވެރިކަމުގެ އަލިފާން ނިއްވާލަންޖެހޭ ވަގުތެވެ. މިއީ ސިޔާސީ ފައިދާއާއި މަންފާއަށްވުރެ ޤައުމީ މަސްލަހަތު އިސްކުރަންވީ ވަގުތެވެ. ތާރީޚަށް ބައްލަވާށެވެ. އަބޫބަކުރު ރަސްގެފާނާއި ޢަލީ ރަންނަބަނޑޭރި ކިލެގެފާނު (ފަހުން މަޝްހޫރު ޢަލީ ރަސްގެފާނު) ދެއްކެވި ނަމޫނާއިން ޢިބުރަތް ހާސިލުކުރައްވާށެވެ. ސިޔާސީގޮތުން ދެ ބޭފުޅުންގެ ޚިޔާލުފުޅު ދެކަފިވެ ހުޅު ފަޅައިގެން ގޮސްފައި ވަނިކޮށް ޕޯޗުގީޒުން ރާއްޖެއަށް ހަނގުރާމައަށް އައެވެ. އެ ހިނދު ދެ ބޭފުޅުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުން އެއްފަރާތް ކުރައްވައި، އެއް ލަޝްކަރެއްގައި ދެ ބޭފުޅުން ދުޝްމަނުންނާ ދެކޮޅަށް ނިކުމެ ވަޑައިގަންނަވާ ނަޞްރު ހޯއްދެވިއެވެ. ޢަލީ ރަސްގެފާނު އެ ދުވަހު ޤައުމަށްޓަކައި ނިންމެވި ނިންމެވުމުން އެއީ ޤައުމީ ލޭހިނގާ، ހިތްވަރުގަދަ ޤައުމީ ލީޑަރެއްކަން ދިވެހިންނަށް އޮތީ ރަސްކަން ލިބިވަޑައިގެންނެވުމުގެ ކުރިން ސާބިތުވެފައެވެ. ފަހުން ރަސްކަމުގައި ހުންނަވައި ފުރާނައިން ވެވަޑައިގެންނެވި މަތިވެތި ޤުރުބާނީއާއި ފިދާއާއެކު ހޯއްދެވި ޝަހީދެއްގެ ޝަރަފުވެރި ދަރަޖައިން ތާއަބަދަށް މި ޤައުމު ވަނީ އެ ރަދުންގެ ޤައުމީ ޚިދުމަތަށް ޝުކުރުކުރުން މަތީގައެވެ.

 

އިއްޔެއަކީ ޢަލީ ރަސްގެފާނާއި ޣާޒީ ރަދުންނާއި ދޮންބަންޑާރައިންގެ ދުވަހެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި ތިނެއް ނޮވެންބަރުގައި މި ޤައުމަށްޓަކައި ޝަހީދުވި ޝަހީދުންގެ ދުވަހެވެ. މިއަދަކީ އަޅުގަނޑުމެންގެ ދުވަހެވެ. މި ހާލަތުގައި ޤައުމު ހަނދާން ކޮށްދެނީ އެކަމެވެ. ޤައުމަށް ވަފާތެރިވެ ދޭށެވެ. ޤައުމުގެ އާދޭހަކީ ޤައުމުގެ ނިދާއަކީ އެއީއެވެ.

No comments: