Monday, September 23, 2019

ޣިޔާޘުއްދީނު ރަދުން ކަނޑުފައްތައި ގެއްލުވާލި ހާދިސާ

ދ. ހުޅުދެލީގައި ހުންނަ ހާޖީބަންޑާރައިންގެ ޒިޔާރަތް.


ޢަބްދުﷲ ސަޢީދު

ދޮންބަންޑާރައިން، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އަވަހާރަ ދާންމަތިކޮޅުގައި ދައުލަތުގެ ބޮޑުންނާއި ޢާއިލާގެ ބޭފުޅުންނަށް ވަރުގަދަ ވަސިއްޔަތްޕުޅެއް ކުރެއްވިއެވެ. އެ ވަސިއްޔަތްޕުޅުގައި ވިދާޅުވީ ދިވެހި ރަސްކަން އެ ރަސްކަން ޙައްޤުވާ ދިޔަމިނގިލީ ދަރިކޮޅުގެ މުޙައްމަދު މަނިކުފާނާ ހަވާލެވެ. އަހުރެންގެ ދަރިންނާ މާތް ރަސްކަލާނގެއާ ވަކީލެވެ. ދޮންބަންޑާރައިން އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނީ މުޙައްމަދު މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. ދޮންބަންޑާރައިންގެ ވަސިއްޔަތްޕުޅާ އެއްގޮތަށް ރަސްކަމަށް އިސް ކުރެވުނަސް ދޮންބަންޑާރައިންގެ ޢާއިލާގެ ބޭފުޅުންނާއި އެ ބޭފުޅުންނާ ގުޅުން އޮތް ފަރާތްތަކުން ތިބީ އެކަމާ ރުހިގެންނެއްނޫނެވެ. ހާޖީ ބަންޑާރައިންނާއި، ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް ޣިޔާޘުއްދީނު ރަދުންނެވެ. އެ ރަދުންވީ ހަށިކޮޅުގައި ބަރު ބަދެ، ކަނޑުފައްތައި ގެއްލުވާލާފައެވެ.

ޣިޔާޘުއްދީން ރަދުންނަށް ރަސްކަން ލިބިވަޑައިގެންނެވީ މީލާދީން 1767 ވަނަ އަހަރުއެވެ. އެ ރަދުންގެ ރަސްކަމުގައި ދޮންބަންޑާރައިންގެ ބޭފުޅުންނާމެދު ކަންތައް ބެހެއްޓެވީ އެ މަނިކުފާނާމެދު ދޮންބަންޑާރައިން ކަންތައް ބެހެއްޓެވިހެން އޯގާތެރިކަމާއި ޢިއްޒަތްތެރިކަމާ އެކުގައެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ވީތަނާ ދޮންބަންޑާރައިންގެ ވަސިއްޔަތްޕުޅު ހަނދާންނައްތާލައި، ޣިޔާޘުއްދީން ރަދުން އަވަހާރަކޮށްލައި ރަސްކަން އަތުލެއްވުމުގެ ރޭވުންތައް ދޮންބަންޑާރައިންގެ ޢާއިލާގެ ބޭފުޅުން ފެއްޓެވިއެވެ. މީގެތެރެއިން ބައެއް ކަންކަން ފަޅާއަރައި، ބައެއް ބޭފުޅުން އަރުވާލައްވަން ޖެހިވަޑައިގެންނެވިއެވެ. އޭގެފަހުން ވެސް އެ ބޭފުޅުންނަށް އިތުބާރުކުރެއްވިއެވެ. ރަސްކަމުގައި 7 އަހަރާއި 35 ދުވަސް ހޭދަކުރެއްވުމަށްފަހު ވަޑައިގެންނެވީ ވަޑައިގެންނެވީ ޙައްޖަށެވެ. ރަސްކަން ހަވާލު ކުރެއްވީ އެ ރަދުންގެ ދައިތާފުޅު އާމިނާ ކަނބާފާނާއި، އެ ކަމަނާގެ ފިރިކަލުން ޢަލީ ޝާހު ބަންދަރު (ވެލާނާ މަނިކުފާނު) އާއެވެ.

ގުރާބެއް ކުއްޔަށް ހިއްޕަވައިގެން އެ ދަތުރަށް އަރާވަޑައިގެންނެވީ ދެ އަނބިކަނބަލުންނާއި ދޮށީ ދަރިކަލުންނާއެކު 16 ޑިސެންބަރު 1773 ގައެވެ. ރަދުން ފުރާ ވަޑައިގެންނެވީތާ ހަތަރުވަނައަށް ވީ ދުވަހު ޢަލީ ޝާހުބަންދަރު އޭނާގެ މައްޗަށް ރަސްކަން ފުރޮޅާލައްވައިފިއެވެ. މިކަމާ ދެކޮޅަށް ނުކުންނެވީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ހުރާ މުޙައްމަދު މަނިކުފާނެވެ. ދެފަރާތުން ހަތިޔާރުގެ ގޮތުގައި ނެގީ ބަޑިއެވެ. ބޮޑު ލޭ އޮހޮރުވުމަކަށް ނުގޮސް ސަލާމަތްވީ މުޙިއްބުދީން ފަނޑިޔާރު މަނިކުފާނު ބަޑިޖެހުން މަނާކުރެއްވީމައެވެ. މި ކަންތައްގަނޑު ނިމުނީ ހުރާ މުޙައްމަދު މަނިކުފާނަށް ރަސްކަން ލިބިވަޑައިގަނެގެންނެވެ. ރަސްކަމަށް އިސްވެވަޑައިގެން ގަނޑުވަރު ތެރޭގައި ހުރި ދިޔަމިނގިލީ ދަރިކޮޅުގެ ހުރިނަމަހުރި ބިނާއެއް ބިމާ ހަމަކުރެއްވިއެވެ. ޣިޔާޘުއްދީނުގެ ރަދުންގެ ބައްޕާފުޅު، ދިޔަމިނގިލީ ދަރިކޮޅުގެ އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ އަތްޕުޅުގައި ހުރިނަމަ ހުރި ފޮތަކާއި މުދަލެއް އަތުލައްވައި ހުރިހާ ބޭފުޅުން އަރުވާލެއްވީއެވެ. ހުރާ މުޙައްމަދު މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު (ދެވަނަ)ގެ ނަންފުޅުގައެވެ. ދިވެހިރާއްޖޭގައި ފުރަތަމައަށް ގޭގެ މުގުރުމަށާއި، ކިޔެވުން މަނާކުރައްވައި، ކިޔަވާ ފޮތްފަދަ ތަކެތި ފޭރުމަށް ޢަމުރުކުރެއްވި ރަސްކަލަކީ މިއީއެވެ. އެހެންނަމަވެސް، މާ ބޮޑު ސަބަބެއް ނޭނގި އެކި ތަންތަނަށް ބަދަލުކުރެވި، އެއް ފަހަރަކު ނީލާމުގައި ވިއްކާ ވެސް ލެވިފައިވާ މަޝްހޫރު ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ މި ރަދުންގެ ރަސްކަމުގައެވެ. މި ރަދުން ދުވަސްކޮޅަކު ރަސްކަން ކުރެއްވުމަށްފަހު ދޮންބަންޑާރައިންގެ ބޭފުޅުން އައްޑުއަތޮޅުން މާލެ ގެންނަވައި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދާ ރަސްކަން ހަވާލު ކުރެއްވިއެވެ. އެއީ ފަހުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު (ދެވަނަ) ރަސްކަމުން ފައިބާ ވަޑައިގެން އަމިއްލަފުޅު ނަންފުޅެއް ކަމުގައި ހެއްދެވީ މުޙައްމަދު ފާށަނާ ކިލެގެފާނެވެ. މުޙައްމަދު ބޮޑުފާށަނާ ކިލެގެފާނޭ ވެސް ކިޔައެވެ.

ޣިޔާޘުއްދީން ރަދުންގެ ޙައްޖު ދަތުރުފުޅުގައި އަރިހުގައި ގެންނެވި އެތައް ބަޔަކު ކަށިވިދުރި ޖެހިގެން މަރުވިއިރު، އެ ރަދުންގެ ދެ އަނބިކަނބަލުންނާއި ދަރިކަލުން ވެސް އޭގެތެރޭގައި އަވަހާރަވީއެވެ. މި ހިތާމަފުޅާއެކު ރާއްޖެ ވަޑައިގެންނެވިއިރު ރަސްކަން އޮތީ ބަދަލުވެފައެވެ. ނަމަވެސް އެކަން އެނގިވަޑައިގެންނެވި ހިސާބުން އެ މިންވަރުފުޅަށް ރުހި ވަޑައިގެންނެވިއެވެ. އެކަން ބަޔާން ކުރައްވައި ތަޚުތުގައި އިންނެވި ރަދުންނަށް ފަތެއް (ސިޓީފުޅެއް) ލިޔުއްވިއެވެ. އެ ސިޓީފުޅުގައި ވިދާޅުވީ މާތް ރަސްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެން ހުންނެވި ކަމަށާއި، ރަދުންނާއި ފާށަނާކިލެގެފާނުގެ އަރިހުން އަމާންކަން އެދިވަޑައިގެން ހުންނެވި ކަމަށެވެ. މި ފަތްކޮޅުގައި އެދިވަޑައިގެންނެވި ހިމާޔަތް އެރުވުމަށް ރަދުންނާއި ފާށަނާކިލެގެފާނު ބޭނުންފުޅެއް ނުވިއެވެ. އޭގެ ބަދަލުގައި ހިނގަމުން ދިޔައީ ޣިޔާޘުއްދީން ރަދުން ކަނޑުފައްތައި ގެއްލުވާލުމުގެ ލާއިންސާނީ ނުބައި ރޭވުމެވެ.

ފުރަަތަމަ ކުރެއްވި ކަމަކީ އަސްކަރުން (ސިފައިން) ފޮނުއްވައިގެން ޣިޔާޘުއްދީން ރަދުން ދަތުރު ކުރެއްވި ނަވުގައި ތިބި ދިވެހިން މާލެ ބޭލުމެވެ. އެއަށްފަހު، މި ޚާއްޞަ އޮޕަރޭޝަން ހިންގުމަށް ނަވު ދޮށަށް ފޮނުވީ އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީނުގެ ވަރަށް އަރިސް ތިން މީހެކެވެ. އިސް މީހަކަށް ހުރީ ކުނބުރުދޫ ދޮންތަކުރެވެ. ހަގުބޭކަލުންގެ ދޯނިކޮޅުގައި މި މީހުން ނަވު ދޮށަށް ގޮސް ޣިޔާޘުއްދީން ރަދުން ދޯނިކޮޅަށް އެރުވިއެވެ. އެއަށްފަހު ނަވުގައި ތިބި މީހުންނަށް އެ ކުރަނީ ކީއްކަން ނޭނގޭ ހިސާބު ބޭރަށް ގެންގޮސް ގައިކޮޅުގައި ބަރޯސާ (ބަރު) ބަނދެފައި ކަނޑު ފެއްތީއެވެ. އެއީ ހިޖުރައިން 1188 ވަނަ އަހަރުގެ ޝަޢުބާން މަހެވެ. މީލާދީން 1774 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.

ދިވެހިރައްޔިތުން އެ ރަދުންނެއްދެކެ އެންމެ ބޮޑަށް ލޯބިވި އެއް ރަދުން ޢުމުރުފުޅުން އެންމެ 41 އަހަރުފުޅުގައި ދިވެހިންނަށް އަބަދުގެ އަބަދަށް ގެއްލުނީއެވެ. އަނިޔާވެރި މި ޖަރީމާއަށްފަހު ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ވަރަށް ބޮޑު އޮޅުވާލުމެއް ވެސް އޮޅުވާލިއެވެ. ދޯނިކޮޅު ފޮނުއްވީ ޣިޔާޡުއްދީން ރަދުން މާލެއަށް ފައިބައި ވަޑައިގަތުމަށް ކަމަށް ރައްޔިތުންނަށް އެންގެވިއެވެ. އަދި އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަންޖެހިގަނޑުވަރު (ފަހުން ރަންޖެހިކޮށި) ތައްޔާރުކުރިއެވެ. މިހާރު އެ ކޮށީގައި އެހެރީ ރައީސް އޮފީހެވެ. ދޯނިކޮޅު އައުމާއެކު ރަދުން ފައިބައިވަޑައިގަތީމަކަށް ރައްޔިތުންނަށް ހީކުރެވޭ ގޮތަށް ރަންޖެހި ގަނޑުވަރުގައި ކުޅިވަރު ކުޅެ މަޖާނެގިއެވެ. ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ރޭކާލީ އެއް ދުވަސް ނުވަތަ ދެ ދުވަސް ފަހުންނެވެ.

ރައްޔިތުން ވަގުތުން ބޮޑުގަނޑުވަރު ދޮށަށް އިހުތިޖާޖު ކުރުމަށް ނިކުތެވެ. އަނިޔާވެރިކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑު އުފުލަން ފެށިއެވެ. އެތަނަށް މުޙައްމަދު ބޮޑުފާށަނާކިލެގެފާނު ނުކުންނަވައި ވަރުގަދަ އިތުރުފުޅެއް ހައްދަވައިފިއެވެ. ވިދާޅުވީ ޣިޔާޘުއްދީން ރަދުން ޤަތުލުކުރެއްވީ އެ ރަދުންނާމެދު ކަންތައް ކުރަންވީ ގޮތް ފަނޑިޔާރުކަލޭގެފާނު ކުރެން އަހައި، ޤަތުލުކުރައްވަން ފަނޑިޔާރު މަނިކުފާނު ވިދާޅުވެގެން ކަމަށެވެ. ނަމަވެސް ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުމަނިކުފާނު، އަނިޔާވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ވިދާޅުވިއެވެ. އެކަން އެއްވެސް ގޮތަކަށް ދެނެވަޑައިގެން ނުވާކަމަށް ވިދާޅުވެ ފަނޑިޔާރު މަނިކުފާނު ހުވާ ކުރެވިއެވެ.
ޣިޔާޘުއްދީނު ރަދުން ގެއްލުވާލި މީހުން އެ ރަދުންގެ ތުއްޕުޅު ދަރިކަލުން ޤަތުލުކުރަން ވެސް ވާހަކަ ދެއްކިއެވެ. ނަމަވެސް ޣިޔާޘުއްދީން ރަދުންގެ ބައްޕާފުޅު، އިބްރާހީމް ރަސްގެފާނުގެ ގާތް ފުވައްމުލަކު ދެ މަފިރިއަކު ކުރި އާދޭހަށް އެ މީހުންނާއެކު އެ ބޭފުޅާ ފުވައްމުލަކަށް އަރުވާލެއްވީއެވެ.

ޣިޔާޘުއްދީން ރަދުން ޝަހީދުކުޅަ ހާދިސާއާބެހޭ ގޮތުން ކިޔޭ ފޯކުލޯރުތަކެއް ހުރެއެވެ. އޭގެތެރެއިން އެއްވާހަކައަކީ އެ ރަދުން ކަނޑު ފައްތަނިކޮށް މާލެ އަތޮޅު ވިލިނގިލި (މިހާރުގެ ވިލިމާލެ) ބަޔަކާ ދިމާވެގެން އެ ބައި މީހުންގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ވާހަކައެވެ. އެބައި މީހުން އެހީތެރިކަން ފޯރުކޮށްނުދީ ދެންނެވިކަމަށް ވަނީ "މިދަނީ އޮތް އެމާ މަހަށެވެ." އޭގެފަހުން އެ ރަށު މީހުންނަކީ ކުރީ ދުވަހު ދެމި އެން ހިފައިގެން އަނެއް ދުވަހު ވެސް މަހަށްދާން ޖެހުނު، މަސްވެރިކަމާ ނުވާ ބައެއް ކަމުގައި ކިޔާ އުޅެއެވެ.

 ދެވަނަ ވާހަކައަކީ ދ. ހުޅުދެލީ ބަޔަކަށް އެ ރަދުން ކަނޑުމަތިން ފެނިގެން ނަގައި މުޅިފަންގިއަކުން ނިވާކުރި ވާހަކައެވެ. އެ ރަދުން އަވަހާރަވީ އެ ފަންގިތެރޭގައި އޮއްވާ ކަމަށް ބުނެއެވެ. ހުޅުދެލީގައި ހާޖީބަންޑާރައިންގެ ޒިޔާރަތެއް ވެސް އެބަހުއްޓެވެ. މި ހާދިސާއަށްފަހު ވިއްސާރަވެ ކަނޑުގަދަ ވެއްޖެނަމަ ހުޅުދެލީ މީހުން ދޯނީގެ ވަތުގައި މުޅި ފަންގިއެއް މަޅާލައިފިނަމަ ވިއްސާރަ އަލިވާ ކަމަށް ކިޔާ އުޅެއެވެ.

ތިންވަނަ ގޮތަކީ މާލެއަތޮޅު ގުރައިދޫ ދޯންޏެއްގެ ބަޔަކަށް އެރަށު ބޭރުން އެ ރަދުން ފެނިގެން މާލެ ގެނައި ކަމަށް ދެކެވޭ ވާހަކައެވެ. ރަސްކަމުގެ ފަރާތުން ކީމަކޮޅެއްގައި ފޮރުވައިގެން ކަނބާފާނު ގަނޑުވަރަށް ގެންގޮސް އަވަހާރަކޮށްލުމަށްފަހު ހަށިކޮޅު ޖާޑިއަކަށްލައި ގަނޑުވަރުގެ ތެރޭގައި ވަޅުލީ ކަމަށެވެ. ވާހަކައިގައި ކިޔާ ހިސާބު ކަމުގައިވާ ގަނޑުވަރުގެ އުސްގެކޮޅު ހުރި ހިސާބު 1970 ވަނަ އަހަރު ކޮނުނުއިރު އިންސާނެއްގެ ކަށިތައް ހުރި ޖާޑިއެއް ވަނީ ފެނިފައެވެ. މި ވާހަކަތައް މިގޮތަށް ދެކެވުނަސް ތާރީޚީ ޢިލްމުވެރިން ޤަބޫލުކުރައްވަނީ ޣިޔާޘުއްދީން ރަދުން އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލީ ނުވަތަ ގެއްލުވާލީ އެ ދުވަސްވަރު އޮތް ވަރަށް ބޮޑު ފިތުނަގަނޑެއްގެ ތެރޭގައި ކަނޑުފައްތައިގެން ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހާޖީބަންޑާރައިންގެ ޒިޔާރަތްތައް ނުވަތަ މަޤާމުފުޅުތައް ހުއްޓެވެ. އެ ތަންތަނުގެ ޙަޤީޤަތެއް ކަމުގައި ބުނެވެނީ ހާޖީބަންޑާރައިން ހައްޖުން ވަޑައިގަތުމުން އެ ރަދުންނާމެދު ކަންތައް ކުރައްވަން ފުރަތަމަ ރާވާފައި އޮތް ރޭވުމެވެ. އެ ރޭވުމަކީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު އެ ރަދުންނަށް އޮތް މިންވަރު ބޮޑުކަމުން ހައްޔަރުކުރައްވާ ރަށަކާއި ތަނެއް މީހުންނަށް ނޭނގޭގޮތަށް އޮޅުވާލުމެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާޖީބަންޑާރައިންނަށް ހުރަގެއެއް އެޅުމަށް މާލެއިން އެންގިއެވެ. ފަހުން އެ ތަންތަން މަޤާމުކޮޅުތަކަށާއި ޒިޔާރަތްތަކަށް ބަދަލުވެގެން ދިޔައީ ކަމަށް ބުނެވެއެވެ.

ޣިޔާޘުއްދީން ރަދުންނަކީ ދީންވެރި، ހިތްވަރުފުޅު ގަދަ ލީޑަރެކެވެ. ރަސްކަމުގައި އިންނަވަނިކޮށް ހޮޅިން ނުވަތަ މަލަބާރީން ރާއްޖެއަށް ހަނގުރާމައަށް އައެވެ. ދުޝްމަނުން އައީ ރަދުންގެ ދަރިކަނބަލުން އަވަހާރަވީތާ ދެވަނަ ދުވަހު އެކަމުގެ ހިތާމަފުޅުގައި "މޮޅި ހާލުކޮޅުގައި" ވަނިކޮށް ކަމަށެވެ. އެ ރަދުން އަމިއްލަފުޅަށް ލިޔުއްވާފައިވާ އެ ހަނގުރާމައިގެ ވާހަކައިފުޅުގައި ވިދާޅުވެފައިވަނީ ހޮޅިން ނުވަތަ މަލާބާރީން ހަމަލާއަށް އައި ޚަބަރު ލިބިވަޑައިގެންނެވީ 21 ޖަނަވަރީ 1769 ވީ ހޮނިހިރު ދުވަހުގެ ދެ ނަމާދު ދޭތެރެގައި ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ކަމަށެވެ. އެހެންނަމަވެސް ވަގުތުން ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދަށް ނިކުންނެވީއެވެ. ލަޝްކަރުގެ ކުރީ ސަފުގައި ހަނގުރާމަ ކުރައްވައި، މާތްﷲ ގެ ވާގިފުޅާއެކު ދުޝްމަނުންގެ މައްޗަށް ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ.










No comments: