Wednesday, December 25, 2019

ދިވެހިރާއްޖޭގެ ތިން ރަސްކަލުންނާ ކައިވެނި ބައްލަވައިގެންނެވި މަހާރެހެންދި

ލިޔުނީ: ޢަބްދުﷲ ސަޢީދު 



ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި ތިން ރަސްކަލުންގެ ވެސް އަނބިކަނބަލެކެވެ. ދިވެހި ތާރީޚު ދުށް އެންމެ ހިތްވަރުފުޅު ގަދަ އެއް ރަސްގެފާނުގެ މައިކަމަނާއެވެ. އާދެ! ކަނބާ ޢައިޝާ ރަނިކިލެގެއެވެ. ފާދިއްޕޮޅު މާފިލާފުށީ ޚަތީބު ޢަލީ ކޮށަލިކިލަގެގެ މާފިލާފުށީ ފާށަނާއިކަލޯގެ ދި ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުންނެވެ. މިއީ އައްސުލްޠާން ޢަލީ (6ވަނަ) ނުވަތަ ޢަލީ ރަސްގެފާނުގެ އަނބިކަނބަލުން ނުވަތަ ބޮޑުތަކުރުފާނުގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މައިކަމަނާއެއް ނޫނެވެ. އެއީ ވެސް ކަނބާ ޢައިޝާއެކެވެ. އެކަމަކު މިއީ، މާފިލާފުށީ ސާސްކަފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެފާނެވެ.  

ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ކަނބާ ޢައިޝާ ރަނިކިލެފެ ފުރަތަމަ ކައިވެނިފުޅު ބައްލަވައިގެންނެވި ރަސްކަލަކީ ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނާއެވެ. ކަލާފާނު ރާއްޖޭގައި ރަސްކަންކުރެއްވީ މީލާދީން 1585 އިން 1609 އަށެވެ. އެ ދުވަސްވަރު ރާއްޖެ ވަޑައިގެންނެވި ފަރަންސޭސި ލިޔުންތެރިޔާ ފިރާޑުގެ ލިޔުމުގައި ކަނބާ ޢައިޝާ ރަނިކިލެގެގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެ ކަމަނާގެ ސިފަފުޅުތައް އެންމެ ރަނގަޅަށް އެނގެން އޮތީ ވެސް ޕިރާޑު ލިޔުއްވި "ދަ ވޮޔެޖް އޮފް ފްޣާންސްވާ ޕިރާޑް ޑި ލަވާލް ޓު ދަ އީސްޓް އިންޑީޒް، ދަ މޯލްޑިވްސް، ދަ މޮލައްކާޒް، އެންޑް ބްރެޒިލް" މި ފޮތުންނެވެ.  މި ފޮތުގައި އޮތް ރާއްޖޭގެ ވާހަކަތައް މީރުބަހުރު މުޙައްމަދު އިސްމާޢީލް ދީދީ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މިފޮތުގައި ތަރުޖަމާކުރައްވާފައިވެއެވެ. 

ޕިރާޑު ލިޔުއްވާފައިވާ ގޮތުގައި އެ ކަމަނާއަކީ ޕޯޗުގީޒުން ރާއްޖެ ހިފައިގެން އުޅުނު ދުވަސްވަރުގައި ދިވެހިރާއްޖޭގެ ގަވަރުނަރު ކަމުގައި ހުންނެވި ބޭފުޅާގެ ކާފަ ދަރިކަނބަލެކެވެ. އެ ކަމަނާއަކީ މުޅި ރާއްޖޭގައި އިންނެވި އެންމެ މުއްސަނދި އަންހެން ސާހިބާއެވެ. އެ ކަމަނާއަކީ މާތް ޢާއިލާއަކުން ވަޑައިގެންނެވި ބޭފުޅެކެވެ. މީގެއިތުރުން އެކަމަނާއަކީ ނުހަނު ރީތި ޒުވާން ބޭފުޅެކެވެ. ޕިރާޑު ލިޔުއްވާފައިވާ ގޮތުގައި ކަލާފާނު އެކަމަނާއާ ކައިވެނި ކުރެއްވީ އެކަމަނާގެ ފިރިކަލުންނަށް މަޖުބޫރު ކުރައްވައިގެން އަނބިކަނބަލުން ވަރިކުރައްވައިގެންނެވެ. 
"ބައްޕާފުޅު އަވަހާރަވުމުގެ އަހަރުތަކެއް ފަހުން މީހެއްގެ އަނތްބަކާ ކަލާފާނު ހިތްޕުޅާވިއެވެ. މި ބޭކަނބަލަކީ މުޅި ރަށުން ވެސް ދޮންކަމަށާއި ރީތި ކަމަށް އެއްވަނައަށް ހޮވާލެވޭ ބޭކަނބަލެކެވެ. މި ކަމަނާގެ ހަމައެފަދަ ރީތި ތިން ދަރިކަނބަލުން ވެސް ތިއްބެވިއެވެ. މި ދަރިދަރިކަނބަލުން ތިއްބެވީ އަމީރުންނާއި މަތީފެންވަރުގެ މާތް މީހުންނާ ކައިވެނި ކުރައްވައިގެންނެވެ. މި ކަމަނާއާ ހިތްޕުޅާވެގެން، ކަލާފާނު އެމަނިކުފާނުގެ ފުރަތަމަ އަނބިކަނބަލުން ވަރިކުރެއްވިއެވެ. ކަލާފާނުގެ ފުރަތަމަ ކައިވެނިފުޅަކީ ބައްޕާފުޅުގެ އަމުރުފުޅަށް ކުރެއްވި ކައިވެނި ފުޅެކެވެ. (ޕިރާޑް، ވޮލިޔުމް1، ޞ.262) 

ކަނބާ ޢައިޝާ ރަނިކިލެގެއާ ކަލާފާނު ކައިވެނިބައްލަވައި ގެންނެވީ ދެވަނަ އަނތްބެއްގެ ގޮތުގައެވެ. ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ބައްޕާފުޅު (ބޮޑު ތަކުރުފާނު) ކަނޑައެޅުއްވި ބޭފުޅަކާ ކަމަށް ޕިރާޑު ލިޔުއްވާފައިވާތީ ކަނބާ ޢައިޝާ  އާއި ކަލާފާނު ރަދުންގެ ކައިވެނިފުޅަކީ ލޯބީގެ ކައިވެނިފުޅެއް ކަމަށް ބެލެވެއެވެ. އަދި އެހެން އިތުރު ކައިވެނިފުުޅުތަކެއް ކަލާފާނު ކުރެއްވި ނަމަވެސް ކަނބާ ޢައިޝާ ރަނިކިލެގެ އިސް އަނބިކަނބަލެއްގެ ގޮތުގައި އިންނެވިކަން ތާރީޚުން އެނގެއެވެ. އެ ކަމަނާގެ ބަނޑުފުޅުން ކަލާފާނަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުން ވެސް ޅަފަތުގައި އަވަހަރާވީއެވެ. ކަލާފާނު އަވަހާރަވީއިރު ތިއްބެވި ތިން އަނބިކަނބަލުންގެ ތެރޭގައި ކަނބާ ޢައިޝާ ރަނިކިލެގެ ހިމެނިވަޑައިގެންނެވިއެވެ. ކަލާފާނު ޝަހީދުކުޅައުމުން އެ ކަމަނާ ހުވަފަތްވެވަޑައިގަތީ 04 ފެބުރުވަރީ 1609 ގައެވެ. 

ޕިރާޑުގެ ވާހަކަތަކުން އެނގެނީ ކަނބާ ޢައިޝާ ރަނިކިލެގެއަކީ ވަރަށް ރީތި ހަމުގެ ކުލަ ދޮން ބޭފުޅެއްކަމެވެ. އެ ކަމަނާގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނުގެ ސިފަފުޅުތައް ތާރީޚުގައި ލިޔެފައިވާއިރު ވެސް ލިޔެފައިވަނީ އިސްކަންދަރު ރަސްގެފާނަކީ ގައިކޮޅުގެ ކުލަ ދޮން، އިސްކޮޅުފުޅުން ދިގު، ރީތި ބޭފުޅެއް ކަމަށެވެ. އަދި އެއީ އެ ޒަމާނުގައި އެފަދަ އަނެކަކު ނެތް ފަދަ ރިވެތި ބޭފުޅެއް ކަމަށެވެ. ތާރީޚީ މި ވާހަކަތަކުން ކަނބާ ޢައިޝާ ރަނިކިލެގެއަކީ ވަރަށް ރީތި ބޭފުޅެއްކަން އެނގެއެވެ. ހަމައެހެންމެ އެ ކަމަނާއަކީ އުޅުންހުރި ބޭފުޅެއްކަމާއި ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި މިސާލެއް ފަދަ ބޭފުޅެއްކަން އެނގެއެވެ. ޕިރާޑުގެ ވާހަކަތަކުގައި ކަލާފާނުގެ އެހެނިހެން ބައެއް އަނބިކަނބަލުންގެ ވިޔާނުދާ ވާހަކަތައް ލިޔުއްވާފައިވާއިރު އެ ކަަމަނާގެ އެފަދަ ވާހަކަތަކެއް ލިޔުއްވާފައެއް ނުވެއެވެ. 

ކަނބާ ޢައިޝާ ރަނިކިލެގެ  ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި ރަސްކަލަކީ އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1613 އިން 1620 އަށެވެ. ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ފާދިއްޕޮޅު މާފިލާފުށީގައި ރަސްކަމެއް ޤާއިމުކޮށްގެން އުޅުއްވި "މާފިލާފުށީ ރަސްގެފާނު" އާދެ! ސާމިޔާން ފާށިނާކިލެގެ ނުވަތަ މުޙައްމަދު ރަންނަބަޑޭރި ތަކުރަކީ ކަނބާ ޢައިޝާ  ރަނިކިލެފާނުގެ އަޚެކެވެ. އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނާ ކަނބާ ޢައިޝާ  ކަނިކިލެގެފާނަށް ތިން ފިރިހެން ބޭފުޅުންނާ އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެ ބޭފުޅުންނަކީ މުޙައްމަދު ދޮށިމޭނާކިލެގެފާނާއި، ޢަލީ ރަންނަބަޑޭރިކިލެގެފާނާއި، ޙަސަން ފާށިނާކިލެގެފާނާއި، އާމިނާ މަނިކެފާނެވެ. މީލާދީން 1691 އިން 1692 އަށް ރާއްޖޭގެ ރަސްކަންކުރެއްވި ދީލަތިކަމާއި އިންސާފުވެރިކަމާއި ދީންވެރިކަމަށް އަރާހުންނެވި އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް އާދިލް ސިރީ ނާކިރީ ސުންދުރަ މަހާރަދުންނަކީ މި ޙަސަން ފާށިނާކިލެގެފާނުގެ ދަރިކަލެކެވެ. މިއީ ކަނބާ ޢައިޝާ  ރަނިކިލެގެފާނަށް މާމަ ވިދާޅުވާ ދެ ރަސްކަލުންގެ ތެރެއިން ރަސްކަލެކެވެ. ދެން އެކަމަނާއަށް މާމަ ވިދާޅުވި ރަސްކަލަކީ އިސްކަންދަރު ރަސްގެފާނުގެ އައްސުލްޠާނު ކުޑަ މުޙައްމަދު ރަސްގެފާނު ސިރީ މަނިރަންލޯކަ މަހާރަދުންނެވެ. 

އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ކައިވެނި ކުރެއްވި އެހެން ބޭފުޅެއްގެ ނަންފުޅެއް ތާރީޚުން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ކަނބާ ޢައިޝާ ރަނިކިލެގެ ދެވަނައަށް ކައިވެނި ބައްލަވައިގެންނެވި ރަސްގެފާނު އަވަހާރަވުމުން އެކަމަނާހުވަފަތްވެވަޑައިގެންނެވީ 19 ފެބުރުވަރީ 1620 ގައި އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވުމުންނެވެ. އެއަށްފަހު ކަނބާ ޢައިޝާ ރަނިކިލެގެ ތިންވަނައަށް ކައިވެނި ބައްލަވައިގެންނެވީ ރަސްކަލަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނާއެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ބޮޑު ރަސްގެފާނެވެ. ޝުޖާޢީ މުޙައްމަދު ޢިމާދުއްދީނެވެ. ޒުވާން ދުވަސްވަރު "ކަޅުތުއްކަލާ" އެވެ.

ބޮޑު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންފައި ކަނބާ ޢައިޝާ ރަނިކިލެގެފާނާ ކައިވެނި ބައްލަވައިގެންނެވިއެވެ. އޭގެކުރިން ބާރަށު ފާތުމާ ދިޔޯ ކިޔުނު ބޭކަނބަލަކާ ކައިވެނި ބައްލަވައި ގެންނެވިއެވެ. އެ ކައިވެނިފުޅަށް މަރިޔަމް ކަނބާ ކިޔާ އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެ ކަމަނާގެ އުމުރުފުޅުން 29 އަހަރުފުޅުގައި އަވަހާރަވީއެވެ. ބޮޑު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަންނަވައި ކަނބާ ޢައިޝާ ރަނިކިލެގެ އާ ކުރެއްވި ކައިވެނިފުޅު ފިޔަވައި އެހެން ކައިވެނިފުޅެއް ކުރެއްވި ކަމެއް ނޭނގެއެވެ. ބާރަށުން ކުރެއްވި ކައިވެނިފުޅު ބެލެވެނީ އޭގެ ކުރިން ކުރެއްވި ކައިވެނިފުޅެއް ކަމަށެވެ. ބޮޑު ރަސްގެފާނާއި ކަނބާ ޢައިޝާ ރަނިކިލެގެއަށް ފިރިހެން ދަރިކަލެއް ލިބިވަޑައިގެންނެވިއެވެ. އައީ ބޮޑު ރަސްގެފާނަށްފަހު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވި މަޝްހޫރު އިސްކަންދަރު ރަސްގެފާނެވެ. ދިވެހިރާއްޖޭގެ ދިފާޢުއާއި ސަލާމަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޢުމްރާނީ ތަރައްޤީއާއި ޤައުމު ބިނާކުރެއްވުމުގައި އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ޚިދުމަތްތެރި ރަސްކަލެކެވެ. މީލާދީން 1648 އިން 1687 އަށް ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނާއި، އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނާއި، އައްސުލްޠާން މުޙައްމަދު އިމާދުއްދީން (އެއްވަނަ)، މި ތިން ރަސްގެފާނުގެ އަނބިކަނބަލުންނަށްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި އަދި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ގެ މަންމާފުޅު ސާސްކަފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެގެ އަވަހާރަވީ މީލާދީން 1666 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ކަމަނާގެ ތަރިކައާބެހޭ ފަތްކޮޅެއް އޮވެއެވެ. އެ ފަތްކޮޅުން، އެކަމަނާގެ ދަރިންނަށް އެކަމަނާގެ ތަރިކަ ބައްސަވަންވީގޮތުގެ ވަސިއްޔަތެއްޕުޅެއް ކުރެއްވިކަމާއި އެ ތަރިކަ އެ ބޭފުޅުން ބެއްސެވީ ވެސް އެގޮތުގެ މަތިންކަން އެނގެއެވެ. އެކަމަނާ އަވަހާރަވީ އެ ކަމަނާގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. 


ނޯޓް: ލިޔުމާއެކު ޝާއިޢުކޮށްފައިވާ ފޮޓޯއަކީ ކުޅަދާނަ ކުރެހުންތެރިއަކު ކުރަހާފައިވާ ޚިޔާލީ ކުރެހުމެކެވެ. އެއްގޮތަކަށް ވެސް ލިޔުމާ ސީދާ ގުޅުންހުރި ފޮޓޯއެއް ނޫނެވެ. ފޮޓޯ ކްރެޑިޓް ޙައްޤުވަނީ ޙައްޤުވެރި ފަރާތަށެވެ. 

No comments: