Monday, April 22, 2019

އަސްކަރީ އުސޫލު


ޢަބްދުﷲ ސަޢީދު

ދިވެހިބަސް ފޮތުގައި އުސޫލުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ ކަމެއް ކުރުމަށްޓަކައި ރާވާ ރޭވުމެވެ. އަނެއް މާނައަކީ ބިނާވެފައިވާ މައިގަނޑު އަސްލުގެ ޖަމްޢުއެވެ. ދިވެހި ބަހުގެ ތެރެއަށް މި ލަފުޒު އައިކަމަށް ބެލެވެނީ ޢަރަބި ނުވަތަ އުރުދޫ ބަހުންނެވެ. ދިވެހިބަހަށް މި ލަފުޒު އައިސްފައިވާ ބެލެވޭ ބަސްތަކުގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އުސޫލުގެ މާނައިގެ ތެރޭގައި ކަމެއްގެ އަސްލާއި އަސާސްތައް ނުވަތަ ޕްރިންސިޕަލްތައް ހިމެނެއެވެ. އުސޫލު މި ލަފުޒު، ދިވެހިންގެ މެދުގައި މާނަކޮށް، ބޭނުންކުރެވެނީ ވަކި ތަރުތީބަކުން ކަންތައްތައް އިންތިޒާމުވެ ކަނޑައެޅިފައިވާ ކަނޑައެޅުމަށްކަން އެނގެއެވެ. މި މަފްހޫމުން ބަލާއިރު، އަސްކަރީ އުސޫލަކީ ހަނގުރާމަވެރި ގޮތްފާޑެވެ. ހަނގުރާމަވެރި އަސާސްތަކާއި، ނިޒާމުތަކެވެ. އަސްކަރިއްޔާގެ ޒާތާއި، ފާޑާއި، ސިފަތަކެވެ. އަސްކަރީ އުސޫލަކީ ކުރުކޮށް ދަންނަވާނަމަ ސިފައިންގެ ސިފަވަންތަކަމެވެ. 

އަސްކަރީ އުސޫލުތަކާ ނުލައި އަސްކަރިއްޔާ ފުރިހަމަ އަސްކަރިއްޔާއަށް ނުވާނެއެވެ. އަސްކަރީ އުސޫލުތަކާ ނުލައި ފުރިހަމަ ސިފައިންގެ މީހަކަށް ނުވާނެއެވެ. އެހެންވީމާ ކޮންމެ އަސްކަރިއްޔާއެއްގައި ވެސް އުސޫލުތަކެއް ހުންނަންޖެހެއެވެ. އަދި އެ އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުން އެ އުސޫލުތަކަށް ތަބާވާންވެސް ޖެހެއެވެ. ކޮންމެ އުސޫލަކީ ލިޔެވިފައި އޮންނަ އެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، ކޮންމެ ހަރުދަނާ މީހެއްގެ ފަރާތުން ނުވަތަ ކޮންމެ ހަރުދަނާ މުއައްސަސާއެއްގައި ހަރުދަނާ އުސޫލުތަކެއް ހުންނާނެއެވެ.

ސިފައިންގެ ޚިދުމަތަށް ވަންނަ ކޮންމެ މީހަކު ފުރިހަމަކުރަންޖެހޭ އަސާސީ ތަމްރީނަކީ އާންމު ރައްޔިތަކު، ސިފައިންގެ މީހަކަށް ބަދަލުވެގެންދާ ތަމްރީނެވެ. މި ތަމްރީނުގައި ހިމެނިގެން ކުރެވޭ މައިގަނޑު އެއް މަސައްކަތަކީ އަސްކަރީ އުސޫލުތައް އޮޅުންފިލުވައިދީ، ދަސްކޮށްދިނުމެވެ. އަސްކަރީ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފަރިތަކޮށް ހޭނުމެވެ. އަސްކަރީ އުސޫލުތަކާ އެއްގޮތަށް ވިސްނުމާއި ފިކުރު ބައްޓަންކުރުމެވެ. އެ ތަމްރީނަށް ފަހު ވެސް، ސިފައިންނަށް ދެވޭ ކޮންމެ ތަމްރީނެއްގައި ސިފަވަންތަ ހުނަރުތަކާއި ޤާބިލިއްޔަތު އިތުރުކުރުމަށާއި ދެމެހެއްޓުމަށް ބާރު އަޅައެވެ.   

އަސްކަރީ އުސޫލުތައް ބަޔާންކޮށް ދެނީ ޤާނޫނު އަސާސީ އާއި ސިފައިންގެ ޤާނޫނާއި ޤަވާޢިދުތަކުގެ އިތުރުން އަސްކަރިއްޔާގެ ޑޮކްޓްރިންތަކާއި މެނުވަލްތަކެވެ. އަސްކަރީ ޑޮކްޓްރިންއަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަސްކަރީ ބާރު ބޭނުންކުރުމުގައި މަގުދައްކައިދޭ އަސާސްތަކާއި ގަބޫލުކުރާ ގޮތްތަކެވެ. މެނުއަލްތަކަކީ އަސްކަރީ ޑޮކްޓްރިން މަގުދައްކައިދޭގޮތަށް ޓެކްޓިސް އާއި ޓެކްނިކްސް އާއި ޕްރޮސީޖަރތައް (އިޖުރާޢަތުތައް) ލިޔެފައިހުންނަ ލިޔުންތަކެވެ.

އަސްކަރިއްޔާގެ ކޮންމެ ކަމެއްގައި ވެސް ސުލޫކީ އަދި އުސޫލީ ހަމަތަކެއް ހުރެއެވެ. މިކަންތައްތަކަށް އަސްކަރިއްޔާގެ ޒާތީ ސިފަތަކޭ ކިޔައެވެ. ޤާބިލު އަދި ޒިންމާދާރު ނުވަތަ ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށް ވަނީ މި ސިފަތަކާއެކުގައެވެ. އަސްކަރިއްޔާގެ ޒާތީ ސިފަތައް ފުރިހަމަވަނީ ތިން ބައެއްގެ މައްޗަށެވެ. އެއީ ކޮންސެޕްޗުއަލް ކޮމްޕޯނަންޓާއި، މޯރަލް ކޮމްޕޯނަންޓާއި، ފިޒިކަލް ކޮމްޕޯނަންޓެވެ. އަސްކަރިއްޔާގެ ކޮންސެޕްޗުއަލް (މަފްހޫމީ) ކޮމްޕޯނަންޓްގައި ހިމެނެނީ ފިލޯސަފީތަކާއި ޕްރިންސިޕަލްތަކެވެ. ހަނގުރާމައިގެ ޕްރިންސިޕަލްތަކާއި، ލީޑަރޝިޕްގެ ޕްރިންސިޕަލްތަކެވެ. މިކަންކަން ބަޔާންކޮށްފައި ހުންނަނީ ހަޔަރ ލެވެލްގެ ޑޮކްޓްރިންތަކުގައެވެ. އޭގެއިތުރުން ޕްރޮސީޖާތައް ނުވަތަ އިޖުރާޢަތައް ބަޔާންކުރާ ދަށް ލެވެލްގެ ޑޮކްޓްރިން ތަކެވެ. މޯރަލް (ޢަޤީދާ) ކޮމްޕޯނަންޓްގައި ހިމެނެނީ އަސްކަރިއްޔާގައި އޮންނަންވާ އެތިކަލް މިންގަނޑުތަކާއި، ރޫޙާނީ ބާރާއި، އަސްކަރިއްޔާގައި އޮންނަންވާ އެކުވެރިކަމާއި އެއްބައިވަންތަކަމާއި މޯޓިވޭޝަނާއި ރޫޙާއި ޖޯޝް ބައްޓަންވާންވީގޮތެވެ. ފިޒިކަލް (ޖިސްމާނީ) ކޮމްޕޯނަންޓްގައި ހިމެނެނީ މާއްދީ ޤާބިލުކަމާއި، މާއްދީ ސިފަތަކެވެ. ސިފައިންގެ އިންސާނީ ވަސީލަތާއި، އެހެނިހެން ވަސީލަތްތަކާއި ތަޢުލީމާއި ތަމްރީނުގެ ދުޅަހެޔޮކަމާއި، ހަތިޔާރުގެ ބާރުވެރިކަމެވެ.  

ސިފައިންނަކީ އަސްކަރީ އުސޫލީ މިންގަނޑުތަކުގެ ތެރޭގައި ތިބެންޖެހޭ ބައެކެވެ. އަސްކަރީ ކޮންމެ އުސޫލަކީ އެކަން ބަލައިގަންނަން ހުންނަ މީހާ، އެންމެ ހިތްހަމަޖެހޭ އުސޫލަށް ނުވެދާނެއެވެ. އެހެނެއްކަމަކު، ބަދަލުކުރަންވީ އުސޫލުތަކެއް ނޫނެވެ. މީގެ މާނައަކީ އުސޫލެއްގައި ހުންނަ އުނިކަމެއް ބަދަލުކޮށް ރަނގަޅުނުކުރާށެކޭ ވެސް ނޫނެވެ. ސިފައިންގެ މީހާ ވާންޖެހެނީ އަސްކަރީ އުސޫލުތަކަށް އިޙްތިރާމުކުރާ މީހަކަށެވެ. އަސްކަރީ އުސޫލުތައް ހިފަހައްޓާ މީހަކަށެވެ. އަސްކަރީ އުސޫލުތައް ދަމަހައްޓާ އަދި ނަގަހައްޓާ މީހަކަށެވެ.

މަޢުލޫމާތު:
އާމީ ޑޮކްޓްރިން ޕަބްލިޝަން. އާމީ ޑޮކްޓްރިން ޕްރިމިއަރ (2011).  ނެގީ https://assets.publishing.service.gov.uk/government/uploads/system/uploads/attachment_data/file/33693/20110519ADP_Army_Doctrine_Primerpdf.pdf

No comments: